
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 'މަސްޖިދު މުޙައްމަދު' މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި 'މަސްޖިދު މުޙައްމަދު' މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ޚާއްޞަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ. މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި މިއަދުގެ އަޞުރު ނަމާދު ވަނީ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.