
ހުޅުމާލޭގައި ހަދަމުންދިޔަ ޢިމާރާތެއްގެ 7 ވަނަ ބުރީގެ ލިފްޓް ކޭބަލް ކަނޑައިގެން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ޙާދިސާ ހިނގާފައިވަނީ ހުޅުމާލޭ ސެންޓަރަލް ޕާކުގެ ދެކުނު ފަރާތުގައި ޖާހު އިންވެސްޓްމެންޓުން ހަދަމުންދާ ޢީމަރާތެއްގައި ކަމަށެވެ. ލިފްޓް ކަނޑައިގެންދިޔައީ ލިފްޓު ބޭނުން ކޮށްގެން އެއްޗެހިތަކެއް ބާލަން އުޅުމުގެ ތެރޭގައެވެ. ލިފްޓާއެކު ވެއްޓުނު މީހާއަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު 9:30 ގައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.
ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ ފަރާތްތަކެއް ގުޅުގެން މިމައްސަލަ ތަޙުޤީގު ކުރައްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.