ނޯވޭގައި ދުނިދަނޑިން ހަމަލާދީ 5 މީހުން މަރާލައިފި

ހަމަލާދިން މީހާ ފޮނުވާލި ތީރެއް ފާރަކަށް އަރާފައި

ނޯވޭގެ އިރުދެނުކުގައި އޮންނަ ކޮންގްސްބާގްގައި ދުނިދަނޑިއާއި ތީރު ހިފައިގެން ހުރި މީހަކު އާއްމުންނަށް ހަމަލާދިނުމުގެ ސަބަބުން 5 މީހުން މަރުވެ 2 މީހުން ޒަޚަމްވެއްޖެއެވެ.

ހަމަލާދިން މީހާ ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނެފައި ވަނީ އޭނާ އެކަން ކުރީ ކީއްވެގެންކަން އަދި ސާފު ނުވާކަމުގައެވެ. ފުުލުހުން ބުނީ ޒަޚަމްވި ދެމީހުންނަށް އައިސީޔޯގައި ފަރުވާދެމުންދާ ކަމަަށާއި، އެމީހުންގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމުގައެވެ.

"އެމީހާ ވަނީ ހައްޔަރުކޮށްފައި..... އަހަރުމެންނަށް މިހާތަނަށް ލިިބިފައިވާ މައުލޫމާތުން އޭނާ އެކަން ކޮށްފައިވަނީ އެކަނި." ރޭ އިރާކޮޅު 6:13 (ރާއްޖޭ ގަޑިން ރޭ 9:13) ގައި ދިން ހަމަލާގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ފުލުހުންގެ ވެރިޔާ އޮއިވިންޑް އާސް ވިދާޅުވިއެވެ.

ފުލުހުން ދަނީ މި ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްތޯ ބެލުމަށް އިތުރަށް ތަހުގީގުކުރަމުންނެވެ.

"އަހަރެންނަށް އެނގޭ ގިނަ ބަޔަކު ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން. އެހެންނަމަވެސް، މިހާރު ފުލުހުން ހުރިހާ ކަމެއް ކޮންޓުރޯލުކޮށްފައިވާކަމުގެ ޔަގީންކަން ލިބިގަތުން މުހިއްމު." މި ހަމަލާއަކީ "ބިރުވެރިކަން ބޮޑު" ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވަމުން ބޮޑުވަޒީރު އެރްނާ ސޯލްބާގް ވިދާޅުވިއެވެ.

ފުލުހުން މި ހަމަލާ ހިނގާފައި ވަނީ 28 ހާސް މީހުން ދިރިއުޅޭ ކުޑަ އަވަށެއް ކަމުގައިވާ ކޮންގްސްބާގްގެ ބޮޑު "ސަަރަހައްދެއްގަ"އެވެ. ހާދިސާ ހިނގިތާ ވިއްސަކަށް މިނިޓުގެ ތެރޭގައި ހަމަލާދިން މީހާ ވަނީ ހައްޔަރުކޮށްފައެވެ.

ނޯވޭގެ ޓީވީ ސްޓޭޝަަނަކުން ޚަބަރުދިން ގޮތުގައި ހަމަލާދިން މީހާގެ އަތުގައި ދުނިދަނޑީގެ އިތުރަށް ވަޅިއެއްވެސް އޮތެވެ.

ފުލުހުން ބުނި ގޮތުގައި މިހަމަލާއާ ގުޅިގެން، ހަތިޔާރު ހިފައިގެން އުޅުމަށް ނޯވޭގެ ހުރިހާ ސަރަހައްދެއްގެ ފުުލުސް އޮފިސަރުންނަށް ވަނީ އަންގާފައެވެ. ނޯވޭގައި ފުލުހުން އާއްމުގޮތެއްގައި ހަތިޔާރު ނުގެންގުޅެއެވެ. އެހެންނަމަވެސް، ބޭނުން ޖެހިއްެޖެ ހިނދެެއްގައި އޮފިސަރުންނަށް ހަތިޔާރު ލިބޭގޮތް ހަމަޖެހިފައި އޮވެއެވެ.

"މިއީ އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް. ގައުމު ތެރޭގެ ނުރައްކާތެރިކަމުގެ ދަރަޖައަށް ބަދަަލެއް ގެންނަން ޖެހޭ ސަބަބެއް އަދި ނެތް." ފުލުހުންގެ ބަޔާނެއްގައި ބުނެފައި ވެއެވެ.

ނޯވޭގައި މިފަދަ ހަމަލާތައް ހިނގަނީ ވަރަށް މަދުންނެވެ. އެހެންނަމަވެސް، ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ މީހުންގެ ފަރާތުން މިފަދަ ހަރުކަށި އަމަލުތައް ފެނިފައި ވެއެވެ.

2011 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުު އެންޑާސް ބާރިންގް ބްރޭވިކް ކިޔާ މީހަކު ދިން ދެ ހަމަލާއެެއްގައި 77 މީހުން މަރާލާފައި ވެއެވެ. އަދި އޮގަސްޓު 2019 ގައި ފިލިޕް މާންޝޯސް ކިޔާ މީހަކު އޮސްލޯގެ މިސްކިތަކަށް ވަދެ ބަޑިން ހަމަލާދީފައި ވެއެވެ. އެ ހަމަލާގައި އެއްވެސް މީހަކު މަރުވެފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.