ސައޫދީންގެ ފުރިހަމަ ކޮންޓުރޯލު އޮތް ވިޔަފާރި ގުރޫޕަކުން ނިއުކާސަލް ޔުނައިޓެޑް ގަނެފި

ސައޫދީ އަރަބިއްޔާގެ ސޮވެރިން ފަންޑު، ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ޔުނައިޓެގް ފުޓުބޯޅަ ކްލަބްގެ %100 ގަނެފިއެެެވެ.

އިނގިރޭސި ވިޔަފާރިވެރިޔާ އަމަންޑާ ސްޓެވްލީއާއި، އެކި އިނގިރޭސިވިލާތުގައި އެންެމު މުއްސަނދި އެއް އާއިލާ ކަމަށްވާ ރޫބެން ބްރަދާސްއާ ގުޅިގެން ސައޫދީން އެ ކްލަބް ގަނެފައިވަނީ 300 މިލިއަން ޕައުންޑު (6.3 ބިލިއަން ދިވެހި ރުފިޔާ) އަށެވެ. ކްްލަބް ވިއްކާލުމުގެ އެއްބަސްވުމާ ހަަަމަައަށް އާދެވުނީ ގާތްގަނޑަކަށް 18 މަސްދުވަހުގެ މަޝްވަރާތަކަށް ފަހުގައެވެ.

"ޕްރެމިއަރ ލީގް، ނިއުކާސަލް ޔުނައިޓް އަދި ސެންޓް ޖޭމްސް ހޯލްޑިންގްސް ލިމިޓެޑުން މިއަދު ވަނީ ޕީއައިއެފް، ޕީސީޕީ ކެޕިޓަލް ޕާޓްނާސް އަދި އާރްބީ ސްޕޯޓްސް އެންޑް މީޑިޔާ ކޮންސޯޓިއަމުން ކްލަބް ނެގުމާމެދު ހުރި ދެބަސްވުންތައް ހައްލުކޮށްފައި." ނިއު ކާސަލްއިން ނެރުނު ބަޔާނެއްގައި ވެއެވެ.

ސައޫދީ އަރަބިއްޔާގެ އިންވެސްޓްމަންޓް ފަންޑުން އިއްޔެ ކުރި ޓުވީޓެއްގައިވެސް މިކަން ކަށަވަރުންކޮށްދީފައި ވެއެވެ. އެފަންޑުން ބުނެފަައިވަނީ އެފަންޑާއި ޕީސީޕީ ކެޕިޓަލް ޕާޓްނާސްއާއި އާރްބީ ސްޕޯޓްސް އެންޑް މީޑިޔާ ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމުން ނިއުކާސަލް ޔުނައިޓެޑްގެ %100 ގަނެފައިވާ ކަމުގައެވެ.

"ނިއުކާސަލް ޔުނައިޓެޑްގެ މިލްކުވެރިކަން ލިބުނުކަން އިއުލާންކުރުމަކީ އަަހަރުމެންނަށް ލިބޭ އުފަލެއް. ޒަމާންވީ މި ކްލަބަށް ތާއީދުކުރަމުގައި ދެމި ތިބި މީހުންނަށް އަހަރުމެން ޝުުކުރުވެރިވަން. އަަހަރުމެން މިތިބީ ކްލަބަށް ފައިދާ ހުރި ގޮތުގައި އެމީހުންނާ  ގުޅިގެން މަސައްކަތްކުރުމުގެ އިންތިޒާރުގައި." ޕީއައިއެފްގެ ގަވަރުނަރު ޔާސިރު އައްރުމައްޔާން ވިދާޅުވިއެވެ.

ޕީއައިއެފުން ކުލަބު ގަތުމަށް ފާއިތުވި އަހަރު ކުރި މަސައްކަތް ނާކާމިޔާބުވީ، ސައޫދީ ޝާހީ އާއިލާއިން ކުލަބުގެ މައްޗަށް ބާރުފޯރުވާނެ މިންވަރާއި، ސައޫދީ އަރަބިއްޔާއިން އިންސާނީ ހައްގުތަކަށް އަރައިގަތުމާއި، ކުޅިވަރު މުބާރާތްތައް ދުރަށް ދެއްކުމުގައި އެހެން ފަރާތްތަކުގެ ހައްގުތަކަށް އަރައިގަތުމުގެ މައްސަލައިގައި އުފެދުނު ދެބަސްވުންތަކުގެ ސަަބަބުންނެވެ.

މިފަހަރު އެއްބަސްވުމަކަށް އާދެވުނީ ޕީއައިއެފްގެ ޗެއާމަން، ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއާއި ސައޫދީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ކުލަބުގެ މައްޗަށް ނުއޮންނާނެ ކަމުގެ ޔަގީންކަން އެފަންޑުން ދިނުމުންނެވެ.

1955 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރި ފަހުން ނިއުކާސަލް ޔުނައިޓެޑަށް މުހިއްމު މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވެއެެވެ. އެ ކްލަބަށް އިނގިރޭސި ލީގް އެންމެ ފަހުން ކާމިޔާބުކުރެވިފައި ވަނީ 1927 ވަނަ އަހަރުއެވެ.

ސައޫދީ ކޮންޓުރޯލުގެ ދަށަށް ނިއުކާސަލް ޔުނައިޓެޑް ދިއުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާ އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ. އެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިއު ކާސަލް ގަނެގެން ސައޫދީން ކުރަން އުޅޭ ކަމަކީ ކުޅިވަރު ބޭނުންކޮށްގެން އެމީހުން އިންސާނީ ހައްގުތަކުގެ ރިކޯޑް "ދޮވެލުމެވެ."

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.