ލީބިޔާގައި އިންތިޚާބު ބާއްވާ ދުވަސްތަކަށް ބަދަލުގެނެސްފި

ލީބިޔާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް

ލީބިޔާގެ ޒައީމު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން 2011 ވަނަ އަަހަރު ބަދަލުކުރި ފަހުން ލީބިޔާގައި ބާއްވަން ހަމަޖެއްސި ފުރަތަަމަ އިންތިޚާބުގެ ތާރީީޚުތަކަށް އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ބަދަލުގެނެސްފިއެވެ.

އަލަށް ހަަމަޖެއްސި ތާރީޚުތަކަށް ބަލާއިރު، ރިޔާސީ އިންތިޚާބު ބާއްވާނީ ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އަދި އާއްމު އިންތިޚާބު ބާއްވާނީ ޖަނަވަރީ މަހުގައެވެ. ކުރިން ހަމަޖެހިފައި އޮތީ ދެ އިންތިޚާބުވެސް ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށެވެ.

"ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންތިޚާބު އޮންނާނީ ގައުމުގެ ރައީސު ހޮވުމަށް ބާއްވާ އިންތިޚާބުގެ 30 ދުވަސް ފަހުން." އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަމުން، ގާނޫނުހަދާ މަޖިލީހުގެ ތަރުޖަމާނު ޢަބްދުﷲ ބުލައިޙިޤް ވިދާޅުވިއެވެ.

އާއްމު އިންތިޚާބުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް އިންތިޚާބުގައި ވާދަނުކުރެވޭނެއެވެ. އިންތިޚާބަށް ކުރިމަތިލެވޭނީ އަމިއްލަ ގޮތުންނެވެ.

މަޖިލީހުގެ ތަރުޖަމާނު ބުލައިޙިޤު ވިދާޅުވި ގޮތުގައި މަޖިލީހުން ބޭނުންވަނީ ރިޔާސީ އިންތިޚާބު ކުރިއަށް ދާގޮތް ބަލައި، އެ މަރުހަލާ އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ފަހު، އާއްމު އިންތިޚާބު ބާއްވާށެވެ.

އިންތިޚާބުގެ ތާރީޚުތަކަށް ބަދަލުގެނެސްފައި މިވަނީ އިންތިޚާބާ މެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެއްދި އަނެއްކާވެސް ލީބިޔާ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރުހީވެފައި ވަނިކޮށް، އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން އިސްނަައިގެން މޮރޮކޯ (މަޣުރިބު) ގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހުގައެވެ.

2011 ވަނަ އަހަރު ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ އެހީތެރިކަމާއެކު ގައްޒާފީގެ ވެރިކަން ވައްޓާލުމަށްފަހު ފާއިތު 10 އަހަރުގެ ތެރޭގައި ލީބިޔާއަށް ހަމަޖެހުން އައިސްފައި ނުވެއެވެ. އިރުމައްޗާއި ހުޅަނގުގައި ދެ ސަރުކާރެއް ގާއިމުވެފައި  އޮވެ، އެއްބަޔަކު އަނެއްބަޔަކަށް ވަރުގަދަ ހަމަލާތަކެއް ބަަަދަލުކޮށްފައި ވެއެވެ.

އެހެންނަމަވެސް، އދ.ން އިސްނަަގައިގެން ކުރި މަސައްކަތުން ފާއިތުވި އަހަރުގެ ތެރޭގައި ސިޔާސި އެއްބަސްވުބެއް އެކުލަވާލައި، ވިޔަފާރިވެރިޔާ ޢަބްދުލް ޙަމީދު ދްބައިބާގެ ރިޔާސަތުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލިފަހުން މަސްރަހު ފިނިވެ، ހަމަލާ ބަދަލުކުރުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ދްބައިބާގެ އިންތިގާލީ ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ އިންތިޚާބު ބާއްވައި، އިންތިޚާބުކުރެވޭ ސަރުކާރާއި ވެރިކަން ހަވާލުކުރުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.