'ބާލިން-2': ލީބިޔާއިން ބޭރުގެ ސިފައިން ބޭލުމުގެ މައްސަލަ އެންމެ ކުރީގައި

ލީބިޔާގެ މައްސަލަ ހައްލުކުރުމަށް އެކުވެރި ދައުލަތްްތަކުގެ ޖަމްއިއްޔާ (އދ.) އާއި ޖަރުމަނު ގުޅިގެން ޖަރުމަނުގެ ވެރިރަށް ބާލިންގައި ބޭއްވި 2 ވަނަ ބައްދަލުވުން އިއްޔެ ނިމިއްޖެއެވެ. މިބައްދަލުވުމުގައި ލީބިޔާގެ އިންތިގާލީ ސަރުކާރާއި، އެ ގައުމުގައި ހަރަކާތްތެރިވާ ވާދަވެރި ޖަމާއަތްތަކުގެ އިތުރަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެންބަރުންނާއި، އިޓަލީއާއި ތުރުކީ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްްސް (ޔޫއޭއީ) ބައިވެރިވެފައި ވެއެވެ.

އދ.ގެ ބެލުމުގެ ދަށުން އެޕްރީލް 2019 ގައި ލީބިޔާގައި ފެށި ސުލްހައިގެ ވާހަކަށް ފަހު ފާއިތުވި 2 އަހަރު ހޯދިފައިވާ ކުރިއެރުންތަކާމެދު ބައްދަލުވުގެ ބައިވެރިންގެ ހިތްހަމަޖެހުންއޮތްއިރު، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އެެންމެ މުހިއްމު ކަމަކީ ބޭރު ގައުމުތަކުގެ ސިފައިންނާއި ކުލީ ސިފައިން ލީބިޔާއިން ބޭލުމެވެ.

ބައްދަލުވުން ނިމުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވި ގޮތުގައި ތުރުކީއާއި ރަޝިޔާއިން ވަނީ ލީބިޔާއިން ސިފައިން ބޭލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ. އާ އިންތިގާލީ ސަރުކާރު ވުޖޫދަށް އައުމުގެ ކުރިން ޓްރިޕޮލީ (ޠަރާބުލުސް) ގައި އޮތް ގަވަމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ދިފާއުގައި ހަރަކާތްތެރިވި ތުރުކީ ސިފައިން ލީބިޔާގައި ތިބިއިރު، ވާދަވެރި ހަނގުރާމަވެރި ލީޑަރު ޚަލީފާ ޙަފްތަރުގެ ލަޝްކަރާއެކު ހަަރަކާތްތެރިވި ރަޝިޔާގެ ކުލީ ސިފައިންވެސް ލީބިޔާގައި އެބަ ތިއްބެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި އިރު އަރަައި އިރު އޮއްސޭއިރު މިކަން (ސިފަައިން ބޭލުން) ހާސިލުނުވިޔަސް، އެކަން ފިޔަަވަހި ތަކަަކަށް ބަހާލައިގެން މަޑުމަޑުން ކޮށް ނިންމޭނެއެވެ.

"ބޭރުގެ ހުރިހާ ސިފައިންނާއި، ކުޅ ސިފައިން ލީބިޔާއިން ބޭލުމުގެ މަސައްކަތް އަހަރުމެން ކުރާނަން. އެކަމުގައި އަަަަހަރުމެން އެއްގޮތަކަށްވެސް ފަރުވާ ކުޑަނުކުުރާނަން." ލީބިޔާގެ ސިފައިން އެއް ކޮމާންޑެއްގެ ދަށަށް ގެނައުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން ހެއިކޯ މާސް ވިދާޅުވިއެވެ.

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ވެރިކަން ނިމުމަކަށް އައުމަށްފަހު ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ވާދަވެރި 2 ސަރުކާރަކުން ވެރިކަން ކުރަމުން އައުމަށް ފަހު، އދ. ބެލުމުގެ ދަށުން ކުރިއަށް ދިޔަ ސުލްހައިގެ ވާހަކަތަކަށް ފަހު، ވާދަވެރި ހުރިހާ ފަރާތް ތަމްސީލުކުރާ އިންތިގާލީ ސަރުކާރެއް ވަނީ އެކުލަވާލާފައެވެ. މި ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތަކަށް އޮތީ އަންނަ ޑިސެންބަރު މަހު އިންތިޚާބު ބާއްވައި، އިންތިޚާބު ކުރެވޭ ސަރުކާރާ ވެރިކަން ހަވާލުކުރުމެވެ.

15 ގައުމާއި 4 ޖަމްއިއްޔާއަކުން ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިންތިގާލީ ސަރުކާރުގެ ރައީސު ޢަބްދުލް ޙަމީދު ދުބައިބާ ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރަށް އަދިވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާދަވެރި ފަަރާތްތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކެވެ. އެހެންނަަމަވެސް، އޭނާ އުއްމީދުކުރައްވާ ގޮތުގައި، އިންތިޚާބު ބޭއްވުމުގައި އޭނާގެ ސަރުކާރު ކާމިޔާބު ހޯދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.