ލީބިޔާގެ އިންތިގާލީ ސަރުކާރަށް ރުހުންދީފި

އިންތިގާލީ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދުބައިބާ ވަގުތީ ގާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ މުޚާޠަބުކުރައްވަނީ

އދ.ގެ ބެލުުމުގެ ދަށުން ލީބިޔާގައި އިންތިިޚާބުުރި އިންތިގާލީ ބޮޑުވަޒީރު ޢަބްދުލް ޙަމީދު ދުބައިބާގެ ސަރުކާރަށް އެގައުމުގެ ގާނޫނުހަދާ މަޖިލީހުން މިއަދު ރުހުންދީފިއެެވެ.

132 މެންބަރުންގެ ތާއީދު މިއަދު ލިބުނު އިންތިގާލީ ސަރުކާރަކީ މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ނިމުމަަކަށް އައިފަހުން ލީބިޔާގައި ވެރިކަން ކުރަމުން އައި ވާދަވެރި ދެ ސަރުކާރުގެ ބަދަލުގައި ވެރިކަމާ ހަވާލުވާ ސަރުކާރެވެ. މި ސަރުކާރުން އަންނަ ޑިސެންބަރު އާއްމު އިންތިޚާބު ބޭއްވުމާ ހަމައަށް ލީބިޔާގައި ވެރިކަން ހިންގާނެއެވެ. މިއަދުގެ ވޯޓުގައި ސަރުކާރަށް ރުހުން ނުދިނުމަށް ދެ މެންބަރަކު ވޯޓުދެއްވިއެވެ.

27 ވަޒީރުން ހިމެނިވަޑައިގަންނަވާ އިންތިގާލީ ސަރުކާރު ރަސްމީކޮށް ހުވައިކުރުމަށް ފަހު ވެރިކަމާ ހަވާލުވާނީ އަންނަ ހޯމަ ދުވަހު ބެންޣާޒީގައި ބާއްވާ ރަސްމިއްޔާތެއްގައެެވެ. ޚާރިޖީ ވަޒީރު މަގާމަށް އަންހެން ބޭފުޅަކު ކަމުގައިވާ ނަޖްލާ މަންޤޫޝް އައްޔަންކޮށްފައިވާއިރު، ދިފާއީ ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ބޮޑުވަޒީރު ދުބައިބާއެެވެ. އެއީ އެމަގާމަށް ހުރިހާ ފަރާތެއް އެއްބަސްވާ ބޭފުޅަކު އައްޔަންކުރެވެންދެނެވެ.

މިއަދު އިންތިގާލީ ސަރުކާރަށް ރުހުންލިބުމަށްފަހު ލީބިޔާގައި ހުންނަ އދ.ގެ މިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި، ސުލްހަވެރިކަމާއި، މިނިވަންކަން އަނބުރާ ހޯދުމާއި ދިމާއަށް ދަތުރުކުރުުމުގެ ހަގީގީ ފުރުސަތެއް ލީބިޔާގެ ރައްޔިތުންނަށް ހުޅުވިއްޖެ ކަމުގައެވެ.

ޓްރިޕޮލީ (ޠަރާބުލުސް) ގައި ވެރިކަންކުރަމުން އައި އދ. ގަބޫކުރާ ސަރުކާރު، ގަވަމެންޓް އޮފްް ނޭޝަނަލް އެކޯޑް (ޖީއެންއޭ) އަދި ބެންޣާޒީގައި ވެރިކަން ހިންގަމުން އައި ވާދަވެރި ސަރުކާރުންވެސް ވަނީ އާ އިންތިގާލީ ސަރުކާރަށް މަރުހަބާ ކިޔާފައެވެ. ޖީއެންެއޭގެ ޚާރިޖީ ވަޒީރަކަށް ހުންނެވި ފަތުޙީ ބާޣާޝާ ވިދާޅުވީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެދި، އެއްބައިވެފައިވާ ގާނޫނުހަދާ މަޖިލީހުން އެ ސަރުކާރަށް ރުހުންދިނުމަކީ ޑިމޮކްެރަސީއާއި ޙަޟާރަަތުގެ މަންޒަރެއް ކަމުގައެވެ.

ދުބައިބާގެ ސަރުކާރުގެ ކުރިމަތީގައި އެންމެ ބޮޑު ކަަމަކީ ދިގުލައިގެން ގޮސްފައިވާ ދާޚިލީ ހަނގުރާމައިގެ ސަބަބުން ވަޅުޖެހިފައިވާ އިގުތިސާދު ކޮޅަށްޖަހައި، އަތްނުފޯރާ ފަށަށް އަރާފައިވާ އިންފްލޭޝަން ތިރިކުރުމެވެ. ދެން ކުރިމަތިވާނެ އަނެއް މައްސަލައަކީ ލީބިޔާގައި ހަނގުރާމަކުރަމުންދާ ބޭރުގައުމުތަކުގެ 20 ހާހެއްހާ ކުލީ ސިފަައިން ގައުމުން ފޮނުވާލުމެވެ.

މިހާރު އެއްބަސްވެފައިވާ ވަގުތީ ސުލްހައިގެ ކަންކަން ބެލެހެއްޓުމަށާއި، ކުލީ ސިފައިން ލީބިޔާ ދޫކޮށް ފުރައިގެން ދާކަން ކަށަވަރުކުރުމަށް ފާއިތުވި ހަފުތާގައި އދ. ގެ 10 އޮބްޒާވަރުން ވަނީ ލީބިޔާއަށް ގޮސްފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.