މޯލްޑިވްސް ނޭޝަނަލް ޕާތީ (އެމްއެންޕީ) އުފެއްދުމަށްޓަކައި ބާއްވާ ޖަލްސާ ބާއްވަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީގެ އެއް މުއައްސިސް ޢަބްދުﷲ ރިޔާޒު ވިދާޅުވި ގޮތުގައި ޕާޓީ އުފައްދަން ބާއްވާ ޖަލްސާ އޮންނާނީ އެ ދުވަހުގެ މެންދުރު ފަހުން ފެށިގެން ދެ ސެޝަނެއް ބާއްވާ ގޮތަށް ޣިޔާސުއްދީން ސްކޫލްގައެވެ. ފުރަތަމަ ސެޝަން އޮންނާނީ މެންދުރުފަހު 2 އިން 6 އަށެވެ. ދެވަނަ ސެޝަން ފަށްޓާނީ ރޭގަނޑު 9 ޖަހާއިރުއެވެ.
އެ ދުވަހު ބާއްވާ ޖަލްސާގައި އޮންނާނީ ޕާޓީގެ އަސާސީ ގަވާއިދު ފާސް ކުރުމާއި ވަގުތީ ހިންގާ ކޮމިޓީ ހޮވުމެވެ. ޖަލްސާއަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން މީހަކަށް ދައުވަތު ދެއްވާނޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
ވަގުތީ މަގާމުތަކަށް ކުރިމަތިލުން މިއަދުން ފެށިގެން ވަނީ ހުޅުވިފައެވެ. ފުރުސަތު ބަންދުވާނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ މެންދުރަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ވަގުތީ މަގާމުތަކަށް ހޮވާނީ 1 ރައީސާއި 6 ނާއިބު ރައީސުންނާއި ޚާއްސަ ދެ ވިންގެއްގެ ލީޑަރުންނާއި 21 އާއްމު މެންބަރުންނެވެ. ވަގުތީ ކޮމިޓީގެ މުއްދަތަކީ 3 މަސް ދުވަހެވެ. ދާއިމީ މަގާމުތަކަށް މީހުން ހޮވާނީ އޭގެ ފަހުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެންޕީގެ އެއްވެސް މަގާމަކަށް ވަކި މީހަކު ބުނެގެން މީހަކު އިސް ކުރުމެއް ނޯންނާނެއެވެ. ކޮންމެ މީހަކަށްވެސް ޖެހޭނީ ކުރިމަތިލައިގެން މަސައްކަތް ކޮށްގެން ހޮވޭށެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައި މިހާރު އެއްވެސް ޕާޓީއެއްގެ އަސާސީ ގަވާއިދުގައި ނުހިމެނޭ އެކަމަކު ޑިމޮކްރެޓިކް ސޮސައިޓީތަކުގައި ގަބޫލު ކުރާ ބައެއް ކަންތައްތައް ހިމަނާފައި ވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.
އެމްއެންޕީން ހަމަޖައްސާފައި ވަނީ އޮކްޓޯބަރު 8 ވަނަ ދުވަހު ބާއްވާ ޖަލްސާ ބޭއްވުމަށް ފަހު ލީޑަރޝިޕުން ރާއްޖޭގެ ރަށްތަކަށް ދަތުރުތަކެއް ކުރާށެވެ.