އަފްޣާނިސްތާނުގައި ދައުލަތުގެ އެންމެ މަތީ ވެރިއަކަށް މުއްލާ މުޙައްމަދު ޙަސަން އަޚުންދް އައްޔަންކޮށްފި

އަފްޣާނިސްތާނުގެ އާ ސަރުކާރުގެ އެންމެ މަތީ ވެރިޔާ މުއްލާ މުޙައްމަދު ޙަސަން އަޚުންދް

އަފްޣާނިސްތާނުގެ ވެރިކަމުގައި މިހާރު އޮތް ޠާލިބާން ޖަމާއަތުން އެކުލަވާލާ އިންތިގާލީ ސަރުކާރުގައި ދައުލަތުގެ އެންމެ މަތީ ވެރިއަކަށް އައްޔަންކޮށްފައި ވަނީ މުއްލާ މުޙައްމަދު ޙަސަން އަޚުންދް ކަމުގައި ޠާލިބާން ޖަމާއަތުން އިއުލާންކޮށްފިއެވެ.

މިއަދު ހަވީރު ކާބުލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޠާލިބާން ޖަމާއަތުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ހާމަކުރެއްވި ގޮތުގައި މުއްލާ ޙަސަން އަޚުންދްގެ ނާއިބަކަށް ހުންނަވާނީ ޢަބްދުލްޣަނީ ބަރާދަރްއެވެ.

މުއްލާ ޙަސަން އަޚުންދްއަކީ ޠާލިބާން ޖަމާއަތުގެ މަޝްވަރާ މަޖިލިސް، 'ރަހްބަރީ ޝޫރާ' ގެ މިހާރުގެ ރައީސެވެ. އޭނާ އެމަގާމުގައި ހުންނަވާތާ 20 އަހަރުވެއްޖެއެވެ. މުއްލާ އަޚްނުދްއަކީ ޠާލިބާން ޖަމާއަތުގެ މައި މަރުކަޒު، ކަންދަހާރަށް އުފަން، އެ ޖަމާއަތުގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އާ ސަރުކާރުގައި ދާޚިލީ ވަޒީރަކަށް އައްޔަންކޮށްފައި ވަނީ އެ ޖަމާއަތުގައި ހިމެނޭ ޙައްޤާނީ ނެޓްވާކްގެ އިސްވެރިޔާ ސިރާޖުއްދީން ޙައްޤާނީއެވެ. ޙައްޤާނީއަކީ ޠާލިބާންގެ ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ، ގިިނަ ހަނގުރާމަވެރިންތަކެއް ކޮންޓްރޯލްކުރާ ކޮމްނާޑަރެކެވެ.

އެންމެ މުހިއްމު ވަޒީރުކަން ކަމުގައިވާ ދިފާއީ ވަޒީރުކަމަށް އައްޔަންކޮށްފައި ވަނީ ޠާލިބާން ޖަމާއަތުގެ ބާނީ މުއްލާ މުޙައްމަދު ޢުމަރުގެ ދަރިކަލުން މުއްލާ ޔަޢުޤޫބެވެ. އޭނާއަކީ ޠާލިބާންގެ އިސް ބޭފުޅުންގެ މެދުގައި ވަރަށް ގަދަރުކުރެވޭ، އަދި އިތުބާރުކުރެވޭ ބޭފުޅެކެވެ.  އިންތިގާލީ ޚާރިޖީ ވަޒީރުކަމަށް ޢައްޔަންކޮށްފައި ވަނީ މުއްލާ އަމީރް ޚާން މުއްތަޤީއެވެ.

އިންފޯމޭޝަން މިނިސްޓަރުކަމަށް ޠާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަބީޙުﷲ މުޖާހިދު އައްޔަންކުރަން މަޝްވަރާކުރެވުނު ނަމަވެސް އޭނާ އެމަގާމަށް އައްޔަންކޮށްފައި ނުވެއެވެ. އޭގެ ބަދަލުގައި އޭނާ އައްޔަންކުރަން ނިންމީ ދައުލަތުގެ އެންމެ އިސްވެރިޔާ މުއްލާ ޙަސަން އަޚުންދްގެ ތަރުޖަމާނަކަަށް ކަމުގައި ޕާކިސްތާނުގެ ބައެއް ނޫސްތަކުން ޚަަބަރުދީފައި ވެއެވެ.

ޠާލިބާން ޖަމާއަތުގެ ސަރުކާރު އެކުލަވާލައި ރަސްމީކޮށް އިއުލާންކުރަން ތައްޔާރުވަމުން ދާއިރު، އަފްޣާނިސްތާނުގައި އެ ޖަމާއަތުގެ ބާރުގެ ދަށަށް ނުގޮސް އޮތް ހަމައެކަނި ސަރަހައްދު، ޕަންޖްޝޭރް ޕްރޮވިންސު މިހާރު އެޖާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެނެވިފައިވާ ކަމަށް އެ ޖަމާއަތުން ވަނީ އިއްޔެ ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.