ޔާމީން ވަރުގެ އަނިޔާވެރިޔަކު އަދި ވަގަކު ނުދެކެން: ޤާސިމް

ރައީސް ޔާމނު ވަރުގެ އަނިޔާވެރި ވެރިޔަކު އަދި އެވަރުގެ ވަގަކު ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ދައުރުގައި ޤާސިމަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފައި ވަނީ އޭނާ އައިޖީއެމްއެޗްގައި އޮންނަވަނިކޮށެވެ. ޤާސިމް ކޯފާ ވެގެން މިފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. ޝިޔާމް ވާހަކަފުޅު ދެއްކެވީ އިހަށް ދުވަހު ލީކު ވެގެން އޮޅޭ ފަނޑިޔާރުންގެ އޯޑިއޯއެއްގެ މައްޗަށެވެ. އޭނާ ވިދާޅުވަމުން ގެންދެވި ގޮތުގައި ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުން ކޮށްފައި ވަނީ ފަނޑިޔާރުންގެ އިސްތަށިފުޅުގައި "ބަޑި ޖައްސައިގެން"ނެވެ.

ފަނޑިޔާރުންގެ ވާހަކަ އެ ގޮތަށް ނުދެއްކޭނޭ ކަމަށް ވިދާޅުވެ ނިޒާމީ ނުކުތާއެއްގެ ދަށުން ވާހަކަފުޅު ދައްކަވާން ފެއްޓެވުމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފު ވަނީ އެކަން ހުއްޓަވައިލެއްވުމަށް ތަކުރާރުކޮށް އަންގަވައިފައެވެ. އެހެންނަމަވެސް މައިކު ނިއްވައިލީމާވެސް ޤާސިމް ގެންދެވީ ވަރަށް ބޮޑަށް ކޯފާވެ ވާހަކަފުޅު ދައްކަވަމުންނެވެ.

އާއްމު ގޮތެއްގައި ވަރަށް މަޑުމައިތިރިކޮށް އިންނަވާ ޤާސިމް އެހައި ބޮޑަށް ކޯފާވީ ސަބަބެއް ސާފެއް ނުވެއެވެ. ފަނޑިޔާރުންނަށް ބިރު ދެއްކި ވާހަކަ ޝިޔާމް ވިދާޅުވި ނަމަވެސް ޤާސިމް އެފަދަ ކަމެއް ކުރެއްވި ކަމަކަށް ވިދާޅެއް ނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.