ކާބުލްގައި ދިން ބޮމުގެ ހަމަލާގެ ޒިއްމާ އައިސިސްއިން އުފުލައިފި

މި ހަމަލާގައި 90 މީހުން މަރުވެފައިވާކަމަށް ބައެއް ޚަބަރުތައް ބުނޭ

ކާބުލް އެއާޕޯޓު ކައިރީގައި ދިން ހަމަލާގައި ޒަޚަމްވީ މީހުން ފަރުވާދިނުމަށް ގެންދަނީ

އަފްޣާނިސްތާނުން ބޭރަށް ފުރޭތޯ ކާބުލް އެއާޕޯޓު ކައިރިއަށް އެތައް ހާސް މީހުން ޖަމާވެފައި ވަނިކޮށް އެތަނަށް އިއްޔެ ދިން ބާރުގަދަ ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް) އިން އުފުލައިފިއެެވެ.

އައިސިސްގެ ޚަބަރު ފަތުރާ ގޮފި 'އަޢުމާޤް' ގެ ޓެލެގްރާމް އެކައުންޓުގައި ބުނެފައިވާ ގޮތުގައި އެ ހަމަލާދީފައިވަނީ އެ ޖަމާއަތުގެ ހަނގުރާމަވެރިއެކެވެ.

"އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިއަކު ވަނީ ހުރިހާ ސަލާމަތީ ފިޔަަވަޅުތަކެއް ފޫއަޅުވާލައި، އަދި ކާބުލް އެއާޕޯޓު ކައިރީގައި މުތަރުޖިމުންނާއި، އެމެރިކާ ސިފައިންނަށް އެހީތެރިިވިމީހުން ގިނަ އަދަދަކަށް އެއްވެފައި ތިބި ބާރާން ކޭމްޕްތެރެއަށް ވަނުމުގައި ކާމިޔާބު ހޯދާފައި. އަދި އޭނާ ވަނީ އެމީހުންގެ ތެރެއަށް އޭނާގެ ގޮވާތަކެތީގެ ބެލްޓު ގޮއްވާލާފައި. މީގެ ސަބަބުން 60 މީހުން މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވޭ. އޭގެ ތެރޭގައި ޠާލިބާންގެ މީހުންެވެސް ހިމެނޭ." އަޢުމާޤުން ބުނެފައިވެއެވެ.

އަފްޣާނިސްތާނުގެ ހެލްތު މިނިސްޓްރީގެ މަސްއޫލުވެރިއަކާ ހަވާލާދީ އެމެރިކާގެ ސީބީއެއް ނިއުސްއިން ބުނެފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ އަދަދު ވަނީ 90 އަށް އަރާފައެެވެ. އަދި މަދުވެެގެން 150 މީހުން ޒަޚަމްވެފައި ވެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ، ޕެންޓަގަންއިން ބުނެފައިވާ ގޮތުގައި ކާބުލްގައި އިއްޔެ ދިން ހަމަލާގައި އެެމެރިކާ ސިފައިންގެ 13 މީހުން މަރުވެ، 18 މީހުން ޒަޚަމްވެފައި ވެއެވެ. އަދި ކާބުލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ތިބި ޠާލިބާން ހަނގުރާމަވެރިންގެ ބަޔަކުވެސް ޒަޚަމްވެފައި ވެއެވެ.

މި ހަމަލާ ދީފައި ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސްގެ ގޮފި، އިސްލާމިކް ސްޓޭޓް- ޚުރާސާން ޕްރޮވިންސް (އައިއެސް-ކޭ) ކަން ޔަގީންކޮށްދެއްވަމުން އެމެރިކާގެ ރައީސު ޖޯ ބައިޑަން ވަނީ އެމެރިކާއިން ބަދަލު ހިފާނެ ކަމުގެ އިންޒާރުދެއްވާފައެެވެ.

އަހަރުމެން ކަލޭމެން ތިބި ތާކުން ހޯދައި، ކަލޭމެން (މިކަމުގެ) އަގު ދައްކަން މަޖުބޫރުކުރާނަން. އަހަރެންނަށް ލިބިފައިވާ ހުރިހާ ބާރެއް ބޭނުންކޮށްގެން އަަަހަރުމެންގެ ރައްޔިތުންގެ މަސްލަހަތުތައް އަހަރެން ހިމާޔަތްކުރާނަން." ބައިޑަން ވިދާޅުވެފައި ވެއެވެ.

ޠާލިބާން ޖަމާއަތުންވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ޠާލިބާންގެ ތަރުޖަމާން މުޙައްމަދު ނަޢީމު ބުނި ގޮތުގައި ކާބުލް އެއާޕޯޓު ކައިރީގައި ދިން ހަމަލާ އެ ޖަމާއަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރެއެވެ. ޠާލިބާނުން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށުގައިވާ ސަރަހައްދެއްގައެވެ.

މި ހަމަލާ ދީފައި މިވަނީ ކާބުލް އެއާޕޯޓު ކައިރީގައި ޓެރަރިސްޓު ހަމަލާއެެއް ދިނުމުގެ ބިރު އޮތްކަމަށާއި، އެ ސަރަަހައްދަށް އެއްވެ ތިބި މީހުން ސަރަހައްދު ދޫކޮށް ދިއުމަށް އެމެރިކާއާއި، ހުޅަނގުގެ ބައެއް ގައުމުތަކުން އިލްތިމާސްކޮށްފައި ވަނިކޮށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.