އަޤްޞާ މިސްކިތުގައި ލައްއަކަށްވުރެ ގިނަ މީހުން މިއަދު އީދު ނަމާދުކޮށްފި

އަލްމަސްޖިދުލް އަޤްޞާގައި މިއަދު އީދު ނަމާދުކުރަނީ

އިސްލާމީ ގިނަ ގައުމުތަކެއްގައި މިއަދު އަޟްޙާ އީދު ފާހަގަކުރަމުން ދާއިރު، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އަޅާފައިވާ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި ލައްކައަކަށްވުރެ ގިނަ މީހުން ޤުދްސުގެ މަތްވެގެންވާ ޙަރަމްފުޅު އަލްމަސްޖިދުލް އަޤްޞާާގައި އީދު ނަމާދުކޮށްފިއެވެ.

ލައްކައަކަށްވުރެ ގިނަ މީހުން އަޤްޞާ މިސްކިތުގައި ނަމާދުކުރި ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ބުނެ ޔަހޫދީ ސަލާމަތީ ބާރުތަކުން އަޤްޞާގެ ހަރަމްފުޅުގެ ތެރެއަށް ވަނަނުދިނުމުން ޤުދްސުގެ ރައްޔިތުންގެ ތެރެއިިން އެތަައްހާސް ބަޔަކު އީދު ނަމާދުކުރީ ބާބުލް އަސްބާޠު ދޮރާށި ކައިރީގައެވެ. އެމީހުންގެ ތެރޭގައި ގިނައީ އިސްރާއީލާ ދެކޮޅަށް އަޑުއުފުލާ ހަރަކާތްތެރިން ނުވަތަ އެކްޓިވިސްޓުންނެވެ.

ފަލަސްޠީނުގެ ނިއުސް އެޖެންސީ ވަފާއިން ބުނި ގޮތުގައި އިސްރާއީލުން ޤުދްސުގައި އަޅާ ސަލާމަތީ ފިޔަވަޅުތަކަށް އީދާ ދިމާކޮށް ލުއިދިނުމާ ގުޅިގެން ލައްކައަކަށްވުރެ ގިނަ މީހުން ވަނީ އަޤްޞާ މިސްކިތަށް އެއްވެފައެވެ.

ޚަބަރުފަތުރާ ވަސީލަތްތަކުން އާއްމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އީދަށް ދިޔަ އެތައް ބަޔަކު ފަލަސްޠީނުގެ ދިދަ ހިފައިގެން ތިބިއިރު، ބައެެއް މީހުން ހަމާސް ޖަމާއަތުގެ ދިދަ ހިފައިގެން ވެސް ތިއްބެެވެ.

އަޤްޞާގެ ހަރަމްފުޅުތެރޭގައި ހުރިކަމަށް ޔަހޫދީން ބުނާ އެމީހުންް ފައްޅި ތަޅާލުމުގެ ހިތާމަ ފާހަގަކުރާ ދުވަސް، 'ތިޝާ ބައަވް އިއްޔެ ފާހަގަކުރަން 1700 އެއްހާ ޔަހޫދީން އާދީއްތަ ދުވަހު އަޤްޞާގެ ހަރަމްފުޅު ތެރެއަށް ވަދެގަތުމާ ގުޅިގެން ފަލަސްޠީނު މީހުންގެ މެދުގައި އޮތީ ރުޅިވެރިކަމާއި ނުތަނަވަސްކަން އުފެދިފައެވެ. އެެހެންނަމަވެސް، މިއަދުގެ އީދުު ނަމާދު ނިމިގެން ގޮސްފައި ވަނީ އެއްވެސް ހަމަނުޖެހުމެއް ނުހިނގައި، ސުލްހަވެރިކަމާއެކުގައެވެ.

މިއަދުގެ އީދު ޚުޠުބާގައި ޤުދްސުގެ އިސްލާމިކް ސުޕްރީމް ކޮމިޓީގެ ރައީސު އަދި އަޤްޞާ މިސްކިތުގެ އިމާމު ޝައިޚް ޢިކްރިމާ ޞަބްރީ ވަނީ އަލްމަސްޖިދުލް އަޤްޞާއަށް ކުރިމަތިވެފައިވާ ނުރައްކަލަށް ސަމާލުވެ ތިބުމަށް ގޮވައިލައްވާފައެވެ. ޢިކްރިމާ ޞަބްރީއަކީ 1998 ވަނަ އަހަރުއްސު އިސްލާމިިކް ސުޕްރީމް ކޮމިޓީގެ ރައީސެވެ. އަދި ޢަޤްޞާގެ އިމާމެވެ. އިސްރާއީލުގެ ސަލާމަތީ ބާރުތަކުން އެތައް ފަހަރަކު އޭނާ ހައްޔަރުކުރި ނަމަވެސް، އޭނާ ގެންދަވަނީ ޖެހިލުންވުމެއް ނެތި އަޤްޞާގެ ދިފާއުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ދީފާއީ ވަޒީރު ބެނީ ގަންޓްޒް ވަނީ ހޯމަ ދުވަހު ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސަށް ގުޅައި އީދުގެ ތަހުނިޔާ ކިޔައިފައެވެ.

ޤުދްސާއި ފަލަސްޠީނުގެ ރަށްތަކުގެ މުފްތީ މުޙައްމަދު ޙުސައިން ވަނީ އީދު ނަމާދުކުރާ ގަޑިއަކީ ހެނދުނު 6:20 (ރާއްޖޭ ގަޑިން ހެނދުނު 8:20) ކަމުގައި ހަމަޖައްސަވާފައެވެ. އަދި މުފްތީ ނެެރުއްވި ބަޔާނެއްގައި އީދު ނަމާދަށް ދާ އެންމެންވެސް ކޮވިޑް-19 އިން ދިފާއުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަޅުތަކަށް ތަބާވުމަށް ގޮވައިލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.