އެތައް ސަތޭކަ ޔަހޫދީ ވަޒަންވެރިންނާއި، އިސްރާއީލު ސިފައިން އަލްމަސްދިޖުލް އަޤްޞާއަށް ވަދެގެންފި

ޔަހޫދީން މިއަދު އަލްމަސްޖިދުލް އަޤްސާގެ ހަރިންމަ ތެރެއަށް ވަދެގެންފައި

އަލްޤުދްސަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ސިފައިންނާއި، އެތައް ސަތޭކަ ޔަހޫދީ ވަޒަންވެރިން އަލްމަސްޖިދުލް އަޤްޞާއަށް ވަދެގެންފިއެވެ. ވަޒަންވެރިން ވަނީ އިސްރާއީލު ސިފައިންގެ ހުއްދައާ އެކުގައެވެ. ޔަހޫދީންގެ މި އުދުވާނީ އަމަލު ހިންގި އިރު އެމީހުން މިއަދު ދަނީ 1967 ވަނަ އަހަރު އިސްރާއީލުގެ އުދުވާނީ ލަޝްކަރު އަލްޤުދްސަށް ވެރިވެރިގަތް ދުވަސް ފާހަގަކުރަމުންނެވެ.

ޔަހޫދީން ގަދަކަމުން އަލްއަޤްޞާގެ ޙަރަމުގެ ތެރެއަށް ވަދެގަތުމުގެ ސަބަބުން އެތަނުގައި ތިބި މުސްލިމުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

އަލްމަސްޖިދުލް އަޤްޞާގެ ދޮރުކޮޅުތަކުގެ ތެރެއިން 'ބާބުލް މަޣާރިބާ' ހުޅުވާފައި އެތައް ސަތޭކަ ޔަހޫދީ ވަޒަންވެރިންނަށް އެދޮރުކޮޅުން އަލްއަޤްޞާގެ ޙަރަމްފުޅުގެތެރެއަށް ވަނުމުގެ ފުރުސަތުދީފައި، އެ ދޮރުކޮޅު ވަނީ ފަހުން ބަންދުކޮށްފައެވެ.

އަލްޤުދްސުގެ އިސްލާމީ މުޤައްދަސް ތަންތަން ބަލަހައްޓާ، ދާއިރަތުލް އައުޤާފިލް އިސްލާމިއްޔާ އިން ބުނިގޮތުގައި ބާބުލް މަޣާރިބާ ބަންދުކުރީ އަލްއަޤްޞާގެ ޙަރަމްފުޅުގެ ތެރެއަށް 1179 ޔަހޫދީ ވަޒަންވެރި ވަދެގަތް ފަހުންނެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވާގޮތުގައި މިއަދު ޔަހޫދީން ހިންގި އަމަލަކީ "ފާޅުގައި އަލްމަސްޖިދުލް އަޤްޞާއާއި ބަރަކާތްތެރި ރަމަޟާން މަހުގެ ހުރުމަތް ކެޑުމުގެ" އަމަލެކެވެ.

މިސްކިތުގައި އަޅުކަންކުރަން ތިބި މީހުންނާއި ޔަހޫދީންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިން ވަނީ ކަރުނަ ގޭސް ޖަހައި އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.

މިއީ ފާއިތުވި ތިރީހަކަށް އަހަރުގެ ތެރޭގައި ރަމަޟާން މަހާ ދިމާކޮށް ޔަހޫދީން އަލްމަސްޖިދުލް އަޤްޞާއަށް ވަދެގަތް ފުރަތަމަ ފަހަރެވެ. މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ޔަހޫދީން މިސްކިތުގެ ތެރެއަށް ވެއްދުމަށް އިސްރާއީލު ސިފައިން ވަނީ ގަޑިއެއްގެ އިރު ތެރޭގައި 9 ފަހަރު ބާބުލް މަޣާރިބާ ދޮރުކޮޅު ހުޅުވާފައެވެ.

މިއީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ކަމަށްވާތީ އިއުތިކާފަށް ތިބި އެތައް ސަތޭކަ ބަޔަކުވެސް މިސްކިތުގައި ތިއްބެވެ. އިސްރާއީލު ސިފައިން ވަނީ އެމީހުން ގައިގައިވެސް ތަޅާ އަނިޔާކޮށްފައެވެ. އަދި އަލްއަޤްޞާ މިސްކިތުގެ ޤިބުލަޔާ ވީ ފަރާތް ބަންދުކޮށް އެތަނުގައި ތިބި މީހުން ހިސާރުކޮށްގެން އުޅޭކަމަށްވެސް ޚަބަރު ލިބެއެވެ.

1967 ގައި އަރަބިންނާއި ކުރި ހަނގުރާމައިގައި އިސްރާއީލުން ވަނީ އިރުމަތީ ޤުދްސު ހިފައި، އަލް މަސްޖިދުލް އަޤްޞާވެސް އަޅުވެތިކޮށްފައެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އެއް ފަހަރު އެދުވަސް ފާހަގަކުރުމުގެ ގޮތުން ޔަހޫދީން އަލްމަސްޖިދުލް އަޤްޞާގެ ހުރުމަތް ކަނޑައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.