ސްކޫލުގެ ބަންދުގެތެރޭގައި މި ލިޔެވޭ ސިލްސިލާ ލިޔުންތަކުގައި މިއަދު އަޅުގަނޑު ބަލާލަން ގަސްދުކުރަނީ ކުދިންނަކީ ޢަޒުމު ވަރުގަދަ (ސެލްފް ޑިޓާރމިންޑް) ބަޔަކަށް ހެދުމާ ބެހޭގޮތުންނެވެ. ސެލްފް ޑިޓާރމިނޭޝަން އަކީ ގޯލެއް/ލަނޑުދަނޑިއެއް ހާސިލުކުރުމުގައި ދެމިހުރުމާއި އެކަމަށް ބޭނުންވާ ކެރުންތެރިކަމާއި ކުޅަދާނަކަން ލިބި އެކަންކަން ހާސިލުކުރެވުމެވެ (ތޯމަސް، ވިލިއަމްސް، އަދި ޑޭވިސް، 2005). ކުދިންގެ ކިބައިގައި މިސިފަ ހަރުލެއްވުމަކީ ވަރަށް ޅަފަތުގައި ބެލެނިވެރިން ފަށަން ޖެހޭ މަސައްކަތެކެވެ. ކުދިންނަކީ އަމިއްލަ ޢަޒުމެއް އޮންނަ ކުދިބަޔަކަށް ވުމުގައި ސްކޫލަށްވުރެ ބޮޑު ރޯލެއް އަދާ ކުރާ ބަޔަކީ ބެލެނިވެރިންނެވެ. ޕަލްމާރ އަދި ވެމްޔަރ (2003) ފާހަގަކުރައްވާ ގޮތުގައި މައިންފައިންނަކީ ތަފާތު ލަނޑުދަނޑިތައް ހާސިލުކުރުމުގައި ނަމޫނާ ބައެއްކަން ދެއްކުން މުހިންމެވެ. ކުދިންނަކީ އަމިއްލަ ނަފުސުގެ ޢަޒުމު ވަރުގަދަ ބަޔަކަށް ވަނީ ކިޔަވައިދީގެން ބުނެދީގެން އެކަމަށް ބާރު އަޅައިގެން އެކަންޏެއް ނޫނެވެ. ރަނގަޅު ނަމޫނާ ދައްކައިގެން ކުދިން ހާސިލުކުރަން ބޭނުންވާ ތަފާތު ކަންކަމާ ގުޅޭ ގޮތުން ލަނޑުދަނޑި ހަމައްޖައްސައި އެ ކުއްޖަކު އަމިއްލައަށް ލަނޑުދަނޑިތައް ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރުދީގެންނެވެ. މިއަދު މި ހިމަނާލާ ބައެއް ކަންކަމަކީ މަތީގައި ބަޔާންވެފައިވާ ޢިލުމުވެރިންގެ ތަފާތު ލިޔުންތަކުން ހޮވާލެވިފައިވާ ދެތިން ކަމެކެވެ. މިކަންކަމަކީ މިފަދަ ސްކޫލު ބަންދެއްގައި ކުދިންގެ ކިބައިގައި އަމިއްލަ ޢަޒުމު ވަރުގަދަ ކުރުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކެކެވެ.
(1) ތަފާތު ޤަރާރުތައް ނެގުމަށް ކުއްޖާއަށް ފުރުސަތު ދިނުން: މިއީ އެންމެ ޅަފަތުގައި ވާހަކަ ދެއްކެން ފަށާ ޢުމުރުން ފެށިގެން ވެސް ކުރެވިދާނެ ކަމެކެވެ. މިކަމުގައި އެންމެ ބޮޑަށް ސަމާލުކަމެއް ދޭންޖެހެނީ އެންމެ އާދައިގެ ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާ ވެސް ގުޅުވައިގެންނެވެ. މިސާލަކަށް ކުއްޖާ ލާނެ ހެދުމެއް އިޚްތިޔާރުކުރުމަށް، ކާނެ ތަކެތި އިޚްތިޔާރުކުރުމަށް، ކުޅޭނެ ކުޅިވަރުތައް އިޚްތިޔާރުކުރުމާ ބެހޭގޮތުން ވާހަކަ ދައްކައި ކުއްޖާ އަމިއްލައަށް ބޭނުންވާ ގޮތަކަށް އިޚްތިޔާރު ކުރުމަށް ފުރުސަތު ދިނުމެވެ. މިކަން ކުރާއިރު ސަމާލުކަން ދޭން ޖެހޭ ކަމަކީ ކުއްޖާ އިޚްތިޔާރު ކުރާ ވަކި ކަމަކާ ބެހޭގޮތުން އޭނާއާ މަޝްވަރާކޮށް ގޮތް ނިންމުމެވެ. މިސާލަކަށް މިއަދު ހަދަންވީ އެކްޓިވިޓީތައް ފޮތަކުން މައިންބަފައިން ވަކިކޮށް ދިނުމުގެ ބަދަލުގައި ކުއްޖާއަށް ތަފާތު 3 އިޚްތިޔާރެއް ދިނުމަށްފަހު އެއިން ކޮންމެސް އެކައްޗެއް ނަގަން ބުނުމެވެ. މިގޮތުން ކުއްޖާ އިޚްތިޔާރު ކުރާ ކަންތައް އިޚްތިޔާކުރީ ކީއްވެތޯ ކުޑަކޮށް ވާހަކަ ދައްކާލުމަކީ މުހިންމުކަމެކެވެ. އޭގެ ސަބަބުން ކުއްޖާގެ ސިކުނޑީގައި ކޮންމެ ކަމެއް ވެސް ކުރުމުގައި އޭގައި ހިމެނޭ ކަންތައްތަކެއް ވާކަމާއި އެކަމާ މެދު ވިސްނަން ދަސްވެއެވެ.
(2) މައްސަލަ ހައްލުކުރުން: ސްކޫލުގެ ބަންދުގައި ތަފާތު ކަންކަމުގައި ހޭލަމޭލަވަމުން ދާއިރު ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ފަހިކޮށްދޭންޖެހެއެވެ. މިސާލަކަށް ދެ ކުއްޖަކު ތެރޭގައި ކުޅެން އުޅުމުގައި ޖެހޭ މައްސަލައެއް ނުވަތަ ދެބަސްވުމެއް ހައްލުކުރުމުގައި ކަންކުރަންވީ ގޮތާ ބެހޭގޮތުން މަޝްވަރާކުރެވިދިނެއެވެ. މިފަދަ އެހެންކަމަކަށް ބަލާއިރު ކުއްޖާ ނިންމަން އޮތް މަސައްކަތެއް ނުނިމި އޮއްވާ ކުޅެންދާ ހިތްވުން، ނުވަތަ ރައްޓެހި ކުއްޖަކު އައުމުން މަސައްކަތް ނުނިމުން ފަދަ ކަންކަމާ ބެހޭގޮތުން ކަންކުރާނެ ގޮތާއި ނިންމަން ބޭނުންވާ ގޮތް އަދި ހައްލު ހޯދުމާ ގުޅޭގޮތުން ވާހަކަ ދެއްކުން ރަނގަޅުވާނެއެވެ. ހަމަ މިގޮތަށް ފޫހިވާ ވަގުތާއި، އިތުރަށް ކުޅެން ބޭނުންވެ އެކަމަށް ވަގުތު ހޯދުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުން ވެސް ހިމެނެއެވެ. ސަމާލުކަން ދޭންވީ ކަމަކީ ކުއްޖާއަށް މުހިންމުވާ ކަންކަމުގައި އޭނާ އަމިއްލަ ހައްލު ހޯދުމަށް އެހީތެރިވެދިނުމެވެ. މިކަން ކުރަންޖެހޭނީ މައިންބަފައިންނާ މަޝްވަރާކުރެވި ނިންމާ ގޮތްތަކެއްގެ ތެރެއިންނެވެ.
(3) ލަނޑުދަނޑި ކަނޑައޅައި ހާސިލުކުރުން: މިކަމަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ދެތިން ކަމަކަށް ބަލައިލަމާ ހެއްޔެވެ. މަންމަމެން ކުރަން ހުންނަ ކަންކަން ލިސްޓްކޮށް ކުއްޖާއަށް ކިޔައިދީ އެކަން ނިންމަން ގަސްދުކުރާ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކައި ހެދުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މިސާލަކަށް ހެނދުނު ސައިބޯ ގަޑީގައި މިއަދު މަންމަ ކުރަން ހުރި ކަންތައްތަކަކީ މިއޭ ކިޔާ ކުއްޖާއާއެކު ވާހަކަ ދެއްކުމެވެ. މީގެ އިތުރުން ސްކޫލު ހުޅުވުމުގެ ކުރިން ގޭގައި ހުރި ފޮތް ކަބަޑުތައް ސާފުކޮށް ކިޔެވުން ފެށެންވާއިރަށް އާ އަހަރުގެ ފޮތްތަކާއި ކިޔަވަން ބޭނުންވާ ސާމާނުތައް ހަމަކޮށް ތައްޔާރު ކުރުމުގައި ކުއްޖާ ބައިވެރިކޮށްގެން މަސައްކަތް ކުރުމެވެ. މިނޫނަސް، ސްކޫލު ބަންދުގައި ދާން ބޭނުންވާ ތަންތަން ނިންމާއިރު، ކުއްޖާއާ ވާހަކަ ދައްކައިގެން ތަންތަން ކަނޑައޅައި ނިންމުމަކީ ވެސް ވަކި އަމާޒަކަށް ކަންކަން ކުރުމަށް ކުދިންގެ ވިސްނުން ތަރައްގީކުރެވޭ ގޮތެކެވެ.
(4) މިނިވަންކަން ދިނުން: ދުވަހީ ދިރިއުޅުމުގައި ކަންކަން ނިންމާ ކުރުމަށް ކުދިންނަށް މިނިވަންކަމާއި ދޫ ދިނުމަކީ މުހިންމުކަމެކެވެ. މިގޮތުން ކަންކަމުގައި އަމިއްލައަށް ގޮތްނިންމުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ކޮންމެ ޢުމުރެއްގެ ކުއްޖަކަށްވެސް ބޭނުންތެރި ކަމެކެވެ. ހުރިހާކަމެއް ބެލެނިވެރިޔާ ކަނޑައަޅައި ކުރުވުމުން ކުއްޖާގެ އަމިއްލަގޮތް އިޚްތިޔާރު ކުރަން ދަތިވާނެއެވެ. އަދި ހަމައެހެންމެ ކަންކަމުގައި މައިންބަފައިންނަށް މާ ބޮޑަށް ބަރޯސާވުމަށް އާދަވާނެއެވެ. މިކަމުގެ ސަބަބުން ކަންކަމުގައި ފަސްޖެހުން، އިސްނެގުމުން ދުރުވުން، ފަދަ ކުއްޖާގެ ދުޅަހެޔޮ ތަރައްގީއަށް ހުރަސް އެޅިދާނެ ވަރަށް ގިނަކަންތައްތައް ފެންމަތިވާނެއެވެ. މިފަދަ ކަންކަމަކީ އަށަގަންނަން ފެށުމުން އެކަން އިސްލާހުކޮށް، ހުއްޓުވަން ދަތި ކަންތައްތަކެކެވެ. ކުއްޖާގެ މިނިވަންކަން އަށަގެންނެވުމަށް ރަނގަޅު ގޮތްތަކުގެ ތެރޭގައި ކަންކަން ކުރަންވާ ގޮތް ކިޔައިދިނުމަށް ފަހު ކުއްޖާ އަމިއްލައަށް އެކަން ކުރުމަށް ފުރުސަތު ދިނުން، ނުވަތަ މާ ބޮށޑަށް އަބަދު އިރުކޮޅުކޮޅާއި އިސްލާހުކޮށް ރަނގަޅުކުރަންވާ ގޮތް ކިޔައިނުދީ އޭނާގެ އަމިއްލަ ސިކުނޑިން ކަންކަން ނިންމަން ދޫ ދިނުމެވެ. ބައެއް ފަހަރު، ޚާއްޞަކޮށް ތަޢުލީމީގޮތުން ވަކި ފެންވަރެއްގެ މީހުން ކުދިންގެ ފަރާތުން ހުރިހާ ކަމެއް ފުރިހަމައަށް ނިންމުމަށް އުއްމީދު ކުރެވޭތަން އާދެއެވެ. އޭގެ ސަބަބުން މިސާލާކަށް ލިޔާއިރު، ނުވަތަ ކުރަހާއިރު، މާބޮޑަށް ކިޔައިދެވޭތަން އާދެއެވެ. އެކަމުގެ އަސަރު ފެންނަނީ އެއްދުވަހަކުންނެއް ނޫނެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުއްޖާއަށް އަބަދު ނުރަނގަޅު ގޮތަކަށް ކުރެވިދާނެތީ ފަސް ޖެހެވޭ ގޮތްވެއެވެ. އަދި ހަމައެހެންމެ އަމިއްލައަށް ގޮތް ނުނިންމާ މާ ބޮޑަށް މައިންބަފައިންގެ ގާތުން އަހައިގެން ކުދިކުދި ކަންކަމުގައި ވެސް ސީދާ މަންމަމެން ބޭނުންވާ ގޮތަށް ކުރެވޭ ތޯ އުޅެއެވެ. މިގޮތަށް ކުއްޖާ މާ ބޮޑަށް އާދަވާން ފަށައިފިނަމަ އަމިއްލަ ގޮތް އިޚްތިޔާރުކޮށް، އަމިއްލަ ސިކުނޑި ބޭނުންކޮށްގެން ކަންކަން ނިންމުމުން ދުރުވުމަކީ ދާދި ގާތް ކަމެކެވެ.
(5) އަމިއްލައަށް ކަންކަން ބެލުން، ވަޒަންކުރުން، އަމިއްލައަށް ކަންކަމަށް ފޯރި ޖެއްސުން: މިއީ ތަފާތު ތިންކަމެއް ނަމަވެސް ކުއްޖާގެ ޢަޒުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ތިން ކަމެކެވެ. މި ކަންކަމަކީ ކުއްޖާއަށް ކަންކުރެވޭ ގޮތް ގާތުން ބަލައި ވަޒަންކޮށް ކަންކަން ނިންމުމުގެ ޢަޒުމު ވަރުގަދަ ކުރުމާއި ގުޅޭ ތިން ކަމެކެވެ. މިގޮތުން ކުދިންނަށް ދަސްކޮށްދޭންވީ ކަމަކީ، ކަމެއް ކުރާއިރު އެކަން އަމިއްލައަށް ބަލާނެ ގޮތެވެ. ކަމެއް ކުރާއިރު އުދަނގޫވެއްޖެނަމަ އެހީއަށް އެދެން ހަދަން ޖެހޭ ގޮތް ކިޔައިދީ، މިސާލަކަށް ދަރިފުޅު މިއިން ބައެއް ހަދަން އުދަނގޫވެއްޖެއްޔާ ފުރަތަމަ ކުރާނީ ކޮންކަމެއް، ދެން ވިސްނާނީ ކިހިނެއް، މަންމަ ނުވަތަ ބައްޕަގެ އެހީއަށް އެދޭނީ ކޮންއިރަކު މިފަދަ ގޮތްގޮތަށް ވާހަކަ ދައްކައި މަސައްކަތް ހަވާލުކުރުމެވެ. މީގެ ސަބަބުން ކުއްޖާ އަށް ކަމެއް ކުރުމުގައި އޮތް ބައިވަރު ގޮތްތައް އެނގި އެހީ ބޭނުންވާ ވަގުތު އަމިއްލައަށް ވަޒަންކޮށް ވިސްނުމަށް އެހީތެރިވެދޭނެއެވެ. މީގެ އިތުރުން، ކުރެވޭ ކަންތައްތަކުގެ ރަނގަޅު ނުރަނގަޅު ކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުން، މިސާލަކަށް ކުއްޖާ ގެންގުޅޭ މަސްޓޭންކުން މަހެއް މަރުވުމުން، އެއީ ކީއްވެދިމާވި ކަމެއްތޯ ކުއްޖާ ބައިވެރިކޮށްގެން ވާހަކަ ދައްކައި ހެދުމެވެ. ހަމަ މިބީދައިން، ކުއްޖާ ނިންމަން އޮތް ކަމެއް ނުނިމުމުން އެކަން ވީ ކީއްވެތޯ ވާހަކަ ދައްކައި އޭގައި ކުރެވުނު ރަނގަޅު ނުރަނގަޅު ކަންކަން ދެނެގަންނަން އާދަކުރުވުމެވެ.
(6) އަމިއްލައަށް ކަންކަމުގައި އިސްނެގުން: މިއީ ޅަފަތުގައި ނުވަތަ ސްކޫލުގެ ރަސްމީ ތަޢުލީމު ފެށުމާއެކު ވެސް ކުދިންގެ ކިބައިގައި ތަރައްގީކުރަން ފަށަންޖެހޭ ކަމެކެވެ. މައިންބަފައިންނަށް ގޭތެރޭގައި ވެސް މިކަމަށް އެހީތެރިވެދޭ ވަރަށް ގިނަ ކަންތައްތައް ކުރެވޭނެއެވެ. މިގޮތުން ގޭތެރޭގައި ކުއްޖާގެ ޢުމުރާއި ގުޅޭ ތަފާތު ކަންކަން ކުރުމަށް އިސްނެގުމަށް ބާރު އެޅިދާނެއެވެ. މިސާލަކަށް އަލަމާރީގައި އެއްޗެތި ތަރުތީބު ކުރުން، ސިޓިންރޫމުގައި ހުންނަ ތަކެތި ތަރުތީބުކުރުން، ގޭގެ ވަކިތަނެއް ސާފުކުރާނެ ދުވަހެއް ވިސްނައި ހަމަޖައްސަން ވާހަކަދެއްކުން، މިއީ ކުދިން ކިތަންމެ ބޮޑު ތަނެއްގައި ދިރިއުޅުނަސް އަދި ކުޑަ ޖާގައެއްގައި އުޅުނަސް ތަމުރީނު ދޭންޖެހޭ ކަންކަމެވެ. ބޭނުންވާ އެއްޗަކަށް އޯޑަރ ދިނުމަށް، ނުވަތަ ގޭގައި ޢާއިލާގެ ހުރިހާ އެންމެނަށް ކުރެވިދާނެ ކަމަކަށް ވިސްނުން ނުވަތަ ރޭވުން ފަދަ ކަންކަމަށް ހިތްވަރުދިނުން ފަދަ ކަންކަމަކީ ވެސް އިސްނަގަން ދަސްކޮށްދިނުމަށް ބާރު އެޅިދާނެ ގޮތެކެވެ.
(7) އަމިއްލަ ނަފުސު ދެނެގަނެ ދަސްކުރުން: މިއީ ވަރަށް ގިނަ މައިންބަފައިންނަށް މާ ބޮޑު ސަމާލުކަމެއް ނުދެވޭ ކަމެކެވެ. ކުއްޖާ އަމިއްލައަށް އޭނާ ގަޔާވާ ކަންކަން، ކުރެވޭ ކަންކަން، ކުޅަދާނަވާނެ ކަންކަން، މޮޅަށް ކުރެވޭނެ ކަންކަން، ތަފާތު ހުނަރުތައް، އަދި ހަމަ އެގޮތަށް ނުކުރެވޭ ކަންތައްތައް، އުދަނގޫ ކަންކަން، އަމިއްލައަށް ހޯދައި ބަލައި އެ ކަންކަން ވިސްނައިގެން ދިރިއުޅުމުގައި ކަންކަން ތަރުތީބުކޮށް އުޅެން ދަސްކޮށްދިނުމެވެ. މިސާލަކަށް ނާޑުވާ އައްސަން އުދަނގޫ ކުއްޖެއްނަމަ އެ ގޮންޖެހުމުން އޭނާ އަރައިގަންނާނެ ގޮތާ ބެހޭ ގޮތުން ވާހަކަދައްކައި އެ ކަން ރަނގަޅުކުރުމަށް މަޝްވަރާކުރުމެވެ. ހަމަ އެގޮތަށް އަބަދު ކެއުމަށް މާ ބޮޑަށް ފޯރި ޖެހިފައިވާ ކުއްޖެއްނަމަ އެ ކަން މަދުކޮށް ވަކިގޮތަކަށް ކޮންޓްރޯލްކޮށް ތަރުތީބުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ކަންކަން އަމިއްލައަށް ކޮންޓްރޯލްކުރާނެ ގޮތްތައް ހޯދުމަށް ހިތްވަރުދިނުމެވެ.
މަތީގައި ބަޔާންކުރެވުނު ކޮންމެ ކަމަކީ ސްކޫލު ބަންދުގެ ތެރޭގައި ދަރިވަރުންގެ ދުވަހީ ދިރިއުޅުމުގައި ސަމާލުކަން ދެވިއްޖެނަމަ އޭގެ އެތަކެއް ފައިދާތަކެއް ސްކޫލު ފެށުމަށްފަހު ވެސް ފެންނާނެ ކަންތައްތަކެކެވެ. މިކަންކަމަކީ ކުދިންގެ ދުޅަހެޔޮ ތަރައްގީއާ ގުޅި ލާމެހިފައިވާ ކަންކަމެވެ. ކުދިންނަކީ އަމިއްލައަށް ކަންކަމުގައި އިސްނަގަން އެނގޭ، ކަންކަމުގައި ކެރޭ، ޢަޒުމު ވަރުގަދަ އަމިއްލައަށް ގޯލްތައް/ލަނޑުދަނޑިތައް ހާސިލުކުރަން ދަންނަ ބަޔަކަށް ހަދަން ޖެހެއެވެ. ސަބަބަކީ މައިންބަފައިންނަކީ އެ ކުދިންގެ ދިރިއުޅުމުގެ ހުރިހާ ވަގުތެއްގައި ގާތުގައި ތިބޭނެ ބައެއް ނޫނެވެ. އަދި އަމުދުން މި ޒަމާނަކީ އެކުގައި އުޅޭ ކުދިންނާއި، މުޖުތަމައުގެ ތަފާތު ކަންކަމުގެ ތެރެއިން، އަދި ސޯޝަލް މީޑީއާގެ ތެރެއިން ވެސް ކުދިންނަށް އެތަކެއް އަސަރުތަކެއް ކުރުމާ ގާތް ދުވަސްވަރެކެވެ. ކުއްޖާއަކީ ޢަޒުމު ވަރުގަދަ ކުއްޖަކަށް ނުވާނަމަ އެހެން މީހުންގެ ބާރު އޭނަގެ މައްޗަށް ފަސޭހައިން ފޯރުވޭނެއެވެ. ހަމައެހެންމެ އޭނާ ބޭނުންނުވާ ކަންތައްތައް ވެސް އޭނާ ލައްވާ ކުރުވައި އޭނާގެ މައްޗަށް ބާރު ފޯރުވުމަށް ފަސޭހައިން ޖާގަ ވެސް ލިބެއެވެ. މިއީ ކުއްޖާގެ ނަފުސާނީ ދުޅަހެޔޮކަމާ ވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަންކަމެވެ. އުންމީދަކީ މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ ވަރަށް އާދައިގެ ޚިޔާލުތަކެއް ނަމަވެސް ކޮންމެ ބެލެނިވެރިޔަކަށް ވެސް ބޭނުންތެރި ޚިޔާލުތަކަކަށް ވުމެވެ. ބައެއް ފަހަރު ވަރަށް އާދައިގެ ޚިޔާލުތަކުން ވެސް ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގައި ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ އިތުރަށް ކުރެވިދާނެ ކަންކަމަށް ލޯހުޅުވިގެންދެއެވެ.
ހަވާލާދޭ ލިޔުންތައް
Palmer, S., & , M. (2003). Promoting self-determination in early elementary school. Remedial and Special Education, 24(2), 115-126.
Thoma, C., Williams, J., & Davis, N. (2005). Teaching self-determination to students with disabilities: Will the literature help? Career Development for Exceptional Individuals, 28(2),104-115.