ޝާފިޔާގެ އެދުރު އަށި:  ލަރނިންގ ބައި ޑިޒައިން / ފަރުމާކުރުމުގެ ތެރެއިން އުނގެނުން

މިއަދު ވެސް މި ލިޔަނީ އުނގަންނައިދިނުމުގައި މުދައްރިސުންނަށް ބޭނުންހިފިދާނެ ބޭނުންތެރި ގޮތަކާ ގުޅޭ މަޢުލޫމާތުކޮޅެކެވެ. މިއީ ޚާއްޞަކޮށް މިޒަމާނުގެ ކިޔަވައިދިނުމުގެ ވައްޓަފާޅިތަކުގެ ތެރެއިން ކުލާސްރޫމުގައި ދަރިވަރުންގެ ހުނަރުވެރިކަމާއި މުވާޞަލާތުކުރުން އަދި އުފެއްދުންތެރިކަން އެތައް ގުނައަކަށް އިތުރުކޮށްލެވޭ ގޮތްތައް ހިމަނައިގެން ރޭވޭ ކިޔަވައިދިނުމުގެ ގޮތެކެވެ. އާދެ، ފަރުމާކުރުމުގެ ތެރެއިން އުނގެނުން ނުވަތަ ލަރނިންގ ބައި ޑިޒައިންއެވެ. މި ބާވަތުގެ ކިޔަވައިދިނުމުގެ ގޮތަކީ ވަރަށް ޚާއްޞަ ކަންތައްތަކެއް ކުލާހުގައި ދަރިވަރުންނަށް ހަވާލުކުރެވޭ ގޮތެކެވެ. އަޅުގަނޑަށް މިފަދަ ކުލާސްރޫމެއްގެ މަސައްކަތް ބަލައިލަން ފުރުޞަތު ލިބުނީ ނިޔުޒިލޭންޑްގައި މަސައްކަތް ކުރި ދިރާސީ ޕްރޮޖެކްޓެއްގައި ކުލާސްރޫމެއް އޮބްޒާރވްކުރަން ލިބުނު ފުރުޞަތަކުންނެވެ. އޭގެ ކުރިން މިފަދަ ގޮތަކަށް ކިޔަވައިދޭ މަންޒަރު ފެނިފައެން ނެތެވެ. އޭރު އެކަމާބެހޭގޮތުން އަޅުގަނޑުގެ އަމިއްލަ މާ ބޮޑު މަޢުލޫމާތެއް ވެސް ނެތެވެ. ކުލާސްރޫމުގެ އެކިއެކި ޙަރަކާތްތައް އޮބްޒާރވުކޮށް ނޯޓްކުރަމުން ވީޑިއޯ ކުރަމުން އަޅުގަނޑު ދިޔައިރު އެ ގޮތް ބޭނުން ކޮށްގެން ކިޔަވައިދިނުން ރާވައި ހިންގާ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ މަޢުލޫމާތު ލިބުނެވެ. ފުރަތަމަ ހަރަކާތުން ފެށިގެން އެންމެ ފަހުން ކަންކަން ވީ ގޮތް ރަނގަޅަށް އަމިއްލަ ލޮލުން ފެނި ތަޖުރިބާ ކުރެވެމުން ދިޔައިރު އެ ކަމުގެ ހުރި ހުނަރުވެރިކަމާ ދަރިވަރުންނަށް އެފަދަ ގޮތަކަށް ކިޔަވައިދިނުމުން ލިބޭ ފައިދާތައް އޭގެ ކުރިން އަންދާޒާކުރެވިފައި ވެސް ނުވާ މިންވަރަށް ފެނުނެވެ. އަޅުގަނޑުގެ މި އާދަޔާޚިލާފު އޮބްޒަރވޭޝަން ޚުލާޞާކޮށްލުމުން، ތިރީގައިވާ ކަންތައްތައް ފާހަގަކުރެވުނެވެ.

* ކުލާސްފެށޭއިރު ދަރިވަރުންނަށް ހަވާލުކުރަނީ ހަފުތާއެއްގެ ތެރޭގައި ކޮށްނިންމަން ޖެހޭ މަސައްކަތްތަކެވެ. އެދުވަހު ހަވާލުކުރީ ކުރު ފިލުމެއް ހަދާށެވެ. ފިލުމު ހަދަން ޖެހެނީ އިނގިރޭސި ލިޓްރެޗަރގެ މައުޟޫޢަކަށެވެ.އެއީ ބޭނުންވާ މުފުހޫމުތަކާއި އަދި ކޮންޓެންޓް/އޮއްޓަރ ހިމެނޭގޮތަށް ތައްޔާރުކުރެވޭ ކުރުފިލުމެކެވެ.

* ފުރަތަމަ ގުރޫޕްކޮށް އެކި ގުރޫޕަށް އެކި ނަންދީ މަސައްކަތްކުރަންވާ ކުރު ގައިޑެއް ދެވުނެވެ. އޭގައި ބޮޑަށް ދެވިފައިވަނީ ޙާޞިލުކުރަން ޖެހޭ މަޤުޞަދާއި އެއްގަޑިން އަނެއް ގަޑިއަށް މަސައްކަތް ކުރިޔަށްދާ ގޮތް މުދައްރިސަށް ރިޕޯޓްކުރާނެ ގޮތުގެ އިރުޝާދެވެ.

* ދެން ފެނުނީ ގުރޫޕްގެ ހުރިހާ ކުދިން މަސައްކަތްތައް ރާވާ ރޯލްތައް ހަމަޖައްސާ ބޭނުންވާނެ ތަކެތި ލިސްޓްކޮށް، ކުރަން ޖެހޭ މަސައްކަތްތަކުގެ މަގުޗާޓެއް ހަދައި ޓައިމްލައިންއެއް ހެދިތަނެވެ. ކިޔަންވާ ތަފާތު ބައިތައް ވަކިކޮށް، ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދާނެ ގޮތާއި ކަން ކުރާނެ ގޮތާ ކަންކަން ނިންމާނެ ވަކިވަކި ކުދިން ގެ މަސައްކަތްތައް ރޭވުމެވެ.

* އެއަށްފަހު ދެވަނަ ދުވަހު ހަމަ އެ ކުލާހުގެ މަސައްކަތް އޮބްޒާވް ކުރިއިރު ފާހަގަ ކުރެވުނީ ދަރިވަރުން ބޭރަށް ނުކުމެ އަމިއްލައަށް ލިޔެފައިވާ އެކި ނެރޭޝަން/ލިޔުންތައް ކިޔައި އެކްޓްކޮށް އެކަކު ޑައިރެކްޓްކޮށް އަނެއްބަޔަކު މޫވީކެމެރާ ހިފައިގެން މޫވީކޮށް ހަދަން ގާތްގަޑަކަށް 30-45 މިނިޓް މަސައްކަތް ކުރި ކަމެވެ. ކުލާހަށް އައިސް ކޮންމެ ގުރޫޕަކުން ވެސް ނިންމުނު މަސައްކަތްތަކުގެ ރިޕޯޓެއް މުދައްރިސަށް ހުށަހެޅިއެވެ.

* 3 ވަނަ ދުވަހުގެ އޮބްޒަރވޭޝަންގައި ކުދިންގެ ކޮށްފައިވާ މަސައްކަތްތަކުގެ ކުރު ޚުލާޞާއެއް މުދައްރިސު ހުރިހާ ކުދިންނަށް ދިނެވެ. އަދި އެކި މަސައްކަތްތައް އިތުރަށް ފުރިހަމަ ކުރެވިދާނެ ގޮތާ މެދު އެކި ކުދިން ޚިޔާލު ހުށަހަޅައި މަޝްވަރާކޮށް، ވާހަކަދެއްކިއެވެ.

* 4 ވަނަ ދުވަހު ވެސް ދަރިވަރުންގެ މަސައްކަތްތައް ހުށަހެޅުން އޮތެވެ. އެ ޕްރޮޖެކްޓްގައި މުދައްރިސު ކަނޑައެޅި މިންވަރަށް ވުރެ ފެންވަރު ރަނގަޅު އުފެއްދުންތެރި މަސައްކަތްތަކެއް ދަރިވަރުން ހުށަހަޅާފައިވާ ކަން އަޅުގަނޑަށް އަމިއްލައަށް ވަޒަން ކޮށްލެވުނެވެ. ތަފާތު ކޮސްޓިޔުމުތަކުގައި، ތަފާތު އަޑުއަޑާއެކު ބަކްގްރައުންޑް މިޔުޒިކާއި އަދިވެސް އުފެއްދުންތެރި އެތައް ކަމެއް އެކުދިންގެ މަސައްކަތްތަކުން ފާހަގަ ކުރެވުނެވެ. މިއީ ހަމައެކަނި ގްރޭޑް 7 ގެ ފެންވަރުގެ ކުދިން ކޮށް ނިންމާލި މަސައްކަތެކެވެ.

މި ތަޖުރިބާ މި ހިއްސާ ކޮށްލީ ޙަޤީޤަތުގައި މިއީ އަޅުގަނޑަށް ވެސް ލިބުނު ވަރަށް ޢިލުމީ ޚިޔާލުތަކަކަށް ވުމުންނެވެ. ފާހަގަކޮށްލެވުނު ކަމަކީ ކިޔަވައިދިނުމަކީ ކިހާ ފަންނުވެރި ކަމެއްކަމާއި، ކިހާ ގިނަ އާ ޚިޔާލުތަކެއް ހިމަނާލެވިދާނެ ކަމެއްކަމެވެ. މީގެ އިތުރުން ދަރިވަރުންގެ ޝައުޤުވެރިކަމާއި ބައިވެރިވުމާއި، ދަރިވަރުން އެކުއެކީގައި މަސައްކަތްކުރުމާއި، އުފެއްދުންތެރި ގޮތްތައް ވިސްނުމަށް ޖާގަ ދިނުމާއި މިހެން ގޮސް ކިޔާ ހުސްނުވާފަދަ އުނގެނުމުގެ އެތައް ފައިދާތަކަކާއި ހުނަރުތަކެއް ހިމަނައިގެން އުނގެނުން ފަރުމާ ކުރެވިދާނެކަން ހާމަވިއެވެ.

ލަރނިންގ ބައި ޑިޒައިންއަށް އެލް.ބީ.ޑީ.އޭ ވެސް ކިޔެއެވެ. މިގޮތުގެ މައިގަނޑު ކިޔަވައިދިނުމުގެ ވައްޓަފާޅި ގުޅެނީ ޕްރޮޖެކްޓް ބޭސްޑެ، ޕްރޮބްލެމް ބޭސްޑް އަދި އިންކުއަރީ ބޭސްޑް ލަރނިންގެ އުސޫލުތަކާއެވެ. މިއީ  ދަރިވަރުންނާ ހަވާލުކުރެވޭ މަސައްކަތެއްގެ ތެރެއިން އެތައް ގިނަ ކަންތައްތަކެއް އަމިއްލައަށް ނިންމައި، ގިނަ ދަރިވަރުންތަކެއް ބައިވެރިވެ އެކުއެކީގައި، އެއް މަޤުޞަދަކަށް އަމާޒުކޮށްގެން ކުދިންގެ އަމިއްލަ މިނިވަންކަމާ އެކު ކޮށް ނިންމުމަށް ހަވާލުކުރެވޭ މަސައްކަތެކެވެ. މިގޮތަށް މަސައްކަތް ރާވާއިރު އެންމެ ބޮޑު ޖާގައެއް ދެވިފައިވާނީ އުފެއްދުންތެރި، ދަރިވަރުންގެ އަމިއްލަ ނިންމުންތައް ހިމެނޭގޮތަށް ކުރެވޭ މަސައްކަތެއް ހަވާލުކޮށްގެން ފިލާވަޅު ނުވަތަ ކިޔަވައިދޭ މައުޟޫޢެއްގެ މަޤުޞަދުތައް ހާސިލުކުރުމަށެވެ.

ލަރނިންގ ބައި ޑިޒައިން، މި ގޮތަކީ ޢިލުމުވެރިންގެ ޓީމަކުން، ކޮލްޑްނާރ، ކްރިސްމޮންޑް، ގްރޭއި، ހޮލްބްރޮކް އަދި ޕުންޓެންބޭކާރ (1998) ގައި ލިޔުއްވާ ޚުލާޞާކޮށް ހުށަހެޅި ޚިޔާލެކެވެ. މިގޮތަކީ ސައިންސްގެ މާއްދާތަކާއި އަދި ބަހުގެ ލިޓްރެޗަރ ފަދަ އަދި އެނޫންވެސް ތަފާތު ގިނަ މާއްދާތަކެއްގައި ކިޔަވައިދޭއިރު ވަރަށް ފުރިހަމައަށް ބޭނުންކުރެވޭ ކިޔަވައިދިނުމުގެ ގޮތެކެވެ.  ސްކޫލުގެ މަރުހަލާއާއި އަދި މަތީ ތަޢުލީމުގެ ހަރުފަތްތަކުގައިވެސް މިގޮތް ވަރަށް އެކަށޭނަގޮތަށް ބޭނުންކުރެވިދާނެއެވެ. މައިގަނޑު ގޮތެއްގައި ލަރނިންގ ބައި ޑިޒައިން ގެ ފިލާވަޅެއް ބަހާލެވެނީ ދެ ބަޔަކަށެވެ. އެއްބަޔަކީ ޑިޒައިން/ފަރުމާކުރުން އަދި ރިޑިޒައިން އަލުން ފަރުމާކުރުމާއެވެ. ދެވަނަ ބަޔަކީ ހޯދައިބަލައި އިންވެސްޓިގޭޓް ކުރަންޖެހޭ ބައެވެ.  ޢާންމުކޮށް ދަރިވަރުންނަށް ހަވާލުކުރެވޭ ހަރަކާތްތަކަކީ ކަމަކާ ގުޅޭ ގޮތުން ކަންތައްތަކެއް ހޯދައި އެއާ ގުޅޭ ކޮންމެވެސް ކަމެއް ނުވަތަ އެއްޗެއް ޑިޒައިން/ފަރުމާކުރުމެވެ. މިއީ ފަރުދީކޮށް ވެސް ޖަމާޢީކޮށް/ގްރޫޕްކޮށް ވެސް ހަވާލުކުރެވޭ މަސައްކަތެކެވެ. މުދައްރިސުގެ ރޯލަކީ  ކުލާހުގެ މަޝްވަރާތައް ރާވައި، ތަފާތު ޚިޔާލުތައް އަޅައިކިޔައި، މަޝްވަރާކޮށް، ބޭނުންވާ ތަފާތު ކަންތައްތަކަށް އެހީތެރިވެދީ، ހިމަނަންޖެހޭ ބައިތަކާ ގުޅޭ ގޮތުން މަޢުލޫމާތު ނުވަތަ ތަކެތި ހޯދުމަށް އެހީތެރިވެދީ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގައި މަގުފަހިކޮށްދިނުމެވެ. ފިލާވަޅުގެ ތެރޭގައި ރޭވޭ ތާފާތު މަޝްވަރާތަކާއި ދެކެވޭ ވާހަކަތަކުން މުދައްރިސު ބޭނުންވާ ތަފާތު ބައިތައް އިތުރަށް އޮޅުންފިލުވައިދީ ސުވާލު އުފައްދަން ދަރިވަރުންނަށް މަގުދައްކާ ހެދުމަކީ ފިލާވަޅުގެ މަޤުޞަދު ހާސިލުކުރުމަށް މުދައްރިސު ގެންގުޅޭނެ މައިގަނޑު އުސޫލެވެ. އޭގެ އިތުރުން މިގޮތަށް ކިޔަވައިދިނުން ރާވާއިރު ދަރިވަރުން އަމިއްލައަށް ކަންކަމަށް ފުންކޮށް ވިސްނުމަށް އެހީތެރިވެދޭ ގޮތަށް ވާހަކަ ގެންދިއުމާއި، ދަރިވަރުންގެ ހިއްސާބޮޑުކޮށް ހުރިހާކަމެއް ގެންދިޔުމަށް މުދައްރިސް ވަރަށް ބޮޑު ސަމާލުކަމެއް ދޭނެއެވެ. ކުރެވޭ އަދި ކުރެވި ނިމި ކުރެވެމުންދާ މަސައްކަތްތަކަށް ފީޑްބެކްދީ ދަރިވަރުންގެ ވިސްނުމާ މެދު، ތަފާތު ގޮތްގޮތަށް ރިވެލިކޮށް، ޚިޔާލުފާޅުކޮށް، ފުޅާދާއިރާއެއްގައި ވާހަކަ ދެއްކުމަށް ވަރަށް ބޮޑު ޖާގައެއް، މިގޮތަށް ކިޔަވައިދިނުން ރޭވުމުގައި ހިމަނަން ޖެހެއެވެ. ލަރނިންގ ބައި ޑިޒައިންގެ ފިލާވަޅެއް ގެންދާ ގޮތުގެ ތަފުސީލު ބައްލަވާލެވުމަށް މިލިންކަށް ފިއްތަވާލައްވާށެވެ. މީގެ އިތުރުން ސައިންސްފަދަ މާއްދާތަކުގައި މިގޮތް ބޭނުންކޮށްގެން ރޭވިދާނެ ޕްރޮޖެކްޓެއްގެ މިސާލު ދެވިފައިވާ ޔޫޓިޔުބު ކުލިޕުން ބައްލަވާލައްވާށެވެ. މިތާގައި ހުށަހަޅާލެވިފައިވާ މާއްދާގެ އިތުރުން ވެސް ލަރނިންގ ބައި ޑިޒައިންގެ އުސޫލު ބޭނުންކޮށްގެން ކޮންމެ މާއްދާއެއްގެ ވެސް ތަފާތު މަސައްކަތްތައް ރޭވިދާނެއެވެ. ކިޔަވައިދޭ ތަފާތު މައުޟޫޢުތަކާއި ގުޅޭ ފޮތް ހެދުން، ކުރުފިލުމު، ޑޮކިޔުމެންޓަރީ، ޅެންހެދުން، ފަރިހިހެދުން، ސެމިނާރ ބޭއްވުން، ޕޯސްޓަރ ހެދުން، ފާރުނޫސް ހެދުން، ސްކޫލުގެ ތަފާތު ފާރުތައް ރީތިކުރުން ފަދަ ކަންކަން ހަވާލު ކުރެވޭނެއެވެ. މިނޫން ވެސް ދަރިވަރުން ކިޔަވާ މައުޟޫޢަކާ ގުޅޭގޮތުން މިސާލަކަށް ތިމާވެށި ރައްކައުތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ކުރު ފިލުމު ފަދަ އެއްޗެތި ތައްޔާރު ކުރުމަކީ ދަރިވަރުންނަށް ދަސްވާ މަޢުލޫމާތުގެ އިތުރުން އެތައް ހުނަރުތަކެއް ކުރިއެރުވުމަށް އެހީތެރިވެދޭނެ ގޮތެކެވެ.

މިއަދު މިހުށަހަޅާލެވުނު ވާހަކަ ކޮޅަކީ މުޅި އަކުން ކިޔަވާދިނުމަށް އާ ޚިޔާލެއްނޫނެވެ. ނަމަވެސް ކިޔަވައިދިނުން ރޭވުމުގައި ގެންގުޅޭ ގޮތާއި، ވައްޓަފާޅި އަދި ދަރިވަރުންގެ އަމިއްލަ ތަޖުރިބާތަކަށް ދެވޭ ޖާގައާއި، އަމިއްލައަށް ހުނަރުތައް ދަސްވުމަށް އެހީތެރިވެދެވޭ ގޮތާއި މިފަދަ ކަންކަމަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ކިޔަވައިދޭ އިރު މާބޮޑަށް ސަމާލުކަން ނުދެވި ދޫކޮށްލެވޭ ކަންކަމެވެ. ކިޔަވައިދިނުމަކީ ފަންނުވެރި ގޮތްތައް ބޭނުންކޮށްގެން ފަންނުވެރިކޮށް، އުފެއްދުންތެރިކޮށް އުނގެނެން ވެސް ދަރިވަރުންނަށް ފުރުސަތު ދޭންޖެހޭ ކަމެކެވެ. އަޅުގަނޑުގެ އުއްމީދަކީ މިފަދަ ކޮންމެ ވާހަކަކޮޅަކާ އެކު، މިފަދަ ގޮތްތައް ދިވެހިރާއްޖޭގެ ކިޔަވައިދޭ މާހައުލުގައި ބޭނުންކުރެވިދާނެ ގޮތާމެދު ޚިޔާލު ކުރުމަށް މުދައްރިސުންނަށް މަގުފަހިކޮށްދިނުމެވެ. އުނގެނުމަކީ ހަމައެކަނި ބަލައިގެން އަޑުއަހައިގެން މަޢުލޫމާތުތަކެއް ދަސްކޮށްގެން ކުރެވޭ ކަމަކަށް ވުރެ ބޮޑަށް އުފެއްދުންތެރި މަސައްކަތްތަކާ އެކު، ގިނަ ހުނަރުތަކެއް އޭގައި އެކުލެވޭ ގޮތަށް ރޭވޭ ކަމަކަށް ހަދަމާތޯއެވެ؟

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

1 ޚިޔާލު

  1. ދާރިސާގެ ލިޔުންތައް ވަރަށް ފުރިހަމަ.
    އަޅުގަންޑުމެންގެ ދިރާސާ ތަކަށްބޭނުން ހިފޭ ވަރަށް މުހިންމު ލިޔުންތަކެއް ދިރާސާ ހެކިތަކާއެކީ ފޫހިކަމެއް ނެތި ލިޔުއްވަމުން ގެންދަވާތީ ވަރަށް ޝުކުރު އަދާކުރަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.