އެމެރިކާއަށް ފަހު 2020 ވަނަ އަހަރު އެންމެ ގިނަ އިންސާނީ އެހީދިން ގައުމަކީ ތުރުކީ

ތުރުކީގެ ދަރުމަވެރިއަކު އިތިއޯޕިޔާގެ ފަގީރު އާއިލާއަކަށް އެހީ ދެނީ

ދުނިޔޭގެ ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެމެރިކާ ފިޔަވައި 2020 ވަނަ އަހަރު އެންމެ ގިނަ އިންސާނީ އެހީދިން ގައުމަކީ ތުރުކީކަމަށް ރިޕޯޓަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ ޑިވޮލޮޕްމަންޓް އިނިޝިއޭޓިވް (ޑީއައި) އިން ނެރުނު 'ގްލޯބަލް ހިއުމަނިޓޭރިއަން އެސިސްޓެންސް ރިޕޯޓް 2021 ގައި ވާގޮތުން 2020 ވަނަ އަހަރު ދުނިޔޭގެ ކަންކޮޅުތަކުގައި ދެވުުނު އިންސާނީ އެހީގެ %26 ދީފައި ވަނީ ތުރުކީންނެވެ. އެއީ 8.04 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީއެވެ.

އެމެރިކާއިން އިންސާނީ އެހީގެ ގޮތުގައި ދީފައި ވަނީ 8.9 ބިލިއަން ޑޮލަރެވެ.

2020 ވަނަ އަހަރު ޖަރުމަނުން އިންސާނީ އެހީގެ ގޮތުގައި 3.7 ބިލިއަން ޑޮަލަރު އަދި އީޔޫއިން 2.6 ބިލިއަން ޑޮލަރު ހޭދަކޮށްފައި ވާއިރު، އިނގިރޭސިވިލާތުން ހޭދަކޮށްފައި ވަނީ 2.1 ބިލިއަން ޑޮލަރެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، ތުރުކީ ވެފައިވަނީ އެންމެ ގިނައިން އިންސާނީ އެހީދޭ ގައުމަށެވެ. ތުރުކީ ގައުމީ އުފެއްދުންތެރިކަމުގެ %0.98 އިންސާނީ އެހީއަށް ހޭދަކުރާއިރު، ދެވަނައިގައި އޮތް ލަކްސެމްބާގުން ހޭދަކުރަނީ %0.19 އެވެ. ތިންވަނައިގައި އޮތް ސުވިޑަންއާއި ނޯވޭއިން ހޭދަކޮށްފައި ވަނީ %0.16 އެވެ.

ޑީއަައިގެ 2013، 2014، 2015 ވަނަ އަހަަރު ތިން ވަނައިގައި އޮތްއިރު، 2016 ވަނަ އަަހަރު ދެވަނަ އަދި 2017، 2018، 2109 ގައި ތުރުކީ އޮތީ އެއްވަނަވަނައިގައެވެ.

ތުރުކީއަކީ ދުނިޔޭގައި އެންެމެ ގިނަ ރެފިއުޖީން ބަލަހައްޓާ ގައުމެވެ. ތުރުކީގައި ސީރިޔާ (ސޫރިޔާ) ގެ 3.68 މިލިއަން ރެފިއުޖީން އެބަތިއްބެވެ.

ދުނިޔޭގެ ގައުމުތަކުން 2020 ވަނަ އަހަރު އެންމެ ގިނަ އިންސާނީ އެހީ ދީފައިވަނީ ސީރިޔާއަށެވެ. އެ ގައުމަށް 2.6 ބިލިއަން ޑޮަލަރު ލިބިފައި ވެއެވެ. ދެން އެންމެ ގިނަ އެހީ ލިބިފައިވާ ގައުމުތަކަށް ބަލާއިރު، ޔަމަނަށް 2.15 ބިލިއަން ޑޮލަރު، ލެބެނާން (ލުބްނާން) އަށް 1.56 ބިލިއަން ޑޮލަރު، ސައުތު ސޫދާނަށް 1.38 ބިލިއަން ޑޮަލަރު އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) އަށް 1.05 ބިލިއަން ޑޮލަރު ލިބިފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.