ހުޅަނގުގެ 10 ގައުމެއްގެ ސަފީރުންނަކީ ތުރުކީން 'މަރުހަބާ ނުކިޔާ' ބޭފުޅުން ކަމުގައި ރައީސު އެރްދޮޣާން ނިންމަވައިފި

ހުޅަނގުގެ 10 ގައުމަކުން ތުރުކީއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން އެ ގައުމުގެ ވިޔަފާރިވެރިޔާ އުސްމާން ކަވާލާ ދޫކޮށްލުމަށް ގޮވާލައްވާފައިވާތީ އެބޭފުޅުންނަކީ 'ޕާސޮނާ ނަން ގްރާޓާ' ގެ ގޮތުގައި ކަނޑައެޅުމަށް ފޮރިން މިނިސްޓަރަށް އަންގަވާފައިވާ ކަމުގައި ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވިއެވެ.

ޑިޕްލޮމެޓް ބަހުރުވައިގައި ޕާސޮނާ ނަން ގްރާޓާ އަކީ ބޭރު ގައުމަކުން ކަނޑައަޅާފައި ހުންނަ ޑިޕްލޮމޭޓަކު އެގައުމުގައި ހުރުމުގެ ޑިޕްލޮމެޓިކް ހައިސިއްޔަތެއް ނެތްކަން އެންގުމަށް ބޭނުންކުރާ ބެހެކެވެ. މިފަދައިން ކަނޑައަޅަނީ އެ ޑިޕްލޮމޭޓަކު އެ ގައުމުން ބޭރުކުރުމަށެވެ. ނުވަތަ އެ މީހަކާ ދެކޮޅަށް ދައުވާއެއް އުފުލުމަށް މަގުފަހި ކުރުމަށެވެ.

"މި 10 ސަފީރުންނަކީ ޕާސޮނާ ނަން ގްރާޓާ ކަމުގައި ވީހާ އަވަހަކަށް ކަނޑައެޅުމަށް އަހަރެން ވަނީ އަންގާފައި." ޑިޕްލޮމޭޓުން ގައުމަކުން ބޭރުކޮށްލުމުގެ ކުރިން އަޅާ ފިޔަވަޅަށް އިޝާރާތް ކުރައްވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެެވެ.

"އެ ބޭފުޅުންނަށް ތުރުކީ އެނގިވަޑައިގަންނަވަން ޖެހޭ." "އެބޭފުޅުންނަށް ތުރުކީ އެނގިވަޑައިނުގަތް ދުވަހު އެބޭފުޅުން ތުރުކީ ދޫކުރައްވާފައި ވަޑައިގަންނަވަން ޖެހޭ." އެރްދޮޣާން ވިދާޅުވިއެވެ.

2013 ވަނަ އަަހަރު ގަޒީ ޕާކުގައި ހިނގި ހަމަނުޖެހުމާއި، އޭގެ ފަހުން ރައީސު އެރްދޮޣާނާ ދެކޮޅަށް ކުރި ބަޣާވާތަށް ފައިސާ ޚަރަދުކުރުމުގެ ކުށުގައި އުސްމާން ކަވާލާ ޖަލަށް ލީ 2017 ވަނަ  އަހަރުގައެވެ.

އެމެރިކާ، ޖަރުމަނު، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، ނެދަލޭންޑްސް، ނިއުޒީލޭންޑް، ނޯވޭ އަދި ސްވިޑްގެ ފަރާތުން ތުރުކީގައި ތިއްބަވާ ސަފީރުން ވަނީ ކަވާލާ ދޫކޮށްލުމަށް ގޮވާލައްވައި ފާއިތުވި ހޯމަ ދުވަހު ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ. އެބޭފުޅުން ސިފަކުރެއްވި ގޮތުގައި ކަވާލާ ހައްޔަރުކޮށްގެން ގެންގުޅުމަކީ "ތުރުކީގެ މައްޗަށް ހިޔަނި އެޅޭ" ކަމެކެވެ.

ތުރުކީގެ ފޮރިން މިނިސްޓްރީން ވަނީ ފާއިތުވި އަންގާރަ ދުވަހު އެ 10 ސަފީރުން މިނިސްޓްރީއަށް ހާޒިރުކޮށް އެބޭފުޅުން ތުރުކީގެ ޝަރުއީ ނިޒާމާ ބެހިވަޑައިގަންނަވާކަމުގެ ތުހުމަތުކުރައްވާފައެވެ.

ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަނީ ތުރުކީގެ ނިންމުން ކުށްވެރިކޮށްފައެވެ.

"10 ސަފީރުން ބޭރުކޮށްލުމަކީ ތުރުކީ ސަރުކާރު ޚުދުމުޚްތާރުކަމާ ދިމާއަށް މަޑުމަޑުން ޖެހެމުންދާ ކަމުގެ ނިޝާނެއް. އަހަރުމެންނަށް ބިރު ނުދެއްކޭނެ. އުސްމާން ކަވާލާ މިިިނިވަންކުރަން ޖެހޭ." ޔޫރަޕިއަން ޕާލަމެންޓްގެ ރައީސު ޑޭވިޑް ސަސޯލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް އިން ވަނީ ކަވާލާ ދޫކޮށްލުމަށް ގޮވާލައި 2019 ވަނަ އަަހަރު އަމުރެއް ނެެރެފައެވެ. އަދި ޔޫރަޕިއަން ކައުންސިލުން ވަނީ ނޮވެންބަރު މަހުގެ ފަހުކޮޅު އެ ކައުންސިލުން ބާއްވާ ބައްދަލުވުމުގެ ކުރިން ތުރުކީން ކަވާލާ ދޫކޮށްނުލައިފި ނަމަ، ތުރުކީއާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގައެވެ.

ތުރުކީ ބުނެފައި ވަނީ އެ ކޯޓުގެ އަމުރުތަކަކި އެއަށް ތަބާވުން ލާޒިމު އަމުރުތަކެއް ނޫން ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.