އިސްރާއީލު އާ ސަރުކާރާއި، ޖޯޑަން (އުރްދުން) ގެ ސަރުކާރާ ދެމެދު ފެނާއި، ވިޔަފާރިއާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ. މިއީ އިސްްރާއީލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުގެ ވެރިކަމުގައި އަހަރުތަކަަކަށް ދެގައުމުގެ ގުޅުން ގޯސްވެފައި އޮތުމަށް ފަހު ދެގައުމުގެ ދެމެދުގައި ވެވުނު ފުރަތަމަ އެއްބަސްވުމެވެ.
އަލަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން އިސްރާއީލުން ޖޯޑަނަށް މިހާރު ވިއްކާ ވަރަށްވުރެ އިތުރަށް 50 މިލިއަން ކޮޑިމީޓަރުގެ ފެން ވިއްކާނެއެވެ.
ދެގައުމުން މިކަމަށް އެއްބަސްވެފައިވަަނީ ޖޯޑަނާއި ހުޅަނގު އައްސޭރިއާ ދެމެދު އޮންނަ ކިންގްް ހުސައިން ބްރިޖް (އެލެންބީ ބްރިޖް) ގެ ޖޯޑަން ފަޅީގައި ޖޯޑަންގެ ޚާރިޖީ ވަޒީރު އައިމަން ޞަފަދީއާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައިރް ލަޕިޑްއާ ދެމެދު ބޭއްވި ބައްދަލުވުމަަށް ފަހުގައެވެ.
ދުނިޔޭގައި ފެނުގެ ވަސީލަތް އެންމެ މަދު އެއް ގައުމު ކަމަށްވާ ޖޯޑަންގެ 10 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ފެން އެގައުމުން ލިބެން ނެތުމުން އެގައުމު ބަރޯސާވަނީ ބޭރުން އެތެރެކުރާ ފެނުގެ މައްޗަށެވެ. ޚާއްސަކޮށް މިއަހަރު ވާރޭވެހުން މަދުވުމާ ގުޅިގެން ފެން ލިބުން ވަނީ އިތުރަށް ދަތިވެފައެވެ. އެހެންކަމުުން މިއަހަރު އެގައުމަށް އިތުރު 40 މިލިއަން ކޮޑިމީޓަރުގެ ފެން ބޭނުންވާނެކަމަށް އަންދާޒާކުރެވެއެވެ.
1994 ވަނަ އަހަރު އިސްރާއީލާއި ޖޯޑަނާއި ދެމެދު ވެފައިވާ ސުލްހައިގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން ޖޯޑަނަށް އަހަރަކު 55 މިލިއަން ކޮޑިމީޓަރުގެ ފެން ވިިއްކައެވެ. ފާއިތުވި އެޕްރީލް މަހު ޖޯޑަންއިން ބުނި ގޮތުގައި އިސްރާއީލުން ވަނީ މިއަހަރު އިތުރު 8 މިލިއަން ކޮޑިމީޓަރުގެ ފެން ވިއްކުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، އިސްރާއީލުން ބުނެފައިވަނީ އެގައުމުން ވިއްކާފައި ވަނީ އިތުރު 3 މިލިއަން ކޮޑިމީޓަރު ކަމަށެވެ.
އިސްރާއީލާ ޖޯޑަނާ ދެމެދު ވެވުނު ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޖޯޑަނުން ފަލަސްޠީނުުގެ ހުޅަނގު އައްސޭރިއަށް އެންމެ ގިނަވެގެން މުދާ ބޭރުކުރެވޭނެ ކަމަށް މިހާރު އިސްރާއީލުން ކަނޑައަޅާފައިވާ 160 މިލިއަން އެމެރިކާ ޑޮަލަރު ވަނީ 700 މިލިއަން ޑޮލަރަށް އިތުރުކޮށްފައެެެވެ.
އިސްރާއީލު ޚަބަރު ފަތުރާ ވަސީލަތްތަކުން އިއްޔެ ބުނެފައިވާ ގޮތުގައި އިސްރާއީލުގެ އާ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވަނީ ސިއްރުން އައްމާނަށް ގޮސް ޖޯޑަންގެ ރަސްގެފާނު ޢަބްދުﷲއާ ބައްދަލުކޮށްފައެވެ. އަދި މި ބައްދަލުވުމަށް ފަހު ޢަބްދުﷲ ރަސްގެފާނު ވަނީ ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސާ ބައްދަލުކުރައްވާފައެެވެ. ފަލަސްޠީނާ ޖޯޑަނާ ދެެމެދު ވިޔަފާރި އިތުރުކުރުމުގެ ފުރުސަތު ދިނުމަށް އިސްރާއީލުން އެއްބަސްވީ މި ބައްދަލުވުންތަކަށް ފަހުގައެވެ.