ފަޅިމޫނު - 106

(30 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަމްޝީދު ގޮސް ބައްޕަގެ ކޮޓަރިއަށް ވަދެއްޖެއެވެ. ގޭތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން އިވެނީ އޭނާގެ ހިތުގެ ހިނގުމުގެ އަޑެވެ. އޭނާ ކޮޓަރީގެ ދޮރު އެތެރެއިން ތަޅުލައިފިއެވެ. އަވަހަށް ފުޅި ނަގައިފިއެވެ. މޭޒުމަތީގައި ބިއްލޫރިތަށްޓެއް ހުއްޓެވެ. ތަށީގެ ދެބައިކުޅަ އެއްބަޔަށް ފުރައިލުމަށް ފަހު ފާޚާނާއަށް ވަދެ ފެން އަޅައިގެން އަވަސް އަވަހަށް ބޯން ފަށައިފިއެވެ. އޭނާ އަކީ މީގެ ކުރިން އެހައި އަވަސް އަރައިގަނެގެން ކަންތައް ކޮށް އުޅޭ މީހެއް ނޫނެވެ. އެކަމަކު މިރޭ އޮތީ އަވަސް ކުރަން ޖެހިފައެވެ.

ތަށި ހުސްވެއްޖެއެވެ. އޭނާ ފުން ނޭވައެއް ލިއެވެ. ކުޑައިރުކޮޅެއް ވާންދެން މޫނު ދޮންނަ ތަށީގެ ކައިރީގައި ހުއްޓިގެން ހުއްޓެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަނީއެވެ. އެކި ގޮތްގޮތަށް މޫނު އަރި ކުރަމުން ބަލަމުން ގެންދިޔައެވެ. އެހެން އިރުކޮޅަކު ހުރެފައި ބިއްލޫރިތަށީގެ ދެބައިކުޅަ އެއްބަޔަށް ފެން އަޅައިގެން ފާޚާނާއިން ނުކުމެއްޖެއެވެ. އަދި މޭޒުދޮށުގައި އިށީނދެ އިނދެގެން މަޑުމަޑުން ބޯން ފަށައިފިއެވެ.

ދެވަނަ ތަށްޓާއެކު ސިކުނޑި ހުސްވާން ފަށައިފިއެވެ. ހުސްވެފައި އޮތް ސިކުނޑިން އަޑު އިވޭން ފަށައިފިއެވެ. "އޭނާ ހީކުރަނީ ކީކޭ ހެއްޔެވެ؟ ތިމަން މިއީ ކާކު ކަމަށް ހެއްޔެވެ؟ އެއް ކަންފަތުގައި ހިފައި ގެއިން ބޭރަށް ލީމާ ވަންނާނީ ކޮން ތަނަކަށް ހެއްޔެވެ؟ ކޮންމެވެސް ވިޔާނުދާ މީހަކުގެ އަތްދަށު ވެދާނެއެވެ. އެކަމަކު އަހަރެމެން މިއީ އެއް ގައުމެއްގެ ދެމީހުންނެވެ. ގެއިން ބޭރުގައި އަބުރު ގެއްލޭ ގޮތެއް ނުހަދާނަމެވެ. އެވަރުންވެސް އެ މަންޖެއަކަށް ނުއެއް ވިސްނެއެވެ. ގޭގައި ބައިންދައިގެން އޭނާގެ އަބުރު ރައްކާތެރިކޮށް ދިނީމާވެސް އަހަރެންގެ ރަނގަޅު ކަމެއް ނުވިސްނެއެވެ."

އޭނާ ކޮޅަށް ތެދުވެއްޖެއެވެ. ކުޑަކޮށް އަރިއަޅާގޮތް ވީނަމަވެސް ސަމާލު ވެލުމަށް ފަހު ދޮރާ ހަމައަށް ހިނގައްޖެއެވެ. ދޮރު ހުޅުވައިލާފައި ބޭރު ބަލައިލިއެވެ. ބަދިގެއިން ރުޚްސާނާ ލަވަކިޔާ އަޑު އިވެއެވެ. އޭނާ އަޑެއް ނީއްވައި މަޑުމަޑުން ވައިފިޔަވަޅު އަޅަމުން ދެކޮޓަރި ދޭތެރޭ އޮންނަ ހަނި މަގަށް ނުކުމެއްޖެއެވެ. އެތާނގައި އިރުކޮޅަކު މަޑުކޮށްލިއެވެ. އެއީ ރުޚްސާނާ ބަދިގެއިން ނުކުމެގެން އާދޭތޯ ބަލައިލުމުގެ ގޮތުންނެވެ. އެޔަށް ފަހު މަޑުމަޑުން ބޭރު ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ދޮރުދޮށަށް ގޮސް ޖީބުން ތަޅުދަނޑި ނަގައި އެތެރެއިން ދޮރު ތަޅުލައިފިއެވެ. އެޔަށް ފަހު ގޮސް ބޮޑު ކޮޓަރީގެ ދޮރުވެސް ތަޅުލައިފިއެވެ. އެއީ އަތްދަށުން ދެމިގެން ގޮސް އެތަނަށް ވަދެ ނޯވެވޭނެ ގޮތް ހަދަން ވެގެންނެވެ.

އެޔަށް ފަހު ކޮޓަރިއަށް ވަދެ ތިން ވަނަ ތަށި ބޯން ފަށައިފިއެވެ. އަދި އަނެއްކާވެސް ގޯޅިތެރެއަށް ނުކުމެއްޖެއެވެ. އޭނާއަށް ދެ ފިޔަވަޅެއް އެޅުނުތަނާ ރުޚްސާނާ އެ ދިމާއަށް އަންނަތަން ފެނިއްޖެއެވެ. ދެމީހުންނަށްވެސް ހުއްޓެވިއްޖެއެވެ. އެކަކު އަނެކަކާ ދިމާއަށް ބަލާފައި ހިނިތުންވެލެވުނެވެ. "ޖަމްޝީދުގެ އަޑެއް ނީވޭތާ ލައްކަ ގިނައިރު ވެއްޖެ. އެހެންވީމާ މިއައީ ކޮބައިތޯ ބަލައިލާންވެގެން."

ޖަމްޝީދު ހިނިތުންވަނީއެވެ. ލޮލުން ފެންނަނީ މަސްތުގެ އަސަރެވެ. "އަހަރެން މިހިރީ ރުޚްސާނާ ލަވަކިޔާ އަޑު އަހަން. ވަރަށް އަސަރުގަދަ އަޑެއް. އަހަރެން މަސްތުގައި ޖައްސައިފި."

ރުޚްސާނާ ހީނގެންފައި ބަދިގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ބަދިގޭ ދޮރުމަތީގައި ހުއްޓިފައި އެނބުރި ބަލައިލިއެވެ. އޭނާ ބަލަމުން ގެންދަނީ ޖަމްޝީދުގެ ކަސިޔާރުވަމުންދާ ފަޔަށެވެ. ރުޚްސާނާ ހިނިތުން ވެލުމަށްފަހު ބަދިގެތެރެއަށް ވަދެއްޖެއެވެ. ބަދިގެ ތެރެއަށް ވަދެވުމާއެކު އޭނާގެ ހިނިތުންވުން ފުހެވިއްޖެއެވެ. ބިރުގެންފައިވާ ނަޒަރަކުން މައްޗަށް ބަލާން ފަށައިފިއެވެ. އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ ބާދްޝާ ޖާނީގެ ކާލިއެޅުމެވެ.

އޭނާ ދޮރުން ބޯދީ ބޭރު ބަލައިލިއެވެ. ޖަމްޝީދު ފެންނާކަށް ނެތެވެ. ކޮޓަރީގައި އިނދެގެން ބޮނީ ކަމުގައި ވެދާނެއެވެ. އޭނާ އަވަސްއަވަހަށް ބޭރަށް ނުކުމެއްޖެއެވެ. ކޮޓަރިއަށް ވަދެ ދަބަހަށް ބޭނުންވާ ބައެއް ތަކެތި އަޅައިގެން ނުކުމެ ގެއިން ބޭރަށް ނުކުންނާން ދޮރުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. ބޮޑު ކޮޓަރީގެ ދޮރުވެސް ހުރީ ތަޅުލައިފައެވެ. ބޭރަށް ނުކުމެވޭނޭ ހުރިހައި މަގެއް އެހެރީ ބަންދު ކޮށްފައެވެ. އޭނާ ދަތްކުނޑި ވިކައިލިއެވެ. އަދި ދެ ކޮޓަރި ދޭތެރޭގައި އޮންނަ މަގާ ދިމާއަށް ބަލާން ފަށައިފިއެވެ.

އޭނާ ހުރީ ރުޅި އައިސް ރަތްވެފައެވެ. އަދި ވަރަށް ބޮޑަށް ބިރުވެސް ގެންފައެވެ. އެއީ ޝައިޠާނާ ވާނީ ޝައިޠާނާއަށްކަން އެނގޭތީއެވެ. ޖަމްޝީދު އޭނާގެ މައްޗަށް ގަދަވެގެންފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ ބާދްޝާ ޖާނީގެ ކުރިމައްޗަށް އަރާނީވެސް ކިހިނެއް ހެއްޔެވެ؟ ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އޭނާ ލަންޑަނަށް އައީ ބާދްޝާއަށް މަކަރު ހަދާފައެވެ. މިހާރު މި އުޅެނީ މަކަރުވެރިއެއްގެ އަތްދަށު ވާށެވެ. ރީތި އަންހެނަކަށް ހަށިފާރަވެރިޔަކާ ނުލައި ފިރިހެނުންގެ ދުނިޔޭގައި ސަލާމަތުން އުޅުމަކީ ނުކުރެވޭނޭ ކަމަކީ ހެއްޔެވެ؟ މި ހަގީގަތް އޭނާއަށް ވިސްނުނުއިރު މި އޮތީ ފުނޑުފުނޑުވެ ނެތިގެން ދިއުމުގެ ކޮޅުމަތި ފެނިފައެވެ.

ފުރަތަމަ ހިތަށް އެރީ ބޭރު ދޮރުގައި ތަޅައި ހަޅޭއް ލަވާށެވެ. އެކަމަކު އެހެން ހަދައިފިނަމަ މައްސަލަ ދާނީ ގާނޫނު ތަންފީޒުކުރާ މީހުންގެ އަތްމައްޗަށެވެ. މައްސަލަ ދިގުލައިގެން ހިނގައިދާނެއެވެ. ބީރަށްޓެހި ގައުމެކެވެ. އަތުގައި ހުރި ފައިސާކޮޅު ޚަރަދު ވެގެން ދާނީއެވެ. އޭނާ މަޑުމަޑުން ގޮސް އަނެއްކާވެސް ބަދިގެއަށް ވަދެއްޖެއެވެ. ތުރުތުރުއަޅާ އޮތް އަތަކުން އަތަށް ހެޔޮވަރު ވަޅިއެއް ނަގައިފިއެވެ.

އޭނާގެ ދަތްޕިލާ ޖެހޭން ފަށައިފިއެވެ. ދަތްދޮޅި ތުރުތުރުއަޅަނީއެވެ. ވަޅީގައި ހިފަހައްޓައިގެން ހުރި އަތްވެސް ތުރުތުރު އަޅަނީއެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެވަގުތު ސިކުނޑިން އޭނާ ހުއްޓުވައިފިއެވެ. "ތިޔަ ކުރަނީ ކީއްހެއްޔެވެ؟ ޝައިޠާނާ މަރާލައިފިއްޔާ މަރުގެ އަދަބު ލިބޭނެއެވެ. ޝައިޠާނާ ތިޔަ ވަޅި ފޭރިގެންފިއްޔާ އަބުރު ކަތިލެވޭނެއެވެ. ދެ ގޮތުންކުރެ ގޮތަކުން ސަލާމަތެއް ނެތެވެ. އޮތީ ގެއްލުމެވެ. ތިޔަ އައީ ސިފަ ރީތި ކުރާން ނޫން ހެއްޔެވެ؟ މިއަދަށްފަހު ހުންނާނީ ކޮން ސިފައެއްގައި ހެއްޔެވެ؟"

ވަޅި އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ. މިހާރު އޭނާއަށް އެންމެ ކައިރިން ފެންނަނީ ބާދްޝާ ޖާނީއެވެ. އޭނާ ވަނީ އަމަލުވެފައި ތިބޭ މީހުން މައިތިރި ކުރާން ދަސްކޮށްފައެވެ. އެކަމެއްގައި އުޅޭތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. ވެއްޓޭން ދާ މީހާ ވެއްޓުނަ ނުދީ އޭނާ ހިފަހައްޓައެވެ. މަގު އޮޅިގެން ދާ މީހާ ހަމަ މަގަށް އަޅުވައެވެ. ވާހަކަދައްކާމީހާ ހިމޭން ކުރުވައެވެ. ހޭލައި އޮންނަ މީހާ ނިންދަވައެވެ. މި ހުރިހައި ކަމަކީ އޭނާ ނުލާހިކު ފަރިތަ ކަންކަމެވެ.

އޭނާ ޖަމްޝީދު އޮތް ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. "ޖަމްޝީދު. އަހަރެން އަތުވެއްޖައިން."

ތިންވަނަ ތަށި ހުސްވެއްޖެއެވެ. ރުޚްސާނާގެ އަޑު އިވުނީ އޭނާ ތެދުވާން އުޅެނިކޮށެވެ. އަޑާއެކު އޭނާ އުފަލުން ފޮޅިއެްޖެއެވެ. "ވަދޭ ލޯބިގަނޑާ. ދޮރު ހުރީ ހުޅުވާފައޭ..."

"ފުރަތަމަ ދޮރު ހުޅުވަބަލަ." ރުޚްސާނާ ރުޅިވެރިކަން ފޮރުވަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

ޖަމްޝީދު ބުންޏެވެ. "އޭނ... ތަޅުލާފައިތަ ހުރީ؟ އަހައިވެސް ނުލައި އަމިއްލައަށް ތަޅުލެވެނީތަ؟ ކޮން ކަހަލަ ތަޅެއް؟"

އޭނާ ކާލިއަޅަމުން އައިސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހިނިތުންވޭވެ އެހެރީ ރުޚްސާނާއެވެ. ޖަމްޝީދު އަވަސްއަވަހަށް ހައެއްކަ ފަހަރު އެސްފިޔަ ޖަހައިލިއެވެ.

ރުޚްސާނާ ރުޅި ދައްކައިލާފައި ބުންޏެވެ. "ވަރަށް ގޯސް. ބޯ ވާހަކަ އިހަށް ނުބުނީ ކީއްވެގެން؟ އަހަރެން ރުޅި." އޭނާ އެތެރެއަށް ވަދެއްޖެއެވެ. "އަހަރެންގެ އަތުން ބޯން ކަމުނުދަނީތަ؟"

"އޭނ..؟" އޭނާގެ ސިކުނޑު އުދުހިގެން ދިޔަ ކަހަލައެވެ. "އަހަރެން ހީ... ހީކުރީ. ރުޚްސާނާ ބޯ މީހުން ދެކެ ސުޅި... ކުޅި... ފުޅި... ރުޅި އަންނަ ކަމަށް."

"ރުޅި ނާންނަކަން މިހާރު އެނގިއްޖެއެއްނު؟ އެކަމަކު އަހަރެން މިއީ އެއްވެސް މީހެއް ނޫނެއްނު؟ އަހަރެންގެ އަތަކުން ނުބޯނަމެއްނު؟"

ޖަމްޝީދު މޭގައި އަތުން ޖަހައިލިއެވެ. "އަހަރެން ރުޚްސާނާގެ އަތުން ކޮކަޑިވެސް ކައިފާނަން."

ރުޚްސާނާ މޭޒުދޮށަށް ގޮސް ތަށްޓަށް ރާ އަޅާން ފަށައިފިއެވެ. ޖަމްޝީދު ކުޑަކޮށް ކާލިއަޅާގޮތް ވެފައިމެ ސަމާލުވެލިއެވެ. "ރުޚްސާނާއަކީ އަހަރެންގެ މީހެއް ދޯ؟"

"އަހަރެން މިއީ ބޮއިގެންވެސް ކާލިނާޅާ މީހުންގެ މީހެއް."

"އަހަރެން މިހިރީ ސީދަލަށް. ކަށްޓެއްހެން. ތަށި ގެނޭ. ފެނެއްވެސް ނާޅަމެއްނު؟"

"ފިރިހެނުންނަކީ ފެން އަޅައިގެން ބޯ ބައެއް ނޫން. އަހަރެމެން ރަށު މީހާ ބޮނީ ސީދާ ފުޅީގައި ތުން ޖަހައިގެން."

ޖަމްޝީދު ލޯއަޅައިލިއެވެ. "ރަށު މީހާއަކީ ކާކު؟"

"ބޮއި. އަހަރެން ކިޔައިދޭނަން."

ޖަމްޝީދު ތަށި ނަގައިގެން އެތިފޮދެއް ބޮއިލިއެވެ. ދެވަނަ ކޯވަރު ބޮއިލާން ޖެހިލުން ވެއްޖެއެވެ. ސަބަބަކީ އެ ބޯ ބާވަތުގެ ތޫނުކަމެވެ. ފެނާ ނުލައި ބުއީމާ ހީވަނީ އެތެރެހަށްޓައް އަލިފާން އަޅާ ހެންނެވެ. އެކަމަކުވެސް ހިތްވަރު ކޮށްފައި ދެވަނަ ކޯވަރު ބޮއިލައިފިއެވެ. "އެއީ ކާކު؟"

"އެއީ ވަރަށް ގިނައިން ބޯ މީހެއް. އެއް ދުވަހަކު އަހަރެންގެ އަތުގައިވެސް ހިފި."

ޖަމްޝީދު މޭޒުމަތީގައި ވަރަށް ބާރަށް ތަށި ބަހައްޓައިފިއެވެ. "އަހަރެން އޭނާގެ އަތް ބިންދައިލާނަން."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.