(27 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އިތުރުލިޔުން G
ޢިއްޒަތާއި ޤަދަރު އުފުލިގެންވާ ރާނީގެ އަމުރުފުޅުގެ ދަށުގައިވާ، އިނގިރޭސި ވިލާތާ އަދި އުތުރު އަޔަލޭންޑްގެ ގުޅިފައިވާ ރަސްކަމުގެ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު ވެވުނު އެއްބަސްވުން
ޢިއްޒަތާއި ޤަދަރު އުފުލިގެންވާ ރާނީގެ އަމުރުފުޅުގެ ދަށުގައިވާ ، އިނގިރޭސި ވިލާތާއި އުތުރު އަޔަލޭންޑްގެ ސަރުކާރާއި ދިވެހި ސަރުކާރު.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރަދުންނާއި، ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރާނީގެ ފަރާތްޕުޅުން، ސިލޯނުގައި ހުންނަވާ ގަވަރނަރ އާ ދެމެދު، 16 އަދި 23 ޑިސެމްބަރ 1887 ގައި ބަދަލު ކުރެވުނު ސިޓީއަށް ރިޢާޔަތްކޮށް، ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރާނީގެ ފަރާތްޕުޅުން، ދިވެހިރާއްޖެ ޙިމާޔަތް ކޮށް ރައްކާތެރިކުރުމުގެ މައްޗަށް، އެއްބަސްވުމެއް އެކުލަވާލެވި، މިއެއްބަސްވުމަކީ، ދިވެހިރަދުންގެ ސަރުކާރާއި، އިނގިރޭސި ރަދުން ކިންގ ޖޯޖު 6 ގެ ސަރުކާރާ ދެމެދު، މާލޭގައި، 24 އެޕްރީލް 1948 ގައި ސޮއިކުރެވިފައިވާ އެއްބަސްވުން ދެމެހެއްޓުން ޝަރުތުކޮށް، ސޮއިކުރެވުނު އެއްބަސްވުމެއްކަމަށް ވެގެން ހިނގައްޖެއެވެ. އަދި ހަމައެފަދައިން، ދިވެހިރައްޔިތުން އެދުނު އެދުމުގެމަތިން، ޤާނޫނު އަސާސީ ބަދަލުކޮށް، ޤާނޫނީ ހަމަތަކުން، 1 ޖެނުއަރީ 1953 ގައި ޢަމަލުކުރާގޮތަށް، ދިވެހިރާއްޖެއަކީ، މިނިވަން ޖުމްހޫރިއްޔާއަކަށް ބަދަލުވުމުގެ އެއްބަސްވުންވެސް މެއެވެ. މިފަދައިން މިބަދަލުގެނެސް، ދިވެހިރާއްޖެ ޙިމާޔަތް ކުރުމަށް އައު އެއްބސްވުމެއް އެކުލަވައިލުމަށް ބޭނުން ޖެހިއްޖެ ހިނދު، ތިރީގައި ބަޔާން ކުރެވިގެންވާ ކަންތައްތަކަށް އެއްބަސް ވެއެވެ.
(1) އިނގިރޭސި ރާނީގެ ޙިމާޔަތާއި ރައްކާތެރިކަމުގެ ދަށުގައި ދިވެހިރާއްޖެ އޮތްއޮތުން ދެމިގެން ދާނެއެވެ. އަދި ދިވެހިރާއްޖެޔަށް ކުރިމަތިވެދާނެ ބޭރުގެ ޙަމަލާތަކުން، ރާއްޖެ ސަލާމަތްކޮށް، ރައްކާތެރިކުރުމަށްޓަކައި، މާތްވެގެންވާ އިނގިރޭސި ރާނީގެ ސަރުކާރުން، އެބައިމީހުންނަށް ލިބިގެންވާ ބާރުގެ ބޭނުން އޭގެ އެންމެ މަތީ ދަރަޖައިގާ އަބަދުވެސް ހިފާނެއެވެ.
(2) ދެ ސަރުކާރުގެ ދެމެދުގައި ވާހަކަ ދެކެވި ވަކިގޮތަކަށް ޢަމަލުކުރުމަށް، ނުނިންމާހާ ހިނދެއްގައި، ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގެ ގުޅުން ބަލަހައްޓައި ދަމަހައްޓާނީ، ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ މެދުވެރިކޮށެވެ.
(3) ދިވެހި ސަރުކާރާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ސަރުކާރުތަކާ ދެމެދު ހިންގާ އެންމެހައި ގުޅުންތައް ބަލަހައްޓާނީ ، ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ އެވެ. ނުވަތަ އިނގިރޭސި ސަރުކާރުގެ ލަފާގެމަތިންނެވެ. މިހާތަނަށް ޢަމަލުކުރެވެމުން އައި ގޮތަށް، އިނގިރޭސި ސަރުކާރުގެ މަޞްލަޙަތާއި ވާޖިބަށް ފުށުނާރާހާ ހިނދެއްގައި، ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދަށް ފަހިވާފަދަ މަޝްވަރާތައް، ދުނިޔޭގެއެހެނިހެން ޤައުމުތަކާއެކު ކުރުމަށް އިނގިރޭސި ސަރުކާރުން އެހީތެރިވެ ދޭނެއެވެ.
(4) އިނގިރޭސި ރާނީގެ ސަރުކާރުގެ ޢަޝްކަރީ ފައުޖެއް ޤާއިމު ކުރުމަށްޓަކައި، ދިވެހި ސަރުކާރާ މަޝްވަރާކޮށް، އެއްބަސްވެވޭ ގޮތެއްގެ މަތިން، ކޮމަންވެލްތުގެ އެހެނިހެން ޤައުމުތަކާއި ދިވެހިރާއްޖޭގެ ދިފާޢުގައި، ދިވެހިރާއްޖޭގައި ޢަޝްކަރީ ބާރެއް ޤާއިމްކުރުމުގެ ޙައްޤާއި ބާރު، އިނގިރޭސި ސަރުކާރަށް ލިބިގެން ވެއެވެ. އަދި މިކަމުގައި ދިވެހިރާއްޖެއިން، އިނގިރޭސި ވިލާތަށް އެހީތެރިވެ، ފުރިހަމަ އެއެބާރުލުން ދޭނެއެވެ.
(5) ދިވެހިރާއްޖޭގެ ދާޚިލީ ހިންގުމާބެހޭ އެއްވެސް ކަމަކާ ބެހުމުން، މީގެ ފަހުން، އިނގިރޭސި ވިލާތުން ދުރުހެލިވާނެއެވެ.
(6) މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުން، އިނގިރޭސި ރާނީގެ ސަރުކާރާއި ދިވެހި ރަދުންގެ ސަރުކާރާ ދެމެދު 24 އެޕްރީލް 1948 ގައި މާލޭގައި ސޮއިކުރެވުނު، މަތީގައި ބަޔާންކުރެވިފައިވާ އެއްބަސްވުން ބާތިލުވާނެއެވެ.
ތިރީގައި ބަޔާންކުރެވިފައިވާ ފަރާތްތަކަށް، ހުއްދަ އާއި އިޒުނަ ލިބިގެންވާ ގޮތުގެމަތިން، މިއެއްބަސްވުމުގައި ސޮއި ކުރަމެވެ. 1 ޖެނުއަރީ 1953 ގައި މީގެ ނަކަލެއްގައި މާލޭގައި ސޮއިކުރެވިފައި.
ޢިއްޒަތާއި ޤަދަރު އުފުލިގެންވާ ރާނީގެ އަމުރުފުޅުގެ ދަށުގައިވާ،
އިނގިރޭސި ވިލާތާ އަދި އުތުރު އަޔަލޭންޑްގެ ސަރުކާރުގެ ފަރާތުން .................
ދިވެހި ސަރުކާރުގެ ފަރާތުން ..................
އިތުރުލިޔުން H
އައު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އިނގިރޭސި ހައިކޮމިޝަނަރ ދެއްވި ޚިތާބު
މާލެ، ދިވެހިރާއްޖެ، 1 ޖެނުއަރީ 1953
ދިވެހިރާއްޖޭގެ ދިގު ތާރީޚުގައިވެސް، މިއީ ފާހަގަކޮށްލެވޭފަދަ ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގައި ހިނގަމުން އައި ރަސްކަން، ޖުމްހޫރީ ވެރިކަމެއް ހިންގުމަށްޓަކައި ޤާނޫނު އަސާސީ ބަދަލުކުރުމަށް ދިވެހި ރައްޔިތުން ބޭނުން ވެއްޖެއެވެ. އައު ޤާނޫނު އަސާސީ، މިއަދު ހެނދުނު އެ އިޢުލާން ކުރެވުނީއެވެ.
އަދި ޢިއްޒަތްތެރި ރައީސް އެވެ ! އާ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި ފުރިހަމަ ރަސްމިއްޔާތުގައި، މަނިއްޕުޅު މިއަދު ތި ހުވާކުރެއްވީއެވެ. މިއީ އިނގިރޭސި ވިލާތާއި އުތުރު އަޔަލޭންޑްގައި ހިނގާ، އިނގިރޭސި ރާނީގެ ސަރުކާރަށާއި މުޅި ދިވެހިރާއްޖެއަށް ވަރަށް މުހިންމު ދަނޑިވަޅެކެވެ. އަޅުގަނޑުމެން މިތިބީ ދިވެހިރާއްޖޭގެ ދާޚިލީ އެއްވެސް ކަމަކާ މީގެ ފަހުން ނުބެހުމަށް ޢަހުދު ކަށަވަރު ކޮށް، އެއްބަސް ވެގެންނެވެ. މިބަދަލަށް، ރާއްޖެ ބޭނުންވެފައިވާކަން، އިޚުލާޞްތެރި ޝަޢުޤުވެރިކަމަކާއެކު، އަޅުގަނޑުމެން ދެކެ، އެކަން ބަލައިގެންފީމުއެވެ. ދުނިޔޭގެ މިއަދުގެ މަޝްރަޙަށް ބަލައިލާއިރު، އެތައް ބަޔަކު މިނިވަންކަން ނެތި ތިބިކަން ފާހަގަ ކުރުމަކީ ބޭނުމެއް ނެތް ކަމެއް ނޫނެވެ.
އިނގިރޭސި ކޮމަންވެލްތުގެ ޤައުމުތަކާ ގާތްގުޅުމެއް އޮތް މިޖަޒީރާ ރަށްތަކުގެ އަހުލުވެރިންނަށް، އެމީހުން ބޭނުންވާ ގޮތަކަށް އެމީހުންގެ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން މިވަނީ ލިބިފައެވެ. އިނގިރޭސި ވިލާތުގެ އެހެނިހެން މަންދޫބުންނާއެކު، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް، މިއަދުގެ ހެނދުނުގެ ތާރީޚީ އަދި ހަނދާން ނައްތާލަން ދަތި އެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނުކަން އެއީ އަޅުގަނޑުމެންނަށް ލިބުނު ފަޚުރެކެވެ. މެންދުރު ފަހުގެ މިގަޑީގައި، އަޅުގަނޑުމެން އެއްވެ މިތިބީ، އިނގިރޭސި ރާނީގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއި ކުރެވޭ އައު އެއްބަސްވުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމަށެވެ.
ޢިއްޒަތްތެރި ރައީސްއެވެ ! އެ އެއްބަސްވުމުގައި އަޅުގަނޑާއި މަނިއްޕުޅު، ދާދި ދެންމެއަކު މި ސޮއި ކުރީއެވެ. މި އެއްބަސްވުމަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ގެނެވުނު ބަދަލެއްގެ ނަތީޖާ ކަމަށްވިޔަސް، ދެ ޤައުމުގެ ދެމެދުގައި އޮތް ދާއިމީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މަތިން ހަނދުމަކޮށްލުމަކީ ނެތްކަމެއްނޫނެވެ. މިގުޅުމަކީ، ކްއީން ވިކްޓޯރިއާގެ ރަނިކަމުގައި، ސިލޯނުގެ ގަވަރުނަރާއި، ދިވެހި ރަދުންގެ މެދުގައި ބަދަލުކުރެވުނު ސިޓީތަކުން ކަނޑައެޅި އުފެދިގެން އައިސް، އިނގިރޭސި ރަސްގެފާނު ޖޯޖު VI ގެ ރަސްކަމުގައި ޤަބޫލުކޮށް، އެރަދުންގެ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު 1948 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ މައްޗަށް ބިނާވެ، އުފެދިފައި އޮތް ޒަމާންވީ ގުޅުމެކެވެ. ކުރީގެ އެއްބަސްވުމެކޭ އެއްގޮތަށް، އިނގިރޭސި ރާނީގެ ސަރުކާރުގެ ރައްކާތެރިކަމާއި ޙިމާޔަތް، އައު އެއްބަސްވުމުގެ ދަށުންވެސް ދިވެހިރާއްޖެއަށް ލިބޭނެއެވެ. ދެ ސަރުކާރުގެ ދެމެދުގައިވާ ގުޅުން ހިންގާ ދެމެހެއްޓުމުގެ މަސްއޫލިއްޔަތު ބޮލުއެޅިފައިހުރި، އިނގިރޭސި ރާނީގެ ސަރުކާރުގެ މަންދޫބެއްގެ ގޮތުން، މިއައު އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުޞަތު ލިބުނުކަން އެއީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް ބޮޑު ފަޚުރެކެވެ. މީގެ އެއް އަހަރު ކުރިން، ސިލޯނުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނަރގެ މަސްއޫލިއްޔަތާ ޙަވާލުވުމާއެކު، މަނިއްޕުޅަށްވެސް ޤަބޫލުކުރެއްވޭނެ ފަދައިން، އަޅުގަނޑު، ދިވެހިރާއްޖޭގެ އެންމެހައި ކަންތައްތަކަށް ބެހެއްޓި ޝަޢުޤުވެރިކަން، މެދުނުކެނޑި އަޅުގަނޑުގެ ފަރާތުން އަބަދުވެސް ފެންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ތިޔަބޭފުޅުންގެ އެންމެހައި ކަންތައްތަކާއި، ޝަޢުޤުވެރިކަން ގާތުން ބަލައި، އަޅުގަނޑަށް ކޮށްދެވުނު ކޮންމެ ކަމެއް ކޮށްދީ އެހީތެރިވުމަކީ، އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެމެވެ.
މަނިއްޕުޅެވެ ! އަޅުގަނޑަކީ، މަނިއްޕުޅުގެ ރަޙުމަތްތެރިއަކަށް ވުމުގެ ފަޚުރު އަޅުގަނޑަށް ލިބިއްޖެއެވެ. އަދި މިވޭތުވެދިޔަ ދެދުވަހެއްގެ ތެރޭގައި، އިތުރު ރަޙުމަތްތެރިން އަޅުގަނޑަށް ލިބިއްޖެއެވެ. އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ، ތިޔަ އެންމެ ބޭފުޅުންވެސް އަޅުގަނޑަކީ، ރަޙުމަތްތެރިއެއްކަމުގައި ބައްލަވާނެ ކަމަށެވެ. އެރަޙުމަތްތެރިއާގެ އާރާއި ބާރު ލިބިގެންވާ ކަންކަމުގައި، އަދި ޙާލަތްތަކުގައި، ތިޔައެންމެ ބޭފުޅުންގެ މަޞްލަޙަތާއި ޝަޢުޤާމެދު އަބަދުވެސް ވިސްނާ، ހެޔޮ އެދޭ ރަޙުމަތްތެރިއެއްގެ ގޮތުގައެވެ.
މިގޮތުން މި ދަނޑިވަޅުގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށްލިބުނީތީ، ޚާއްޞަގޮތެއްގައި އެ ފުރުޞަތަށް މަރުޙަބާ ކިޔަމެވެ. ފަހަރެއްގައި، ނުފެންނަ ތަންތަނާއި ނުފެންނަ މީހުންގެ ވާހަކަ ދައްކައި، މީހުން ލިޔެ ހަދައި އުޅެފާނެއެވެ. އެއްވެސް ކަމެއް، ނުވަތަ ތަނެއް އަމިއްލަ ލޮލުން ފެނުމުން މެނުވީ، ޙަޤީޤީ މަންޒަރެއް ސިފަވެގެންނެއް ނުދާނެއެވެ. މިހާރުވެސް އަޅުގަނޑަށް މިރަށްރަށުގެ ބައެއް ތަންތަން ފެނިއްޖެއެވެ. އަދި އިތުރު ތަންތަން މާދަމާ ފެންނާނެއެވެ. ތިޔައެންމެ ބޭފުޅުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، މަސްއަލަތަކުގެ ފުރިހަމަ ސާފު މަޢުލޫމާތު އަޅުގަނޑުގެ ކިބައިގާ ހުންނަން ޖެހޭނެއެވެ.
މަނިއްޕުޅެވެ ! ދެން އަޅުގަނޑަށް އޮތީ، އިނގިރޭސި ސަރުކާރާއި ރައްޔިތުންގެ އުޚުއްވަތްތެރި ހެޔޮ އެދުމާއި، ރާއްޖޭގެ ކުރިއެރުމާއި ލާބައާއި މަންފާއަށް އެބައިމީހުންގެ ހިތުގެ އަޑިން ކުރާ ހެޔޮދުޢާ، މަނިއްޕުޅަށާއި މިތަނަށް ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިންނަށް އަރިސްކުރުމެވެ. މިއަދު ހެނދުނު އަޅުގަނޑު އަރިސްކުރި، އެކަމަނާގެ ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރާނީ ކްއީން އެލިޒަބަތު II ގެ މެސެޖުގައިވާ ފަދައިން، " މުސްތަޤްބަލުގައި ރަނގަޅު ހެޔޮ ނަޞީބާއި، ފަހި ވައިރޯޅިއާއި، ހަމަހިމޭން، ކަނޑުމަޑު ދުވަސްތަކަކަށް، އަޅުގަނޑުމެން އެދެމުއެވެ."
(ނުނިމޭ)