އެކުވެރިޔަކު އަޅުގަނޑަށް ފޯނުކޮށްފައި ދެއްކި ވާހަކައެއްގެ ތެރެއިން ސުވާލެއް ކޮށްލިއެވެ.
ކަލެއަށް އިންޑިއާ އެހައި ކަމުނުދަނީ ކީއްވެގެން ހެއްޔެވެ؟
އަޅުގަނޑު ވަރަށް ފޯރީގައި ކިޔައިދޭން ފަށައިފީމެވެ.
ވާހަކަ ދައްކާން ފެށިތަނާ އަޅުގަނޑުގެ ދަރިފުޅު އައިސް ކައިރީގައި އިށީނދެއްޖެއެވެ.
އެކަމަކުވެސް އަޅުގަނޑު ވާހަކަ ކުރިއަށް ގެންދިޔައީމެވެ.
ހަމައެއް ލަމައެއް ނެތް ތަނެކެވެ.
އެމީހަކު ކުރަން ބޭނުން ކޮންމެ ކަމެއް ކުރަންވީއެވެ.
ރޯމާ ދުވާލު މަގުމަތީގައި ބަދުއަޚްލާގީ އަމަލު ހިންގައެވެ.
އެންމެން ބަލަން ތިއްބާ މަގުމަތީގައި މީހަކު މަރައިލާކަށް އެކަކުވެސް ޖެހިލުމެއް ނުވެއެވެ.
އެންމެންނަށް ފެންނަ ފަށުގައި ތިބެގެން ފަތްބޮއެވެ.
ފުލުހުންވެސް މި މަންޒަރު ދެކެއެވެ.
އެކަމަކު އަޅައިލުމެއް ނެތެވެ.
ފުލުހަކު އޮޅިގެން އެއިން ކަމެއް ކުރާ މީހަކު ހައްޔަރުކޮށްފިއްޔާ ވާގޮތް އެނގޭ ހެއްޔެވެ؟
ކޮންމެވެސް ސިޔާސީ މީހަކު ގުޅައިފާނެއެވެ.
ސިކުންތެއް ނުވެ އެއްކަލަ މީހާ ހުންނާނީ އަނެއްކާވެސް މަގުމަތީގައެވެ.
އެހެންވީމާ ފުލުހުންވެސް ބޭކާރު މަސައްކަތް ކުރުން ހުއްޓާލައިފިއެވެ.
ވަޒީރުންނާއި ބޮޑުން ރޯމަރު ދޮގު ހަދަނީއެވެ.
އެ ދޮގު ފޮރުވަން ހަތްތަރި ދޮގު ހަދަނީއެވެ.
އެންމެ ފަހުން ވަން ވަލެއް ނުކުތް ވަލެއް ނޭނގި އޮޅި ގެއްލި ނިމެނީއެވެ.
ތުއްތު ކުދިން މަރަނީ އެއްވެސް ރަހުމެއް ނެތި ޖިންސީ ވަހުޝީ އަމަލުވެސް ހިންގައިފައެވެ.
ރަޖިސްޓަރީ ކުރުން މަނާވިޔަސް ކަސްބީ އަންހެނުންގެ ވިޔަފާރި ހިންގައެވެ.
ރިޝްވަތާއި ކޮރަޕްޝަން އެއީ އާދައިގެ ކަންކަމަށް ވެއްޖެއެވެ.
އެފަދަ ކަންތައް ކުރާ މީހުން ޝަރަފުވެރިންނަށް ވެއްޖެއެވެ.
ރައްޔިތުންގެ ބިރު ކެނޑިއްޖެއެވެ.
ސަރުކާރުގެ ހައިބަތު ގެއްލިއްޖެއެވެ.
އެކަމާ ދެކޮޅު ހަދާމީހުން ވެފައި ވަނީ ގައުމު ހަލާކު ކުރާ މީހުންނަށެވެ.
މަޖިލީހެއްވެސް އޮވެއެވެ.
އެތަނެކޭ ހައިވާނު ބަގީޗާއެކޭ އެއްވަރެވެ.
އެކަކަށްވެސް މި ކިޔެނީ ކީކޭކަންވެސް ރޭކައިލާހެންނެއް ހިއެއް ނުވެއެވެ.
މީސްމީހުންގެ އަބުރާ ބެހުމާއި ހުތުރުވެގެންވާހައި ވާހަކައެއް ދެއްކުން ހުއްދަ ތަނަކަށް އެތަން ވެއްޖެއެވެ.
އެއީ ފަތުގައި ނުލިޔުއްވާ ކަހަލަ ޚާއްސަ އިމްތިޔާޒެއް ލިބިފައި އޮންނަ ތަނެކެވެ.
އެތާނގައި ތިބޭ މެންބަރުން ނުބެހޭ އެއްވެސް ކަމެއް ނޯވެއެވެ.
މުޅި ގައުމުގެ ވެރިންނަކީ އެމީހުން ކަމުގައި ހެދިގެންފިއެވެ.
އަޅުގަނޑު ވާހަކަ ދެއްކީ ޖޯޝާއެކީގައެވެ.
ނޭވައެއް ލާން މަޑު ޖައްސައިލީ ވަގުތު ދަރިފުޅު އަހައިފިއެވެ.
ދިވެހިރާއްޖޭގެ ވާހަކަ ބައްޕަ މާވަރަކަށް ތިޔަ ކިޔައިދެނީ ކާކަށް ހެއްޔެވެ؟