ފަޅިމޫނު - 99

(18 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ލައްބަ. ވަރަށް ރަނގަޅަށް އެނގޭ. ވަކި ތަނެއްގައި އެކަނި އުޅެން އަޅުގަނޑު ބާރުއެޅި ސަބަބަކީވެސް ތިޔައީ. ވަޒީފާއެއް އަދާކޮށްގެން އަމިއްލަ ޚަރަދުބަރަދު އަމިއްލައަށް ކުރާނަމޭ ލިޔުނީވެސް އެހެން ވެގެން. ބައްޕަގެ ދަރިފުޅުގެ ހުށަހެޅުމަށް އަޅުގަނޑު އެއްބަސްވީ މި ހުރިހައި ކަމަކަށް ރުހުން ދިނީމާ. އޭނާ ބޭނުންވީ އަޅުގަނޑަށް އެހީތެރިވާން. އެއީ އަޅުގަނޑުގެ މޫނަށް ވެފައި މިހިރަ ގޮތްވީ އޭނާގެ ސަބަބުން ކަމުގައި ވާތީ. އެކަމަކު އެއީ އޭނާގެ ޖީބަށް ބާރުބޮޑުވާ ކަމަކަށް ވުމަކީ އަޅުގަނޑު ބޭނުންވާ ގޮތެއް ނޫން. އަޅުގަނޑު ބޭނުންވަނީ މަސައްކަތް އޭނާގެ ކަމަކަށް ވިޔަސް ޖީބަކީ އަޅުގަނޑުގެ ޖީބަށް ވާން."

"މާނައަކީ ދަރިފުޅު ބޭނުން ވަނީ ދެކުދިންގެ އެކުވެރި ކަމަކީ އާއްމު އުސޫލުގެ މަތީން މުޖުތަމައުގައި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ކަހަލަ އެކުވެރި ކަމަކަށް ވާން. ބޭނުން ވަނީ ހަމައެކަނި އަޚުލާގީ މަދަދެއް."

"ލައްބަ. އަޅުގަނޑު ބޭނުންވާ ގޮތަކީ ތިޔައީ."

ޖަމްޝީދު ސާމުޖީއާއި ތިން ތަށި ކޮފީ ތަބަކަކަށް ލައިގެން ހިފައިގެން އަތުވެއްޖެއެވެ. ކުރިމަތީގައި ހުރި ތިރި މޭޒުމަތީގައި ތަބައް ބަހައްޓަމުން އޭނާ ބުނެލިއެވެ. "ރުޚްސާނާ. މިގޭގައި ހުރީމާ ކެއުމާއި ހުރުމަށް ކުރާ ޚަރަދު މުޅިން ސަލާމަތް ކުރެވޭނެ."

"ޝުކުރިއްޔާ." ރުޚްސާނާ ބުންޏެވެ. "ޖަމްޝީދުގެ ހެޔޮކަން ވަރަށް ބޮޑު. އެހީތެރިކަންވެސް އެހައިމެ ބޮޑު. ޖަމްޝީދާއި ބައްޕަގެ މަސައްކަތުން އަހަރެންގެ މޫނު އަސްލު ސިފައަށް އެނބުރި ގެނެވޭނެކަން އަހަންނަށް ޔަގީން."

"އަހަރެމެން ތިޔަ މަސައްކަތް ހުއްޓާނުލައި ކުރާނަން. އެކަމަކު މިއަދު މެންދުރުފަހު އަހަރެން ފްރެންކްފަޓަށް ދާން އެބަޖެހޭ. އެނބުރި އަންނާނީ ތިން ދުވަސް ފަހުން. މި ގޭގައި ދަތި އެއްވެސް ކަމެއް ނޯންނާނެ. ޖަމްޝީދާ އެކީ ގޮސް ޑަކްޓަރަށް ދައްކާ. ދަރިފުޅު ފޮނުވި ފަންސާސް ފަސް ހާސް ރުފިޔާ ލިބުނު. މިތާނގެ ފައިސާއަށް ބަލާއިރު އެއީ ތިން ހާސް ޕައުންޑް. އެ ފައިސާ ބައްޕަ ދޭނަން."

ރުޚްސާނާ ކަންބޮޑުވެފައި އަހައިލިއެވެ. "އަޅުގަނޑު ހުންނާނީ ކޮންތާނކުތޯ؟"

ބާޤިރް ޢަލީ ކޮފީ ކޯވަރެއް ބޮއިލުމަށް ފަހު ބުންޏެވެ. "ދަރިފުޅަކީ އަންހެން ކުއްޖެއް. އެހެންވީމާ ހޮޓަލެއްގައިވެސް ދަނާލެއްގައި ހުންނާކަށް ކަމަކު ނުދާނެ. ބޭނުންވާ ބައެއް ސާމާނު ހިފައިގެން ޖަމްޝީދު ހޮޓަލަކަށް ހިނގައިދާނެ."

ރުޚްސާނާ ހައިރާންވިއެވެ. "އެހެން ހައްދަވަނީ ކީއްވެގެންތޯ؟ ޖަމްޝީދު އޭނާގެ އަމިއްލަ ގެ ދޫކޮށްލާފައި ގޮސް ޚަރަދު ކޮށްފައި ހޮޓަލެއްގައި ހުރުން އެއީ ކޮން ކަހަލަ ކަމެއްތޯ؟"

"ދަރިފުޅާ. ޖަމްޝީދުގެ ހޮޓަލުގެ ކުލި ދައްކާނީ ދަރިފުޅު. ފައިސާއިންނެއް ނޫން. ވަޒީފާއެއްގެ ގޮތުގައި. މި ގެ ބެލެހެއްޓުމާއި ކުނިކަހައި ސާފު ކުރުމާއި އަހަރެމެންނަށް ތިން އިރު ކައްކައި ކާން ދިނުމަކީ ދަރިފުޅުގެ ވަޒީފާ. ޖަމްޝީދު މި ގެއަށް އަންނާނީ ހަމައެކަނި ކާން. ދެން އިނީ ބައްޕަ. ބައްޕަ މި ހުންނަނީ އަންހެން ދަރިއެއްގެ ލޯބީގެ އިންތިޒާރުގައި. ދަރިފުޅަށް ބޭނުން ވަނީ ބެލެނިވެރިއެއް."

ރުޚްސާނާ ބުންޏެވެ. "ބައްޕަ ތިޔަ ދައްކަވަނީ އަޖައިބެއް ކަހަލަ ވާހަކައެއް. ދަނާލާއި ވަޒީފާގެ ތުރާލުން އަޅުގަނޑު ސަލާމަތް ކުރެވުމަށްޓަކައި ތިޔަ ކުރައްވާ ކަމަކީ ގޭތެރޭގެ ޒިންމާ ހަވާލު ކުރެއްވުން."

"ނޫނޭ ދަރިފުޅާ ރުޚްސާނާ. ގޭތެރޭގެ ޒިންމާ މި ހަވާލު ކުރަނީ ޒިންމާއެއްގެ ގޮތަކު ނޫން. އެކަހަލަ ގުޅުމެއް އުފައްދަނީއެއް ނޫން. ދަރިފުޅު މި ގޭގައި އުޅޭނީ ގެ ބަލަހައްޓާ މީހެއްގެ ގޮތުގައި. ނޯކިރީ ކުރާ މީހެއްގެ ގޮތުގައި. ދަރިފުޅަށް ލިބޭނީ ނޯކަރެއްގެ މުސާރަ. އެ މުސާރައިން މި ގޭގައި ހުރުމުގެ ޚަރަދާއި ކެއުމުގެ ޚަރަދު ހަމަޖައްސާ. ދަރިފުޅު ދައްކާ ކުލި ހޭދަކުރާނީ ޖަމްޝީދުގެ ހޮޓަލު ޚަރަދަށް."

"އެކަމަކު އަޅުގަނޑާހެދި ޖަމްޝީދަށް ތުރާވާނެއެއް ނޫންތޯ؟"

ޖަމްޝީދު ބުންޏެވެ. "އަހަރެންގެ ފިކުރު ނުކުރޭ. އަހަރެން މިއީ ފިރިހެނެއް. ކޮންމެ ތަނަކުވެސް އުޅެވިދާނެ. ރުޚްސާނާއަކީ އަންހެން ކުއްޖެއް. މިއީ ބީރަށްޓެހި ރަށެއް. ރަނގަޅު ވާނީ ބައްޕަޔާ އެކީ މިގޭގައި އިނިއްޔާ."

"އެކަމަކު..."

"އެކަމަކު މިކަމަކު ކިޔުން ހުއްޓާލާ. ބަހުސު ކުރާނެ ކަމެއް ނެތް. ރުޚްސާނާ ބޭނުންވީ އަހަންނާ ވަކިން އުޅެން. އެކަން ވެއްޖެ. ދެން ބޭނުންވީ އުޖޫރައަށް ކުރާނޭ މަސައްކަތެއް. މިގޭގެ ވަޒީފާ ލިބުނީމާ އެކަންވެސް އެ ހަމަޖެހުނީ. ދެން މާ ގިނަ ވާހަކަ ދައްކަން ފަށައިފިއްޔާ އަހަރެން ގާތަށް ރުޅި އަތުވެދާނެ."

ރުޚްސާނާ ހީނގަތެވެ. "ޖަމްޝީދު ރުޅި އައީމާ ކުރާ ކަމަކީ ކޮބައިތަ؟"

ޖަމްޝީދު ފިނި އާހެއް ލިއެވެ. "ރުޅި މަޑުކުރަން އަނބިމީހާ އާދޭތޯ އިންތިޒާރު ކުރަނީ. އޭނާ އަންނާނީ ކޮން އިރަކުން ކަމެއްވެސް ނޭނގޭ."

ރުޚްސާނާއާއި ބާޤިރް ޢާލީއާ ދެމީހުން އެކީގައި ބާރަށް ހީނގެންފިއެވެ.

މެންދުރު ކައި ނިމިގެން ޖަމްޝީދު އޭނާއަށް ބޭނުން ވާނޭ އަންނައުނާއި ބައެއް ސާމާނު ފޮށްޓަކަށް އަޅައި ނިންމައިފިއެވެ. އަދި ބައްޕަގެ ދަތުރުމަތީ ފޮށްޓާއި އޭނާގެ ފޮށްޓާ ގެންގޮސް ކާރަށް ލައިފިއެވެ. އެޔަށްފަހު ކާރަށް އަރައި އިށީނދެއްޖެއެވެ. އިރުކޮޅަކުން ރުޚްސާނާއާއި ބާޤިރާ ދެމީހުންވެސް އައިސް ކާރަށް އަރައިފިއެވެ.

އެންމެ ފުރަތަމަ ދިޔައީ އެއާޕޯޓަށެވެ. ބައްޕަ ފޭބީމާ ސާމާނު ބާލައިދީފިއެވެ. ބައްޕަ އެތެރެއަށް ވަނީމާ ރުޚްސާނާއާ ދެމީހުން ކާރާ ދިމާއަށް ހިނގައިގަންނަމުން ޖަމްޝީދު ބުންޏެވެ. "ވަރުބަލިވެ އަރާމު ކުރަން ބޭނުންވެފައި އިނިއްޔާ ރުޚްސާނާ ގެންގޮސް ގެއަށް ލައިދީފާނަން. މޫޑު ހުރިއްޔާ ލަންޑަން ބަލައިލާން ބުރެއްވެސް ޖަހައިލެވިދާނެ."

"އަހަރެންގެ މޫޑުގެ ވާހަކަ ނުދައްކާ. ވަޒީފާއަށް އިހުތިރާމް ކުރަން ވާނެ. ގޭތެރެ ފޮޅައި ސާފު ކުރުން އޮތީ. މިރެއަށް ކައްކަންވެސް ވާނެ. މިހާރު އަހަރެން މިއީ ޖަމްޝީދުގެ ގޭގެ ނޯކަރަކީމެއްނު."

"ނޯކަރެއް؟ ވަރަށް ރަނގަޅު. އެހެން ވެއްޖެއްޔާ އަހަރެންގެ ހުކުން އޮތް ގޮތެއް އަޑުއަހާ. އަހަރެން ގޮވައިގެން ލަންޑަން ބަލައިލާން ބުރެއް ޖާހާލައިދީ. އަހަންނާ އެކީގައި ރޭގަނޑު ކާން ރެސްޓޯރަންޓަކަށް ދާން ވާނެ. މި ހުކުމާ ދެކޮޅު ހަދައިފިއްޔާ ވަގުތުން ވަޒީފާއިން ވަކިކޮށްލާނަން."

ރުޚްސާނާ ހީނގެންފައި ގޮސް ކާރަށް އަރައިފިއެވެ. "ޖަމްޝީދު ތިޔައީ ވަރަށް އުފާވެރި މިޒާޖެއްގެ މީހެއް. އަހަރެންގެ ވަގުތުތައް އުފާވެރިކަމާއެކު ވޭތުކުރެވޭނެ."

ރުޚްސާނާގެ ތުންފަތްމައްޗަށް ވެރިވީ ހިނިތުންވުން ފަނޑު ވެގެން ހިނގައްޖެއެވެ. އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ބާދްޝާ ޖާނީއެވެ. ދަތުރު ފެށީއްސުރެ މިހައިތަނަށް އޭނާގެ ހަނދާނުގައި ހަރުލައިފައި ހުރީ ކާމްރާނެވެ. އެކަމަކު މިހާރު އޮތީ ބާދްޝާއެވެ. އޭނާގެ ހިތަށް އެރިއެވެ. ބާދްޝާ މިހާރު ހުރި ނަމަ ޖަމްޝީދާ އެކީގައި މި ގޮތަށް އުޅޭން ހުއްދަ ދޭނެ ބާވައެވެ؟

އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. އެ ވަގުތު ހިތަށް އެރިއެވެ. ޖަމްޝީދާ އެކީ ބުރުޖަހަން ދެކޮޅު ހަދާންވީއެވެ. އެކަމަކު ދެކޮޅު ހެދޭނީ ކިހައި ވަރަކަށް ހެއްޔެވެ؟ މި ރަށުގައި އުޅެން ޖެހޭނީ ކިހައި ދުވަހެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. އަހަންނަށް އެހީތެރިވެދިން މީހުންގެ އެދުމާ އެއްގޮތަށް ކުރެވެން އޮތް ހުރިހައި ކަމެއް އަމިއްލަ އަބުރާއި އިއްޒަތް ރައްކާތެރިކޮށްގެން ހުރެ ކުރާނީއެވެ. މި ދެބަފައިން އަހަންނަށް އެހީތެރިވާނީ އޭރުންނެވެ. އަތްތިލަބަޑި ޖެހޭނީ ދެ އަތުންނެވެ.

ކާރު ބާރު ދުވެލީގައި އޮވެގެން ލަންޑަނުގެ މަގުމަތީގައި ދުވެފައި ދެއެވެ. އިރުކޮޅެއްގެ ހިމޭން ކަމަށް ފަހު ޖަމްޝީދު އަހައިލިއެވެ. "ތިޔަ އުޅެނީ ލަންޑަނުގައިތަ؟ އެނބުރި ރަށަށް ދިޔައީތަ؟"

"އޭނ..." އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ޚިޔާލީ ދުނިޔޭގައި އަދިވެސް އެނބުރެނީ ބާދްޝާއެވެ. އޭނާ އަވަސް އަވަހަށް ހިނިތުންވެލިއެވެ. "ރަށް އޮންނަނީ އަހަރެންގެ ހިތުގައި. ކުޑަކޮށް އިސްދަށަށް ޖަހައިލާއިރަށް ފެންނާނެ."

"އިސްއުފުލައިލާފައި އަހަންނާ ދިމާއަށްވެސް ބަލައިލަބަލަ."

ރުޚްސާނާ އިސް އުފުލައި ޖަމްޝީދާ ދިމާއަށް ބަލައިލީމާ އޭނާ އުފާވެފައި ބުނެލިއެވެ. "ސާބަހޭ ކަނބުލޯ. ދުނިޔޭގެ ކޮންމެ ޑޮކްޓަރަކާ ސުވާލު ކުރިޔަސް ބުނާނެ ހުނުމަށްވުރެ މޮޅު ފަރުވާއެއް ނޯންނާނެއޭ. އެއީ މީހާގެ ބަލީގެ ދެބައިކުޅަ އެއްބައި ދުރުކޮށްލާ ކަމެއް. އަހަރެން މި ހަދަނީ ދޮގެއްތަ ޑޮކްޓަރ ރުޚްސާނާ؟"

"ތިޔައީ ތެދެއް. އެކަމަކު އަހަރެންގެ އެއްވެސް ބައްޔެއް ނެތް."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.