އިސްރާއީލުގެ އާ ސަރުކާރު ހުވައިކުރި ފަހުން ފަލަސްޠީނުގެ ސަރަހައްދުތަކަށް ދިން ފުރަތަމަ އަސްކަރީ ހަމަލާ ރޭގެ ވަގުތެއްގައި ދީފިއެވެ. އިސްރާއީލުގެ ވައިގެ ސިފައިންގެ މަތިންދާބޯޓުތަކުން ވަނީ ރޭގެ ވަގުތެއްގައި ޣައްޒާގެ އެކި ތަންތަނަށް ވައިގެ ހަމަލާތައް ދީފައެވެ.
ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ ސަރުކާރުން ބުނީ ޣައްޒާއަށް ހަމަލާ ދިނީ ޣައްޒާއިން އިސްރާއީލުގެ ތެރެއަށް 'އަލިފާން ފުއްޕާހަން" ފޮނުވާފައި ވާތީއެވެ.
ޣައްްޒާގައި ހުރި އެނަޑޯލޫ ނިއުސް އެޖެންސީގެ ނޫސްވެރިޔާ މައުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަަނީ ޚާންޔޫނުސް ކައިރީގައި އޮންނަ މަޢުން ސަރަހައްދުގައި ހުންނަ ޤައްސާމް ބްރިގޭޑްސްްގެ މަރުކަަޒަކަށް ހަމަލާދީފައެވެ. އަދި ޣައްޒާ ސިޓީގެ ދެކުނުން އޮންނަ ޙައްޔުއްޒައިތޫން އަވަށުގައި ހުންނަ ޤައްސާމް ބްރިގޭޑްސްގެ މަރުކަޒަކަށްވެސް ހަމަލާދީފައި ވެއެވެ.
ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ގެ ތަރުޖަމާނު ޙާޒިމް އަލްޤާސިމް ވިދާޅުވި ގޮތުގައި އިސްރާއީލުގެ މިއަމަލަކީ "އަހަރުމެންގެ ރައްޔިތުން ޤުދްސާއި އެކުގައި ތިބިކަން ހާމަކޮށް، ޤުދްސުގެ ދިފާއުގައި ތެދުވާތީ އެކަން ހުއްޓުވޭތޯ ކުރި ނާކާމިޔާބު މަސައްކަތެކެވެ.
ކަނާތު ފިޔައިގެ ހައްދު ފަހަނައަަޅާފައިވާ ޔަހޫދީން 'ދިދައިގެ ހިނގާލުންް' ގެ ނަމުގައި ހިނގާލުމެއް ބާއްވައި، އިރުމަތީ ޤުދްސަށް ވަދެގަނެ، މަސްޖިދުލް އަޤްޞާ ކައިރީގައި އޮންނަ ބާބުލް ޢާމޫދް މައިދާނުގައި ދިދަ ހިފައިގެން ނަަށައި ހެދަމުންދާތީ އެކަމާ ދެކޮޅަށް އިރުމަތީ ޤުދްސާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ގިނަ ބަަޔަކު ދަނީ އިހުތިޖާޖުކުރަމުންނެވެ.
ހައްދު ފަހަަނައަޅާފައިވާ ޔަހޫދީންގެ ހިނގާލުމަށް އިސްރާއީލު ސިފައިން ހިމާޔަތާއި ރައްކާތެރިކަން ދެމުން ދާއިރު، ސިފައިން ދަނީ އެކަމާ ދެކޮޅަށް އިހުތިޖާޖުކުރާ ފަލަސްޠީނު މީހުން އަނިޔާވެރިކަމާއެކު ހައްޔަރުކުރަމުންެެނެވެ. ފަލަސްޠީނު ދިދައެއް ހިފައިގެން ނުކުން އަންހެނަކުވެސް އިއްޔެ އިރުމަތީ ޤުދްސުން ހައްޔަރުކޮށްފައި ވެއެވެ.
މަސްޖިދުލް އަޤްޞާ ހުރުމަތް ކަނޑާލުމަށް ހައްދު ފަހަަނައަޅާފައިވާ ޔަހޫދީން ކުރާ މަސައްކަތް އިސްރާއީލު ސަރުކާރުން ނުުހުއްޓުވައިފިނަމަ، މަޑުން ނުތިބޭނެކަމުގެ އިންޒާރު ހަމާސްއިން ވަނީ ދީފައެވެ.
ބެންޖަމުން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އައިސް އިސްރާއީލުގައި އާ ސަރުކާރެއް ވެރިކަމާ ހަވާލުވިނަމަވެސް، ބޮޑުވަޒީރަކަށް ހުރީ ކަނާތުފިޔައިގެ ހަރުކަށި ޔަހޫދީއެއް ކަމަށްވާ ނަފްތާލީ ބެނެޓެވެ. އޭނާއަކީ ފަލަސްޠީނާ މެދު ނަތަންޔާހޫ ގެންގުޅުނު ސިޔާސަތުތައް ދަމަހައްޓާނެ މީހެކެވެ.