ޝާފިޔާގެ އެދުރު އަށި: ކޮވިޑް-19ގެ ކުއްލި ހާލަތާއި ދުރުން ކިޔަވައިދިނުން (ރިމޯޓް ޓީޗިން)

ކޮވިޑް-19ގެ ވަބާއާއެކު ދުނިޔޭގެ މުޅި ތަޢުލީމީ ނިޒާމަށް އައި ބަދަލުތަކަކީ އިންކާރު ކުރެވެން ނެތް ޙަޤީޤަތެކެވެ. މި ވަބާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަދަރުސީ ނިޒާމަށް ބޮޑު ހުއްޓުމެއް ގެނުވިއެވެ. މިއަދު އަލިއަޅުވާލަން ގަސްދުކޮށްފައި މިވަނީ ކޮވިޑް-19އިގެ ހާލަތާއެކު ދަރިވަރުންގެ އުނގެނުން ދުރުންދޭ ތަޢުލީމުގެ ތެރެއިން ރޭވުނުގޮތާއި އެއިން ޙާޞިލުވި ބައެއް ކަންކަމާ ބެހޭގޮތުންނެވެ. ޔުނެސްކޯއިން ހަމާކުރެއްވި 2020 ވަނަ އަހަރުގެ ރިޕޯޓެއްގައިވާ ގޮތުން 190 ގައުމެއްގައި، 1.9 ބިލިއަން ދަރިވަރުން، ކޮވިޑް-19ގެ ސަބަބުން ސްކޫލަށް ނުދެވި ގޭގައި ބަންދުވިއެވެ (ޔުނެސްކޯ، 2020). ދިގުލައިގެންގޮސް ސްކޫލު އަވަހަށް ހުޅުވިދާނެ ކަމުގެ އުއްމީދު ކުޑަވަމުން ދިޔަވަރަކަށް ތަޢުލީމީ ނިޒާމަށް ވެސް ނުތަނަވަސްކަމާއި ހާސްކަން އިތުރުވިއެވެ. ދުނިޔޭގެ ވަރަށް ގިނަގައުމުތަކުގައި ސްކޫލުތަކުގެ މުދައްރިސުންނަކީ މިފަދަ ކަމެއް ދިމާވެދާނެކަމުގެ ކުޑަ ނަމަވެސް ތަޞައްވުރެއް އަންދާޒާ ކޮށްލަން ވެސް ޚިޔާލަށް ނުގެންނަ މީހުންނެވެ. މިހާލަތުގައި ކަންކުރަންވީ ގޮތުގެ ހަމައެކަނި ހައްލެއް ކަމުގައި ބަލައިގަނެވުނީ ދުރުން ސުމޭކުކޮށް ތަޢުލީމު ފޯރުކޮށްދިނުމެވެ. ސްކޫލުތަކުގެ ކުލާސްރޫމުތަކުގައި އުނގެނެމުން ދިޔަ ދަރިވަރުން، ހަމައެކަނި އިސްކްރީނެއްގެ ތެރެއިން ބަލައިގެން އުނގެނުން ފަރުމާ ކުރަން ކުރަން ފެށުނީ ގިނަ ގައުމުތަކުގައި މަޖުބޫރީ ހާލަތެއްގައޭ ދެންނެވިޔަސް މުޅިއަކުން ދޮގަކަށް ނުވާނެއެވެ (ޚާލިފް، ޞަލްހާ، އަފޫނިހް، ރާޝިދު، އަލްޚިމިޝީ، 2020).

އާންމު ހާލަތުގައި ހުރިހާ އެންމެން ވެސް ތިބެނީ އެއްގޮތަކަށް ކަންކަން ކުރުމަށް އާދަވެ އެ ނޫން ގޮތަކަށް ކަންކުރެވިދާނެތޯ ޚިޔާލު ވެސް ކުރަން ބޭނުން ނުވާފަދައިންނެވެ. ނަމަވެސް ދަތިކަމެއް ދިމާވެ ކުރިން ކަންކުރިގޮތަށް ކަންތައްތައް ނުކުރެވެން ފެށުމުން އާ ގޮތްތަކެއް ހޯދަން މަޖުރޫބުރުވެއެވެ. މިފަދަ ހާލަތުގައި މީހުންގެ ވިސްނުން ބަދަލުވުން ނޫން އެހެން ގޮތެއް ނޯވެއެވެ. ބައެއް ދިރާސާވެރިން ފާހަގަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ކުރީކޮޅަކީ ގިނަ މުދައްރިސުންގެ ހަޔާތަށް އިންގިލާބެއް އައި ދުވަސްތަކެކެވެ (އަފޫނިހު، ސަލްހާ، އދި ޚާލިފް، 2020). ޑޫބެ (2020) ހާމަކުރައްވާ ގޮތުގައި ސްކޫލުތައް ބަންދުވެ ދަރިވަރުން ގޭގައި ތިބެން ޖެހުމުން ކިޔަވައދިނުމުގެ އާ ގޮތްތަކާއި އާއުކުޅުތައް، އާ ޚިޔާލުތައް އާ ވިސްނުންތަކަކަށް ދިޔުމަށް މަދަރުސީ ނިޒާމަށް މަޖުބޫރުވިއެވެ. ޚާއްޞަކޮށް ފާހަގަކުރެވެނީ ދުރުން ތަޢުލީމު ފޯރުކޮށްދިނުމުގެ ތެރެއިން މުދައްރިސުންނަށް ދަސްވި ކަންކަމަކީ ކުއްލި ނުރައްކަލާއެކު އެހެން ގޮތެއް ނެތިގެން ކަންކުރުމުގެ ތެރެއިން ދަސްވިކަންކަން ގޮތުގައެވެ (ބެންގް، ވާރޑްލް، ކޮއްލީ، 2020).

އިސްވެދިޔަ ދިރާސާތަކުން ހާމަވަނީ ކޮވިޑް-19ގެ ހާލަތާއެކު ދުނިޔޭގެ ގައުމުތަކުގެ މުދައްރިސުންވަނީ ޢިބުރަތްތެރި ފިލާވަޅުތަކެއް ހާޞިލުކޮށްފައިކަމެވެ. އަގުހުރި ހުނަރުތަކެއް ދަސްކޮށްފައިކަމެވެ. ކުރިން ނޭނގޭ އެތައް ބާވަތެއްގެ ކަންތައްތަކެއް ދެނެގަނެފައިކަމެވެ. ކޮވިޑް-19ގެ ދަތި ހާލަތުގައި ލިބެމުން ދިޔަ ވޭނާއި، ބުރަކަމާއި، ތަދުމަޑުކަމާއި، އުދަނގޫ ކަންކަމާއެކު ވެސް ކިޔަވައިދިނުމުގެ ގިނަ ހުނަރުތަކާއި އާ އުކުޅުތަކާއި، ގޮތްތައް މުދައްރިސުން މިއަދު ވަނީ ދަސްކޮށްފައެވެ (ކޮނިންގ، ޔެގަރ ބެއިލާ، ގްލުޝް، 2020). އަޅުގަނޑުމެން ގައުމުގައިވެސް މުދައްރިސުންގެ މަސައްކަތާމެދު ވިސްނާލުމުން ވެސް ފެންނަން އޮތީ އުފާވާ ޙަޤީޤަތްތަކެކެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19ގެ ހާލަތުން ޙާޞިލުވެފައިވާ ފައިދާތައް ޢިލުމީ ނުވަތަ ދިރާސީ ވިސްނުމަކުން ނަތީޖާ ދެއްކިފައި ނެތް ނަމަވެސް ފެންނަމުންދާ މަންޒަރުތަކާއި އިވޭ ޚަބަރުތަކުން އަޅުގަނޑުމެންގެ މުދައްރިސުން ވެސް ކުރިއަރާފައި ވާނެ މިންވަރު އަންދާޒާ ކޮށްލެވެއެވެ. ކޮވިޑް-19 ވަބާއަކީ  ދަތި ކަންތައްތަކެއް މެދުވެރި ކުރުވި ކަމެއް ނަމަވެސް އެކަމުން އަރައިގަތުމަށް ކުރަމުން ދިޔަ ގިނަ ގުނަ މަސައްކަތްތަކުގެ ތެރެއިން އުފާކުރުން ޙައްޤު ފާހަގަކުރުން މުހިންމު ކަންތައްތަކެއްވާކަމެވެ. މިގޮތުން ޓެކޮނޮލޮޖީއާ މެދު މާ ބޮޑު ޝައުޤުވެރިކަމެއް ނެތް އަދި އެތަކެއްޗާއި ރައްޓެހިކަމެއް، ދެކެފަރިތަކަމެއް އަމުދުން ނެތް އެތައް މުދައްރިސުންނެއް ކިޔަވާދިނުމަށް އެތަކެތި ބޭނުންކުރަން ފަރިތަކޮށްފިއެވެ. ޚާލިފް، ޞަލްހާ، އަފޫނިހް، ރާޝިދު، އަލްޚިމިޝީ (2020) ހާމަކުރައްވާ ގޮތުގައި އަފުޣާނިސްތާނު، ލީބިޔާ، ފަލަސްތީނު ފަދަ ގައުމުތަކުގައި އެމީހުންގެ އާންމު ހާލަތުގައި ހުރި ދަތިތަކާއި އެކު ވެސް ދަރިވަރުންގެ ތަޢުލީމަށް ހެޔޮ ބަދަލުތައް ކޮވިޑް-19ގެ  ހާލަތުގައި އައިސްފައިވެއެވެ. މިކަން ތަފުސީލުކުރައްވަމުން މި ޢިލުމުވެރިން ފާހަގަކުރައްވާފައިވަނީ ކޮވިޑް-19ގެ ނުރައްކައުތެރި ހާލަތުގައި ސްކޫލުތައް ބަންދުވުމުން އެތަންތަނުގެ ގިނަ މުދައްރިސުން ޑިޖިޓަލް ޓެކޮނޮލޮޖީއަށް (ސުމޭކު ފަންނިއްޔާތަށް) ފަރިތަވުމާއި، ޑިޖިޓަލްކޮށް ދަރިވަރުންނަށް ކިޔަން ބޭނުންވާ ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކުރުމާއި، އަދި ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން ދުވަހަކު ވެސް ބަދަހިނުވާ މިންވަރަށް ގާތްވުމާއި، ދަރިންގެ ކިޔެވުމުގެ ކަންކަން މުދައްރިސުންނާއި ބެލެނިވެރިން އެއްވަރަކަށް ހިއްސާވެގެން ކުރިޔަށް ގެންދިޔުންފަދަ ކަންކަމަކީ އާންމު ހާލަތުގައި ވެސް ފާހަގަ ނުކުރެވޭ މިންވަރަށް ކުރިއަރާފައިވާ ކަންކަމެވެ (ޚާލިފް، ޞަލްހާ، އަފޫނިހް، ރާޝިދު، އަލްޚިމިޝީ، 2020). މި ހޯދުންތަކާ މެދު ވިސްނާލާއިރު ހާމަވާން އޮތް ޙަޤީޤަތަކީ، ބައެއް ހާލަތުގައި ދަތިކަމުން އަރަގަންނެވޭނެ ގޮތްތައް އިންސާނުން ހޯދައި، އެއީ އެ މީހުންގެ ކުރިންއެރުންތަކެއް ކަމުގައިވެދާނެ ކަމެވެ. މި ކަންކަމުން ލިބުނު ޢިބުރަތްތެރި ފިލާވަޅުތަކުގެ ތެރޭގައި މުދައްރިސުން ތަމުރީނުކުރުން ފަދަ ކަންކަމަށް ވެސް ގެންނަން ޖެހޭ ބަދަލުތައް މި ޢިލުމުވެރިން ހާމަކުރައްވާފައިވެއެވެ.

މިގޮތުން ބައެއް ދިރާސާވެރިން ފާހަގަކުރައްވަނީ ކޮވިޑް-19ގެ ހާލަތާއެކު ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި މުދައްރިސުން ތަމުރީނު ކުރާ ޕްރޮގްރާމުތަކުގައި ނުރައްކައު ހާލަތުގައި ވެސް ތަޢުލީމީ ނިޒާމު ކުރިޔަށް ގެންދިޔުމާއި ދުރުންދޭ ތަޢުލީމު ފޯރުކޮށްދިނުމަށް ބޭނުންވާ އުކުޅުތަކާއި ގޮތްތައް ހިމަނަން ޖެހޭކަން ކަށަވަރުވެއްޖެކަމަށެވެ (ކޮނިންގ، ޔެގަރ ބެއިލާ، ގްލުޝް، 2020). ޖަރުމަނުގައި ހަދާފައިވާ މި ދިރާސާގައި ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ މުދައްރިސުންގެ ޓެކްނޮލޮޖީ ހުނަރުވެރިކަން ކުރިއަރައި، އޭގެ ތަފާތު ވަސީލަތްތައް ބޭނުންކުރުމުގެ ގޮތްތަކަށް އަހުލުވެރިވެފައިވީ ނަމަވެސް، ކިޔަވައިދިނުމުގެ ވައްޓަފާޅީގައި އެ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން އެންމެ ރަގަޅަށް ތަންފީޒުކުރުމުގެ ހުނަރުތައް އަދިވެސް ބޭނުންވާ ކަމުގައެވެ.

މީގެ އިތުރުން ބައެއް ޢިލުމުވެރިން ލިޔުއްވާ ގޮތުގައި ސީދާ ކުލާސްރޫމެއްގައި ދަރިވަރުންނަށް ކިޔަވައިދިނުމާއި ދުރުންދޭ ތަޢުލީމު ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ބަދަލެއް އަންނަ ކަމަށް ފާހަގަކުރެވެނީ މުދައްރިސުންގެ ރޯލުގައެވެ. މިގޮތުން ޔުނެސްކޯ (2020)ގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ އެންމެ މުހިންމު ކަންކަމަކީ ދަރިވަރުންނަށް ރަނގަޅަށް ފީޑްބެކް ދިނުމާއި، ދަރިވަރުންގެ ބެލެނިވެރިންނާއެކު މެދުކެނޑުމެއްނެތި މުވާޞަލާތުކުރުމާއި، ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ވަޒަންކުރަމުން ބަދަލުތައް ގެންނަމުން، އަދި ގާތުން ބަލައި މޮނިޓަރ ކުރަމުންދިޔުން ފަދަ ކަންކަމެވެ. އަދި ޚާއްޞަކޮށް މިރިޕޯޓްގައި ފާހަގަކޮށްފައިވާ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަކީ ދަރިވަރުންނާއެކު ދުޅަހޮޔޮ ގާތް ގުޅުމެއް ގާއިމުކުރުމާއި، ދަރިވަރުންގެ ނަފުސާނީ ދުޅަހެޔޮކަމާއި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް ސަމާލުވުމެވެ. އަޅުގަނޑުގެ އުންމީދަކީ މިދެންނެވުނު ކަންކަމަށް ވެސް ރިޢާޔަތްކުރައްވައި، މިހާރު ވެސް މުދައްރިސުން ކުރައްވަމުން ތިޔަ ގެންދަވާ މިންނެތް މަސައްކަތްތަކުގައި އިތުރު ހުނަރުތައް ދަސްކުރައްވަމުން އާ ގޮތްތައް ހޯއްދަވަމުން ކުރިޔަށްވަޑައިގަތުމެވެ. އަދި އަޅުގަނޑުމެންނަކީ، ކޮވިޑް-19ގެ މި ނުރައްކާތެރި ވަބާގެ ހާލަތާ އެކު ވެސް ދަރިވަރުންނަށް އުނގަންނާދިނުމުގެ މަސައްކަތާ ގުޅޭ އުފާވެރި ހަދާންތަކެއް އެއްކުރެވޭ ބަޔަކަށް ވުމެވެ.


ހަވާލާދޭ ލިޔުންތައް

Affouneh, S., Salha, S., & Khlaif, Z. N. (2020). Designing quality e-learning environments for emergency remote teaching in coronavirus crisis. Interdisciplinary Journal of Virtual Learning in Medical Sciences, 11(2), 1–3. 

Dube, B. (2020). Rural online learning in the context of COVID 19 in South Africa: Evoking an inclusive education approach. Multidisciplinary Journal of Educational Research, 10(2), 1–24. 

Khlaif, Z. N., Salha, S., Affouneh, S., Rashed, H., & ElKimishy, L. A. (2020). The Covid-19 epidemic: teachers’ responses to school closure in developing countries. Technology, Pedagogy and Education, 1-15.

König, J., Jäger-Biela, D. J., & Glutsch, N. (2020). Adapting to online teaching during COVID-19 school closure: teacher education and teacher competence effects among early career teachers in Germany. European Journal of Teacher Education, 43(4), 608-622.

UNESCO, U. (2020). What Have We Learnt?: Overview of Findings from a Survey of Ministries of Education on National Responses to COVID-19.

 

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.