މިއަދުގެ މައުޟޫޢު ފަށަން މިގަސްދުކުރަނީ ކުރުކުރު ވާހަކަކޮޅަކުންނެވެ. އާންމުކޮށް ކުލާސްރޫމަކުން ފެނިދާނެ ފަދަ މަންޒަރުތަކެއް ސިފަކޮށްލާނަމެވެ.
ޝާއިންއަކީ ހިސާބަށް މޮޅުކުއްޖެކެވެ. ނަމަވެސް މިއަދު މުދައްރިސް ކުލާހުގައި މަސައްކަތު ކަރުދާސްތައް ބަހާލުމުން ޝާއިން އެހެން ދުވަސްތަކާއި ޚިލާފަށް ހިތްހަމަނުޖެހި ރުޅި އައި ތަން ފެނުނެވެ. އަދި ނުތަނަވަސް ކަމާއެކު ކަރުދާސް ވީދާލުމަށްފަހު ކުލާހުގެ އެކި ތަންތަނަށް އުކާލި މަންޒަރު ވެސް ފެނުނެވެ. ކޮންމެއަކަސް ޝާއިންގެ މި ޢަމަލާ މެދު މުދައްރިސު ހުރީ ހިތްހަމަނުޖެހި ހަދާނެ ގޮތް ބޮޑުވެފައެވެ. ވަރަށް ނަސޭހަތްދީ ހެދުމަށްފަހު، އެދުވަހުގެ ކަންތައް އެހިސާބުން ނިމިއްޖެއެވެ. މިކަން އެކި ދުވަސް މަތިން ތަކުރާރުވާން ފެށުމުން ނަންނޯޓްކޮށް ޕްރިންސިޕަލްގެ އަރިހަށް ވެސް ގެންދެވުނެވެ. އެހެނަސް މިކަމަކަށް އެހާ ބޮޑު ހައްލެއް ނައެވެ. ހިސާބުގެ މަސައްކަތްތަކުގައި ގިނަ ލިޔުންތަކާ އެކު، މައްސަލަ ޙައްލުކުރަން ދިނުމުން އަބަދުވެސް ޝާއިންގެ ހާލަތު ގޯސްވާކަން މުދައްރިސަށް ރަނގަޅަށް އޮބްޒަރވު ކުރެވުނެވެ. ނަމަވެސް މި ކަމާ ގުޅޭ އެހާ ގިނަ ހެކިތަކެއް ފެންނާކަށް ނެތެވެ. އެއްސަބަބަކީ ވަކި ކަމަކާ ގުޅިގެން ޝާއިން ހިތްހަމަ ނުޖެހެނީތޯ މުދައްރިސަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެވިފައި ނެތީއެވެ.
ދިވެހިރާއްޖޭގައި އާންމުކޮށް މިފަދަ ކަމެއް ދިމާވެއްޖެނަމަ މުދައްރިސު ކަންކުރާނެ ގޮތެއް ކަމަށް ޤަބޫލުކުރެވެނީ، ދަރިވަރަށް ނަސޭހަތްދީ ވާހަކަ ދައްކައި އަދި ދެން ވެސް ކުއްޖާއަށް ދެވިދާނެ ތަރުހީބު ނުވަތަ ކަމަކުން މަހުރޫމުކޮށްގެން އަދަބެއް ދިނުން ފަދަ ކަންކަމެވެ. ފަހަރުގައި ޝާއިންއަށް ދިމާވެގެން އުޅޭ ކަންތައް ޙައްލުކުރުމުގައި އެންމެ ރަނގަޅު ފިޔަވަޅަކީ އެއީ ނޫންކަމަށް ވެސް ވެދާނެއެވެ. ބައެއްފަހަރު މުދައްރިސު މިގޮތަށް ދޭ ތަރުހީބަކުން ނުވަތަ އަދަބަކުން އެ ދުވަހެއްގެ އެކަން ހަމަޖައްސާލެވިދާނެއެވެ. ނަމަވެސް އެންމެ އެދެވޭ ހައްލު ގެނުވުނުތޯ އެއީ ކޮށްލުން ރަނގަޅު ސުވާލެކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ ޙަޤީޤީ މައްސަލަ މުދައްރިސަށް ފާހަގަ ކުރެވިއްޖެ ބާވައެވެ. މިތާނގައި މި އިޝާރާތްކޮށްލަނީ ދަރިވަރުގެ ފުށުން ފެންނަ ކޮންމެ ނޭދެވޭ ޢަމަލެއްގެ ފަހަތުގައި ކޮންމެވެސް އެހެން ސަބަބުތަކެއް ވާނެއެވެ. އެ ސަބަބުތައް ދެނެގަތުމަށް އަޅުގަނޑުމެންގެ މުދައްރިސުންނަށް ކުރެވޭ މަސައްކަތަށް ވުރެ ދަރިވަރުގެ ފުށުން ފެނުނު ސުލޫކު ރަނގަޅުކުރުމަށް ފިޔަވަޅުތައް އަޅާ ތަން އާންމުކޮށް ފެނެއެވެ. މިއަދު މައިނގަޑު މައުޟޫޢު ގުޅެނީ މިދެންނެވި ފަދަ ސުލޫކުގެ މައިގަނޑު ސަބަބު ވަޒަންކޮށް ދެނެގަތުމުގެ މުހިންމު ކަމާ ބެހޭ ގޮތުންނެވެ. ދަރިވަރުންގެ ފުށުން ފެންނަ މިފަދަ ކޮންމެ ސުލޫކު މައިނގަޑު މައްސަލަތައް ދެނެގަނެ ވަޒަންކުރުމަށް ބޭނުންކުރާ މަފުހޫމަކީ ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓް (އެފްބީއޭ) އެވެ. ދިވެހިބަހުން މި މަފުހޫމަށް ވަކި ނަމެއް ކިއިފައިވާ އެއްވެސް ލިޔުމެއް އަޅުގަނޑަށް ފެނިފައެއް ނުވެއެވެ. އަދި އަޅުގަނޑުގެ އެއްވެސް ލިޔުމެއްގައި ވެސް މީގެ ކުރިން މި މަފުހޫމާ ގުޅޭ ގޮތުން ލިޔެވިފައެއް ނެތެވެ. މިއަދު މިމައުޟޫޢާ ގުޅޭ ގޮތުން ލިޔެލުމަށް ވިސްނާލުމުން ފުރަތަމަ ޚިޔާލަށް އައީ ދިވެހި ބަހުން މިއަށް ކިޔާނީ ކީކޭބާއެވެ. އަޅުގަނޑު މިހެން ލިޔާ ލިޔުންތަކުގައި ހުންނަ އިނގިރޭސި މަފުހޫމުތަކަށް ދިވެހިބަހުން ކޮންމެސް ވަރަކަށް ގުޅޭ ނަމެއް ދެވޭތޯ އަބަދުވެސް ޚިޔާލު ކުރަމެވެ. މިގޮތުން އަޅުގަނޑުގެ ވިސްނުމުން މި މަފުހޫމު މާނަކޮށްލާއިރު ބޭނުންކުރެވިދާނެ އެންމެ އެދެވޭ މާނައަކީ ވަކި ބާވަތެއްގެ ސުލޫކެއްގެ ސަބަބު ދެނެގަނެ ވަޒަންކުރުމެވެ. މި ގޮތަށް މާނަކުރުމުގެ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އެއްކަމަކީ ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓަކީ ކަމެއް ފެނުމަށްފަހު އެކަން މެދުވެރިވީ ކީއްވެތޯ ނުވަތަ އޭގެ ފަހަތުގައި ވަނީ ކޮން ސަބަބުތަކެއްތޯ ހޯދައި ވަޒަންކުރުމެވެ. އާންމުކޮށް އެފްބީއޭ ހަދާނީ ނޭދެވޭ ސުލޫކެއް ނުވަތަ އާދަޔާ ޚިލާފު ކަމެއް ދަރިވަރެއްގެ ފަރާތުން ފެންނަ ނަމައެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފްބީއޭއަކީ ސުލޫކީ ހުރިހާ މައްސަލަތަކެއްގައި ވެސް ނޯޓްކޮށް، އޮބްޒާރުވްކޮށް، ހެއްކާއި ޤަރީނާގެ މައްޗަށް ބިނާކޮށްގެން ނިންމޭ ނިންމުންތަކެކެވެ. ނަމަވެސް މި މަފުހޫމުގެ ބޭނުން އެންމެ ބޮޑަށް ކުރެވެން ފެށުނީ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް އެކުދިންނަށް ބޭނުންވާ ޚާއްޞަ ނީޑަކާ(ބޭނުން) މެދު ގޮތްތަކެއް ނިންމުމަށް އިންޑިވިޑުއަލް އެޑިޔުކޭޝަނަލް ޕްލޭންގެ (އައީޕީ) ތެރޭގައި ހިމެނޭ މުހިންމު ހަރުފަތެއްގެ ގޮތުގައެވެ. ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓާ ގުޅޭ ގޮތުން ލިޔުއްވާ ޢިލުމުވެރިން މިކަމަށް ދެއްވާ ކުރު ތަޢާރަފަކީ ދަރިވަރުންގެ ފުށުން ފެންނަ ކޮންމެ ކަމެއްގެ ވެސް ފަހަތުގައި ކުއްޖާގެ މަގުސަދެއް އޮންނާނެއެވެ. މިސާލަކަށް ޝާއިންގެ ވާހަކަކޮޅަށް ވިސްނާލާއިރު، އޭނާއާ އެ ހަވާލު ކުރާ މަސައްކަތް ކުރަން ބޭނުން ނުވާކަން ވަރަށް ސާފުކޮށް ދޭހަވެއެވެ. ނުވަތަ އެކަމުން އޭނާއަށް އުދަނގޫތަކެއް ނުތަނަވަސް ކަމެއް މެދުވެރިވާކަން ހާމަކޮށް ފެންނަން އެބައޮތެވެ. ނަމަވެސް އެމަސައްކަތް ކުރަން ބޭނުން ނުވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. މިސާލަކަށް އެ ބާވަތުގެ މަސައްކަތް ހަވާލުކުރާ ކޮންމެ ދުވަހަކުމެ އޭނާއަށް އެކަމުން އުނދަގޫ ވާކަން އޮބްޒާރވުކޮށް ހެކި(އެވިޑެންސް) އެއްކުރެވޭނަމަ އެއީ ކީއްވެގެން ދިމާވާ ކަމެއްކަން ފެންނާނެއެވެ. ފަހަރުގައި ހިސާބުގެ ކޮންސެޕްޓް ދެނެގަތުމުގައި ޝާއިންއަށް އުދަނގުލެއް ނެތަސް ކިޔުމުގައި ނުވަތަ ގިނަ ކިޔުންތައް ކިޔުމަށް ފަސޭހަ ނޫންކަމަށް ވެދާނެއެވެ. އެހެންވެއްޖެނަމަ، ކިޔުމުގެ ހުނަރު ކުރިއަރުވަން އޭނާއަށް ޚާއްޞަ އެހީތެރިކަމެއް ދޭން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މި ކަމުގައި ހީވާ ހީވުމަކަށް ބަލާފައި ނިންމުމަށްވުރެ ސީދާ އެކަމާ ބެހޭގޮތުން ދިރާސީ ހެކި ނުވަތަ އޮބްޒާރވްކޮށް ބެލުމަށްފަހު ވަޒަންކުރެވި ގޮތް ނިންމުން މުހިންމެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓް ހަދާ ޚާއްޞަ ޓީމު/ބައެއް ސްކޫލުތަކުގައި ކަނޑައެޅިފައި ތިބެއެވެ. މި ޓީމުގައި ތިބޭ މީހުންގެ ތެރޭގައި މުދައްރިސުން (ޚާއްޞައެހީގެ މުދައްރިސުން އަދި އާންމު ނުވަތަ ޚާއްޞައެހީ ބޭނުން ނުވާ ދަރިވަރުންގެ މުދައްރިސުން) ހިމެނެއެވެ. އެމީހުންގެ އިތުރުން، ސްކޫލުގެ އިދާރީ ކަންކަން ބަލަހައްޓާ ޓީމުގެ މީހުން ވެސް ހިމެނޭނެއެވެ. ކައުންސެލަރުން އަދި އެހެންވެސް ދާއިރާތަކަށް ޚާއްޞަ އެކިއެކި ޢިލުމުވެރިން ތިބޭނެއެވެ. މިސާލަކަށް ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް އެހީތެރިވެދޭ ޚާއްޞަ މީހުން، ކައުންސެލަރުން، ސައިކޮލޮޖިސްޓުން، އަދި މިނޫނަސް، އެކި ދާއިރާތަކުގެ މީހުން ހިމެނެއއެވެ. މިދެންނެވި މީހުންގެ އިތުރުން ކުއްޖާގެ މައިންބަފައިން/ބެލެނިވެރިން ވެސް މިކަމުގައި ބައިވެރިވާނެއެވެ. މި މީހުންގެ މައިގަނޑު ރޯލަކީ ސުލޫކީ ނުވަތަ އާދަޔާ ޚިލާފު މައްސަލަ ދިމާވާ ކުދިން އޮބްޒާރވްކޮށް ވާހަކަ ދައްކައި، ތަފާތު ކަންކަން ދިމާވާ ސަބަބުތައް ދެނެގަނެ ރިކޯޑް ބެލެހެއްޓުމެވެ. މި ރިކޯޑްތަކުގެ އެނަލިސިސް ހެދުމަށްފަހު/ތަހުލީލުކުރުމަށްފަހު ގޮތްތަކެއް ނިންމައި، ދަރިވަރުންގެ ފުށުން ފެންނަ ތަފާތު މައްސަލަތަކަށް ހައްލުހޯދާނީ ހެކީގެ އަލީގައި ކުރެވޭ ޢިލްމީ މަސައްކަތެއްގެ ގޮތުގައެވެ. މިގޮތުން އެފް ބީ އޭ ޓިމުގެ އެންމެ އިސް މަޤުޞަދަކީ ކުއްޖާއަށް ދިމާވެގެން އުޅޭ ކަމެއްގެ ވަގުތީ ހައްލަކަށް ވުރެ ބޮޑަށް ދުރު މުސްތަޤުބަލަށް އަމާޒުކޮށްގެން ހައްލު ހޯދުމެވެ.
ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓް ހަދާ ގޮތް
ފަންކްޝަނަލް ބިހޭވިއަރ އެސެސްމަންޓް ހެދުމަށް ޓަކައި އުސޫލެއްގެ ގޮތުން ބޭނުންކުރާ މައިގަނޑު ގޮތަކީ އޭ ބީ ސީ މޮޑެލެވެ. ތިރީގައި ދެވިފައިވާ އެވާ ޑައިގްރާމުގައި، އޭ އިން ދޭހަވަނީ، އިންސިޑެންޓް (މެދުވެރިވި ކަންތައް)، ބީ އިން ބިހޭވިއަރ (ސުލޫކު) އަދި ސީ އިން ކޮންސިކުއެންސް (ނަތީޖާ) އެވެ. މި ތިން ހަރުފަތުގައި ކުއްޖާގެ ސުލޫކާ ގުޅޭ ގޮތުން މަޢުލޫމާތު އެއްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ ކުރު ޚުލާޞާއެއް ކުރިން ދެންނެވި ޝާއިންގެ ވާހަކަކޮޅުގެ އަލީގައި ތިރީގައި ދެވިފައި އެވަނީއެވެ.
އޭ ބީ ސީ މަޢުލޫމާތު އެއްކުރުން
ކުއްޖެއްގެ ފުށުން ނުރަނގަޅު ނުވަތަ ނޭދެވޭ ސުލޫކެއް ފެނިއްޖެނަމަ އެކަމާ ބެހޭ ގޮތުން މަޢުލޫމާތު އެއްކޮށް އެކަން ހިނގި ގޮތާއި ކަންވީ ގޮތް ދެނެގަނެ ދިރާސާކުރުމަކީ މުހިންމު ކަމެކެވެ. އަދި އެއްފަހަރަށް ވުރެ ގިނަ އޮބްޒަވޭޝަންހަދައި، ކުއްޖާގެ ފުށުން އެފެންނަ ސުލޫކަކީ ކިހާ ވަރެއްގެ ކޮންސިސްޓެންސީ (ތަކުރާރުވުން) ހުރި ކަމެއްތޯ ވެސް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިގޮތުން ސުލޫކެއް ފެނުމަށްފަހު 3 ނުވަތަ 4 ހަފުތާ ވަންދެން ކުއްޖާގެ ސުލޫކު އޮބްޒާރވްކޮށް (ބަލައި) ތަފުސީލު ނޯޓް ލިޔަންޖެހޭނެއެވެ. އަދި ހަމަ އެހެންމެ އެއް ވަގުތެއްގައި ބެލުމަށް ވުރެ އެކި ގަޑިގަޑީގައި އެކި ވަގުތުގައި ކުއްޖާގެ ފުށުން ފެންނަ ވަކި* ބާވަތެއްގެ ސުލޫކަށް އަމާޒުކޮށްގެން ބެލުން ވެސް މުހިންމެވެ. މިގޮތަށް މަޢުލޫމާތު އެއްކުރުން ތަންޒީމު ކުރުމުގައި މުހިންމު ކަންތައްތަކެއް ހިމެނެއެވެ. އެއީ:
* އޮބްޒާރވް ކުރާނީ (ބަލާނީ) ކާކުކަން ކަނޑައެޅުން
* ބަލާނެ ތިނެއް ނުވަތަ ހަތަރު ކަމެއް ވަކިކޮށް ކަނޑައެޅުން
* ކުއްޖާގެ ފުށުން ފެންނަ ސުލޫކާ ގުޅޭ ގޮތުން ކުރު ތަފުސީލެއް ލިޔެލުން
* ބަލާނެ ވަގުތުތަކެއް ކަނޑައެޅުން
* ބަލާނީ ކޮން ކަހަލަ ކަންތައްތަކެއް ކަން ނިންމުން، އެއްވެސް ހާލެއްގައި ހީވާހީވުމަކަށް އެއްޗެއް ލިޔުމުގެ ބަދަލުގައި ސީދާ ފެންނަ ކަމެއް ލިޔުމުގެ ވިސްނުން ގެންގުޅުން
މިގޮތުން މަޢުލޫމާތު އެއްކުރާއިރު އޭ ބީ ސީ މޮޑެލްގައިވާ ގޮތަށް ކޮންމެ ހަރުފަތެއްގެ ތަފުސީލުތައް ވަކި ވަކިން ލިޔުން މުހިންމެވެ.
(1) އެންޓިސިޑެންޓް (މެދުވެރި ކަމުގެ) މަޢުލޫމާތު: ކުއްޖާގެ ފުށުން ސުލޫކު ފެނުމުގެ ކުރިން ހިނގާ ހުރިހާ ކަމެއް ސާފުކޮށް ތަފުސީލުކޮށް ލިޔުން. މިސާލަކަށް މުދައްރިސް މަސައްކަތު ކަރުދާސް ބެހުން، ދަރިވަރުން އެއްކޮށް ކުޅެންތިބުން، އެކަނި މަސައްކަތް ކުރަން އިނުން، ކުއްޖަކު އެއްޗެއް އެއްލުން، ކުއްޖާގެ އަތުގައި އޮތް އެއްޗެއް ބާއްވާށޭ މުދައްރިސު ބުނުން)
(2) ބިހޭވިއަރ (ސުލޫކު) މަޢުލޫމާތު: ކުއްޖާގެ ފުށުން ފެނުނު ހުރިހާ ކަމެއް ތަފުސީލުކޮށް ލިސްޓްކުރުން މިސާލަކަށް ފޮތް އެއްލާލުން، ކަރުދާސް ވިދާލުން، ތެދުވެ ބާރަށް ވާހަކަ ދެއްކުން، ރުޅިއައިސް ރޯންފެށުން. ބާރަށް މޭޒުގައި ޖެހުން.
(3) ކޮންސިކުއެންސް (ނަތީޖާ) މަޢުލޫމާތު: ކުއްޖާގެ ފުށުން ފެނުނު ސުލޫކާ އެކު ދެން ކަންވީ ގޮތް ބަޔާންކުރުން. މިގޮތުން މިސާލަކަށް މުދައްރިސް ނަސޭހަތްދިނުން، އަދަބު ދިނުން، ކުދިން ހީނގަތުން، އެންމެން ހަޅޭލަވައިގަތުން، މުދައްރިސް ބަލަހައްޓައިގެން އަޅާނުލާ ހުރުން، ޕްރިންސިޕަލް އޮފީހަށް ދާން ބުނުން. ކުލާހުން ބޭރުގައި މަޑުކުރަން ބުނުން)
މިއަދުގެ ވާހަކަކޮޅު މި ލިޔެލީ ހަމައެކަނި ފަންކްޝަނަލް ބިހޭވިއަރގެ މަޢުލޫމާތު އެއްކުރުމާ ހިސާބަށެވެ. މި ބައިގެ މަޢޫލޫމާތުތައް ތަހުލީލުކޮށް ކުއްޖާގެ ސުލޫކޫ މެނޭޖުކުރާނެ ގޮތާ ބެހޭގޮތުން ދެން އަންނަ ދުވަހަކު ލިޔަން ގަސްދުކުރަމެއެވެ. ކުދިންގެ ފުށުން ފެންނަ ތަފާތު ނުވަތަ އާދަޔާ ޚިލާފު ސުލޫކު ދެނެގަނެ ވަޒަންކުރުމަކީ ވަރަށް ބޮޑަށް ދިރާސީ މަސައްކަތެއް ގޮތަށް ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށްގެން ކުރަންޖެހޭ ކަމެކެވެ. ހަމަ ހީވާގޮތަކަށް ކަންކަމުގައި ގޮތް ނިންމުމުން އޭގެ އެދޭވެ ނަތީޖާ އަދި ހައްލު ހޯދުމުގައި ދަތިތަކެއް މެދެވެރިވާނެއެވެ. ޚުލާޞާކޮށް ދަންނަވާނަމަ ދަރިވަރުންގެ ފުށުން ފެންނަ އާދަޔާ ޚިލާފު ކޮންމެ ކަމެއްގެ ފަހަތުގައި ސަބަބުތަކެއް ވާނެއެވެ ހަމައެހެންމެ އެފަދަ ސުލޫކެއް ހިނގުމަށްފަހު އަޅުގަނޑުމެން މުދައްރިސުންނަށް އެކަމާ މެދު މުޢާމަލާތުކުރެވޭ ގޮތުން ރަނގަޅު އަދި ނުރަނގަޅު ކަންތައްތަކެއް އިތުރަށް މެދުވެރިވުމަށް މަގުފަހިވެދާނެއެވެ. މި ކަމުގައި އެންމެ އެދެވޭ ގޮތަކީ ކުއްޖެއްގެ ފުށުން ތަކުރާރުކޮށް ވަކި ކަމެއް ފާހަގަ ކުރެވޭނަމަ، އެކަން ނޯޓްކޮށް ތަންޒީމީ ގޮތަކަށް ކުއްޖާގެ ސުލޫކާމެދު ދިރާސާކޮށް ސަބަބު ދެނެގަނެ ވަޒަންކުރުމެވެ. އެއަށްފަހު އެކަން ރަނގަޅުކުރެވޭނެ ގޮތްތަކެއް ނުވަތަ ކަމާމެދު އެޅިދާނެ ފިޔަވަޅުތަކެއް ކަނޑައަޅައި ނިންމުމެވެ. އުއްމީދަކީ މިއަދު މި ހުށަހަޅައިލެވުނު މަޢުލޫމާތުކޮޅަކީ ވެސް އަޅުގަނޑުމެން ހުރިހާ މުދައްރިސުންނަށް ފައިދާ ހުރި ވާހަކަކޮޅަކަށްވުމެވެ. މިފަދަ ކޮންމެ ވާހަކަކޮޅަކީ އަޅުގަނޑުމެން ދަރިވަރުންގެ އުނގެނުމާއި އުނގަންނާދިނުން ހަރުދަނާކުރުމަށް ޓަކައި ސަމާލުކަން ދެވިދާނެ ކަންކަމެވެ.