މިއަދު މި ލިޔާ މައުޟޫޢާ ގުޅޭ ގޮތުން ކުރިން ވެސް އަޅުގަނޑަށް ވާނީ ކޮންމެސް ވަރަކަށް ލިޔެވިފައެވެ. ނަމަވެސް މި މައުޟޫޢަކީ މިހާރުގެ ޤައުމީ މަންހަޖުގައި ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެވިފައިވާ ކަމަކަށްވާތީ އަނެއްކާ ވެސް މި މައުޟޫޢުގެ މުހިންމު އެހެން ބަޔަކަށް އަލިއަޅުވާލުމަށް ޤަޞްދުކުރީއެވެ. އާދެ މިއީ ދަރިވަރުން ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ ފިލޯސަފީއާ ގުޅޭ ގޮތުން ހުންނަ ބައެއް ވިސްނުންތަކާއި ޚިޔާލުތަކާ ގުޅުން ހުރި ބައެކެވެ. ޝާމިލުކޮށްގެން ކިޔަވައިދިނުމުގެ އަސްލު ޚިޔާލު ފެށިގެން ދަނީ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އެ އެހީތެރިކަން އެންމެ އެދެވޭ ގޮތަށް ފޯރުކޮށްދިނުމުގައި އެ ކުދިންގެ އުނގެނުމުގެ ޙައްޤު އެހެން ކުދިންނެކޭ އެއްފަދައިން ފަހިކޮށްދިނުމުގެ ވިސްނުމުގެ ތެރެއިންނެވެ. ފަހަރުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔައިވައިދިނުމަކީ ވެސް އާންމު ދަރިވަރުންނަށް ކިޔަވައިދިނުމެކޭ އެއްފަދަ ކަމެކޭ ހީވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް ފާހަގަ ކުރެވޭ ކަމަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ އާންމު ކުދިންނަށް ކިޔަވައިދިނުމާ އެއްގޮތަކަށް ބެލޭނެ ކަމެއް ނޫނެވެ. ސަބަބަކީ އާންމު ކުދިންނަށް ކިޔަވައިދޭއިރު ބޭނުންކުރާ ވަރަށް ގިނަ ގޮތްތަކުގެ އިތުރުން، ޚާއްޞަ ސަމާލުކަމާ އެކު ރިޢާޔަތް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް މި ކުދިންނަށް ކިޔަވައިދިނުގައި ހިމަނަންޖެހެއެވެ. މިގޮތުން ސީދާ ކިޔަވައިދިނުމުގެ މަޤުޞަދާއި އަދި ރިޢާޔަތްކުރަން ޖެހޭ ކަންކަން ތަންޒީމުކޮށް ތަރުތީބުކުރެވެނީ ވެސް ޚާއްޞަގޮތަކަށެވެ. އާންމު ކުދިންނަށް ކިޔަވައިދިނުމާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ފާހަގަކޮށްލެވޭ 3 ކަމަކަށް ކުރުކޮށް އަލިއަޅުވާލާނަމެވެ.
(1) ވަޒަން ކުރުމަށް ކިޔަވައިދިނުން: ގާތްގަޑަކަށް ހުރިހާ އިރެއްގައި، ހުރިހާ ގަޑިއެއްގައި ވެސް ކިޔަވައިދޭއިރު ކުއްޖާގެ ސްޓްރެންތްސް (ކުޅެދުންތައް/ޤާބިލުކަން) ވީކްނަސް (ނުކުޅެދުންތައް/ޤާބިލުނޫންކަންކަން) ބަލައި ވަޒަން ކުރަންޖެހެއެވެ. މާނައަކީ ދަރިވަރުންގެ އުނގެނުމަށް އަންނަ ކޮންމެ ކުރިއެރުމެއް ޚާއްޞަ ސަމާލުކަމާ އެކު ބަލައި ހެދުމަކީ ދާއިމީ ގޮތެއްގައި ތަކުރާރުކޮށް އެތައް ފަހަރަކު ކުރަންޖެހޭ ކަމެކެވެ.
(2) މައިކްރޯ (ކުދިކުދި ވަކިވަކި) ލެވެލުގައި މަސައްކަތްތައް ތަހުލީލުކުރުން: ވަރަށް ގިނަފަހަރަށް ވަކި ޚާއްޞަ އެހީއަކަށް ބޭނުންވެފައިވާ ހާލަތްތަކުގައި ތިބޭ ކުދިން އުނގެނޭ ބައިތައް ކިޔަވައިދޭއިރު ބައިބައިކޮށް ވަކިކޮށްލެވިފައިވާނީ އާންމު ކުދިންނަށް އުނގަންނައިދޭއިރު ބަހާލާ މިންވަރަށްވުރެ ބޮޑަށެވެ. މިގޮތުން ކޮންމެ ޓާސްކެއް، (ހަމަޖައްސާ ވަކި ބައެއް) ކިޔަވައިދޭ ކޮންމެ ހަރުފަތެއްގައި ދަރިވަރަށް ކުރެވޭ ނުކުރެވޭ މިންވަރަށް ބަލައިގެން ސަމާލުކަމާ އެކު ތަހުލީލުކޮށް ބައިތައް ބަހަލައިގެން ކިޔަވައިދިނުން ރޭވުން ރަގަޅެވެ.
(3) އުނގެނުމުގެ ޓާސްކަށް އަސަރުފޯރުވާފާނެ އެހެނިހެން ކަންކަން މަދުކުރުން: މީގައި ފާހަގަ ކުރެވޭ ކަމަކީ އުނގަންނައިދޭން އުޅޭ އެއްޗަކަށް ދަރިވަރުގެ މުޅި އަމާޒު ގެންދިއުމާއި ދެމެހެއްޓުމަށް ޓަކައި އުނގެނުމަށް އަސަރުކޮށްފާނެ އެހެނިހެން ކަންކަމުން ވީވަރަކުން ދުރުހެލިކުރެވޭނެ ފަދަ ގޮތަކަށް އުނގެނުން ރޭވުމެވެ. މިސާލަކަށް އާންމު ދަރިވަރުންނަށް ކިޔަވައިދޭ ބައެއް މެޓީރިއަލްތައް/ތަކެތި/ކޮންޓެންޓް މާ ފަސޭހައިން ދޭހަނުވާ ގޮތަށް ވެސް ހުރެއެވެ. އެފަދަ ގޮތަކަށް ވިސްނުމަށް ނުވަތަ ދަރިވަރުގެ ޝައުޤުވެރިކަމަށް އަދި ބައިވެރިވުމަށް ނޭދެވޭ އަސަރެއް ކުރުވާފާނެ ކޮންމެ ކަމަކަށް މުދައްރިސު ޖެހޭނީ ދުރާލައި ތައްޔާރުވެ، އެފަދަ ކަންކަން އުނިކުރަމުން، ކޮންމެހެން ލާޒިމުވާ ބައިތަކަށް ބޮޑަށް އަމާޒުކޮށްގެން ކިޔަވައިދިނުން ރާވާށެވެ.
މިދެންނެވި ކަންކަމަށް ބަލާލާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަކީ ވަކި ޚާއްޞަ ގޮތަކަށް ކުރެވޭ، އަދި އާންމު ކުދިންނަށް ކިޔަވައިދިނުމާ ތަފާތު ގޮތަކަށް ކުރެވޭ ކަމެކެވެ. މިކަމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭއިރު 'އުނގަނައިދިނުން' މާނަކުރެވެނީ ވަކި ގްރޭޑެއްގައި ވަކި ކުލާހެއްގައި ދަރިވަރު ބައިންދައިގެން އޭނާގެ ލެވެލެއް ބެލުމެއް ނޫނެވެ. އޭގެ ބަދަލުގައި ދިރިއުޅުމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ދަސްކޮށްދީ، އެ ކަންކަމަށް ފަރިތަކުރުވައި، އެ ކުއްޖަކަށް އެންމެ ބޭނުންތެރި ބައިތައް އުނގަންނައިދޭށެވެ. މިތާގައި ހާމަކުރަން ބޭނުންވާ އެންމެ ބޮޑު ޙަޤީޤަތަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމާއި އާންމު ކުދިންނަށް ކިޔަވައިދިނުމުގެ ނިޒާމު ތަންޒީމުކުރުމުގައި މާ ބޮޑު ފަރަޤެއް ނެތި ހިނގައިދާނެއެވެ. ނަމަވެސް ކިޔަވައިދިނުން ތަންފީޒުކުރާއިރު ގެންގުޅޭ އުސޫލުތަކާއި އާންމުކޮށް ރޭވޭ ޙަރަކާތްތަކާއި ގޮތްތައް ވެސް ތަފާތުވާނެއެވެ. މިދެންނެވި ތަފާތު ފާހަގަކުރެވޭ ކަންކަން ތިރީގައި ކުރުކޮށް ހުށަހަޅައިލާނަމެވެ.
މައިގަނޑު ކަންތައް |
ސަމާލުވާންޖެހޭ ގޮތްތައް |
ދަރިވަރުގެ އުނގެނުމަށް ކަނޑައެޅޭ ރޭޓް/މިންގަނޑު/މިންވަރު | ޚާއްޞައެހީގެ ދަރިވަރުގެ އުނގެނުމުގެ މިންގަނޑު/މިންވަރު/ރޭޓް ބެލެނީ އެކި ކުދިންނަށް ޚާއްޞަކޮށް އެ ކުއްޖެއްގެ ލެވެލުންނެވެ. މިގޮތުން ދެ ކަމަކަށް ސަމާލުކަން ދިނުން މުހިންމެވެ.
1. އެކުއްޖަކު ފަށާ ހިސާބުން ފަށައިގެން ދަރިވަރުން އުނގެނުމުގެ މިންގަނޑު ކަނޑައެޅުމެވެ. 2. އުނގެނެވެމުންދާ މިންވަރަށް ބަލައިގެން އެހިސާބުން އިތުރަށް އެނގެން ޖެހޭ ބައިތަކަށް ސަމާލުވެގެން އުނގެނުމުގެ މިންގަނޑު ކަނޑައެޅުމެވެ. މިގޮތުން ވަކި މަޢުލޫމާތުތަކެއް ދަރިވަރަށް ކިޔައިވައިދޭއިރު ދަރިވަރުންނަށް އެނގިފައިވާ އެއްޗަކަށް/ކުރެވިދާނެ/ނުކުރެވޭނެ ކަންކަމަށް ސަމާލުވެގެން ވެސް މިންގަނޑު ކަނޑައެޅުމެވެ. މިގޮތުން މުހިންމު އެއް ކަމަކީ އުނގެނުމުގެ ޤާބިލުކަން ކުރިއަރަމުންދާ ގޮތް ގާތުން ބަލައި މިންގަނޑު ކަނޑައެޅުމާއި، އެކަމަށް ގެންނަންޖެހޭ ބަދަލެއް ވާނަމަ ސަމާލުވެގެން ކުރިޔަށް ގެންދިއުމެވެ. |
އިންޓެންސިޓީ (ބާރުމިން) | ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަށް އުނގެނުމުގެ މާހައުލުގައި ވެސް ވަރަށްބޮޑު ނުތަނަވަސް ކަމަކާ އުދަނގޫތަކެއް ދިމާވާ ތަން އާދެއެވެ. އަދި ޚާއްޞަކޮށް އާންމު ކުދިންނާ އެއްލެވެލެއްގައި އެއް ހަލުއި މިނެއްގައި ކުރިޔަށް ނުދެވުމުގެ ނުތަނަވަސްކަމާއި ޕްރެޝަރ ވެސް އުފެދިދާނެއެވެ. މިހެންކަމުން އެ ކުދިނަށް ކިޔަވައިދޭއިރު ކިޔަވައދިނުމުގެ ކަންކަން ރޭވެނީ ވަކި އިންޓެންސިޓީއެއްގައި އެކުއްޖަކަށް ވާވަރުން އެކުއްޖެއްގެ ލެވެލަކަށް ބަލައިގެންނެވެ. |
ރިލެންޓްލެސްނެސް/ޢަޒުމަކާއެކު ހުއްޓުމެއް ނެތި | އާންމުކޮށް ކިޔަވައިދޭއިރު ބޭނުން ކުރާ މިންވަރަށްވުރެ ގިނަގޮތްތަކެއް ތަކުރާރުކުރުވަނިވި ގޮތަކަށް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދިނުމަށް ބޭނުންކުރެވެއެވެ. ހަމައެހެންމެ، އެގޮތްތައް ކާބިޔާބުތޯ ނުވަތަ ނޫންތޯ މުދައްރިސު އަވަދިނެތި ބަލަންޖެހެއެވެ. މިގޮތުން ދޭ މަސައްކަތްތަކުގައި އާންމު ކުލާހެއްގައި ދެވޭ އެހީތެރިކަމަށް ވުރެ ބޮޑަށް މުދައްރިސު ތަކުރާރުކޮށް އެހީތެރިކަން ފަހިކޮށްދޭންޖެހެއެވެ. އާންމު ކުދިންނަށް ކިޔަވައިދޭ އިރު ބޭނުން ނުކުރާ އިތުރު ގޮތްގޮތް ވަކިވަކިން ބަލައި، ގެންވިދާނެ ބަދަލާ އެކު ދަރިވަރުގެ ހާލަތާ ގުޅޭނީ ކިހިނެއްކަން އަބަދުމެ ވިސްނައި ތަފާތު ގޮތްތައް ތަޖުރިބާކޮށް ރަނގަޅު، ނުރަނގަޅު، އެންމެ އެކަށޭނަ ގޮތްތައް ހޯދުމުގެ ރޫހެއް މުދައްރިސުގެ ކިޔަވައިދިނުމުގައި ހިމެނެން ޖެހޭނެއެވެ. މިއީ ވަރަށް ވަރުގަދަ ޢަޒުމަކާއި އިޚްލާޞްތެރިކަމާއެކު ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. |
ސްޓްރަކްޗަރ/އޮނިގަނޑު | މިތާގައި ސްޓްރަކްޗާރ މާނަކުރެވެނީ ކަންކަން ރާވައި ހިންގާ، އޮނިގަނޑުގައި އަންނަނިވި ކަންތައްތައް ހިމެނުމަށެވެ.
1. އާންމު ޤަވާއިދުތަކާއި ޙާޞިލުކުރަންބޭނުންވާ ކަންކަން ސާފުކޮށް އޮތުން 2. ދުވަހީ ކަންކަން، އެއްކަހަލަ ޤަވާޢިދުތަކަކާއި، އުސޫލުތައް، އަދި ކޮންމެދުވަހު ކުރާ ރޫޓިންސް/އާދާކޮށްކުރާކަންތައް ކަނޑައެޅިފައި ހުރުން 3. ދަރިވަރުންނަށް އެހީތެރިވެދިނުމުގައި ސީދާ މުދައްރިސުގެ އެހީތެރިކަމާއި އިރުޝާދު ދޭން ޖެހޭ މިންވަރު އެނގެންއޮތުން 4. ކުދިންގެ ފުށުން ފެނިދާނެ ހައްލުކުރަން އުދަނގޫ، އަޚްލާޤީ، ސުލޫކީ މައްސަލަތައް ތަހައްމަލުކުރުމުގެ ކެތްތެރިކަން ހުރުން 5. ކަންކަމުގެ އެންމެ ބޭނުންތެރި ވަޤުތުގައި، ބޭނުންވާ މިންވަރަށް، ސާފުކޮށް ފޯރުކޮށްދޭނެ ގޮތްތައް އޮޅުމެއް ނެތި އެނގޭ މިންވަރަށް ދޭހަކޮށް ލިޔެވި ކަނޑައެޅިފައި އޮތުން. |
ރިއިންފޯރސްމަންޓް/ތަރުހީބު | ކުއްޖާގެ އުޅުން/ގުޅުން ސުލޫކު މެނޭޖުކޮށް ބެލެހެއްޓުމުގައާއި އުނގެނުން ވަކި ގޮތަކަށް އާދަކުރުވުމާއި، އާންމު މުޢާމަލާތު ދަސްކޮށްދިނުން ފަދަ ކަންކަމުގައި ވަކި ގޮތަކަށް ދަރިވަރުންގެ ކަންކަން ބައްޓަންކޮށް ހާނުވަން ޖެހެއެވެ. މިކަން ކުރުމުގައި މައިގަނޑު އުސޫލެއްގެ ގޮތުން ތަރުހީބުދެވޭ ގޮތާއި އަދަބުދެވޭ ގޮތް ފަދަ ކަންކަން އެންމެ އެކަށޭނަ ގޮތަށް ރޭވުމަކީ ވަރަށް މުހިންމު ކަމެކެވެ. |
މުދައްރިސު/ދަރިވަރުންގެ ޢަދަދު | ކުލާހެއްގައި މުދައްރިސުންތިބެންޖެހޭ ޢަދަދާ ދަރިވަރުންގެ ޢަދަދަކީ ކޮންމެ ކިޔަވައިދޭ މާހައުލެއްގައި ވެސް ސަމާލުކަންދޭކަމެކެވެ. ނަމަވެސް މިކަމަކީ ޚާއްޞައެހީއަށް ބޭނުންވާ ކުދިން ހިމެނޭ ކުލާހެއްނަމަ ވަކިންބޮޑަށް ބެލެންޖެހޭ ކަމެކެވެ. މިގޮތުން ކުލާހުގައި ތިބޭ އެފަދަ ކުދިންނަށް އެހީތެރިކަން ބޭނުންވާ ޚާއްޞަ ކަންތައް ބަލައި، ތަފާތު ހާލަތްތަކުގައި ބޭނުންޖެހޭނީ ކިހިނެއްކަން ބަލައި މުދައްރިސުންގެ ޢަދަދާއި ފޯރުކޮށްދޭނެ އެހީތެރިކަމާއި އެކަން ކުރާނެ ގޮތް ސާފުކޮށް ކަނޑައެޅުން މުހިންމެވެ. |
ކަރިކިއުލަމް/މަންހަޖު | ޚާޢްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭއިރު މަންހަޖުގެ ބައިތައް ވަކިވަކިކޮށް ނުވަތަ ބައިބައިކޮށް އެންމެ ބޭނުންވާ ބައިތައް ކަނޑައަޅައި އެ ކުއްޖެއްގެ ގާބިލުކަން/ކުޅެދުންތައް ހުންނަ މިންވަރަކުން އެ ކުދިންނަށް ކިޔަވައިދޭނެ ބައިތައް ވަކިން ކަނޑައަޅައި މަންހަޖަށް ބަދަލު ގެނައުން މުހިންމެވެ. |
ބެލެހެއްޓުމާއި ވަޒަންކުރުން | ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭއިރު ޒިންމާ އަދާކުރުމުގެ އެންމެ މުހިންމު އެއްކަމަކީ ސީދާ ދަރިވަރުގެ ކަންކަން ބެލެހެއްޓުމާއި ކުއްޖާގެ ތަފާތު ކަންކަން ތަހުލީލުކުރަމުން އުނގެނުން ވަޒަންކުރެވެނޭ ތަފާތު ގޮތްތަކުގެ ޚާއްޞަ ތަމުރީނު ވެސް ލިބިދިނުމެވެ. ހަމައެއާއެކު ދަރިވަރުގެ ހުރިހާކަމެއް ގާތުން ބަލަހައްޓާ މޮނިޓަރ ކުރުމާއެކު ބޭނުންޖެހިދާނެ ކޮންމެ ވަޤުތެއްގައި ބޭނުންވެދާނެ ކޮންމެ އެހީތެރިކަމެއް ފަސޭހައިން ފަހިވެފައިވާ ގޮތަށް ކުލާހުގެ ކަންކަން ހުރޭތޯ ވެސް މުދައްރިސު ބަލަންޖެހޭނެއެވެ. |
އާންމުކޮށް ވެސް ކިޔަވައިދިނުމަކީ ބުރަ މަސައްކަތަކަށްވާއިރު، ޚާއްޞަ އެހީތެރިކަން ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ އެއަށްވުރެ އިތުރު ގިނަ ކަންތައްތަކެއް ހިމެނޭ ބޮޑު މަސައްކަތްތަކެވެ. މިގޮތުން ކިޔަވައިދިނުން ކުރިއަށް ގެންދެވޭ ގޮތްތަކާއި، ދަރިވަރުންގެ އުނގެނުމުގެ ހަލުވިކަމާއި، ބާރުމިން، އަދި މިންވަރު ކަނޑައެޅުމުގައި ވެސް ޚާއްޞަ ގޮތްތަކެއް ބޭނުންކުރުމާއި، ކަންކަމުގެ އެންމެ ބޭނުންތެރި ވަޤުތުގައި ކަންކަން ދެނެގަނެ އިޖާބަދިނުމާއި، ކުލާހުގެ ކުދިންގެ ޢަދަދު ވަކި ގޮތަކަށް ރޭވުމާއި، މަންހަޖަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ދަރިވަރުން ބެލެހެއްޓުމާއި ވަޒަންކުރުން ފަދަ ކޮންމެ ކަމަކީ ޚާއްޞަ ގޮތްތަކެއް އޭގައި ހިމެނޭ ކަންކަމެވެ.
ފާހަގަކޮށްލުން އެންމެ މުހިންމު ނުކުތާއަކީ ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަކީ ވެސް ލާޒިމުކަމެއް ކަމެވެ. އިޚްތިޔާރީ ގޮތަކަށް ދޫކޮށްލެވެން އޮތް ކަމެއްނޫނެވެ. އެހެންވެ އާންމު ދަރިވަރުންނެކޭ އެއްފަދައިން އެއް ހަމައަކުން ސީދާ އެއްގޮތަކަށް ކުރެވެން އަދި ނެތް ނަމަވެސް ނުކޮށް ދޫކޮށްލެވެން އޮތްކަމެއް ނޫނެވެ. އެހެންކަމުން ކޮންމެ ހާލަތެއްގައި، ކޮންމެ ބާވަތެއްގެ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް، އަދި އޭގެ ޒާތުގައި ބަލަހައްޓަން އުދަނގޫ އެތައް ކަމަކާއެކު ވެސް އެ ކުދިންނަށް ތަޢުލީމު ފޯރުކޮށްދެވޭނެ ގޮތްތަކެއް ތަޢުލީމީ ނިޒާމުގައި ހަމަޖެހި ރޭވެންޖެހެއެވެ. މި ކަމަކީ ވަކި ކަމެއް ފުރިހަމަ ވަންދެން، ހުރިހާ ކަމެއް ހަމަޖެހި ތަރުތީބުވަންދެން، ވަކިކަމެއް ނިމެންދެން، ވަޤުތު ޖެހެންދެން މަޑުކުރެވެން އޮތް ކަމެއް ނޫނެވެ. އެއާއި ޚިލާފަށް ކަންކަން ފަށައިގަނެ، ހުރި ގޮންޖެހުންތަކާ އެކު، ދިމާވާ ތަފާތު ނުތަނަވަސްކަމާއި އަދި ޕްރެޝަރގެ ތެރެއިން ކަންތައް ރަނގަޅުކުރަމުން ގޮސް އެންމެ އެދެވޭ ގޮތްގޮތަށް ތަޢުލީމީ ނިޒާމު ބައްޓަންކޮށް ތަރުތީބުކުރަންޖެހެއެވެ.
މިފަހަރު މި ލިޔެލެވުނީ ވަރަށް ހައްސާސީ މައުޟޫޢަކާ ގުޅޭގޮތުންނެވެ. ޙަޤީޤަތުގައި ތަޢުލީމީ ނިޒާމުގެ އެންމެ މަތިން ފަށައިގެން އެންމެ ދަށު ފަށަލަތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ވެސް ސަމާލުވުން މުހިންމު ކަމެކެވެ. ވަކި ކަމެއް ހަމަޖެހެންދެން، ހުރިހާ ކަމެއް ފުރިހަމަ ވަންދެން، ކުލާހުގެ ކުދިންގެ ޢަދަދު މަދުކުރެވެންދެން، މުދައްރިސުންގެ ޢަދަދު ކުލާހަށް އިތުރުކުރެވެންދެން، ބޭނުންވާ ހުރިހާ ވަސީލަތްތައް ހޯދެންދެން، ނުކުޅެދުންތެރިކަމެއް ހުރި ކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތަކަކުން މަހުރޫމުކޮށްފައި ނުބޭތިއްބޭނެއެވެ. ދިވެހިރާއްޖޭގައި ވެސް ތަޢުލީމަކީ ކޮންމެ ކުއްޖަކަށް ޤާނޫނީގޮތުން ލިބިދޭން ޖެހޭ ޙައްޤެކެވެ. މި ވިސްނުމަކީ މުޅި މަދަރުސީ މާހައުލުގެ އެންމެން ވިސްނާލުން މުހިންމު ކަމެކެވެ. މިހެން މިދެންނެވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ޖެހޭ މުދައްރިސުންނާއި އެ ކުލާސްތަކުގެ ތަޖުރިބާތައް އަޑުއަހާއިރު އެ ކަންކުރަންވީ ރަނގަޅު ނިޒާމު ޤާއިމުވެފައި އަދި ނެތޭ ބުނެ ދައްކާ ވަރަށް ގިނަ ވާހަކަތައް އަޅުގަނޑަށް ވެސް އިވެއެވެ. މިހާރުގެ ޤައުމީ މަންހަޖުގައިވާ ގޮތަށް ޝާމިލުކޮށް ކިޔަވައިދިނުން ރާވައި، ބޭނުންވާ ވަސީލަތްތަކާއި އިތުރު އެހީތަކާއި ކަންކަން ރަނގަޅު ކުރުމަށް ތަޢުލީމީ ނިޒާމުގެ އެންމެން އަތުކުރި އޮޅައިލުން މުހިންމެވެ. ކަންކަން ރަނގަޅުވާނީ ވެސް ފަށައިގަނެގެންނެވެ. ގޮންޖެހުންތަކާއި ދަތިތަކާ އެކު ވެސް ޚާއްޞައެހީތެރިކަން ބޭނުންވާ ކުދިންނަށް އެމީހުންގެ ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ތަޢުލީމާއި އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. މިއީ އިޚްތިޔާރީ ނުވަތަ ދެވަނަ ވިސްނުމަކަށް ޖާގައޮތްކަމެއް ނޫނެވެ. އެންމެން ވެސް އެކަމަކާ މެދު ވިސްނަންޖެހޭ، އެމަސައްކަތުގައި ބައިވެރިވެ ކުރަންޖެހޭ، އަދި އުފަލަންޖެހޭ މަސްއޫލިއްޔަތެކެވެ.