ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (8)

ފޮޓޯ: ގައުމީ އަރުޝީފު

(28 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

 

 

ރިޕޯޓާއެކު ހަރުކުރެވިފައިވާ އިތުރު ލިޔުންތައް

އިތުރުލިޔުން A

(ކޮޕީ)

މާލެ ،

ދިވެހިރާއްޖެ

29 އެޕްރީލް 1952 މ.

4 ޝަޢުބާން 1371 ހ.

ޢިއްޒަތްތެރި ސާހިބުމަނިކުފާނުއެވެ !

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް ރަސްކަން، ދިވެހި ޖުމްހޫރިއްޔާގެ ނަމަށް ބަދަލުކުރުމަށް، ދިވެހި އެންމެހައި ރައްޔިތުން، އިއްތިފާޤުވެ ނިންމައިފިކަމުގައި، ޢިއްޒަތްތެރި މަނިކުފާނަށް ދެންނެވުމުގެ ޝަރަފު، އަޅުގަނޑުމެން ލިބިގަންނަމުއެވެ.  ޙަޤީޤަތުގައި، 99 އިންސައްތަ ރައްޔިތުން، މިބަދަލާ އެއްކޮޅަށް ތާއީދުކޮށް ވޯޓުދީފައިވެއެވެ.

ދިވެހިރާއްޖޭގެ ވެރިކަން، ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ނިންމުމަށްފަހު، ދިވެހިރައްޔިތުންވަނީ، އެބައިމީހުންގެ ފުރަތަމަ ރައީސަކަށް، ޢިއްޒަތްތެރި އަމީރު، އަމީންދީދީ، ފުރިހަމަ އަޣުލަބިއްޔަތުން އިންތިޚާބުކޮށްފައެވެ. އަދި ފުރަތަމަ ނައިބު ރައީސަކަށް، މިހާރުގެ ދަނޑުވެރިކަމާބެހޭ ވަޒީރު މރ. އިބްރާހީމް މުޙަންމަދުދީދީ ވަނީ، އިންތިޚާބު ކޮށްފައެވެ. މރ. މުޙަންމަދު އިބްރާހީމްދީދީއަށް 99 އިންސައްތަ ވޯޓު ލިބިވަޑައިގަތެވެ.

ޢިއްޒަތާއި ޝަރަފު ލިބިވަޑައިގެންވާ ރަސްގެފާނު، ޙަސަން ނޫރުއްދީން، ކޭ. ސީ. އެމް. ޖީ، ތަޚުތު ދޫކޮށްލެއްވުމަށްފަހު، ދިވެހި ތަޚުތު އޮތީ ހުސްކޮށްކަން، ޢިއްޒަތްތެރި މަނިކުފާނަށްވެސް، އޮޅުމެއްނެތި އެނގިވަޑައިގަންނަވާނެއެވެ. އޭގެފަހުން، ރަސްކަމުގެ ތަޚުތު ހުސްވުމުން، ދިވެހި ރައްޔިތުންވަނީ، ޢިއްޒަތާއި ޝަރަފު ލިބިވަޑައިގެންވާ، އަމީރު ޢަބްދުލްމަޖީދުދީދީ، އައު ރަސްކަލެއްގެ ގޮތުގައި، އެބައިމީހުންގެ އަޣުލަބިއްޔަތުން، ހޮވާ އިންތިޚާބުކޮށްފައެވެ. އެހެން ނަމަވެސް، މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، އެމަނިއްޕުޅުގެ ޞިއްޙީ ޙާލުކޮޅު ހުރިގޮތުންނާއި އެނޫންވެސް އެހެން ސަބަބުތަކަކަށްޓަކައި، މަރުޙޫމް ޢަދްދުލްމަޖީދުދީދީ ވަނީ، ރަސްކަމުގެ ތަޚުތު ބެލެހެއްޓެވުމަށް، ޢުޒުރުވެރިވެވަޑައިގެންފައެވެ.

އަމީރު ޢަބްދުލްމަޖީދުދީދީ އަވަހާރަވުމުން، ރަސްކަމުގެ ތަޚުތަށް އިސްކުރާނެ ފަރާތަކާމެދު އަލުން ސުއާލު އުފެދުނެވެ. ހުސްވެފައިވާ ތަޚުތަށް ރަސްކަލަކު އިސްކުރެއްވުމަށްޓަކައި، އަމީރު އަމީންދީދީވަނީ، އެމަނިއްޕުޅަށް ކުރެއްވެންއޮތް ހުރިހާ މަސައްކަތްޕުޅެއް ކުރައްވާފައެވެ. އެހެންނަމަވެސް، އަމީރު އަމީންދީދީނޫން އެހެން ބޭފަޅަކު، ރަސްކަމުގެ ތަޚުތަށް އިސްކުރުމަށް ދިވެހިރައްޔިތުން، ރުއްސޭތޯ އެމަނިއްޕުޅު ކުރެއްވި،  އިޚުލާޞްތެރި މަސައްކަތްޕުޅު ކާމިޔާބުވާގޮތެއް ނުވިއެވެ. ސަބަބަކީ، ދިވެހިރައްޔިތުން އެކަމަށް ތައްޔާރުވެފައި ނެތުމެވެ. މުސްތަޤްބަލުގެ ރަސްކަލަކަށް ދިވެހިރައްޔިތުން އިސްކުރާނެ ބޭފުޅަކު ނެތުމާއެކު، ބޮޑުވަޒީރު އަމީރު އަމީންދީދީވެސް ހުންނެވީ ރަސްކަން ޤަބޫލުކުރެއްވުމަށް ހިތްޕުޅުހަމަޖެހިވަޑައިގެންކަމަށް ނުވާތީ، ދިވެހި ރަސްކަމުގައި ބޭފުޅަކު އިންނެވުމާމެދު، އެމަނިއްޕުޅު އެހާ ހިތްޕުޅު ހަމަޖެހިވަޑައެއް ނުގަންނަވައެވެ. ތަހުޒީބާއި ތަމައްދުނުގެ އާއުސްމިންތަކަކަށް ދިވެހިރާއްޖެ ވާޞިލިކޮށްދިނުމަށް، ޤައުމުގެ ހުންގާނުގައި ހިފާނެ، އެމީހުންނަށް އިތުބާރުކުރެވޭފަދަ، ޤާބިލު އެހީތެރިޔަކު ނެތުމުން، ދިވެހިންނަށް ކުރިމަތިވެގެންދިޔައީ ނުތަނަވަސްކަމާއި ހާސްކަމެވެ.

ކަންމިހެން އޮތްނަމަވެސް، ކުރިންވެސް އަޅުގަނޑުމެން ދަންނަވާފައިވާނެފަދައިން، ދިވެހިންތިބީ، އަމީރު އަމީންދީދީ ނޫން އެހެން ބޭފުޅަކު، ދިވެހި ޤައުމުގެ ހުންގާނުގައި ހިއްޕަވާ، ޤައުމު ހިންގެވުމުގެ މަސްއޫލިއްޔަތު އުފުއްލެވުމަށް، ޤަބޫލުކުރާ ގޮތަކަށްނޫނެވެ. ރައީސެއްގެ ގޮތުގައި ނުވަތަ ރަސްކަލެއްގެ ގޮތުގައި ހުންނަވައިގެން ނަމަވެސް،  އަމީރު އަމީންދީދީ ވެރިކަން ހިންގެވުމަކީ، އެމީހުންނަށް މަސްއަލައެއްނޫނެވެ. ޚާއްޞަގޮތެއްގައި، ދިވެހި އެންމެހައި ރައްޔިތުން ޤަބޫލުކުރާގޮތުގައި، އެބައިމީހުންގެ ލޮބުވެތި ޒަޢީމު އަމީން އަމީންދީދީ ވެރިކަމުގައި ހުންނެވިހާ ހިނދަކު، އެމީހުންގެ ވެރިކަމުގެ ނިޒާމާއި ޤައުމު ނިޞްބަތްވާ ގޮތް، ރަސްކަމަކަށް ވިޔަސް ނުވަތަ ޖުމްހޫރިއްޔަތަކަށްވިޔަސް، އެއީ މަސްއަލައެއްނޫނެވެ.

އަމީރު އަމީންދީދީ ފިޔަވައި، ރައްޔިތުންގެ މަޖިލީހާއި ޤާނޫނުހަދާ މަޖިލީހުގެ އެންމެހައި މެންބަރުން، ދިވެހި ރައްޔިތުންގެ މި މުހިންމު ނިންމުމާގުޅިފައިވާ، އިޙުސާސްތަކާއި ޚިޔާލާ،  ޝުޢޫރަށް، ފުރިހަމަޔަށް ތާއީދުކޮށް، ރައްޔިތުންނާއެކު ޙިއްޞާކުރާ ވާހަކަ އިތުރަށް ދަންނަވާލުމަށް މިފުރުޞަތުގެ ބޭނުންހިފީމެވެ.

ރައްޔިތުންގެ ވޯޓަކުން މިކަން މިގޮތަށް ނިންމުމަށް ފުރުޞަތު ތަނަވަސްވެގެންދިޔައީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 80 ވަނަ މާއްދާގެދަށުން، ޚާއްޞަ މަޖިލީހަށް ލިބިދޭ ބާރާއި އިޚުތިޔާރުގެ މަތިން، ރައްޔިތުންގެ މިއިޙުސާސްތަކުގެ ނަތީޖާ ނެރެ މިކަމަށް ގޮތެއް ނިންމަންވާނީ، ރައްޔިތުންގެ މެދުގައި ނެގޭ ޢާންމު ވޯޓަކުންކަމުގައި، އެމަޖިލީހުން ނިންމުމާ ގުޅިގެންނެވެ. އެހެންކަމުން، 18 އެޕްރީލް (1952) އަކީ މިވޯޓުނަގާ ދުވަސްކަމަށް ނިންމުނެވެ. އަދި ވޯޓުގެ ނަތީޖާ، އަޅުގަނޑުމެންވާނީ، މަތީގައި ބަޔާންކޮށްފައެވެ.

ދިވެހިރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން މިނިންމި ނިންމުމަށް، އެބައިމީހުން ނުހަނު އުފާކޮށް، އުންމީދީ އިޙުސާސްތަކަކުން، ހިތްހަމަޖެހިގެންތިބި ވާހަކަ ކޮންމެހެން ދަންނަވާލުމަށް، އަޅުގަނޑުމެން ބޭނުމެވެ.

ދިވެހިރާއްޖެ، ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ބަދަލުވުން އިޢުލާންކުރުމަށް، 1952 ގެ ޑިސެމްބަރމަހުގެ ދުވަހެއް ކަނޑައެޅުމަށް އަޅުގަނޑުމެން ވަނީ ނިންމާފައެވެ. އިންތިޚާބު ކުރެވިފައިވާ ރައީސާއި ނައިބު ރައީސް، ހުވާކުރައްވާ، އޮފީހާ ޙަވާލުވެ ވަޑައިގަންނަވާނީވެސް ހަމަ އެދުވަހުއެވެ. އެހާތަނަށް އަޅުގަނޑުމެންގެ ރާއްޖެ، ހިންގާނީ ރަސްކަމެއްގެ ގޮތުގައި، އެހެން ނަމަވެސް، ބޮޑުވަޒީރު ކަމާއި، ޤައުމު ހިންގުމުގެ މަސްއޫލިއްޔަތު، އަމީރު އަމީންދީދީ އުފުއްލަވާގޮތަށެވެ.

ދިވެހިރައްޔިތުން އިއްތިފާޤުވެ ނިންމާފައިވާ މިނިންމުން، މަނިކުފާނަށް ދެންނެވުމުގެ ޝަރަފު އަޅުގަނޑުމެން ލިބިގަންނަމުއެވެ. އަދި އަޅުގަނޑުމެންގެ މިނިންމުން، އިނގިރޭސި ސަރުކާރަށް، ރަސްމީގޮތުން ހުށަހަޅުއްވައިދެއްވައިފިނަމަ، އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރުވެރިވާނަމުއެވެ.

އަޅުގަނޑުމެންގެ އާ ޖުމްހޫރިއްޔާ، އިޢުލާންކުރުމުގެ ދަރުބާރުގައި މަނިކުފާނާއި، އަނބިކަނބަލުން ލޭޑީ ސައިޔަރސް ބައިވެރިވެވަޑައިގެންދެއްވުންއެދި ދަޢުވަތު އެރުވުމުގެ ޝަރަފާއި ފަޚުރުވެސް އަޅުގަނޑުމެން ލިބިގަންނަމުއެވެ.

ކޮޅުނބުމަގުން، މާލެވަޑައިގަތުމުގެ މަގުމަތީގައި މިހާރު އުޅުއްވާ، އަމީރު އަމީންދީދީ، އަޅުގަނޑުމެންގެ ޤައުމަށް މިގެނެވޭ ބަދަލުގެ ފުރިހަމަ ތަފުޞީލު، މަނިކުފާނަށް އަރުއްވާނެކަމާމެދު ޝައްކެއްނެތެވެ.

އަޅުގަނޑުމެންގެ ހުރިހާ ހެޔޮއެދުމެއް މަނިކުފާނަށް އަރިސްކުރެވިގެން ވެއެވެ.

މަނިކުފާނަށް އެންމެ ކިޔަމަންތެރި،

ނިކަމެތި ޚާދިމުންގެ ޝަރަފު ލިބިގެންވާ

ޢަބްދުﷲ ފަހުމީ (ސޮއި)

އިބްރާހީމް ޢަލިދީދީ (ސޮއި)

އަޙްމަދު ކާމިލްދީދީ (ސޮއި)

މޫސާ ޙަސަން (ސޮއި)

އިބްރާހީމް ރުޝްދީ (ސޮއި)

ޢަބްދުލްވައްހާބު (ސޮއި)

މުޙަންމަދު އިސްމާޢީލްދީދީ (ސޮއި)

މުޙަންމަދު ނަޞީރު (ސޮއި)

އާދަމް ނަޞީރު (ސޮއި)

ޙަސަން ޢަލިދީދީ (ސޮއި)

ވަޒީރުންގެ މަޖިލީހުގެ މެންބަރުން

އިނގިރޭސިވިލާތުން ސިލޯނަށް ކަނޑައަޅާފައިހުންނަވާ ޢިއްޒަތްތެރި ހައިކޮމިޝަނަރ

ކޮޅުނބު

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.