މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު އަޅުގަނޑުމެން އެންމެ ބޮޑަށް ހަނދާންކުރަން ޖެހޭނީ އަޅުގަނޑުމެންގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައި މިވަނީ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންކަމެވެ. އެއީ ޕޯޗްގީޒުންގެ އަތްދަށުން ހޯދި މިނިވަންކަމެއް ކަމުގައި ވީނަމަވެސް، ނުވަތަ ހޮޅީންގެ ކިބައިން ސަލާމަތް ކުރެވުނު މިނިވަންކަމެއް ކަމުގައި ވީނަމަވެސް އަދި ކީއްތޯ؟ މިއަދު އަޅުގަނޑުމެން އެ މިނިވަންކަމަކަށްޓަކައި ފަޚްރުވެރިވަމުން މިދާ އިނގިރޭސީންގެ އަތްދަށުން ލިބިގަތް މިނިވަންކަން ކަމުގައި ވީނަމަވެސް އެމިނިވަންކަމެއް ރާއްޖެއަށް ލިބިފައިވަނީ ހަމަ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންނެވެ. ދިވެހީންގެ ހިތްތަކުގައިވާ ޤައުމީ ލޯތްބާއި މިނިވަން ޝުޢޫރުތަކުގެ ސަބަބުންނެވެ.
އަޅުގަނޑު މިހެން މި ދަންނަވަނީ އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑުމެންނަށް ލިބުނު މިނިވަންކަން އާދެ! އިނގިރޭސީންގެ އިސްތިޢުމާރުގެ ދަށުން ސަލާމަތްވި މިނިވަންކަން ހޯދުމަށް ދިވެހި ރައްޔިތުންކުރި ގަދަ ހިތްވަރާއި ހަރުދަނާ ޢަޒުމް އަޅުގަނޑު ލޮލުން ދެކި އަތުން ހިފާފައިވާތީ އެވެ. އެ މިނިވަންކަން އަޅުގަނޑުމެން ހޯދީ ހަތިޔާރުގެ ބޭނުންކޮށްގެނެއް ނޫނެވެ. ފައިސާތަކެއް ދީގެންނެއްވެސް ނޫނެވެ. ފުރާނަތަކެއް ޤުރްބާން ކޮށްގެންނެއް ވެސް ނުމެ ނޫންމެއެވެ. ހަމައެކަނި ޙިކްމަތްތެރި ސާބިތު ފިޔަވަޅުތަކުންނެވެ. ހިތްވަރާއި ކެރޭކަން ދެއްކުމުންނެވެ. ނުގުޑާފަދަ ވަރުގަދަ ޢަޒްމުންނެވެ.
އާދޭހެވެ! މި ދެންނެވި ފަދަ ހިތްވަރާއި ކެރުން އަދި ސާބިތުކަމާއި ޢަޒުމް ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އެންމެ ފުރަތަމަ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެއްދީނެއްގެ ބަޔެއްގެ ގޮތުގައި އަދި އެއްނަސްލެއްގެ ބަޔެއްގެ ގޮތުގައި ތިބެގެން ރައްޔިތުންގެ މެދުގައި އޮތް އެއްބަޔެއްވަންތަކަމުގެ ސަބަބުންނެވެ. އޭގެ އިތުރުން ރައްޔިތުންނަށް މަގުދައްކަވަން ތިއްބެވި ވެރީންގެ ހަރުދަނާކަމާއި އިޚްލާޞްތެރިކަމުގެ ސަބަބުންނެވެ. އެ ވެރީންނާއި ރައްޔިތުންނާ ދެމެދުގައި އޮތް އިތުބާރާއި ލޯތްބެއްގެ ސަބަބުންނެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންތެރިވުމާއި، ވެރީން ރައޔިތުންނަށް އިޙްތިރާމްކުރުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ޤައުމުގައި އޮތުމުގެ ސަބަބުންނެވެ.
މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިނިވަންކަމާ ގުޅިގެން އުފާ ފާޅުކުރަމުން ދާއިރު މި ދެންނެވި ޙަޤީޤަތްތައް ހަނދާންކުރަން ޖެހޭނެއެވެ. މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އޮތް ގޮތާ މެދު ފިކުރު ހިންގައިލަން ޖެހޭނެއެވެ. އާދެ! އަޅުގަނޑުމެން މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެއީ ކޮންމެހެން ބޭނުންކަމެއްކަން ޔަޤީނެވެ.
އަޅުގަޑުމެން މިހާރު މިފާހަގަކުރާ މިނިވަންކަމަކީ މީލާދީން 1887 ވަނަ އަހަރު އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި ކުރެވުނު މުޢާހަދާއެއްގެ ސަބަބުން ދިވެހީންނަށް ގެއްލިފައި އޮތުމަށްފަހު 1965 ވަނަ އަހަރު ޖުލައިމަހު 26 ވަނަ ދުވަހު އަޅުގަނޑުމެންނަށް ލިބުނު މިނިވަން ކަމެކެވެ. 1887 ވަނަ އަހަރު އެ މިނިވަންކަން ގެއްލޭން ދިމާވި ސަބަބުތަކަކީ ވެސް ރާއްޖޭގެ ތާރީޚްގެ ޞަފްޙާތަކުން ވަރަށް ސާފުކޮށް އެނގެންހުރި ކަންތައްތަކެކެވެ. އެ ކަންތައްތައް ހާމަކުރުމަކީ މި މަޒުމޫނުގައި އަޅުގަނޑުގެ މަޤްޞަދެއް ކަމުގައި ނުވާތީ އެ ވާހަކަތަކުގެ ތަފްޞީލަށް ނުދިޔަނަމަވެސް، އެކަން އެގޮތަށް ހިނގަން ދިމާވީ އެދުވަސްވަރު މާލޭގެ ސިޔާސީ ދާއިރާގައި ވާދަކުރާ ދެ ޢާއިލާއެއްގެ ދެމެދެގައި ހިނގަމުން ދިޔަ ޙަސަދައާއި ފިތުނައިގެ ސަބަބުންނޭ ދަންނަވައިލާނަމެވެ. އެއީ މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި ޙަސަދަވެރިކަމާއި ފިތުނަވެރިކަން އިތުރުވަމުން ދާކަމަށްވަނީ ނަމަ އަޅުގަނޑުމެންގެ މިނިވަންކަމަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއްކަން ހަނދުމަފުޅުކޮށް އެރުވުމަށްޓަކައެވ.
އާދެ! އަޅުގަނޑުގެ މަޒުމޫނަކީ މިނިވަންކަން ލިބިފައިވަނީ ދިވެހިރައްޔިތުންގެ ހިތްވަރާއި ޢަޒްމުންކަން ބަޔާންކޮށްދެވޭތޯ ލިޔަންއުޅޭ މަޒުމޫނެކެވެ. ކުރީންވެސް ދެންނެވި ފަދައިން އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ ތެރެއިން ލިބިފައިވާ މަޢުލޫމާތުގެ އަލީގައެވެ.
1965 ވަނަ އަހަރު ދިވެހީންނަށް ލިބުނު މިނިވަންކަން ލިބުމުގައި އެންމެ ޚާއްޞަ ގޮތެއްގައި މަސައްކަތް ކުރައްވައިފައިވަނީ އެދުވަސްވަރު ރާއްޖޭގެ ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނެވި ޞާޙިބުއްދައުލާ، ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރެވެ. އެމަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައި ގެންނެވީ 1957 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ކުރިފުޅު މަތީގައި އޮތް އެންމެބޮޑު މައްސަލައަކީ އައްޑު އަތޮޅު ގަމުގެ މައްސަލައެވެ. އަހަރަކު އެންމެ ދެހާސް ޕައުންޑުގެ ކުއްޔަކަށް ސަތޭކައަހަރަށް އިނގިރޭސީންނަށް ގަން ދިނުމަށް އެއްބަސްވެވޭ މުޢާހަދާއެއް އޭރުވަނީ ލިޔެވިފައެވެ. އަދި އޭގެ ހެޑްސް އޮފް އެގްރީމެންޓްގައި ރަމްޒީ (އިނީޝަލް) ސޮއިވެސް ވަނީ ކުރީން ހުންނެވި ބޮޑުވަޒީރު ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ކުރައްވައިފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އެނގިރޭސީންގެ އާރ.އޭ.އެފް.ގެ ބައެއްވަނީ ސ.ގަމަށް އައިސްފައެވެ. އިބްރާހީމް ނާޞިރު ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތުމުގެ ކުރީން މި މުޢާހަދާ ކުރަން ފެނިވަޑައި ނުގަންނަވާކަމަށް އެ މަނިކުފާނުވަނީ ވަޒީރުންގެ މަޖިލިސްގައި ވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެހެންކަމާއެކު އެމަނިކުފާނު ބޮޑުވަޒީރުކަމާ ޙަވާލުވެވަޑައިގަތުމާ ވިދިގެން އައްޑުއަތޮޅު ގަމާބެހޭ މައްސަލަ ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅުއްވިއެވެ. މިކަމާގުޅިގެން 2 މާރޗް 1958 ގައި އޮތް ރައްޔިތުންގެ މަޖްލިސްގެ ޖަލްސާއަކުން ފާސްކޮށްފައި ވަނީ އައްޑުއަތޮޅު ގަން އިނގިރޭސީންނަށް 100 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމެންޓް ދިވެހި ސަރުކާރުން ޤަބޫލުނުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުން މި ގޮތަށް ފާސްވިތާ ތިންދުވަހުގެ ތެރޭގައި (5 މާރޗް 1958 ގައި) އައްޑޫ މައްސަލައާ ބެހޭގޮތުން ދިވެހި ސަރުކާރާ ވާހަކަ ދެއްކުމަށްޓަކައި އިނގިރޭސީންގެ މަތީ ފެންވަރުގެ ވަފްދެއް ރާއްޖެ އަތުވެއްޖެއެވެ. ވަފްދުގެ އެންމެ އިސްބޭފުޅަކަށް ހުންނެވީ ސިލޯނު (މިހާރު ސިރީލަންކާ) ގައި ހުންނަވާ އިނގިރޭސީންގެ ހައިކޮމިޝަނަރ ސަރ އެލެގްޒެންޑަރ މޯރލީއެވެ. އޭނާގެ އަރިހުގައި ވަޑައިގަތީ ހައިކޮމިޝަންގެ ފަރސްޓް ސެކްރެޓަރީ މިސްޓަރ ކެނެތް އީސްޓްއާއި އީސްޓް އިންޑީޒްގެ ކޮމާންޑަރ އިންޗީފް ވައިސް އެޑްމިރަލް އެޗް. ޑަބްލިޔޫ. ބިގްސްއާ ދެބޭފުޅުންނެވެ. އެ ބޭފުޅުން މާލެ ވަޑައިގަތީ އިނގިރޭސި މަނަވަރު އެޗް.އެމް.އެސް.ގެމްބިޔާ ގައެވެ.
މި ބޭފުޅުންނާ ދިވެހި ދައުލަތުގެ ފަރާތުން ބައްދަލުކުރެއްވި ވަފްދުގެ ވެރިޔަކަށް ހުންނެވީ ބޮޑުވަޒީރު އިބްރާހީމް ނާޞިރެވެ. އެމަނިކުފާނުގެ އަރިހުގައި ޞ.ސ.އަލްފާޟިލް އަޙްމަދު ޒަކީއާއި އަދިވެސް ބައެއް އެހެން ބޭފުޅުން ތިއްބެވިއެވެ. ބޮޑުވަޒީރު ނާޞިރު ވަރަށް ސާބިތުކަމާއެކު ކެރިވަޑައިގެން ހުންނަވައި އިނގިރޭސި ހައިކޮމިޝަނަރަށް ދަންނަވަމުން ގެންދެވީ އައްޑޫ އެގްރީމެންޓް މިހާރު އޮތްގޮތަށް ޤަބޫލުކުރެއްވެން ނެތްކަމަށާއި، ދިވެހި ސަރުކާރުން މިހާރު ބޭނުންވަނީ 1948 ވަނަ އަހަރު ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓާމެދު އަލުން ވާހަކަ ދެއްކުމަށް ކަމުގައެވެ. އަދި ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އިނގިރޭސި ދައުލަތުން ޤަބޫލުކުރުން ކަމުގައެވެ.
އިނގިރޭސި ވަފްދަށް މިކަންވީ ވަރަށްބޮޑު ކަމަކަށެވެ. ދިވެހީން މިކަހަލަ ސްޓޭންޑެއް ނަގައިފާނެކަމަކަށް އެމީހުން އެއްގޮތަކަށްވެސް ހިޔެއް ނުކުރެއެވެ. އެހެން ކަމާއެކު ހައިކޮމިޝަނަރު މޯރލީގެ ވާހަކަފުޅުގައި ހިސާބަކަށް ބިރުދެއްކެވުމުގެ ގޮތުން ވެސް ވާހަކަފުޅު ދެއްކެވިކަމަށް އިވިފައިވެއެވެ. “ބަނދަރުގައި މި އޮތް މަނަވަރުގެ ބަޑިތައް މާލެއާ ދިމާއަށް އަނބުރާލައިފިނަމަ ހައްދަވާނީ ކިހިނެއްތޯ” ސުވާލުކޮށްލި ކަމަށްވެއެވެ. އިވިފައިވާ ގޮތުގައި ބޮޑުވަޒީރު ނާޞިރުގެ ޖަވާބަކަށްވީ “އިނގިރޭސި ދައުލަތުން ތިޔަކަހަލަކަމެއް ކުރާނެކަމަށްވާނަމަ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް” ކަމަށް ވިދާޅުވެ ވާހަކަތައް ހުއްޓައިލެއްވުމެވެ.
ކޮންމެއަކަސް އެވާހަކަތަކަށްފަހު ދިވެހި ސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދުގައި ވާހަކަ ދެއްކުމުގެ އެތައް ބުރެއް ހިނގަމުން ދިޔައެވެ. އެންމެބޮޑު ބައެއް ސީދާ ހިނގަމުން ދިޔައީ ކޮޅުނބުގައެވެ. އިނގިރޭސި ހައިކޮމިޝަނާއި، ސިލޯނުގައި ހުންނަވާ ދިވެހި ދައުލަތުގެ ސަފީރު، އަލްފާޟިލް އަޙްމަދު ޒަކީއާ ދެމެދުގައެވެ. ވާހަކަތަކުގެ ނާރެސްއަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމެވެ. އެކަން އިނގިރޭސީން ޤަބޫލުނުކުރަނީސް އެހެންކަމަކާ ވާހަކަދައްކަން ދިވެހި ސަރުކާރު އޮތީ ތައްޔާރަކަށް ނޫނެވެ. އަނެއްކޮޅުން އިނގިރޭސީން ބޭނުންވަނީ ކޮންމެ ގޮތަކުންވެސް ގަމުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ އެއްބަސްވުމެއް ހޯދުމެވެ.
އެދުވަސްވަރު އިނގިރޭސި ސަރުކާރުގެ ތެރޭގައިވެސް ދިވެހިރާއްޖެއާ ބެހޭ މައްސަލައާ ގުޅިގެން ވާހަކަ ދެކެވެމުން ދިޔައެވެ. ދިވެހިރާއްޖެއަކީ އިނގިރޭސި ކޮލޮނީއެއްތޯ ނުވަތަ ޕްރޮޓެކްޓްރޭޓެއްތޯ ކަނޑައަޅަން ޖެހިގެން ކޮލޯނިއަލް މިނިސްޓްރީއާއި ކޮމަންވެލްތު ރިލޭޝަންސް މިނިސްޓްރީއާ ދެމެދު ސިޓީތައް ބަދަލު ވަމުން ދިޔައެވެ. އެންމެ ފަހުން ނިންމީ ދިވެހިރާއްޖެއަކީ އެއްވެސް އިރަކު އިނގިރޭސީން ކޮލޮނައިޒް ކޮށްފައިވާ ތަނެއް ނޫން ކަމަށާއި އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތް ތަނެއް ކަމުގައެވެ. އެހެން ކަމުން ރާއްޖެއާ ބެހޭ މުޢާމަލާތުތައް ހިންގާނީ ކޮމަންވެލްތު ރިލޭޝަންސް މިނިސްޓްރީގެ ފަރާތުން ކަމުގައެވެ.
މި ކަންތައް މި ގޮތަށް ހިނގަމުން ދިޔައިރު އައްޑުއަތޮޅު ގަމުގައި އާރއޭއެފްގެ ސްޓޭޖިންގް ޕޯސްޓެއް ހެދުމުގެ މަސައްކަތް އިނގިރޭސީން ކުރިއަށް ގެންދަނީއެވެ. ދިވެހި ސަރުކާރުން އަންގަމުންދަނީ އެގްރީމެންޓްގެ މައްސަލަ ނުނިމެނީސް މަސައްކަތްކުރިޔަށް ނުގެންދިޔުމަށެވެ. ނަމަވެސް އިނގިރޭސީންނަށް އެމަސައްކަތް ހުއްޓާލެވޭކަށް ނެތެވެ. ބަޖެޓްގެ މައްސަލައެވެ. ތަކެތީގެ އަގުތަކަށް އަންނަ ބަދަލުގެ މައްސަލައެވެ. އެހެންކަމުން އިނގިރޭސީން ބާރުލާފައި ބުނަމުންދަނީ ހެޑްސް އޮފް އެގްރީމެންޓްގައި ކުރީގެ ބޮޑުވަޒީރު ރަމްޒީ ސޮޔެއް ކުރައްވާފައި އޮތުމުން އެއީ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ އެގްރިމެންޓެއް ކަމަށާއި ދިވެހި ސަރުކާރުންވެސް އެ އެގްރީމެންޓަށް ޢަމަލުކުރަން ޖެހޭނެކަމަށެވެ. ރާއްޖޭގައި އެދުވަސްވަރު ބޭރުން ކިޔަވާ ވިދާޅުވެގެން ހުންނެވި އެއްވެސް ޤާނޫނީ ވަކީލެއްވެސް ނެތެވެ. ޤާނޫނީ މާހިރެއްނެތެވެ. އެހެންކަމުން ދިވެހި ސަރުކާރުން ހޯއްދެވީ ސިލޯނުގެ ވަކީލެކެވެ. މިސްޓަރ ނަޑަރާޖައޭ ކިޔާ މީހެކެވެ. އޭނާ ޤާނޫނީ ލަފާދިން ގޮތުގައި ރަމްޒީ ސޮޔެއް ކުރުމަކުން އެ އެގްރީމެންޓަކީ ޤާނޫނީގޮތުން ބަނދެވޭ އެއްޗެއް ކަމުގައެއް ނުވެއެވެ.
އަޅުގަނޑު މިވާހަކަތައް މިދަންނަވާލީ އޭރު ރާއްޖޭގެ ޙަލާތު އޮތްގޮތާއި، އެ ޙާލަތުގައި ތިބެގެންވެސް ރާއްޖެއިން ކުރަމުން ގެންދިޔަ ވަރުގަދަ ޖިހާދު ބަޔާންކޮށްލުމުގެ ގޮތުންނެވެ. އަދި އެހިސާބުންވެސް ރާއްޖެއިން ކުރަމުން އައި މަސައްކަތްތައް ނިމުނީއެއް ނޫނެވެ. އައްޑު އަތޮޅާއި އިނގިރޭސި ދައުލަތާއި ދެމެދުގައި ހިނގަމުންދާ ހުރިހާ މައްސަލަތަކެއް ހަމަޖެއްސުމަށްޓަކައި ދާއިމީ ކޮމިޓީއެއް ދިވެހި ސަރުކާރުން އެކުލަވާލައްވައިފިއެވެ. އެއީ 1958 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އެކޮމިޓީގެ ރައީސަކަށް ހުންނެވީ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދިލް އަޒްހަރީއެވެ. އެމަނިކުފާނުގެ އިތުރަށް ކޮމިޓީގައި ހިމެނިވަޑައި ގަންނަވަނީ، އަލްއުސްތާޛު އިބްރާހީމް ޝިހާބު، އައްނަބީލު ޙަސަން ޒަރީރު، އަލްފާޟިލް ފާރޫޤު އިސްމާޢީލް، އަލްފާޟިލް އަޙްމަދު ޙިލްމީ ދީދީ، އަލްފާޟިލް ޢަދްދުނާން ޙުސައިން، އަލްފާޟިލް އިބްރާހީމް ރަޝީދު މިބޭބޭފުޅުންނެވެ.
މިކޮމިޓީގެ ބޭފުޅުން ސިލޯނަށް ވަޑައިގެން އިނގިރޭސި ހައިކޮމިޝަނަރާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ބޭރު ޤައުމުތަކަށް ވަޑައިގެން އެތަންތާނގެ ލީޑަރުންނާ ބައްދަލުކުރައްވައި އިނގިރޭސީންނާއި ރާއްޖެއާ ދެމެދު ހިނގަމުންދާ މައްސަލަ އެބޭފުޅުންނަށް ވިދާޅުވެ ދެއްވައި ހެއްދެވިއެވެ. އަދި އެބޭފުޅުންގެ ތާއީދާއި އެހީ ދިވެހި ސަރުކާރަށް ހޯއްދެވިއެވެ. އެގޮތުން އެދުވަސްވަރު ދުނިޔޭގައި ތިއްބެވި އަދި ވަކި ފަރާތަކަށް ނުޖެހޭ ޤައުމުތަކުގެ އެންމެ މަޝްހޫރު ދެލީޑަރުން ކަމުގައި، މިޞްރުގެ ޕްރެޒިޑެންޓް ޖަމާލް ޢަބްދުއްނާޞިރުގެ އަރިހަށާއި އިންޑިޔާގެ ބޮޑުވަޒީރު ޖަވާހަރު ލާލު ނެހްރޫގެ އަރިއަހަށް މިދެންނެވި ކޮމިޓީގެ ބޭފުޅުން ވަޑައިގެންނެވިއެވެ. މިޞްރަށް ވަޑައިގެންނެވީ އަލްއުސްތާޛު އިބްރާހީމް ޝިހާބެވެ. އިންޑިޔާއަށް ވަޑައިގެންނެވި ވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ އަންނަބީލް ޙަސަން ޒަރީރެވެ. މީގެ އިތުރަށް ސިލޯނުގެ ބޮޑުވަޒީރު މިސްޓަރ އެސް. ޑަބްލިޔޫ. އާރ. ޑީ. ބަންޑާރަ ނަޔަކާވެސް ދިވެހި ވަފްދުގެ ބޭފުޅުން ބައްދަލު ކުރެއްވިއެވެ.
މިދުވަސްވަރު އައްޑޫ މައްސަލަ އައު ގޮތަކަށް ބަދަލުވެގެން ދިޔައެވެ. 1959 ވަނަ އަހަރުގެ ޖަނަވަރީމަހުގެ ފުރަތަމަ ދުވަހު އައްޑުއަތޮޅުގައި ދިވެހި ސަރުކާރާ ދެކޮޅަށް ބަޣާވާތެއްކޮށް، އެތާނގައި ތިބި ދިވެހި ސަރުކާރުގެ އޮފިޝަލުން ހައްޔަރުކޮށް ހެދިއެވެ. އަދި އެ އަހަރުގެ މާރޗްމަހުގެ 13 ވަނަ ދުވަހު، އެ ބަޣާވާތުގެ އިސް ލީޑަރަކަށް ހުންނެވި ޢަބްދުﷲ ޢަފީފް ދީދީ، ދުނިޔޭގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޔުނައިޓެޑް ސުވަދީވް އައިލެންޑްސްގެ ނަމުގައި، ރާއްޖޭގެ އެންމެ ދެކުނުގެ ތިންއަތޮޅު ހިމެނޭގޮތުން އައު ދައުލަތެއް އިޢުލާން ކުރެއްވިއެވެ. ބީބީސީއާއި ވޮއިސް އޮފް އެމެރިކާއާއި އަދިވެސް ވަރަށްގިނަ ރޭޑިޔޯތަކުން އެޚަބަރު އެދުވަހާއި އަނެއްދުވަހު ފަތުރަމުން ދިޔައެވެ.
މާލޭގައި އެޚަބަރު އެންމެ ފުރަތަމަ އިވުނު އެކަކަށް އަޅުގަނޑުވިއެވެ. އަޅުގަނޑުގެ އެކުވެރި ޢަބްދުﷲ ޞާދިޤާއި އަޅުގަނޑާ ދެމީހުން އޭރުގެ ޗާޕްޚާނާގައި ހުންނަ ރޭޑިޔޯއަކުން ރޭޑިޔޯ ޚަބަރު އަޑުއަހައިގެން ނޫހަށް ލިޔެ އުޅުނީމެވެ. އުރުދޫ ބަހުން އަންނަ ޕްރޮގްރާމް ތަކުންނެވެ. ތޭރަވަނަ ދުވަހުގެރޭ 7.15ގައި އޮތް ބީބީސީގެ ޚަބަރު ޕްރޮގްރާމެއްގައި އެންމެ ފުރަތަމައަށްވެސް ކިޔާލީ އެޚަބަރެވެ.
އަޅުގަނޑުމެން އެޚަބަރު ދިވެހި ބަހުންލިޔެފައި ޚަބަރުގެ މުހިންމުކަމުން އެންމެ ފުރަތަމަ އެޚަބަރު އެރުވީ އޭރު ޗާޕްޚާނާގެ ވެރިޔަކަށް ހުންނެވި އަދި ދުވަހުނޫސް “ވިޔަފާރި މިއަދު”ގެ މުޙައްރިރު އަލްފާޟިލް އާދަމް ނަޞީރު މަނިކުގެ އަތްޕުޅަށެވެ. އޭނާ އެޚަބަރު ހިއްޕަވައިގެން ވަޑައިގެންނެވީ ސީދާ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ އަރިހަށެވެ. ފަހުން އާދަމް ނަޞީރު މަނިކު އަޅުގަނޑުމެންނަށް އެންގެވީ އެވާހަކަ އަދި ނުދެއްކުމަށާއި، އެއީ އޮޅުމަކަށް ވެދާނެ ކަމަށެވެ. ސަބަބަކީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދެވުމަށް ބޮޑުވަޒީރު ނާޞިރު އިނގިރޭސި ސަރުކާރަށް ހުށަހަޅުއްވާފައިވާތީ އެވާހަކަ ޚަބަރުގައި ކީގޮތަކުން އަޅުގަނޑުމެންނަށް އޮޅިފައި އޮތީކަމަށްވުން އެކަށީގެންވާކަމެވެ. ނަމަވެސް ބައެއް އިތުރު ބޭފުޅުން އެރޭގެ 10 ޖެހިއިރު ބީބީސީގެ އިނގިރޭސި ޚަބަރު އައްސަވާފައި އަޅުގަނޑާއި ޞޯދުބެއާ ދެމީހުން ލިޔެފައިވާ ޚަބަރަކީ ރަނގަޅު ވާހަކައެއްކަން ކަށަވަރުކޮށް ދެއްވައިފިއެވެ. ނަމަވެސް ދެންވެސް އޮތީ އެޚަބަރު ސިއްރުކޮށްފައި ބާއްވާގޮތަށެވެ. އެޚަބަރު ބޭރުގެ ރޭޑިޔޯތަކުން ކިޔައި ނޫސްތަކުގައި ޝާއިޢުކުރަމުން ދިޔަނަމަވެސް މާލޭގައި އެޚަބަރު އިޢުލާންކުރެވުނީ މާރޗްމަހުގެ 21 ވަނަ ދުވަހުއެވެ. އެހިސާބުން އައްޑޫ ގަމުގެ މައްސަލާއާ ގުޅޭގޮތުން އިނގިރޭސި ސަރުކާރާ ވާހަކަ ދެއްކެވުމަށް ސިލޯނަށް ވަޑައިގެން ތިއްބެވި ދިވެހި ވަފްދުގެ ބޭފުޅުން އެވާހަކަތައް ހުއްޓަވާ ލައްވާފައި މާލެވަޑައި ގެންނެވުމަށް ބޮޑުވަޒީރު ނާޞިރު އެވަފްދަށް އަންގަވައިފިއެވެ.
ދެން އައި ދުވަސްކޮޅުވެސް އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި މެދުކެނޑުމެއްނެތި ވާހަކަ ދެކެވެމުން ދިޔައެވެ. އައްޑޫ މައްސަލައާ ގުޅިގެން އިނގިރޭސީންނާމެދު ދިވެހީންގެ ގިނަބައެއްގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެދިފައި އޮތްނަމަވެސް ސަރުކާރުން ގެންދެވީ ވަރަށް ޙިކްމަތްތެރި ސިޔާސަތެއްގެ މަތީން އިނގިރޭސީންނާ ވާހަކަ ދައްކަވަމުންނެވެ. އަދި އެވާހަކަތަކުގެ ނަތީޖާއަކަށްވީ 1960 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 14 ވަނަ ދުވަހު މާލޭގައި ސޮއިކުރެވުނު އައު އެގްރީމެންޓެވެ. އިނގިރޭސި ދަވްލަތާއި ދިވެހި ދަވްލަތާ ދެމެދުގައި ކުރެވުނު “އޯލްޕޯރޓް އެގްރީމެންޓް”ގެ ނަމުން މަޝްހޫރުވެފައިވާ އައު އެގްރީމެންޓެވެ. އެ އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ކުޑަ ތަންކޮޅެއް ލިބުނެވެ. އިޖްތިމާޢީ އަދި އިޤްތިޞާދީގޮތުން އެހެން ޤައުމުތަކާ އަދި ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅުމުގެ ފުރިހަމަ ނިމިވަންކަން (އިނގިރޭސި ދައުލަތް މެދުވެރި ކުރުމެއްނެތި ގުޅުމުގެ މިނިވަންކަން) ދިވެހިރާއްޖެއަށް ލިބުނެވެ. އަދި އިނގިރޭސީންނަށް ސަތޭކަ އަހަރަށް ދޫކުރަން އެއްބަސްވެފައިވާ ގަން ދޫކުރުމުގެ މުއްދަތު 30 އަހަރަށް ކުރުކުރުމާއެކު އެމުއްދަތުގައި ގަން އިނގިރޭސީންނަށް އެއްވެސް ކުއްޔެއްނެތި ހިލޭ ދިނުމަށްވެސް ރާއްޖެއިން އެއްބަސްވެއެވެ. އެގްރީމެންޓާއެކު މިސްޓަރ އޯލްޕޯރޓްސް ސޮއި ކުރައްވައި ފޮނުއްވެވި ސިޓީފުޅެއްގައި ދިވެހިރާއްޖޭގައި، މާލޭގައި އޮތް ސަރުކާރު ނޫން އެހެން އެއްވެސް ސަރުކާރެއް ޤަބޫލު ކުރުމަކީ އިނގިރޭސި ސަރުކާރުން އެއްގޮތަކަށްވެސް ކުރާނޭ ކަމެއް ނޫން ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް ދީފައި ވެއެވެ.
މި އެގްރީމެންޓްގައި ސޮއިކުރެއްވުން އޮތީ މާލޭގައެވެ. އިނގިރޭސި ސަރުކާރުން ސޮއިކުރައްވަން ވަޑައިގަތީ އެތާނގެ ކޮމަންވެލްތް ރިލޭޝަންސް ސެކްރެޓަރީ މިސްޓަރ އޯލްޕޯރޓެވެ.
މި އެގްރީމެންޓްގެ ފަހުން އައި ދުވަސްކޮޅުގެ ތެރޭގައި އިނގިރޭސީންނާއި ދިވެހީންގެ ގުޅުން ވަރަށްބޮޑުތަން ރަނގަޅުވެގެން ދިޔަކަމަށް ތަރީޚުން ފެންނަންހުރި ކަންތައްތަކުން، ދޭހަވެއެވެ. މި އެގްރީމެންޓްގައި ސޮއިކުރެވުނުތާ މާގިނަ ދުވަހެއްނުވެ އިނގިރޭސީންގެ ބޭނުމަށްޓަކައި ހުޅުލޭގައި މަތިންބޯޓް ޖައްސާ ތަނެއް ހަދައިފިއެވެ. ދަނގަޑުފިލާ އަތުރައިގެން ހެދި މިރަންވޭ ހަދާނިމިގެން ފުރަތަމަ މަތިންދާ ބޯޓު ޖައްސާފައިވަނީ 1960 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ދިހަވަރަކަށް ދުވަސްކުރީން އިނގިރޭސި ރެޕްރެޒެންޓެޓިވްއެއްގެ ގޮތުގައި ރާއްޖޭގައި ހުންނެވުމަށް މިސްޓަރ އާރތިންގްޓަން ޑޭވީ މާލެވަޑައި ގެންނެވިއެވެ. އިނގިރޭސި ސަރުކާރުން ދިވެހީންނަށް ހަދިޔާކުރި ޞިއްޙީ ޚިދުމަތްދޭ ލާންޗް “ގޯލްޑަންރޭ” ވެސް އޭގެ އަށެއްކަ މަސްދުވަސް ފަހުން މާލެއަށް ގެނެވުނެވެ.
އިނގިރޭސީންގެ މިކަހަލަ “މަކަރުވެރި” ހެޔޮކަމަކުން ދިވެހީންގެ ޢަޒްމަކަށް ބަދަލެއް ނުގެނެވުނެވެ. ދިވެހީން އެމީހުންގެ ފުރިހަމަ މިނިވަންކަމަށް އެދެމުންދާ އެދުމަށް އެއްވެސް ދުލެއްނުދެއެވެ. އޯލްޕޯރޓް އެގްރީމެންޓް ކުރެވުނުއިރު އައްޑޫ މައްސަލަ ހަމަޖައްސާދޭނެކަމަށް އޯލްޕޯރޓް ވެވަޑައިގެންފައިވާ ވަޢުދު އިނގިރޭސީންނަށް ހަނދާން ކޮށްދިނުމެއް ހުއްޓައެއް ނުލައެވެ.
އެހެންކަމުން އެމަސައްކަތްތަކަކީ ހަމައެކަނި ސަރުކާރުން ކުރެވޭނޭ ކަންތައްތަކަކަށް ނުވާތީ ރައްޔިތުންވެސް އެމަސައްކަތުގައި ބައިވެރިވުމަށް ސަރުކާރުގެ އިސްވެރިންގެ ފަރާތުން އިރުޝާދު ލިބެމުން ދިޔަވަރަކަށް އެކަން ކަމުގައި ރައްޔިތުންގެ ބައިވެރިވުން ދިޔައީ އިތުރުވަމުންނެވެ. ރައްޔިތުންގެ ހިތްވަރާއި ޢަޒްމު ދިޔައީ ސާބިތުކަމާއެކު ދައްކަމުންނެވެ.
ރާއްޖޭގެ މިނިވަންކަމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އިތުރަށް އަމިއްލަގޮތުން މަސައްކަތް ކުރުމަށް އެންމެ ފުރަތަމަ ކުރެވުނު އެއްކަމަކީ އަމިއްލަ ނޫހެއްގެ ގޮތުގައި ޝާއިޢުކުރަންފެށި ދުވަހުނޫސް “ފަތިސް” ނެރެން ފެށްޓުމެވެ. މ.މ.ދ.ޖަމްޢިއްޔާގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެން، އަލްފާޟިލް އާދަމް ނަޞީރު މަނިކުގެ އެޑިޓަރ ކަމުގައި، އަދި ނޫހުގެ ސެކެޓްރީއެއްގެ ގޮތުން ތުޅާދޫގެ ޢައްބާސް މަސައްކަތްކުރި މިނޫހަކީ އޭރު، ސަރުކާރު ހިންގަވަން ތިއްބެވި ވެރިންގެ އިރުޝާދުގެ މަތިން، އިނގިރޭސީންނާ ދެކޮޅަށް ޚަބަރުތަކާއި މަޒްމޫނުތައް އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔަމުން ގެންދިޔަ ނޫހެކެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާކުރުމާއި، ދެކުނު ތިން އަތޮޅުގައި އިނގިރޭސީންގެ ނުފޫޒުން ފެތުރިފައިވާ ވަކިވެގަތުމުގެ ރޫޙާދެކޮޅަށް ޝުޢޫރުތައް ފާޅުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ނޫހެއްމެއެވެ. މިނޫސް ފަށްޓަވާފައިވަނީ 1 އޮކްޓޯބަރު 1960 ގައެވެ. އޭރު ސަރުކާރުން ނެރޭ ސަރުކާރުގެ ޚަބަރާއި “ވިޔަފާރި މިއަދު” ގައި ނުޖެހޭ ކަހަލަ ވަރަށްގިނަ ޚަބަރާއި މަޒްމޫނު ފަތިސްގައި ޝާއިޢުކުރެވިފައި ވާނެއެވެ.
މިނިވަންކަމުގެ މަސައްކަތުގައި އެންމެ މުހިންމު ރޯލެއް އަދާކުރި އަނެއްބަޔަކީ ރޭޑިޔޯއެވެ. އެންމެ ފުރަތަމަ މާލޭ ރޭޑިޔޯގެ ނަމުގައި ރޭޑިޔޯ ޓެލެފޯން ސެޓަކުން މަސައްކަތް ފެށިފައިވަނީ 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ސަރުކާރުގެ ޚަބަރުތަކާއި އިޢުލާންތައް އަތޮޅުތަކުގެ ރަށްރަށަށް ދުވަހުން ދުވަހަށް އެންގުމުގެ ބޭނުމުގައެވެ. ރާއްޖޭގެ ދެކުނު ކޮޅުގައި ހިނގަމުންދާ ނޭދެވޭ ކަންތައްތަކާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އެހެން އަތޮޅުތަކުގެ މީހުންނަށް އެންގުމާއެކު ދެކުނު އަތޮޅު ތަކުގައި ތިބި މަޢުޞޫމް މީހުންނަށްވެސް އެކަންކަން ސާފުކޮށްދިނުމުގެ މަޤްޞަދުގައެވެ. މާލޭ ރޭޑިޔޯ ފެށިތާ އަހަރެއްހާ ދުވަހުގެ ތެރޭގައި، މިކަމަކީވެސް އަމިއްލަ ފަރާތަކުން ކުރާކަމެއްގެ ގޮތުގައި ހިންގުމުގޮތުން، މާލޭ ސިނަމާ ކުންފުނީގެ ފަރާތުން 1964 ވަނަ އަހަރުގެ މާރޗް މަހުގެ 12 ވަނަ ދުވަހުގެރޭ މާލޭ ސިނެކޯ ރޭޑިޔޯގެ ނަމުގައި ރޭޑިޔޯ ސްޓޭޝަނެއް ފަށްޓައިފިއެވެ. ސިލޯނުގެ އިންޖިނޭރެއްގެ ބެލުމުގެ ދަށުން ރާއްޖޭގެ ޒުވާން ޓެކްނީޝަނުން ކޮޅެއް (އަލްފާޟިލް މައިޒާން އަޙްމަދު މަނިކާއި، އަލްފާޟިލް ކޮނޑޭ ޢަލިމަނިކު) މަސައްކަތް ކުރައްވައިގެން ރާއްޖޭގައި އުފައްދަވާ ޓްރާންސް މީޓަރުތަކެއް ބޭނުންކުރައްވައިގެން ހިންގަންފެށި ސިނެކޯ ރޭޑިޔޯއިން އިނގިރޭސި ބަހުންނާ ދިވެހިބަހުން ވަރަށްގިނަ ޕްރޮޕެގެންޑާތަކެއް އިނގިރޭސީންނާ ދެކޮޅަށް ކުރެވުނެވެ. އެ ދުވަސްވަރު ސިނަމާ ކުންފުނީގެ ސެކެޓްރީއެއްގެ ގޮތުން ހުރި މީހެއްގެ ހައިސިއްޔަތުންނާއި ޚަބަރަށް ލޯބިކުރާ މީހަކަށް ވާތީ ސިނެކޯ ރޭޑިއޯ ފެށުނު ހިސާބުން އެތާނގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނެވެ.
މީގެ އިތުރަށް އަލްފާޟިލް އިބްރާހީމް ނަޢީމް (މަރްޙޫމް ސައިކުރާ އިބްރާހީމް ނަޢީމް) ފަދަ ބޭފުޅުންގެ ނަންފުޅުގައި، އިނގިރޭސިވިލާތުގެ އޭރުގެ އިދިކޮޅު ޕާރޓީކަމުގައިވާ ލޭބަރޕާރޓީގެ ޒަޢީމް ހެރަލްޑް ވިލްސަން މެންނަށް ސިޓީލިޔެ އިނގިރޭސީން އައްޑުއަތޮޅުގައި ކުރަމުންދާ ކަންތައްތަކާއި ރާއްޖެއާމެދު އިނގިރޭސީން ހަދަމުންދާ ގޮތްތައް ބަޔާންކޮށް ޝަކުވާކުރަމުން ގެންދެވުނެވެ.
1960 ވަނަ އަހަރުގެ އެގްރީމެންޓަށް ދެއަހަރު ވީއިރުވެސް އައްޑުއަތޮޅުގެ މައްސަލަ ހަމަޖެހުމަކަށް ނާދެއެވެ. ރާއްޖެއަށް މިނިވަންކަމެއް ނުލިބެއެވެ. އެހެންކަމުން އެހިސާބުން ދިވެހީންގެ ކެތްތެރިކަމުގެ ތަށިފުރިގެން ބަންޑުންވާން ފަށައިފިއެވެ. ދިވެހީންގެ ނުރުހުން ހަމައެކަނި ބަސްތަކަކުން ދެއްކުމުގެ ބަދަލުގައި ޢަމަލުން ދައްކަން ފަށްޓައިފިއެވެ.
މިގޮތުން އެންމެ ފުރަތަމަ ހިނގި ޙާދިސާއަކީ ހުޅުލޭގައި އިނގިރޭސީން ހަދާފައިވާ މަތިންދާބޯޓް ޖައްސާ ސްޓޭޝަން ހަލާކު ކޮށްލުމެވެ. އަދި އެތާނގައި ހުރި އިނގިރޭސީންގެ ބައެއް ވެހިކަލްތައް ހަލާކުކޮށް ޕެޓްރޯލާއި ޑީސަލް ތެޔޮފަދަ ތަކެތި ބިންމައްޗަށް އަޅާލާ ހެދުމެވެ. ދިވެހި ރައްޔިތުންގެ ފަރާތުން އިނގިރޭސީންނާއި ދެކޮޅަށް މިފެށި އިޙްތިޖާޖްގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވީ އޭރު ރައްޔިތުންގެ މަޖިލިސްގެ މާފަންނު މެންބަރު އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކެވެ. އޭނާއާއެކު އެމަސައްކަތުގައި ޙަރަކާތްތެރިވި އެހެން ބޭފުޅުންގެ ތެރޭގައި އަލްފާޟިލް ޢަބްދުއްރަޙްމާނު ދޮންމަނިކު (މިހާރު ދޮންކަލޭފާނު) އަލްފާޟިލް ސަރުސޫނު މުޙައްމަދު ދީދީ (މިހާރު މުޙައްމަދު ކަލޭގެފާނު) އަލްފާޟިލް ފުރަހަނި ޢަބްދުލްޣަފޫރު، އަލްފާޟިލް ފަންތޮށި ދޮން ޢަލިފުޅު، އަލްފާޟިލް ބޮޑުހޮއްކޮ ކުޑަމަނިކު ފަދަ ބޭބޭފުޅުން ހިމެނުނެވެ. ހުޅުލެއަށް ރޭގަނޑުގެ ކަނު އަނދިރީގައި ގޮސް ރަށުގެ ދެކުނުކޮޅުން އަރައިގެން ވަލުތެރޭގައި ޗަސްބިމުގައި ހިނގާފައި ރަންވޭއާ ހަމަޔަށް ދިޔުމުގައި އެބޭފުޅުން އެސާބިތުކޮށްދެއްވި ހިތްވަރަކީ މިހާރު ހުޅުލޭއެއަރޕޯރޓް ފެންނަ މީހުންނަށް އިޙްސާސްވެސް ނުކުރެވޭނޭ ކަންތަކެކެވެ. މިކަންތައްތައް ހިނގާދިޔައީ އަޅުގަނޑުގެ ލޮލުގެ ކުރިމަތީގައެވެ.
ހުޅުލޭގެ ރަންވޭއަށް ގެއްލުންދިނުމުގެ ވާހަކަ ބޭރުގެ ނޫސްތަކުގައިވެސް ޖެހިއެވެ. އަދި ބައެއް ރޭޑިޔޯތަކުންވެސް ޚަބަރު ފެތުރިއެވެ. އެއަރޕޯރޓަށް ގެއްލުންދިނުން އެތައްރެޔަކު ހިނގަމުން ދިޔައެވެ. އަދި އެކަމުގައި އުޅުއްވި ބައެއް އެހެން ބޭފުޅުންވެސް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އޭގެ ތެރެއިން އަލްފާޟިލް އިސްމާޢީލް ރަޝީދު (މަންދު އެދުރުގެ) އާއި، އަލްފާޟިލް ވައިޖެހޭގޭ އިބްރާހީމް ރަޝީދުގެ ނަންފުޅު އަޅުގަނޑު ވަކީން ޚާއްޞަކޮށްލުމަކީ އެހެން ބޭފުޅުންނަށް ކުރެވުނު ބޭއިންޞާފެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ.
ހުޅުލޭގައި އިނގިރޭސީން ހަދާފައިވާ ރަންވޭ ހަލާކު ކޮށްލުމަށްފަހު ދިވެހީންގެ އަމިއްލަ އެއަރޕޯރޓެއް އެތާނގައި ހެދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ފެށްޓެވިކަމީވެސް ދިވެހީންގެ ހިތްވަރާއި ކެރުން އިނގިރޭސީންނަށް ދެއްކުމުގެ ގޮތުން ކުރެވުނު ކަމެކެވެ. 1964 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު އެމަސައްކަތް ފެށްޓެވިއިރު ދިވެހީންގެ އަތުގައި އެފަދަ މަސައްކަތެއް ކުރާނޭ ތަޖުރިބާ ލިބިފައިވާ ބަޔެއްވެސް، އަދި ބޭނުންކުރާނޭ އާލާތެއްވެސް ނެތެވެ. ފައިސާ ޢަމުދުންނެތެވެ. ރަންވޭގެ ބިންގަނޑު ހަރުކޮށްލަން ރޯލު އަޅާލާނޭ ރޯލަރއަކާއި އެތަނަށް އަޅާނޭ ތާރުކައްކާނޭ އެއްޗެއްވެސް ގެނައީ އެކުވެރި ސިލޯނު ސަރުކާރުގެ އެހީއެއްގެ ގޮތުގައި، އަދި އަނބުރާ ދައްކާގޮތަށެވެ. މީގެ އިތުރަށް ސިލޯނު ސަރުކާރުން 3 އިންޖިނޭރަކުވެސް މި މަސައްކަތަށް ފޮނުވާދިނެވެ. މިއީ އޭރު ދިވެހިންގެ ޙާލުހުރިގޮތެވެ. ނަމަވެސް އޭރު ދިވެހިންގެ ޢަޒުމް މާވަރުގަދައެވެ. ޤައުމީ ލޯބި މާބޮޑެވެ.
ހުޅުލޭގައި އިނގިރޭސީން ހަދާފައޮތް ރަންވޭ ހަލާކުކޮށްލާފައި އޮތްދުވަސްވަރު މާލޭގައި ހުންނަވާ އިނގިރޭސި ސަފީރު އާތިންގްޓަން ޑޭވީއަށް ބޭނުންފުޅުވެގެން ގެންނަވާ ބައެއް އެއްޗެހި ގަމުން އިނގިރޭސީންގެ މަތިންދާ ބޯޓެއްގައި ގެނެސް ދޫނިދޫ ކައިރިއަށް ކަނޑަށް ވައްޓާލަނީއެވެ. އެގޮތުން ކަނޑަށް ވައްޓާ އެއްޗެހިވެސް ދިވެހީން ނަގައި އިނގިރޭސި ސަފީރަށް ދަތިކުރަން ފެށިއެވެ. އެކަމާގުޅޭގޮތުން މަތިންދާބޯޓުން ކަނޑަށް ވައްޓާ އެއްޗެހި ނެގުމަކީ މަނާކަމެއް ކަމުގައި ވުޒާރަތުއް ދާޚިލިއްޔާއިން އިޢްލާން ކުރެއްވިއެވެ.
ރައްޔިތުންގެ ފަރާތުން ކުރަމުންދިޔަ އިޙްތިޖާޖްތަކުގެ ތެރޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރެވުނު އެއްކަމަކީ މާލޭގެ އަންހެނުން އިނގިރޭސި ސަފީރާ ދެކޮޅަށްކުރި މުޒާހަރާއެވެ. އެމުޒާހަރާއޮތީ 16 ނޮވެމްބަރ 1962 ވީ ހުކުރު ދުވަހުއެވެ. މިޙާދިސާއާ ގުޅިގެންވެސް އަޅުގަނޑުގެ އަމިއްލަ ތަޖްރިބާއިން އެނގިފައިވާ އިތުރު މަޢުލޫމާތުކޮޅެއް މިތާނގައި ހާމަކޮށްލާނަމެވެ. މިދަންނަވާ މުޒާހަރާ ހުކުރުދުވަހު ކުރުމުގެކުރީން، އެމުޒާހަރާ ކުރަން އުޅޭކަން ސަރުކާރަށް އެނގިވަޑައި ގަންނަވައިގެން މާފަންނުގެ އަންހެނުންގެ ތެރެއިން އިސްކޮށް އުޅުއްވާ ބޭކަނބަލުން ކޮޅެއް ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ސިފައިންގެއަށް ގެންދެވުނެވެ. އޭގެ ތެރޭގައި އަލްފާޟިލާ އުނިމާގޭ ފާޠިމާ ދީދީއާއި، އަލްފާޟިލާ އުންބެ ޙައްވާ މަނިކެއާއި، އަލްފާޟިލާ ފަތްކަނޑާ ދޮންކަނބުލޮއާއި އަލްފާޟިލާ (ޢީސަގެ) ޖަމީލާއާ މިކަހަލަ އެތައް ބޭކަނބަލުންނެއް ހިމެނުނެވެ. އެކަނބަލުން ސިފައިން ގޭގައި ދެންނެވީ އިނގިރޭސީންނާ ދެކޮޅަށް މުޒާހަރާކުރަން ނުކުންނަން އެކަނބަލުން އުޅުއްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖްލިސްގެ މާފަންނު މެންބަރު އަލްފާޟިލް އިބްރާހީމްމަނިކު ދޮންމަނިކު އަންގަވައިގެން ކަމަށެވެ. އެހިސާބުން ދޮންމަނިކުވެސް ސިފައިންގެއަށް ޙާޟިރުކުރެވުނެވެ. އޭނާއާކުރެވުނު ސުވާލުތަކަށް އޭނާ ދެއްވި ޖަވާބާ ހިސާބުން އޭނާ ދޫކޮށްލައްވައިފިއެވެ. އަދި އެއްކަލަ އަންހެން ކަނބަލުންވެސް ދޫކޮށްލައިފިއެވެ. އަނެއްދުވަހުގެ ހެނދުނު ނުކުތް ފަތިސްނޫހުގެ ބޭރުގަނޑުގައި އޮތް އެންމެ ފަލަ ސުރުޚީއަކީ އިނގިރޭސިންނާ ދެކޮޅަށް މާލޭގެ އަންހެނުން މުޒާހަރާކުރަން އުޅޭކަން ސަރުކާރަށް އެނގިވަޑައި ގަންނަވައިގެން އެކަން ހުއްޓުވައިފިކަމުގެ ޚަބަރެވެ. އަދި މިކަންކުރަން އުޅުނީ މާފަނުންގެ އަންހެނުންތަކެއް ކަމަށްވެސް އެނޫހުގައި އޮތެވެ.
އެހިސާބުން މުޒާހިރާގެ ފޯރި މާގަދަވެއްޖެއެވެ. ހެންވޭރު އަންހެނުން ބޭނުންވީ ކޮންމެ ގޮތަކުންވެސް މުޒާހަރާ ކުރާށެވެ. އަލްފާޟިލާ މައިޒާން މަރިޔަމްފުޅު އިސްވެ ހުންނަވައިގެން ހެންވޭރު އަންހެނުން ޙަރަކާތްތެރިވާން ފަށައިފިއެވެ. އަދި ހުކުރު ނަމާދުން ފޭބިއިރު މާލޭގެ އުތުރު ފަރާތު އަތިރިމަތިން، ބޮޑުކޯއްޓޭ ބުރުޒުގެ އިރުމަތި އެކީ ފުރާލާފައި އޮތީ އަންހެނުންނެވެ. އޭރު މާފަންނު އަންހެނުންވެސް، އަދި މައްޗަންގޮޅިއާ ގަލޮޅުގެ އަންހެނުންވެސް އަތިރިމައްޗަށް އަންނަމުންދެއެވެ. އޭރު އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއްނެތެވެ. އަންހެނުންތައް އަތިރި މައްޗަށް މިއަންނަނީ ދޯނި ފަހަރުގައި ދޫނިދޫ ކަރިއަށްދާށެވެ. އިނގިރޭސި ސަފީރު ޑޭވީ ހުންނަވަނީ އެރަށުގައެވެ. ފަޅުތެރޭގައި ހުރި ދޯނިތަކަށްވެސް އަންހެނުން އަރަން ފަށައިފިއެވެ. އަދި ފަލިޖަހާފައި ނެރުތަކުން ބޭރަށް ދޯނިތައް، ނެރެން ފަށައިފިއެވެ.
އޭރު އަޅުގަނޑު އުޅެނީ ސިނަމާ ކުންފުނީގައެވެ. އަދި އެގޮތުން ސިނެކޯ ރޭޑިޔޯގައެވެ. ސިނެކޯ ރޭޑިޔޯ ހިންގަމުންދަނީ އަތިރި މާފަންނު ގޭގައެވެ. (މިއީ މިހާރު ތީމުގެ އެހެރަ ތާނގައި ކުރީން ހުރި ތަނެކެވެ.) އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު އިންނަވާ އޮފީހެއްވެސް އެތާނގައި ހުރެއެވެ. އަންހެނުންގެ މުޒާހިރާ ފެށުމާއެކު ނާޞިރު އަތިރި މާފަންނުގެއަށް ވަޑައިގަންނަވައިފިއެވެ. ޒަމާނަކީ މޯބައިލް ފޯން ކީއްކުރަންތޯ؟ ވޯކީޓޯކީވެސް ގެންގުޅޭ ޒަމާނެއްނޫނެވެ. ވީމާ އަޅުގަނޑަށާއި ސައިކުރާ އިބްރާހީމް ނަޢީމަށް ޖެހުނީ ބައިސްކަލްގައި ފަހަރަކު މީހަކުގޮސް ބޮޑު ކޯއްޓޭ ބުރުޒުގެ އިރުމަތިން ޚަބަރު ގެނެސް ދިނުމަށެވެ. އަންހެނުންގެ މުޒާހިރާ ތަރައްޤީވަމުން ދާގޮތް ބޮޑުވަޒީރަށް ދަންނަވަމުން ދިޔުމަށެވެ.
އެހިސާބުން އޭރުގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ބޮޑުވަޒީރު ނާޞިރު އިމަރޖެންސީ ޙާލަތު އިޢުލާން ކުރައްވައިފިއެވެ. އަދި އިމަރޖެންސީ ޙާލަތުގެ ދަށުން ބޮޑުވަޒީރު ނެރުއްވި އަމުރަކީ އެވަގުތުން ފެށިގެން އެހެންގޮތަކަށް އަންގަންދެން، މާލޭގެ ފަޅުން ބޭރަށް ނުކުންނަ އެއްވެސް ދޯންޏެއްގައި ފިރިހެނަކު ހުރެގެން ނުވާނެކަމުގެ އަމުރެވެ. މުޒާހިރާއަކީ އަންހެނުންގެ މުޒާހިރާއަކަށްވާތީ ފިރިހެނުން އެކަމުގައި އެއްގޮތަކަށްވެސް ބައިވެރިވިޔަ ނުދިނުމުގެ ގޮތުންނެވެ. އެ ވަގުތު ސިނެކޯ ރޭޑިއޯ ގެ ޛަރީޢާއިން އެ އިޢްލާން ގެ އަޑު ދުރަށް ފޮނުވަމުން ގެންދެވުނެވެ.
މިހާރުގެ މުޒާހިރާތަކުން މިއިވޭކަހަލަ ގޮވެލިތަކުގެ އަޑުނީވުނަސް އަދި ފެންނަ ކަހަލަ މަންޒަރުތައް ނުފެނުނު ކަމުގައި ވިޔަސް އެދުވަހު އެތަނަށް އެއްވެފައި އޮތް އަންހެނުންގެ ތެރެއިން އިވެމުންދިޔަ އަޑުތަކާއި ފެންނަމުންދިޔަ މަންޒަރުތަކަކީ ދުވަހަކުވެސް ހިތުން ފިލައިގެން ދާނޭ ކަންތައްތަކެއް ނޫނެވެ. ދޫނިދޫ ކައިރިއަށް ދިޔައިމާ އެތާ ތިބޭ އިނގިރޭސީން އެމީހުންނާ ދިމާކުރާނީ ކިހިނެއްކަން، ނުވަތަ އެމީހުން އަތުގައި ހަތިޔާރުވެސް ހުރެދާނޭކަން، މިފަދަ އެއްވެސް ކަމަކާ ވިސްނާނުލާ، އެއްވެސް ބިރެއްނެތި އަންހެނުންތައް ދޯނިފަހަރަށް އަރައިގެން ދޫނިދޫއާ ދިމާއަށް ޖަހައިގަތް މަންޒަރު އެއީ ދިވެހި އަންހެނުންގެ ހިތްވަރު ގަދަކަމާއި ސާބިތުކަމަށް އަބަދުވެސް ދިވެހި ތާރީޚް ހެކިދޭނޭ މަންޒަރެކެވެ.
ކޮންމެއަކަސް ކުރީން ދެންނެވި ފަދައިން މޯބައިލް ފޯނެއް ނުވަތަ ވޯކީޓޯކީ އެއްވެސް ނެތްޒަމާނެއްވީމާ ދޫނިދޫ ކައިރިއަށްދާ ދޯނި ފަހަރަށް ވާގޮތެއްނޭނގެއެވެ. އަތިރީ މާފަންނު ގެއިންގެނައި ދެލޯ ދުރުމިއަކުން ބަލާލުމުން ތަންކޮޅެއް ކައިރިކޮށް އެހިސާބު ފެނެއެވެ. ދޫނިދޫން ލާންޗެއް ނުކުމެގެން އުޅޭތަންވެސް ފެނުނެވެ. އެޚަބަރުތައް ބޮޑުވަޒީރު ނާޞިރަށް ދެންނެވުމުން ސިފައިންގެ މީހުން ދޫނިދޫ ކައިރިއަށް ފޮނުއްވައިފިއެވެ. އަދި އަންހެނުންތަކަށް އެނބުރި މާލެއައުމަށް އަންގައިފިއެވެ. އަޅުގަނޑަށް ޚަބަރު ލިބުނު ގޮތުގައި މުޒާހިރާކުރި މީހުންނަށް އިނގިރޭސީން އެއްވެސްކަމެއް ނުކުރެއެވެ. ލާންޗު ބާރަށް ދުއްވާލައިގެން ދޫނިދޫ ކައިރީގައި ރާޅުތައް އުފައްދާލީއެވެ. އެދުވަހުގެ އިރުއޮއްސެން ވީއިރަށް ދޫނިދޫ ކައިރިއަށްދިޔަ ހުރިހާ އަންހެނުން އެނބުރި މާލެ އަތުވެއްޖެއެވެ. އަދި އުތުރު ފަރާތު އަތިރިމަތީގައި ތިބިމީހުން ގޭގެއަށްވެސް ހިނގައްޖެއެވެ. އެރޭގެ 7 ޖެހިއިރު، މާލޭ ފަޅުން ނުކުންނަ ދޯނިފަހަރުގައި ފިރިހެނުން އުޅުމުގެ ހުއްދަވެސް ލިބިއްޖެއެވެ.
ޖެހިގެން އައިދުވަހުގެ ހެނދުނު މާލޭގެ ގިނަ މީހުންނަށް ހޭލެވުނީ މަތިންދާ ބޯޓެއްގެ އަޑަށެވެ. މާތިރިތިރިން މާލެމަތިން އެތައް ފަހަރަކު ދުއްވަމުންދިޔަ މަތިންދާ ބޯޓެކެވެ. އިނގިރޭސި އާރއޭއެފްގެ ބޯޓެކެވެ. ލަފާކުރެވޭ ގޮތުގައި އެބޯޓް އެހާތިރިން އެދުއްވީ މާލޭމީހުން ބިރުގެންނެވުމުގެ ގޮތުންނެވެ. ކޮންމެވެސް ބަޔަކު ބިރުނުގަންނަ ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އެކަމުގެ ސަބަބުންވެސް ގިނަމީހުންގެ ހިތުގައި އިނގިރޭސީންނާމެދު އޮތްނުރުހުމާއި ނަފްރަތު ދިޔައީ އިތުރުވެގެންނެވެ. އެދުވަހުގެ މެންދުރުން އެނބުރިތަނާ އިނގިރޭސީންގެ މަނަވަރެއް ގާދޫކޮލުން ވަދެގެންއައިސް ދޫނިދޫ ކައިރީގައި ބަނދަރުކޮށްފިއެވެ. މިއީ އިނގިރޭސި ސަފީރު ޑޭވީ ޙިމާޔަތް ކޮށްދިނުމަށްޓަކައި އައިމަނަވަރެކެވެ. މިއީ މިގޮތަށް ދޫނިދޫ ކައިރީގައި ދެމަހެއްހާ ދުވަސް ވަންދެން ބޭއްވުމަށް އިނގިރޭސިން ފޮނުވި މަނަވަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އައި މަނަވަރެވެ. މިގޮތަށް މަނަވަރު ދާއިމީ ގޮތަކަށް ދޫނިދޫ ބަނދަރުގައި އޮންނާން ފެށުމުން އެކަމާ އިޙްތިޖާޖުކުރުމުގެ ގޮތުންވެސް ދިވެހިރައްޔިތުންގެ ފަރާތުން ތަފާތު ކަންތައްތަކެއް ކުރެވުނެވެ.
އޭގެ ތެރެއިން އެންމެ ފާހަގަކުރެވޭގޮތަށް ކުރެވުނުކަމަކީ މާލޭގެ ތޮށިމަތީގައި ހަދާފާ އޮންނަ މަނަވަރެއް ބާއްވަމުން ގެންދިޔަ ގެންދިޔުމެވެ. މިމަނަވަރުތައް ހަދަމުން ދިޔައީ މާފަންނު ސިލްވަރކްލައުޑް ގޯތި ތެރޭގައެވެ. ޙަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވީ އަޅުގަނޑުގެ ބައްޕަ އިބްރާހީމް މަނިކު ދޮންމަނިކެވެ. ދެން އަޅުގަނޑެވެ. މަނަވަރު ފަރުމާކުރައްވައި ހައްދަވައި ދެއްވަނީ އަލްފާޟިލް ސަރުދާރު ދޮންމަނިކާއި އަލްފާޟިލް ޗިޅިޔާ މޫސާ މަނިކެވެ. އެބޭފުޅުންނަށް އެހީތެރިވެ ދެއްވުމުގައި ފުރަހަނި ޢަބްދުލްޣަފޫރާ އަދިވެސް ބައެއް އެހެން ޒުވާނުން އުޅެމުން ދިޔައެވެ. ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެއްވީ ހަމަމުޅީން ހިލޭ ސާބަހަށެވެ. މަނަވަރުތައް ހެދުމަށް ބޭނުންކުރާ ތަކެއްޗަށް (ގޯންޏާއި، ދަނޑިއާއި، އުވައާއި ކުލަފަދަ ތަކެއްޗަށް) ހޭދަކުރަންޖެހޭ ޚަރަދުތައް ކުރަމުން ގެންދިޔައީ އަމިއްލަ ޖީބުންނެވެ.
ސިލްވަރކްލައުޑް ގޯތި ތެރޭގައި ހަދާމަނަވަރު ނެރެގެން ގެންގޮސް ބާއްވަނީ މިހާރު މަގަތު ފާލަންހަދާފައި އެވާދިމާގައި އޮންނަ ތޮށިމަތީގައެވެ. އޭރު މާލޭގެ ގޮނޑުދޮށުން ފެށިގެން ކަނޑުތޮށްޓާ ހަމައަށް ވަރަށް ހަނިކޮށް ހިއްކާފައިވާ ބައެއް އެ ހިސާބުގައި އޮވެއެވެ. އެބައި މިހާރު އެވަނީ ފުޅާވެ، ބޮޑުވެ، ކަސްޓަމާއި ޕޯރޓްސް އޮތޯރިޓީގެ ސަރަޙައްދަށް ވެފައެވެ. ދޫނިދޫ ބަނދަރުގައި އޮންނަ މަނަވަރު ބަދަލުވާއިރަށް ތޮށިމަތީގައި އޮންނަ މަނަވަރުވެސް ބަދަލުވެއެވެ. ތޮށިމަތީގައި އޮންނަ މަނަވަރަށް އޮންނަނީ ދޫނިދޫ ބަނދަރުގައި އޮންނަ މަނަވަރުގެ ނަމާ ގުޅޭގޮތަކަށް މަލާމާތުގެ ނަމެއްދީފައެވެ. އެގޮތުން އޭރުގެ އެއް މަނަވަރަކަށް ކީނަން މިހާރުވެސް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އެއީ އެޗްއެމްއެސް “ވައިޓްފޫލް” އެވެ. ތޮށިމަތީގައި އެމަނަވަރު ބޭއްވީ ދޫނިދޫ ބަނދަރަށް އެޗްއެމްއެސް “ބްލެކްޕޫލް” އައުމުންނެވެ. ތޮށިމަތީ މަނަވަރުތަކަށް ކިޔާނެ ނަން އަޅުގަނޑުމެން ހޯދަމުން އައީ ޞ. ސ. އަލްފާޟިލް އަޙްމަދު ޙިލްމީ ދީދީ ފަދަ ބޭފުޅުންގެ އަރިހުންނެވެ.
އެދުވަސްވަރު ދޫނިދޫ ބަނދަރުގައި އޮތް މަނަވަރުގެ ކެޕްޓަން ފޮނުވި ދަޢުވަތު ކާޑެއް އޭރުގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް މެދުވެރިކޮށް އަޅުގަނޑުމެންނަށް ލިބުނެވެ. ދަޢުވަތު ދީފައިވަނީ ތޮށިމަތީގައި އޮތް މަނަވަރުގެ ކެޕްޓަންއަށާއި އެހެން އޮފިސަރުންނަށެވެ. ބަނދަރުގައި އޮތް މަނަވަރަށް ކޮކްޓެއިލް ޕާރޓީއަކަށް ދިއުމަށެވެ. އެކާޑު ލާފައިއޮތް ސިޓީއުރައިގައި މަނަވަރުގެ ނަމުގެ ކުރީގައި އޮންނަ އެޗް އެމް އެސް އެމީހުން ލިޔެފައިވަނީ އެޗް (ހޯމް) އެމް (މޭޑް) އެސް (ޝިޕް) މިހެންނެވެ. މިގޮތުން އިނގިރޭސީން އަޅުގަނޑުމެންނާ “ސަމާސާ” ކޮށްލީއެވެ. ކޮންމެއަކަސް އިނގިރޭސީންގެ މަނަވަރެއް ދޫނިދޫ ބަނދަރުގައި އޮތްހާދުވަހަކު މާލޭ ތޮށިމަތީގައި މަނަވަރެއް އޮތެވެ. އެގޮތުން ދިވެހީންގެ ނުރުހުމާއި ދެކޮޅުވެރިކަން ދައްކަމުން ގެންދެވުނެވެ.
މި ދުވަސްވަރު ދިވެހި ސަރުކާރުގެ އެދުމަކަށް ރޫސީ ވިލާތުން މަނަވަރެއް މާލެ އައިސް، މާލޭގެ ބަނދަރުގައި އޮންނަ ގޮތަށްވެސް ހަމަޖެހުނެވެ.
އިނގިރޭސީންގެ މި މަނަވަރުތައް ދޫނިދޫ ބަނދަރަށް އަންނަމުންދިޔަ ދުވަސްވަރު ދިވެހީންގެ ބަޔަކު އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކުރަމުންދިޔަ އަނެއްކަމަކީ އިނގިރޭސީންނާ ދެކޮޅަށް ސިޙުރު ހަދާކަމަށް ދައްކާ ޙަރަކާތެއް ހިންގުމެވެ. މިކަމެއް ކުރަންޖެހުނީ އިނގިރޭސި ސަފީރު އާރތިންގްޓަން ޑޭވީއަކީ މީގެކުރިން އެފްރިކާގެ ކެންޔާގައި ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅަކަށް ވުމާއެކު އޭނާއަކީ އެތާނގައި މީހުން ހަދާއުޅޭ ބްލެކް މެޖިކް (އާދެ، ސިހުރު ހާހޫރަ) ޤަބޫލުކުރައްވާ ބޭފުޅެއްކަން އެނގިފައިވާތީ ނަފްސާނީގޮތުން އޭނާއަށް ބިރުދެއްކުމުގެ ގޮތުންނެވެ.
މިދެންނެވި ގޮތަށް ސިހުރުހަދާކަމަށް ދައްކާ މީހުން ނުކުންނަނީ މ.އެންދެރިމާގެއިންނެވެ. އެކަން ހިންގެވުމުގައިވެސް އިސްވެ ހުންނެވީ އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކެވެ. މަސައްކަތުގައި އުޅުއްވި އެހެން ބޭފުޅުންނަކީ ހުޅުލޭ ރަންވޭ ހަލާކު ކޮށްލަންވެސް ވަޑައިގެންނެވި ބޭފުޅުންނެވެ. އެބޭފުޅުންގެ އިތުރަށް ހަމަ ޙަޤީޤަތުގައިވެސް ފަންޑިތަ ހައްދަވަން ދެނެވަޑައި ގަންނަވާ ބޭފުޅަކުވެސް އެކަމުގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް އިވިފައިވެއެވެ. މިބޭފުޅުން ތިއްބަވަނީ ކަޅުކުލައިގެ ފޮތިން ފާޑެއްގެ ހެދުމެއް ލައްވައިގެންނެވެ. އެ ބޭފުޅުންގެ މޫނުފުޅުތަކެއް ނުފެނެއެވެ. ދޯންޏެއްގައި ވަޑައިގެން ދޫނިދޫ ވަށައިގެންނާއި ބަނދަރުގައި އޮންނަ މަނަވަރުގެ ވަށައިގެން ދުންއަޅައި ކިޔަވަމުން ދުއްވަވާފައި އެނބުރި ވަޑައިގަންނަވަނީއެވެ. މިކަމެއްވެސް ދެތިން ހަފްތާ ވަންދެން ކުރެވުނެވެ. އެދުވަސްވަރު އެއްދުވަހަކު އައި ވިއްސާރަ ވިލާގަނޑެއްގެ ވައިގައި ބަނދަރުގައި އޮތް މަނަވަރުގެ ކޮންމެވެސް ތަނެއް ހަލާކުވެގެން ވެއްޓުނު އެއްޗަކުންޖެހި އޮފިސަރަކަށް ހާނީއްކަވާން ދިމާވިއެވެ. އިނގިރޭސީންނަށް ހީވީ މިއީ ދިވެހިންގެ ސިހުރުގެ ސަބަބުން ދިމާވިކަމެއް ކަމަށެވެ. އެހާދިސާ ހިނގިތާ މާގިނަ ދުވަސްތަކެއްނުވެ ދޫނިދޫ ބަނދަރަށް އަންނަ މަނަވަރު އައުން ހުއްޓިއްޖެއެވެ.
އެމަނަވަރު އައުން ހުއްޓަންޖެހުނު އެހެން ސަބަބަކަށްވީ އިނގިރޭސި ޕާރލަމެންޓުގައި އިދިކޮޅު ޕާރޓީގެ ފަރާތުން އެކަމާ ސުވާލުކުރުން ކަމުގައިވެސް ވެދާނެއެވެ. އިނގިރޭސީން މަނަވަރު ފޮނުވައިގެން ދިވެހީންނަށް ބިރުދައްކާ ހަދަނީ ކަމުގައި ލިޔެ ދިވެހިއްޔިތުންގެ ބަޔަކު އިނގިރޭސި ވިލާތުގެ އިދިކޮޅު ޕާރޓީގެ ލީޑަރުންނަށް އެމައްސަލަވަނީ ހުށަހަޅާފައެވެ. މިގޮތަށް މައްސަލަތައް ހުށަހަޅާ ވާހަކަ އަޅުގަނޑު ކުރީންވެސްވާނީ ދަންނަވާލާފައެވެ.
ޕާރލަމެންޓްގައި އެސުވާލުކުރެވުމުން ސަރުކާރުގެ ފަރާތުން ޖަވާބުދިން ކަމަށްވަނީ އިނގިރޭސި މަނަވަރެއް މާލޭ ބަނދަރުގައި އޮންނަނީ ދިވެހި ސަރުކާރުގެ އެދުމަކަށް ހުޅުލޭ ފަޅުގެ ފުށްޓަރުފަރާތުން ނެރެއް ހަދާދިނުމަށްޓަކައި ކަމުގައެވެ. އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އެމަނަވަރުތައް ދޫނިދޫ ބަނދަރުގައި އޮންނަން ފެށީމާ އެމީހުންގެ ފުށުން ކޮންމެވެސް ބޭނުމެއް ހިފުމުގެގޮތުން ހުޅުލޭ ފުށްޓަރުން ނެރެއް ކަނޑާދިނުމަށް ދިވެހި ސަރުކާރުން އިނގިރޭސީންގެ ފަރާތުން އެދުމުން މަނަވަރު މީހުންގޮސް ނެރެއް ގޮއްވާ ހެދިއެވެ.
1962 ވަނަ އަހަރު ނިމިގެން ދިޔައިރުވެސް އިނގިރޭސީންނާއި ދިވެހިންނާ ދެމެދުގައި ހުރި މައްސަލައަކަށް އެއްވެސް ޙައްލެއް ނާދެއެވެ. އޭރު އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ކުރަމުންދާ މަސައްކަތް ނިންމައި ގަމުގެ އެއަރބޭސް ހުޅުވައިފިއެވެ. ނަމަވެސް އައްޑު އަތޮޅު ވަނީ ދިވެހި ސަރުކާރުގެ ބާރު ނުފޯރާގޮތަކަށް އިނގިރޭސީންގެ ބެލުމުގެ ދަށުގައެވެ. ފުރިހަމަ މިނިވަންކަން ލިބުމަށް ދިވެހި ސަރުކާރުން ހުށަހަޅާފައިވާ މައްސަލައާ ބެހިގެން ދެސަރުކާރު ދެމެދުގައި ވާހަކަ ދެކެވެމުން ދިޔައިރު އިނގިރޭސި ސަރުކާރުގެ ތެރޭގައިވެސް އެކަމާބެހޭގޮތުން ވާހަކަތައް ދެކެވުމުން ދިޔައެވެ. މި ކަންތައް ހިނގަމުން ދިޔައިރު، އެދުވަސްވަރަކީ އިނގިރޭސި ވިލާތުގައި ޢާންމު އިންތިޚާބެއް ބާއްވަން ތައްޔާރުވަމުން އަންނަ ދުވަސްވަރަކަށްވާތީ ރާއްޖޭގެ މައްސަލަ ވަނީ އިތުރު ސަމާލުކަމެއް ހޯދާފައެވެ. އިސްތިޢުމާރުގެ ބަދުނާމު އިނގިރޭސީންގެ ބޮލުގައި އެޅުވުމަށް ބޭނުންކުރެވޭ އިތުރު މައްސަލައަކަށް ވެފައެވެ.
ނަތީޖާއެއްގެ ގޮތުން އިނގިރޭސި ސަރުކާރުން މި މައްސަލައާ ބެހޭގޮތުން ވާހަކަދެއްކުމަށް ރާއްޖެއަށް އަންނަ މަންދޫބުންގެ މަޤާމު އަންނަނީ އެއްފަހަރަށްވުރެ އަނެއް ފަހަރަކަށް، މަތިވަމުންނެވެ. 1963 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިނގިރޭސި ވިލާތުގެ ކޮމަންވެލްތާބެހޭ ވަޒީރު މިސްޓަރ ޑަންކަން ސޭންޑިސް މާލެވަޑައި ގެންނެވިއެވެ. އަދި ބޮޑުވަޒީރު އިބްރާހީމް ނާޞިރާ ބައްދަލުކުރައްވައި އައްޑޫ މައްސަލައާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. އެފަހަރުވެސް ދިވެހި ސަރުކާރުން ހުށަހަޅުއްވަމުން ގެންދެވީ ފުރިހަމަ މިނިވަންކަން ހޯއްދެވުމަށެވެ. އެވާހަކަފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޮޑުވަޒީރު ނާޞިރުގެ ސިޓީފުޅެއް އިނގިރޭސި ކޮމަންވެލްތު ސެކްރެޓަރީ މިސްޓަރ ޑަންކަން ސޭންޑިސްއަށް ފޮނުއްވިއެވެ. އެސިޓީގައި ވަނީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަންދިނުމަށް އިނގިރޭސި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން އެދިވަޑައި ގެންފައެވެ. އެހިސާބުން ކަންތައްތައް ހިނގައިގަތީ ވަރަށް ބާރަށޭ ހީވާގޮތަށް ބައެއްކަންތައް ހިނގަމުން ދިޔައެވެ. ސެޕްޓެމްބަރުމަހުގެ 29ވަނަދުވަހު އައްޑުއަތޮޅުގައި ދިވެހިސަރުކާރާ ދެކޮޅަށް ހިނގަމުންދާ ޙަރަކާތްތަކާއި ކަންތައްތައް ހަމަޖެއްސުމާ ބެހޭގޮތުން އިނގިރޭސީންނާ ވާހަކަދެއްކުމަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވައިފިއެވެ. އެކޮމެޓީގައި ހިމެނިވަޑައިގަތީ އަލްފާޟިލް އިބްރާހީމް ރަޝީދު، އަލްއުސްތާޛު އިބްރާހީމް ޝިހާބު، އަލްފާޟިލް އަޙްމަދު ޒަކީ، އަލްފާޟިލް އަޙްމަދު ޙިލްމީދީދީ މިބޭބޭފުޅުންނެވެ.
ހަމައެދުވަހު އައްޑުއަތޮޅުގެ ބަޣާވަތުގެ ލީޑަރަކަށްހުރި ސ.ހިތަދޫ އެޅަދީދީގެ ޢަބްދުﷲ ޢަފީފާއި އޭނާގެ ޢާއިލާއަށް އިނގިރޭސި ސަރުކާރުން ޙިމާޔަތްދީ ސީޝެލްސަށް ގެންދިޔުމަށް އިނގިރޭސި ސަރުކާރުން ނިންމައި އެކަން ދިވެހި ސަރުކާރަށް އެންގިއެވެ. ދިވެހި ސަރުކާރުން އެކަމާ ދެކޮޅަށް އިޙްތިޖާޖު ކުރެއްވިއެވެ. ދިވެހި ސަރުކާރުން ބުނަމުން ދިޔައީ އެކަމަކީ ދިވެހި ސަރުކާރު ދެކޭގޮތުގައި ރާއްޖޭގެ ދާޚިލިއްޔަތާއި ބެހުން ކަމަށާއި، އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓްގެ ދެވަނަ މާއްދާއާއި ޚިލާފަށްކުރެވޭ ކަމެއްކަމުގައެވެ.
ދިވެހި ސަރުކާރުން އެކަމާ ނުރުހުނު ކަމުގައިވިޔަސް ސެޕްޓެމްބަރުމަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސުނުއިރު ޢަބްދުﷲ ޢަފީފާއި އޭނާގެ ޢާއިލާ އިނގިރޭސީންގެ މަނަވަރެއްގައި ސީޝޭލްސަށް ދަތުރުކުރަނީއެވެ. މިޚަބަރު މާލެއަށް ލިބުނީ އެދުވަހުގެ ހަވީރު 6 ޖެހިއިރު ރޭޑިޔޯއިން އިވުނު ބީބީސީގެ ޚަބަރަކުންނެވެ.
މިހިސާބުން އަނެއްކާވެސް އިނގިރޭސީންނާ ދެކޮޅަށް ދިވެހިރައްޔިތުންގެ ހިތުގައި އިތުރު ނަފްރަތަކާއި ރުޅިވެރިކަމެއް އުފެދިގެން ދިޔައެވެ. ޚާއްޞަކޮށް މާލޭގައި ހުންނަ އިނގިރޭސި ސަފީރާ ދެކޮޅަށް ތަފާތު ޙަރަކާތްތައް ހިންގަން ފައްޓައިފިއެވެ. ދޫނިދޫގައި ހުރެފައި އޭނާ މާލެއަށް އަންނައިރު އަތިރި މައްޗަށް މީހުންނުކުމެ ރުޅިވެރިކަން ދައްކަމުން ދިޔައެވެ. އެއްދުވަހަކު އޭނާ އައި ލާންޗަށް ކަރުގޮހޮރުތަކެއްވެސް އަޅާލިއެވެ. އެކަންކުރިމީހާ ސަރުކާރުގެ ފަރާތުން ހައްޔަރު ކުރެއްވިއެވެ. އަދި 1964 ވަނަ އަހަރުގެ އެޕްރީލްމަހުގެ 14 ވަނަދުވަހު މިސްޓަރ ޑޭވީ ދޫނިދޫންއައިސް މާލެއަށް ފޭބިތަނުން އޭނާގެ ކުރިމަތީގައި، ރުޅިއައިސްގެން އިނގިރޭސީންނާ ދެކޮޅަށް އަޑު އުފުލަމުންދިޔަ ދުއިސައްތައެއްހާ މީހުން މުޒާހިރާވެސް ކުރިއެވެ. އެހިސާބަށް ދިޔައިރު އިނގިރޭސީންނާ ދެކޮޅަށް ރާއްޖޭގައި ހިންގާ ޙަރަކާތަކުގެ ޚަބަރު ބީބީސީންވެސް ކިޔަން ފަށައިފިއެވެ.
އެދުވަސްވަރު ޑޭވީއާ ދެކޮޅަށް ރައްޔިތުންގެ ތެރެއިން އަމިއްލަ މީސްމީހުން ކުރި ކަންތައްތަކުގެ ތެރޭގައި ޑޭވީގެ ސިފައިގައި ކަރުދާހުން މީހެއްގެ އިސްކޮޅު ވަރަށް ހަދާފައި ހުންނަ ބޮޑު ތެލަނގައެއް ވައިގެ ތެރެއަށް ނަގާފައިވެސް ހުއްޓެވެ. މި ތެލަނގަވެސް ނުކުންނަނީ މ. ސިލްވަރ ކްލައުޑް ގޯތި ތެރެއިންނެވެ. އަދި ޑޭވީ މަގުމަތީގައި ހިނގާފައި ދަނިކޮށް ބައިސްކަލުގައިދާ މީހުން އޭނާ ގައިގައި ބައިސްކަލު ޖައްސާވެސް ހަދައެވެ. ރައްޔިތުންގެ ނުރުހުމާއި ރުޅި އޭނާއަށް ހަމަ ރަނގަޅަށް އެނގޭވަރު ކުރަމުންދިޔައެވެ.
މިސްޓަރ ޑަންކަން ސޭންޑިސް މާލެވަޑައިގެންނެވުމާ ގުޅިގެން ދެސަރުކާރު ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް މެދުނުކެނޑި ކުރިއަށް ދިޔައެވެ. އައްޑޫ މައްސަލަވެސް ހަމައަކަށް އެޅެމުން ދިޔައެވެ. އައްޑުއަތޮޅުމީހުން މާލެއައިސް އަދި މާލޭ މީހުންވެސް އައްޑުއަތޮޅަށްގޮސް އުޅެން ފަށައިފިއެވެ.
މިކަންކަމަށް މަގުފަހިވާން ދިމާވި އެންމެބޮޑު ސަބަބަކީ، އެދުވަސްވަރު އިނގިރޭސި ވިލާތުގައި ބޭއްވުނު އިންތިޚާބުގައި ކޮންޒަރވެޓިވްޕާރޓީ ބަލިވެ ލޭބަރޕާޓީގެ ސަރުކާރެއް އުފެދުނުކަމެވެ. އެސަރުކާރުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ޕްރޮގްރާމަކީ ސުވޭޒް ކެނެލްގެ އިރުމަތީގައި ހުރި އިނގިރޭސީންގެ މިލިޓްރީ މަރުކަޒުތައް މަދުކޮށްގެން އިނގިރޭސި ވިލާތުގެ ދިފާޢީ ބަޖެޓްގެ ޚަދަރު ކުޑަކުރުމެވެ.
ކޮމެއަކަސް 1964 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށްޓަކައި ތައްޔާރުކުރެވުނު އެގްރީމެންޓާ ބެހޭގޮތުން ކޮޅުނބުގައި އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި ވާހަކަ ދެކެވޭން ފެށިއްޖެއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެވާހަތަކުގައި ބައިވެރިވެ ވަޑައިގެންނެވީ އޭރު ކޮޅުނބުގައި ހުންނަވާ ރާއްޖޭގެ ސަފީރު އަލްފާޟިލް ޢަބްދުއްސަރްއާރު މޫސާ ދީދީއެވެ.
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަދު އަޅުގަނޑުމެން މިއާކުރަނީ އެމިނިވަންކަމުގެ ހަނދާންތަކެވެ. އެމިނިވަންކަން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންކުރި މަސައްކަތްތަކުގެ ހަނދާންތަކެވެ. އެ މަސައްކަތް ތަކުގައި ހުރި ޤައުމީ ރޫޙާއި، އިޚްލާޞްތެރިކަމުގެ ހަނދާންތަކެވެ. އެއާއެކު އަޅުގަނޑުމެންނަށް އެނގެމުން މިދަނީ މިނިވަންކަން ލިބިފައިވަނީ ދިވެހި ރައްޔިތުންގެ ހިތްވަރާއި ޢަޒްމުންކަމެވެ. އަދި އެމިނިވަންކަން ދެމެހެއްޓޭނީވެސް ހަމަ ރައްޔިތުންގެ ހިތްވަރާއި ޢަޒްމުންކަމެވެ. ރައްޔިތުންނާއި ސަރުކާރުގެ ގުޅުމާއި އުޅުމުގެ ހަރުދަނާ ކަމުންކަމެވެ.