ޕެރިސް އެގްރީމެންޓަކީ ދުނިޔޭގެ ތާރީޚްގައި ވެސް އެންމެ އަވަހަށް ތަންފީޒުކުރެވޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ވުމުގެ ފުރުސަތު ބޮޑުކަމަށާއި މި އެގްރީމަންޓަށް ޢަމަލީ ސިފަ މިއަހަރު އައުމުގެ ފުރުސަތު ބޮޑުކަމުގައި މިނިސްޓަރ އޮފް އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޠާރިޤް މިހެން ވިދާޅުވީ ނިއުޔޯކްގައި އ.ދ ގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫން 21 ސެޕްޓެމްބަރ 2016 ގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި 31 ގައުމަކުން ޕެރިސް އެގްރީމަންޓް ތަޞްދީޤްކުރިކަމުގެ ލިޔުން ހުށަހެޅުއްވުމާ ގުޅިގެންނެވެ.
މި ރަސްމިއްޔާތުގައި ޕެރިސް އެގްރިމެންޓް ތަޞްދީޤް ކުރި 31 ޤައުމާއެކު މިހާރު މުޅި ޖުމްލަ 60 ޤައުމުން ވަނީ މިއެގްރިމަންޓް ތަޞްދީޤްކޮށްފައެވެ.
"ވުމާއެކު މިއެގްރީމަންޓަށް ޢަމަލީ ސިފަ ގެނައުމަށް ބޭނުންވާ ދެ ޝަރްޠުގެ ތެރެއިން އެއް ޝަރްޠު ކަމަށްވާ 55 ޤައުމުން މިއެގްރީމަންޓް ތަޞްދީޤްކުރުން މި ވަނީ ޙާސިލްވެފައި." މިނިސްޓަރ ވިދާޅުވިއެވެ. ''ޕެރިސް އެގްރީމެންޓަށް ޢަމަލުކުރަން ފެށުމުގެ ދެވަނަ ޝަރްޠަކީ ދުނިޔޭގެ ޖައްވަށް ބޭރުކުރާ ގޭހުގެ 55 އިން ސައްތަ ޙިއްޞާކުރާ އަދަދަށް ގައުމުތަކުން ބައިވެރިވުން."
މިހާތަނަށް ޕެރިސް އެއްބަސްވުމުގައި ބައިވެރިވި 60 ގައުމު ޙިއްޞާ ކުރަނީ ދުނިޔޭގެ ޖައްވަށް ބޭރުކުރާ ގޭހުގެ 47.76 އިން ސައްތައެވެ.
ބުދަދުވަހު ޕެރިސް އެގްރިމެންޓް ތަސްދީޤް ކުރިކަމުގެ ލިޔުން ހުށަހެޅި ގައުމުތަކުގެ ތެރޭގައި، ރާއްޖޭގެ ފަރާތުން ރިޔާސަތު ބަލަހައްޓަމުން ގެންދާ ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު، އެއަލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މެންބަރު 8 ގައުމު ހިމެނެއެވެ. އެއޯސިސް އަކީ ޖައްވު ހޫނުވުމުގެ ދުނިޔެއަށް، ޚާއްޞަކޮށް ކުދި ގައުމުތަކަށް، ކުރިމަތިވާ ނުރައްކަލާ މެދު ވާހަކަ ދައްކައި ދުނިޔޭގެ ސަމާލުކަމަށް ގެނެސް މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާ އުފެއްދީ 1990 ވަނަ އަހަރުއެވެ.
2015 ވަނަ އަހަރުން ފެށިގެން މި ޖަމްޢިއްޔާގެ ރިޔާސަތު ބަލަހައްޓަނީ ދިވެހިރާއްޖެއިންނެވެ. އެއޯސިސްގެ ޖުމްލަ 24 ޤައުމުން މިހާރު ވަނީ ޕެރިސް އެގްރީމަންޓް ތަސްދީޤްކޮށްފައެވެ.
އެއޯސިސްގައި ހިމެނެނީ އޮބްޒާވަރުންނާއެކު 44 ގައުމެވެ.
21 ސެޕްޓެމްބަރ 2016 (ބުދަދުވަހު) ޕެރިސް އެގްރީމަންޓް ތަސްދީޤް ކުރި އެއޯސިސްގެ މެންބަރު ގައުމުތަކަކީ އެންޓިގުއާ އެންޑް ބާބިއުޑާ، ކިރިބާސް، ކިންގްޑަމް އޮފް ޓޮންގާ، ޑޮމެނިކާ، ވަނުއާޓޫ، ސޮލަމަން އައިލެންޑްސް އަދި ސިންގަޕޫރެވެ.
''އެގްރިމެންޓް ތަޞްދީޤް ކުރި ގައުމުތަކަށް އަޅުގަނޑު މަރުޙަބާ އާއި ޝުކުރު ދަންނަވަން.'' މިނިސްޓަރ ވިދާޅުވިއެވެ. ''އަޅުގަނޑުމެންގެ އެދުމަކީ ވީހާ ގިނަ ގައުމަކުން ވީހާއަވަހަކަށް ޕެރިސް އެގްރިމެންޓް ތަޞްދީޤް ކުރުން.''
މިއަހަރު އެޕްރީލް މަހުގެ 22 ވަނަ ދުވަހު ޕެރިސް އެގްރިމަންޓް ތަޞްދީޤް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އ.ދ. އިން ހުޅުވާލުމާއެކު، ދިވެހިރާއްޖެއިން ވަނީ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަޞްދީޤް ކުރި އެންމެ ފުރަތަމަ ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.
އޭޕްރީލް 22 ވަނަ ދުވަހު ރާއްޖޭގެ ފަރާތުން މި އެގްރިމަންޓްގައި ސޮއި ކުރައްވައި ތަޞްދީޤްކުރި ކަމުގެ ލިޔުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އަށް ހުށަހެޅުއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އަލްފާޟިލް ތާރިޤް އިބްރާހީމެވެ.