އެންމެފަހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އަރުވައިފި

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އަރުވައިފިއެވެ.

އެޕާޓީގެ ހަރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީގެ ފަރާތުން ނަޝީދަށް ޓިކެޓް ހަވާލުކޮށްދެއްވީ ޗެއާޕާސަން ހަސަން ލަތީފެވެ. ރައީސް ޝީދުގެ ފަރާތްޕުޅުން ޓިކެޓާ ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ކެންޕޭން މެނޭޖަރު އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީން ރިޔާސީ ޕްރައިމަރީ ބާއްވައިފައިވަނީ ރައީސް ނަޝީދު ބައިވެރިކޮށްގެން ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަނުން އަންގަވައިފައި ވަނިކޮށްނެވެ. އެހެންނަމަވެސް އެއަށް ނުބަލައި އެމްޑީޕީން ޕްރައިމަރީގެ ވޯޓު ލާންފެށުމުން އިލެކްޝަންސް ގެ އެދުމުގެ މަތިން އެކަން ހުއްޓުވަން ކޯޓު އަމުރެއްވެސް ނެރުނެވެ.

އެ އަމުރުގެ ދަށުން ފުލުހުން ނުކުމެ ޕްރައިމަރީ ހުއްޓުވަން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް އެމްޑީޕީން ބުނެފައިވަނީ ތަވާލާ އެއްގޮތަށް ޕްރައިމަރީ ކުރިއަށް ދިޔަ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ލަންކަ ހުންނަވައިގެން ރައީސް ނަޝީދު ވަނީ ސްކައިޕް މެދުވެރި ކުރައްވައި ވާހަކަ ދައްކަވައިފައެވެ. އަދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރެވޭނެ ކަމަށާއި، އެގޮތުން އެމްޑީޕީން ހަށަހަޅާ ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.