ޤާޟީ އިސްމާޢީލް ރަޝީދު މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމައިފި

ޤާޟީ އިސްމާޢީލް ރަޝީދު - ފޮޓޯ: ސަން

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޤާޟީ އަލްއުސްތާޛް އިސްމާޢީލް ރަޝީދަކީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ކްރިމިނަލްކޯޓުގައި އުފުލި 7 ދަޢުވާއެއް ބާޠިލް ކުރަން ނިންމެވި ޤާޟީއެވެ. ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ވަނީ ކްރިމިނަލް ކޯޓުގެ 7 ޤަޟިއްޔާއެއް ހިންގައި ނިންމުމުގައި ޤާޟީ އިސްމާޢީލް ރަޝީދު ޢަމަލުކޮށްފައިވަނީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާއި ޚިލާފަށްކަމަށެވެ.

އެ 7 ޤަޞިއްޔާއާ ގުޅިގެން އިޖުރާޢީ ގޮތުން ކަންތައްތަކެއް ފާހަގަވާކަމަށް ބުނެ ސުވާލުކުރުމަށް 12 ޖުލައި 2020ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު އޭގެ ދެދުވަސް ފަހުން އެ ޤަޟިއްޔާތަކުގައި ޙުކުމްކޮށްފައިވާކަމަށާ، އެޙުކުމަކީ 22 ފެބްރުއަރީ 2020ވަނަ ދުވަހުން ފެށިގެން ތައްޔާރުކޮށްފައިވާ ޙުކުމެއްކަން ޖޭއެސްސީގެ ތަޙުޤީޤަށް ހޯދިފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. އެގޮތުން ތަހްޤީޤަށް ހޯދިފައިވާ ޕެންޑްރައިވެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމެއް ސޭވްކޮށްފައިވާކަމަށާ، އޭގައިވާ ނުކުތްތަކާއި ޙުކުމުގައިވާ ނުކުތްތަކަކީ އެއް ނުކުތާތަކެއްކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޤާޟީ އިސްމާޢީލް ރަޝީދު ބޭނުން ކުރެއްވުމަށް ކްރިމިނަލްކޯޓުގައި ކޮމްޕިއުޓަރ ސިސްޓަމެއް ހުންނައިރު ޤަޟިއްޔާތަކުގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުއްވުމަކީ ސުވާލު އުފެދޭކަމެއްކަމުގައި ޖޭއެސްސީން ދެކެއެވެ. އަދި ވަކި ޤަޟިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި ޤަޟިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ނުދަނީސް އެ ޤަޟިއްޔާތައް ނިންމާނެގޮތުގެ ފައިލް ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމަކީވެސް ސުވާލު އުފެދޭކަމެއްކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެން ކަމުން އިސްމާޢީލް ރަޝީދު ޙުކުމްކޮށްފައި ވަނީ މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ނޫންކަން ފާހަގަވާކަމަށް މިކަން ބެލިބެލުމުން ފާހަގަވެފައިވާކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން ޤާޟީ އިސްމާޢީލް ރަޝީދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް އެކޮމިޝަނުން ވަނީ ނިންމާފައިކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.