ދިރާގުގެ 32 ވަނަ އަހަރީ އާއްމު ޖަލްސާ މިއަދު ބާއްވައިފިއެވެ. ޖަލްސާވެސް ބާއްވާފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށެވެ. މިއަދުގެ ޖަލްސާގައި 46 ޙިއްސާދާރުންނާއެކު 717,373,704 ޙިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣްލަބިއްޔަތުން ވަނީ ފާސްވެފައެވެ.
އަހަރީ އާއްމު ޖަލްސާއާ ބެހޭ ގޮތުން ދިރާގުން ނެރެފައިވާ ނޫސްބަޔާނެއްގައިވާ ގޮތުގައި 2020 ވަނަ އަހަރު ކުންފުންޏަށް ވަނީ 22.2 އިންސައްތައިގެ ގެއްލުމެއް ވެފައެވެ. ނޫސްބަޔާނުގައި ވެއެވެ. "މުޅިދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކުންފުނީގެ މާލީ ޙާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވެއެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާކިޔާއިރު، ނިމުނު އަހަރުގެ ޖުމްލަ އާމްދަނީވަނީ 13.1% ދަށްވެފައެވެ. ކުންފުނީގެ މުޙުންމު ހުރިހާ ވިޔަފާރިއަކުންވެސް ލިބުނު އާމްދަނީ ދަށަށްގޮސްފައިވާއިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައިވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނެވެ. 2020 ވަނަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2% ދަށް އަދަދެކެވެ.
ކުންފުނީގެ މާލީ ޙާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށްވަނީ ނިންމާފައެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 32 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭގޮތަށެވެ. 2020 ވަނަ އަހަރުގެ ޑިވިޑެންޓްއަކީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ (39.8%) މަދު އަދަދެކެވެ."
ދިރާގުން ހާމަކޮށްފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ފައިދާ ކުޑަ ވެފައި ވަނީ ކޯވިޑް-19 ގެ ސަބަބުން މުޅި ރާއްޖެ ކުރިމަތިލާފައިވާ ދަތި ހާލުތގެ އަސަރު ކުންފުނީގެ ވިޔަފާރިއަށްވެސް ކޮށްފައި ވާތީއެވެ. މި ހާލަތާ ގުޅިގެން ރައްޔިތުންގެ އާދައިގެ ހާލަތަކަށް ދާން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ދިރާގުން ދޭ އެކި ޚިދުމަތްތަކުގެ އަގު ހެޔޮ ކުރުމާއި ޑިސްކައުންޓު ދިނުމުގެ ކަންތައް ވަނީ ވޭތުވެދިޔަ އަހަރުވެސް ކޮށްފައެވެ.
ދިރާގުގެ ބަޔާޏުގައި ވެއެވެ.
" ރާއްޖޭގެ ކުރިމަގު އުޖާލާކުރުމަށާއި، އަޅުގަނޑުމެންގެ ޚިދުމަތްތައް އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ފޯރިކޮށްދީ، ދިވެހި މުޖުތަމަޢު ބާރުވެރި ކުރުމަށްޓަކައި އަޅުގަނޑުމެން ވަނީ ރާއްޖޭގައި ވަރުގަދަ ނެޓްވޯކް އިންފްރާސްޓްރަކްޗަރއެއް ގާއުމުކޮށްދީފައިއެވެ. އިންޓަރނެޓް ކަނެޓްޓިވިޓީ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އަޅުގަނޑުމެންކުރި މުހިންމު އެއް އިންވެސްޓްމަންޓް ކަމުގައިވާ މޯލްޑިވްސް ސްރީލަންކާ ކޭބަލް (އެމްއެސްސީ) ގެ މަސައްކަތް ނިންމައި ޚިދުމަތްވަނީ ދޭންފަށާފައެވެ. މި މަޝްރޫގެ ޖުމްލަ އިންވެސްޓްމެންޓުގެ 45%ވަނީ އަޅުގަނޑުމެން ހަރަދު ކޮށްފައެވެ.
ގިނަގުނަ ގޮންޖެހުންތަކާއެކުގައިވެސް، ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ތަޖުރިބާއެއް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް ހަލުވިކަމާއެކު އަބަދުވެސް ކުރިއަށް ދެއެވެ. އެގޮތުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ވިއުގަ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ރާއްޖޭގެ 80% ގޭބިސީއަށް ޚިދުމަތް ވަނީފޯރުކޮށްދީފައެވެ. އަދި ކަސްޓަމަރުންނަށާއި ވިޔަފާރިތަކާއި ޢާންމުންގެ ޚިދުމަތުގެ ތަޖުރިބާ އިތުރަށް ރަނގަޅުކޮށް، އިތުރު ކަސްޓަމަރުންނަށް ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ފަސޭހަކަމާއެކު އަޅުގަނޑުމެންނާ ގުޅުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އަޅުގަނޑުމެން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް އިތުރުކޮށްފައިވާނެއެވެ."
އިންސައްތަ ބަދަލުވި މިންވަރު | 2019 | 2020 | |
-13.1% | 2,859 | 2,483 | އާމްދަނީ |
-14.4% | 1,495 | 1,279 | އިންޓްރެސްޓާއި ޓެކްސް އުނިކުރުމުގެ ކުރިން ލިބިފައިވާ ފައިދާ |
-22.2% | 942 | 732 | ޓެކުހަށް ފަހު ފައިދާ |
-22.2% | 12.39 | 9.64 | ބޭސިކް ހިއްސާއަކަށް ޖެހުނު ފައިދާ (ރުފިޔާ) |
-39.8% | 12.00 | 7.23 | ހިއްސާ އަކަށް ލިބުނު ޑިވިޑެންޑް (ރުފިޔާ) |