ކޮވިޑް-19 : އިތުރު 1،465 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 1,465 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއީ އެކި ދުވަސްތަކުގެ މަތިން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާ ކަމަށާ، މީގެ ތެރެއިން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް އަލަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 517 ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

ރާއްޖެއިން އިތުރަށް ޕޮޒިޓިވި 1,465 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 1,213 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 244 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 47،421 އަށް އަރާފައެވެ.

މިވަގުތު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ފަރުވާދެމުންދާ 18،221  މީހުން ރާއްޖޭގައި އެބަތިއްބެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 268 މީހުންނަށް ދަނީ މިވަގުތު ފަރުވާދެމުންނެވެ. މިރޭ އަލަށް މިބަލިން ރަނގަޅުވީ 237 މީހުންނެވެ. މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި 29,086  މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓްކުރުމަށްޓަކައި 3,703 ސާމްޕަލެއް ވަނީ ނަގާފައެވެ.

މިހާތަނަށް މިބަލީގައި ރާއްޖެއިން 105 މީހުން ވަނީ ނިޔާވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.