(9 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާދްޝާ ހައިރާން ވެފައި އަހައިލިއެވެ. "އަޅުގަނޑު ކުރީ ކޮން ކުށެއްތޯ؟"
"ކޮން ކުށެއްހޭ އެބަ އަހައެއްނު؟ މީޓަރު ނުޖައްސައި އިނީ ކީއްވެގެން؟ ފަސިންޖަރުން އަތުން ދެގުނަ ފައިސާ އަތުލަން ވެގެން ދޯ؟"
ފަރީދު އަޙްމަދު އަވަސް އަވަހަށް ބުނެލިއެވެ. "ބައްލަވާ މިއީ އަޅުގަނޑުމެންގެ އަމިއްލަ ކާރެކޭ އިނގޭތޯ. އެހެންވީމާ މީޓަރު ޖައްސަނީ ކީއްކުރަންތޯ؟"
"އެހެންތަ؟ އަވަހަށް ދޭ."
ޖާނީ މޫނު ކުނިކޮށްލިއެވެ. "ފުރަތަމަ އޮންނަނީ ބަވައިގަތުން. ތަންދޮރު ބަލަނީ އޭގެ ފަހުން. ވަރުގަދަ ބައެއް."
ފުލުސްމީހާއަށް އޭނާ ބުނި އެއްޗެއް ރަނގަޅަށް ވިސްނިގެން އެއްޗެކޭ ބުނުމުގެ ކުރިން ބާދްޝާ ކާރު ތަންކޮޅެއް ބާރަށް ދުއްވައިލިއެވެ. އެއާޕޯޓު ސަރަހައްދުން ބޭރަށް ނުކުންނާން އޮންނަ ތަނާ ހަމަވެފައި ކުޑަކޮށް މަޑު ޖައްސައިލުމަށް ފަހު މަގުމައްޗަށް ނަޒަރު ހިންގައިލިއެވެ. ނުކުންނަ ތަނުން މަގު އޮތީ ދެކަފި ވެފައެވެ. އެއް މަގުން ދެވެނީ ސަދަރާ ދިމާއަށެވެ. އަނެއް މަގުން ދެވެނީ ލާންޑީއާ ދިމާއަށެވެ. ދެމަގުން ކުރެ މަގަކުން ދުރުދުރަށް ދާންދެން ރެކިސާއެއްގެ އަސަރެއްވެސް ފެންނާކަށް ނެތެވެ. އޭނާ މައި މަގަކަށް ނުކުމެއްޖެއެވެ. ދުއްވާފައި ދިޔައީ ބާރަށެވެ. އެކަމަކު އޭނާ ގެންދިޔައީ މަގުމަތީން ފެންނަހައި ރެކިސާއަކަށް ބަލަމުންނެވެ. ބުރުގާ އަޅައިގެން އިން މީހަކު ފެންނަ ގޮތެއް ނުވިއެވެ.
އޭނާ ދަތްކުނޑި ވިކައިލުމަށް ފަހު ބުނެލިއެވެ. "އަނެއްކާވެސް ފިލީ. ލައުނަތް ހުރި..."
މައިދައިތަ ބުންޏެވެ. "ފިލީއެއް ނޫނެއްނު؟ ވަރަށް އަވަހަށް އެނބުރި އަންނާނެ. އަމިއްލައަށް ގޮސް ފުރުވައިލާފައި މިހާރު ލާނެތް ދެނީތަ؟"
އޭނާ ހަޅޭއްލަވައިގަތެވެ. "އަނގަގަދަ ނުކުރޭ."
އޭނާ މަގުގެ އެއް ފަރާތަށް ކާރު މަޑުކޮށްފިއެވެ. އަދި ފަހަތަށް ބަލައިލުމަށް ފަހު ބުންޏެވެ. "ފައިބާ. ފައިބައިގެން ދާނެ ތަނަކަށް ދޭ. ތިޔަ ކަހަލަ އަންހެނުން ބަރުދާސްކުރާނީ މިހިރަ ފިރިކަލޭގެ ކަހަލަ މީހުން."
ފަރީދު އަޙްމަދު ބުންޏެވެ. "އަހަރެން ހިމޭނުން އިނދެގެން އެބަ ބަރުދާސް ކުރަމެއްނު؟ އެކަމަކު އަހަރެމެން ކާރުން ނުބައިލާ. މި ކުޑަ ދަރިފުޅު ގޮވައިގެން އެހެން ކާރެއްގެ އިންތިޒާރުގައި ތިބެން ޖެހޭނީ ކިހައި އިރެއް ވާންދެން ކަމެއްވެސް ނޭނގޭ."
ބާދްޝާ ކާމްރާނާ ދިމާއަށް ބަލައިލިއެވެ. އަދި ކުޑަކޮށް ވިސްނައިލުމަށް ފަހު ކާރު ނިއްވައިލިއެވެ.
ފަރީދު އަޙަމްދު އަހައިލިއެވެ. "ނިއްވައިލީ ކީއްވެގެން؟"
"ހަލާކުވީ. އިސްޓާޓު ވާނީ ކޮއްޕީމާ. ފައިބައި ކޮއްޕާ."
މައިދައިތަ ބުންޏެވެ. "އަހަނހާނ... ތިޔަ ހަދަން އުޅޭ އެތިފަހަރު އަހަންނަށް އެނގޭ. ތިޔަ އުޅެނީ އެއްކަލަ ރޭ ހެދިހެން އަހަރެމެން މަގުމައްޗަށް ދޫކޮށްލާފައި ފިލާކަށްނު؟"
"ކަލޭމެން ދޫކޮށްލާފައި ފިލުމަކީ ޝައިތާނާއަކަށްވެސް ކުރެވޭނެ ކަމެއް ނޫން. އަހަންނަށް ވަކި ދެވޭނީ ކިހިނެއް. ފައިބާ."
"އަހަރެމެން ގެޔާ ހަމައަށް ގެންގޮސްދީ. އެހެން ނޫނީ އަހަރެން ފައިބާނީ ކަލޭގެ ދަރިފުޅުވެސް ގޮވައިގެން."
ފަރީދު އަޙްމަދު ވައި އަޅުވާން ފަށައިފިއެވެ. އެވަގުތު ކާމްރާން ރޯން ފަށައިފިއެވެ. މައިދައިތައަށް މޮޅު ބުއްދިއެއް ކުރެވިގެން ބުނެފިއެވެ. "ކިހައި ދެރަ ކަމެއް؟ ބުއްފުޅިވެސް މިއޮތީ ހުސްވެފައި. އަވަހަށް ގެޔަށް ނުދެވިއްޖެއްޔާ އެފަކީރު އޮންނާނީ ބަނޑަށް."
ބާދްޝާ ކާމްރާނާ ދިމާއަށް ބަލައިލިއެވެ. ބަލި ގަބޫލުކުރާ ކަހަލަ ގޮތަކަށް މާނޭވައެއް ލުމަށް ފަހު ކާރު އިސްޓާޓުކޮށްގެން ދުއްވާލައިފިއެވެ. ހިތުގެ އަޑިން ޝަކުވާގެ ފުނިވަރެއް ނުކުތެވެ. ކިހައި ދެރަ ކަމެއް ހެއްޔެވެ؟ ފަރުޒާނާ ފެނިފައި ގެއްލޭހައި އަވަހަށް ވިދުވަރުވެސް ވިލާގަނޑުގެ ނިވަލަށް ވަދެ ނުފިލައެވެ. އަހަންނަށް ނުފިލައި ނިކަން ކުރިމައްޗަށް ނުކުމެބަލާށެވެ.
ދުއްވަމުން ދިޔައިރު ކައިރިން ލައިފައިދާ ކޮންމެ ރެކިސާއަކާ ދިމާއަށް އޭނާ ފުންކޮށް ބަލައެވެ. އެކަމަކު ބެލުމަކުން ވަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ދުނި މިހާރު ދުނިދަނޑިން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. "އަހަރެން މިއީ ބޮޑު މޮޔައަކީމެވެ. އެއީ ކާކުކަން އެންމެ ފުރަތަމަވެސް އަހަންނަށް އެނގެން ވާނެއެވެ. ބުރުގާ ބަދަލު ކޮށްފިއެވެ. އަހަރެންގެ ވާހަކައަކަށް ޖަވާބެއް ނުދިނެވެ. އަނެއް ފަރާތަށް މޫނު އަނބުރައިފިއެވެ. ރުޅި އައީކަމުގައިވެސް ވެދާނެއެވެ. ނުވަތަ ބޭނުންކުރި އަދާއަކަށްވެސް ވެދާނެއެވެ. އަހަރެންގެ ސިކުނޑިއަށް ވަނީ ބައްޔެއް ޖެހިފައެވެ. އަހަރެން މިއީ ހަމަ ހަގީގަތުގައިވެސް ކުލީކާރު ދުއްވާ މީހަކީމެވެ. އަހަންނަށް އެނގޭނީ ހަމައެކަނި މަގެވެ. ފަސިންޖަރުންނެއް ނޭނގެއެވެ."
އޭނާގެ އެތެރެހަށީގައި ވަނީ ހައިޖާނެއް އުފެދިފައެވެ. އޭނާޔާއެކު ފީކޯތްކުޅޭ މީހާޔާ ކުރާ އެތައް ޝަކުވާއެއް ހިތަށް އަރައިފައިބަމުން ދިޔައެވެ. ތިމާގެ ނަސީބުގެ ދެރަކަމާއި މަހުރޫމީގެ އިހުސާސް ކުރެވުނީމާ އަމިއްލަ ނަފުސު ދެކެ ރުޅި އަތުވެއްޖެއެވެ. ކޮންމެވެސް ކާރެއްގައި ނުވަތަ ރެކިސާއެއްގައި ޖައްސައިފާނަމޭވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. ކުލީކާރު ދުއްވާ މީހުންނަކީ މަހުރޫމީގެ ދަތި މަގުމަގުން ދުއްވާ ބައެއްކަން މި ދުނިޔޭގެ މީހުންނަކަށް ނޭނގެއެވެ. އޭނާއަށް ވާ ވަރަކީ ރީތި ކުލަ ހުވަފެންތަކާއެކު މާ މައްޗަށް، އުހަށް އެރުމަށް ފަހު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބިންމައްޗަށް ގުޅައަކަށް ވެއްޓެނީއެވެ. އޭނާ ކަހަލަ މީސްމީހުންނަކީ ﷲ ހެއްދެވި އިންސާނުން ކަމަކަށް ބަޔަކު ނުދެކެއެވެ. އެއީ ކާރު ދުއްވާ ކޮންމެވެސް ކަހަލަ އުނި މަޚުލޫގުންތަކެކެވެ. އެކަމަކު އެއީވެސް ހަމަ މި މުޖުތަމައުގެ ބައެކެވެ. ބޭރުން އަރައި ތިބި ބައެއް ނޫނެވެ. އެމީހުންނަށް ޖެހޭ ނަފުސާނީ ބައްޔަކީ ހަމަ މި މުޖުތަމައުން ޖެހޭ ބައްޔެކެވެ. ލޯބީގެ މިކަހަލަ ހާދިސާތަކުގެ ޝިކާރައަކަށް ވަނީ އެ ބަލި ޖެހުނީމައެވެ.
ބަދަލު ހިފުމުގެ ގޮތުން ކޮންމެވެސް އެއްޗެއްގައި ޖައްސައިފާނަމޭ އަނެއްކާވެސް އޭނާގެ ހިތަށް އެރިއެވެ. ފަހަތުގައި އިން ބަފައިބެ މަރުވިޔަސް އޭނާއަށް ހެވެވެ. ދެން އިނީ މައިދައިތައެވެ. އޭނާއަކަށް ދުވަހަކުވެސް މަންމައަކަށް ނުއެއް ވެވުނެވެ. އަބަދުވެސް އެ ހުންނަނީ ނުބައި މަކަރުވެރި ރޭވުން ރާވަރާވައެވެ. ކާމްރާން ރޮނީއެވެ. އެ ސޮރު އިނީ ކާފަގެ އުނގުގައެވެ. އެކަމަކު އެ ރުއިމުގެ އަޑު އިވެނީ ބާދްޝާގެ ހަށިގަނޑުގެ އެތެރެއިން ކަމުގައި އިހުސާސް ކުރެވެއެވެ. އޭނާ ވިސްނައިލިއެވެ. އެއްޗެއްގައި ޖައްސައިފިއްޔާ ފުލުހުންގެ މައްސަލަ ކުރިމަތިވާނެއެވެ. އަނެއްކޮޅުން ކާރު ތެރޭގައި އެ އޮތް އޭނާގެ އަމިއްލަ ފުރާނައަށް ވާނޭ ގޮތަކާ މެދުވެސް ވިސްނައިލެވުނެވެ.
ބަދަލުހިފުމުގެ ޖަޒުބާތު ފަނޑު ވެގެން ހިނގައްޖެއެވެ. ވީހައިވެސް އަވަހަކަށް ދަރިފުޅު ގެއަށް ގެންދާން އެބަ ޖެހެއެވެ. ކޮންމެ މީހެއްގެ އެތެރެހަށީގައިވެސް ކުޑަ ކުއްޖަކު ފިލައި އޮވެއޭ މީހުން ބުނެއެވެ. ކާމްރާންގެ ރުއިމުގެ ސަބަބުން ބާދްޝާގެ ހަށިގަނޑުގައި އޮތް ކުޑަކުއްޖާ ހޭލައިފިއެވެ. އަދި މަޑުމަޑުން ގޮސް ރުޅި މަޑުވެ މަސަލަސް ވެއްޖެއެވެ.
އެއީ އެތެރޭގެ ހާލަތެވެ. އެކަމަކު ނަފުސާނީ ބަލިމީހަކަށް ބޭނުންވަނީ ހަމައެކަނި އެތެރޭގެ ތަސައްލީއެއް ނޫނެވެ. ގޭތެރެއިން ލިބޭ ތަސައްލީއެއްވެސް ނޫނެވެ. ބޭރުން ލިބޭ ލޯތްބަކީވެސް މުހިއްމު އެއްޗެކެވެ. ބާދްޝާގެ ހިތެއް އަދިވެސް މުޅިއަކުން ހަމައެއް ނުޖެހެއެވެ. ހަމަޖެހޭނީވެސް ކިހިނެއް ހެއްޔެވެ؟ ފުލުސްމީހާ އެއްވެސް ކަމަކާ ނުލައި އޭނާ ހުއްޓުވައިފިއެވެ. ބަވައިގެންފިއެވެ. މައިދައިތަގެ އަނގަ ހުއްޓުމެއް ނެތި ގެންދިޔައީ ތަޅުވަމުންނެވެ. އަނބިމީހާ އޭނާ ދޫކޮށް އެތައް ހާސް މޭލު ދުރަކަށް ހިނގައްޖެއެވެ. ލޯބިވެރިޔާ ފީކޯތް ކުޅެނީއެވެ. އެވަގުތު އޭނާގެ ހަނދާނަށް އައީ ރުޚްސާނާ ދެއްކި ވާހަކައެކެވެ.
އެއް ދުވަހަކު ރުޚްސާނާ ވަރަށް ލޯބިން އޭނާއަށް ވިސްނައި ދިނުމުގެ ގޮތުން ބުންޏެވެ. "ޖާނީ. ކުދިކުދި ކަންތައްތަކާ މާ ކަންބޮޑު ނުވާތި. ނިކަން ވިސްނާލަބަލަ. ކާރު ދުއްވާއިރުވެސް މަގުމަތީން ފެންނަ ކުދިކުދި ހުރަސްތަކުން ނުލާހިކު ފަރުވާތެރިކަމާއެކު ރެކެމުން ކާރު ދުއްވަމެއްނު؟ އެހެން ސަލާމަތް ވަމުން ގޮސް ސަރާސަރު އޮމާން ރީތި މަގަށް ނުކުންނަމެއްނު؟ މައްސަލަތަކަށްވެސް ހަދަން ޖެހޭނީ އެހެން. ކުދިކުދި ކަންތައްތަކުން ރެކެމުން ގޮސް ސިކުނޑިއަށް ލުއިވާނޭ ގޮތް ހަދާ. ރީތި ވިސްނުމެއްގެ ތެރެއަށް ސިކުނޑިއަށް ވަދެވޭ ގޮތް ހަދާ. ހެޔޮ ވިސްނުމަކަށްޓަކައި ސިކުނޑިއަށްވެސް ބޭނުންވާނީ ރީތި ސަރާސަރު މަގެއް. ޖާނީ. އިންސާނުންނަށް މާފުކުރުމުގެ ގާބިލިއްޔަތު ތިމާގެ ކިބައިގައި އަށަގަންނުވާ. އެންމެ ހިތްވަރުގަދަ ކަމަކީ އެއީ. މުޑިއެރުންތަކުން ސަލާމަތް ކޮށްގެން ކާރު މަންޒިލާ ހަމައަށް ގެންދޭ. ކާރުގައި ތިބޭ މީހުންނަކީ އިހުތިރާމު ލިބިގެންވާ ބައެއް. ޖާނީ ހަމަ ވިސްނުމުގެ ބޭނުން ކުރާ ކަމަށް ވަންޏާ ނުބައި ވިސްނުމަކަށް ކައިރިވެސް ނުވެވޭނެ. ނަޒަރު ތޫނުވެފައި ސީދާ ކަމުގައި ވަންޏާ ބަލައިލީ ކޮންމެ ދިމާއަކުން ފެންނާނީ ރީތި މަންޒަރު. ރީތި މަންޒަރު ބަލަން އާދަކުރޭ. އަމިއްލަ ފިކުރާއި ހަމަނުޖެހުމުން ސަލާމަތްވޭ. ފިކުރުން ސަލާމަތް ވުމުގެ ގޮތުން އެހެން މީހެއްގެ ބޮލަށް އުނދަގޫ ކުރުމާއި ދުއްތުރާ ކުރުމަކީ ސަލާމަތް ވެވޭނޭ ކަމެއް ނޫން. އެއީ ނަފުރަތާއި ރުޅިވެރިކަމަށް ޖާގަ ދިނުން. ނުބައި ފިކުރުތައް ދޫކޮށްލެވޭނޭ ގޮތްތައް ބައިވަރު. އެއް ގޮތަކީ ރީތި ތަސައްވަރެއް ކުރުން. ރީތި އެއްޗެއް ހިތަށް ގެނެސްގެން އެ އެއްޗަކާ މެދު ވިސްނުން ހިންގާން ފެށުން. އެޔަށް ފަހު އަމިއްލައަށް އުފައްދާ ރީތި ދުނިޔެއަށް ވަދެގެން ދެވޭތޯ ބަލާ. އޭރުން ހިތްހަމަ ޖެހިދާނެ."
ރުޚްސާނާގެ ވާހަކަތއް ހަނދާންވީމާ އޭނާ ރުޚްސާނާގެ މަތީން ހަނދާން ކުރާން ފަށައިފިއެވެ. އެޔާއެކު ފެނުނީ ފަޅިމޫނެކެވެ. ރީތިކަން ދެފަޅި ވެއްޖެއެވެ.
(ނުނިމޭ)
vvvv.reethi shukuran
މާކުރީ. ތަންކޮޅެއް ދިގުކޮށް މަތިއަރުވާ ދެއްވާ ޢަބްދުﷲ ބުރަދާ! ވާހަކަ ވ ރީތި . ޝުކުރަން ބުރަދަރ ޢަބްދުﷲ