އިސްރާއީލު ސިފައިންގެ ހިސާރާއެކުވެސް މަސްޖިދުލް އަޤްޞާގައި 70 ހާސް މީހުން ހުކުރު ނަމާދު ކޮށްފި

ޝައިޚް ޖައްރާޙުގައި އިސްރާއީލުގެ އަނިޔާވެރިކަން ދަނީ ކުރިއަށް

އިއްޔެގެ ހުކުރު ނަމާދަށް ފަހު މަސްޖިދުލް އަޤްޞާއިން ނުކުތް މީހުން

އިރުމަތީ ޤުދްސުގެ ޝައިޚް ޖައްރާޙު އަވަށުގައި ފަލަސްޠީނު މީހުންނާ އިސްރާއީލު ސިފައިންނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކު ސަބަބުން އިސްރާއީލުގެ ގިަނ އަދަދެއްގެ ސިފައިން ނުކުމެ އިރުމަތީ ޤުދްސު ހިސާރުކޮށްފައި ވުމާއެކުވެސް މި ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހު (އިއްޔެ) 70 ހާހަށްވުރެ ގިނަ މީހުން މާތްވެގެންވާ މަސްޖިދުލް އަޤްޞާގައި ހުކުރު ނަމާދު ކޮށްފިއެެެވެ.

އަޤްޞާ މިސްކިތުގެ ކަންކަން ބަލަހައްޓާ ޖެރޫސަލަމް އިސްލާމިކް ވަޤްފުން ބުނި ގޮތުގައި މިސްތުގައި ހުކުރު ނަމާދު ކުރަން ދިޔަ މީހުންނަށް އިސްރާއީލު ސިފައިން ވަނީ ސްޓަން ގްރެނޭޑާއި ގޭސް ބޮމުން ހަމަލާދީ އެތައް ބަޔަކު ޒަޚަމްކޮށްލާފައެވެ. ޚާއްސަކޮށް ޝައިޚް ޖައްރާޙު އަވަށާއި އިހުގެ ޤުދްސުގެ ދިމިޝްޤު ދޮރާށްޓާއި ދިމާލުން ގިނަ އަދަދެއްގެ ބަޔަކަށް ހަަމަލާދީފައި ވެއެވެ.

އަޤްޞާގައި ހުކުރު ނަމާދުކޮށްގެން ފޭބި މީހުން ވަނީ ޝައިޚް ޖައްރާޙު އަވަށުގެ މީހުންނާ އެކުގައި ވާކަން ދެއްކުމަށް ބޭއްވި ބޮޑު ހިނގާލުމެއްގައި ބައިވެރިވެފައެވެ.

އަޤްޞާއާއި ޝައިޚް ޖައްރާޙުގައި އިސްރާއީލު ސިފައިން ފަލަސްޠީނުގެ އާއްމުންނަށް އިއްޔެ ދިން އަނިޔާވެރި ހަމަލާތަކުގައި 200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެެފައެވެ. ތަފާތު ގައުމުތަކުން މިއަނިޔާވެރިކަން ކުށްވެރިކުރަމުން ދާއިރު ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވެސް ވަނީ އަނިޔާވެރިކަން އިސްނުކުރުމަށް އިސްރާއީލަށް ގޮވައިލާފައެވެ.

ފާއިތުވި ދިހަ ވަރަކަށް ދުވަހުއްސުރެ ޝައިޚް ޖައްރާޙު އަވަށުގެ ވަޒަންވެރިން ދަނީ އެމީހުން ގެތަކުން އެމީހުން ބޭރުކޮށްލައި އެއަވަށަށް ވެރިވެގަތުމަށް އިސްރާއީލު ސިފައިން ކުރަމުންދާ މަސައްކަތާ ދެކޮޅަށް އިހުތިޖާޖުކުރަމުންނެވެ. އަދި އިސްރާއީލު ސިފައިން ހަތިޔާރާއެކު އެއަަވަށް ހިސާރުކޮށްފައިވާއިރުވެސް ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގެ އެތައް ސަތޭކަ ފަލަސްޠީނު މީހުން އެއަވަށުގެ ކައިރިއަށް އައިސް އަވަށުގެ މީހުންނާއެކުގައި ވާކަން ހާމަކުރުމަށް ދަނީ އިހުތިޖާޖު ކުރަމުންނެވެ.

އިރުމަތީ ޤުދްސުގެ މަސްޖިދުލް އަޤްޞާގެ ވަށައިގެންވާ ސަރަހައްދަކީ ޖޯޑަން (އުރްދުން) ގެ ބެލުމުގެ ދަށުގައި ވާ ސަރަހައްދަކަށް ވާއިރު، ޖޯޑަންގެ މިިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ރިކޮންސްޓްރަކްޝަންއިން ވަނީ ޝައިޚް ޖައްރާޙު އަވަށުގެ މީހުންނަށް 1956 ވަނަ އަހަރު އެ މިނިސްޓްރީން ދޫކޮށްފައިވާ ރަޖިސްޓަރީ ތަކުގެ ކޮޕީ ފާއިތުވި އެޕްރީލް މަހުގެ 29 ވަނަ ދުވަހު އެ ފަރާތްތަކާ ހަވާލުކޮށްފައެވެ.

އިސްރާއީލުން ދަނީ މި ރަޖިސްޓަރީތައް ގަބޫލުނުކޮށް އެ ގެތަކުން އެމީހުން ބޭރުކުރުމަށް މަސައްކަތްކުރަމުންނެެވެ. މިކަމާ ގުޅިގެން ޖޯޑަނުން ވަނީ "އަލިފާނާ ނުކުޅުމަށް" އިސްރާއީލަށް އިންޒާރުދީފައެވެ. އަދި ފަލަސްޠީނުގެ އެދުމަށް މިމައްސަލައާ މެދު މަޝްވަރާކުރުމަށް އަރަބް ލީގްގެ ކުއްލި ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމުގައި އަރަބް ލީގުން ވަނީ ހާމަކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.