ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (2)

ފޮޓޯ: ގައުމީ އަރުޝީފު

 (30 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިނގިރޭސިވިލާތް ތަމްސީލުކުރުން

  1. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާދެމެދު އޮންނަ ޒަމާންވީ ރަޙުމަތްތެރިކަމަށް ބަލާއިރު ، އަދި ކުރިމަގުގައި ހަނގުރާމައެއްގެ ނުތަނަވަސްކަން ކުރިމަތިވެއްޖެނަމަ ، ކޮމަންވެލްތުގެ ދިފާޢަށް ވިސްނައިގެން ދިވެހިރާއްޖޭގެ އަގުވަޒަންކުރާއިރު ، އެންމެ ފުރިހަމަގޮތުގައި މިރަސްމިއްޔާތުގައި ، އަޅުގަނޑުމެން ތަމްސީލުކުރުމަށް ، އަޅުގަނޑުމެންނަށް ކުރެވެންއޮތް ހުރިހާކަމެއް ކުރުން މުހިންމުކަމުގައި އަޅުގަނޑަށް ފެނެއެވެ. (އަޅުގަނޑަށް ވިސްނޭގޮތުގައި މިދިޔަ ބޮޑުހަނގުރާމައިގާ ރޯޔަލް ނޭވީގެ ޙަރަކާތްތަކުގައިވެސް އަދި ރޯޔަލް އެއަރފޯސްގެ ބޭނުންތަކަށްވެސް ، ދިވެހިރާއްޖޭގެ ދެކުނުން އޮންނަ އައްޑު އަތޮޅު ، އަޅުގަނޑުމެން ބޭނުންކުރީމުއެވެ.)

މަނިކުފާނުގެ ހިންގުންތެރިކަމުގެ ޤާބިލު ނިންމެވުންތަކުން ހުއްދަލިބިހުރެ ، އީސްޓް އިންޑީޒް ސްޓޭޝަނުގެ ކޮމާންޑަރ އިންޗީފް ވައިސް އެޑްމިރަލް ސަރ ވިލިއަމް ސްލޭޓަރ ، (ކޭ.ސީ.ބީ ، ޑީ. އެސް. އޯ ، ޑީ. އެސް.ސީ) ގެ އަމުރުފުޅުގެ ދަށުގައިވާކަމަށް ބެލެވޭ ދެ މަނަވަރުންކުރެ މަނަވަރެއްގައި ، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވިދާނެތޯ ދެންނެވީމެވެ. ސަރ ވިލިއަމް ސްލޭޓަރ ޖެހިލުންފުޅެއްނެތި ، މިކަމަށް އިޖާބަދެއްވައި ، ދަތިކޮށް އޮތްނަމަވެސް ، ކޮންމެވެސް ގޮތަކުން އެކަން ހަމަޖައްސަވައިދެއްވުމަށް ނިންމެވި ނިންމެވުމަށް ބަދަލެއް ނުގެންނެވިއެވެ. އޭނާގެ ބެއްލެވުމުގެ ދަށުގައިވާ އެއް މަނަވަރުކަމުގައިވާ ، އެޗް. އެމް.އެސް ކެންޔާ އޮތީ ކުއްލި ޙަރަކާތަކަށް ކޮންމެވެސް ތަނަކަށް ފޮނުއްވަން ޖެހިވަޑައިގެންފައެވެ. އަދި ދެންއޮތް މަނަވަރު ، އެޗް. އެމް. އެސް ސިލޯނުގެ ބޭނުން ޖެހިގެން ، އެމަނަވަރު ފޮނުވައިދިނުމަށް އެތަންމިތަނުން އެދެމުން ގޮސްފައިވެއެވެ. މިކަމަށްޓަކައި އޭނާއަށް ، އަޅުގަނޑުގެ ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ. އަދި ކަނޑުގެ ސިފައިންގެ ލަޝްކަރުގެ ޢިއްޒަތްތެރި ކަމިޝަނަރުންނަށްވެސް ، މި ޝުކުރު އަރިސް ކުރަމެވެ.

މރ. އަމީންދީދީ ދެއްވާފައިވާ ދަޢުވަތު ޤަބޫލުކޮށް ، މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ، ސިލޯނުން މާލެއަށް ވަޑައިގަންނަވަންޖެހޭ ، ސިލޯނުގައި ހުންނަވާ ރޯޔަލް އެއަރފޯސްގެ ކޮމާންޑިންގ އޮފިސަރ ، އެއަރކޮމޮޑޯރ ޖޭ. ކޮކްސް ، (އޯ.ބީ.އީ، ޑީ.އެފް.ސީ) އާއި އޭނާގެ ޕާރޓީ މާލެއަށް ގެންދިއުމަށްޓަކައި ، އުދުހޭބޯޓު ، ސަންޑަރލޭންޑް ހަމަޖައްސަވައިދެއްވުން އެދި ، ފާރއީސްޓް އެއަރފޯސްގެ ކޮމާންޑިންގ އިން ޗީފް ، އެއަރމާޝަލް އޭ.ސީ ސޭންޑަރސަން ( ސީ.ބީ، ސީ.ބީ.އީ ) ގެ އަރިހުގައި އަޅުގަނޑު އެދުނީމެވެ. އެއްވެސް ފަސްޖެހިވަޑައިގަތުމެއްނެތި ، ކޮމާންޑަރ އިންޗީފް އެކަމަށް އެއްބަސްވެވަޑައިގެންނެވިކަން ، އުފަލާއެކު ފާހަގަ ކުރަމެވެ. މިރަސްމިއްޔާތުގައި އިނގިރޭސިވިލާތް ތަމްސީލުކުރީ ، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އެކަންޏެއްނޫނެވެ. ސިލޯނުގައި ހުންނަވާ ރޯޔަލް އެއަރފޯސްގެ ކޮމާންޑިންގ އޮފިސަރ ، އެއަރކޮމޮޑޯރ ޖޭ. ކޮކްސް ، (އޯ.ބީ.އީ، ޑީ.އެފް.ސީ) އާއި އޭނާގެ ޕާރޓީ އަދި އެޗް.އެމް.އެސް ސިލޯނުގެ އެކިފެންވަރުގެ މަނަވަރު ސިފައިންވެސް މިރަސްމިއްޔާގައި ބައިވެރިވެވަޑައިގަތެވެ.

މިކަމާގުޅިގެން ރައީސާއި ، ދިވެހި ރައްޔިތުންނަށް ވަރަށްބޮޑު އުފަލަކާއި ޝަރަފެއް ލިބިގެންދިޔަކަން ސާފުކޮށް އެނގެއެވެ. އަދި ވެރިރަށް މާލޭގެ ބަނދަރުގައި ، ޢިއްޒަތްތެރި އިނގިރޭސި ރާނީގެ މަނަވަރުފަހަރާއި ، އިނގިރޭސި ވައިގެ ސިފައިންގެ ލަޝްކަރުގެ އުދުހޭބޯޓު ، ސަންޑަރލޭންޑް ބަނދަރުކޮށްފައި އޮތްއޮތުން އެއީ ، އަޅުގަނޑުމެންގެ ފަރާތުން ، އެމީހުންވެސް އެއީ ބައެއްކަމަށް ދެކެ ، އިޙުތިރާމާއި ޤަދަރު ދެވިފައިވާކަމުގެ ނިޝާނެއްކަމުން ، އެކަމަށް އެމީހުންގެ ހިތްތައްވަނީ އުފަލުން ފޮޅިފައެވެ.

ދިވެހިރާއްޖެ

  1. އަޅުގަނޑުގެ ދަތުރުގެ ފުރިހަމަ ތަފުޞީލު އެރުވުމުގެ ކުރިން ، ދިވެހިރާއްޖޭގެ ތާރީޚާއި އިޤްތިޞާދާ އަދި ދިވެހިރާއްޖެ އުފެދިފައި އޮތްގޮތުގެ މައްޗަށް އަލިއަޅުވައިލުމަކީ ، ފަހަރެއްގައި ބޭނުންތެރިކަމަކަށް ވެދާނެއެވެ. ލަންޑަނުގައި މިކަންކަމާބެހޭ ފުރިހަމަ މަޢުލޫމާތު ، މިހާރުވެސް ރައްކައުކުރެވިފައި ހުރިނަމަވެސް ، މިތާނގައިވެސް އެކަންތައްތައް ބަޔާންކޮށް ނަކަލު ކޮށްލުމުން ، އިތުރު ފަސޭހައަކަށް ވެގެންދާނެކަމަށް ފެންނާތީއެވެ.

އުފެދިފައި އޮތްގޮތް

  1. ދިވެހިރާއްޖެއަކީ ، އިންޑިއާކަނޑުގައި އޮންނަ މުރަކައިގެ ޖަޒީރާ ޤައުމެކެވެ. މިރަށްތައް ޤުދްރަތީގޮތުން އުފެދިފައި އޮންނަނީ 12 އަތޮޅެއްގެ މައްޗަށެވެ. އެހެންނަމަވެސް ، އިދާރީގޮތުން މިރަށްތައް ބައިކުރެވިފައި އޮންނަނީ 17 އަތޮޅަކަށެވެ. ރަށްތަކުގެ ޖުމްލައިގެ އަންދާޒާ އެކިވަރަށް ކޮށް އުޅުނު ނަމަވެސް ، ދިވެހިރާއްޖެ އުފެދިފައި އޮންނަނީ 2000 ރަށުގެ މައްޗަށް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި ވެއެވެ. ދިވެހިރާއްޖޭގައި ، ކަނޑުގެ ލޮނުގަނޑުގެ މައްޗަށް ކުޑަމިންވަރަކަށް އުފުލިފައި ހުންނަ ކުދިކުދި ބައެއް ރަށްރަށް ، ގިރައިގެންގޮސް ނެތިދިއުމަކީ ހިނގައިފާނެ ކަމެކެވެ. މިޖަޒީރާތައް ފެތުރިފައި އޮންނަނީ ، 8 ވަނަ ޑިގްރީ ޗެނެލް އިންފެށިގެން ، އީކްއޭޓަރ ޗެނެލް ފަހަނަޅައި ކުޑަތަންކޮޅަކަށެވެ. ދިގުމިނަކީ 470 މޭލެވެ. އަދި އެންމެ ފުޅާ ދިމާލުން ބަލައިފިނަމަ ފުޅާމިނަކީ 70 މޭލެވެ.

އެއް ރަށަކަށް ބަލާއިރު ، ވެރިކަންކުރާ ރަށް ، މާލެ ( އެބަސް ކިޔާއިރު އަޑު ނުކުންނަ ގޮތުން ނަމަ ، މާރލޭ  MARLAY – ނުވަތަ ރަސްރަސްކަލުންގެ ރަށް ) އޮންނަނީ ، ސިލޯނުގެ ދެކުނު ހުޅަނގުން 400 މޭލުގެ ދުރުމިނުގައެވެ. 215 ރަށުގައި މީހުން އާބާދުވެ ދިރިއުޅެމުން ގެންދެއެވެ. އެންމެ އާބާދީ ބޮޑު ރަށަކީ ، ނުވަހާސް މީހުން ދިރިއުޅޭ ، ދިގުމިނުގައި މޭލެއް އަދި ފުޅާމިނުގައި ބައިމޭލު ހުންނަ ، (ވެރިކަންކުރާރަށް) ، މާލެއެވެ.

ޖަޒީރާ ރަށްތަކަކަށް ވާތީ ، މިރަށްތައް ހުންނަނީ ، ކަނޑުގެ ލޮނުގަނޑަށްވުރެ މަދު ފޫޓުކޮޅެއް މަތީގައި ، ވަރަށް ބިން ތިރިކޮށެވެ. ގިނަރަށްރަށް ހުންނަނީ ، ޖަޒީރާ ޤައުމުތަކުގައި ހެދޭ ބާވަތުގެ ގަސްތަކުން ފުރިފައެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ، ގިނަ ޢަދަދަކަށް ، ރުކާއި ބަނބުކެޔޮގަސް ހައްދާފައި ހުރެއެވެ. މާލެއަށް ބަލާނަމަ ، ބޮޑެތި އަނބުގަހުގެ އިތުރަށް ، ރީއްޗަކަށް ހައްދާ ގަސްގަހާއި މާއަޅާ ގަސްތައް ވަރަށް ގިނައެވެ. ޚާއްޞަކޮށް ، ފިޔާތޮށި އަދި ހުދުކުލައިގެ އޮލޭންޑަރ ގިނަކަން ފާހަގަ ކުރެވެއެވެ. މޫސުން ، ސިލޯނެކޭ މުޅިންހެން އެއްގޮތެވެ. އަދި ސިލޯނެކޭ އެއްގޮތަށް ، ދިވެހިރާއްޖެއަށްވެސް ، ދެކުނު ހުޅަނގާއި އުތުރު އިރުމަތީގެ ވާރޭ ވެހެއެވެ.

އާބާދީ

  1. ދިވެހިރާއްޖޭގެ އާބާދީގެ މުޅި ޖުމްލައަކީ ، 80،000 އާއި 90،000 އާ ދެމެދުގެ ޢަދަދެކެވެ. ދިވެހިރައްޔިތުންނަކީ ، ސިންގަޅަ ނަސްލަށް ނިސްބަތްވާ ބައެއްކަން ކަށަވަރެވެ. އެހެން ނަމަވެސް ، ދެކުނު އިންޑިއާގެ މަލާބާރީންގެ ގޮނޑުދޮށުގެ ސަރަޙައްދުގެ މީހުންނާއި ، އިހުޒަމާނުގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ ޢަރަބިކަރައިގެ ވިޔަފާރިވެރިން އަދި ސީނުކަރައާއި މެލޭ ދަރިކޮޅާއި ، ހީވާގޮތުގައި ބަބުރު ނަސްލުގެ ދަރިފަސްކޮޅުގެ ލޭ ، ދިވެހިންގެ ލެޔާގުޅި ، މަސްހުނިވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ކުރިން ، ދިވެހިންނަކީ ބުދުދީނުގެ އަހުލުވެރި ބައެކެވެ. އެހެންނަމަވެސް ، މީލާދީ ސަނަތުން 12 ވަނަ ޤަރުނުގެ ތެރޭގައި ، އެބައިމީހުންވަނީ ،  އިސްލާމްދީން ޚިޔާރުކޮށް ، ދީން ބަދަލު ކޮށްފައެވެ. އެހެންކަމުން ، މިއަދު ، ދިވެހިންނަކީ ، މުޙަންމަދު   ގެ ރިސާލަތުގެ  އުޞޫލުތަކަށް ތަބާވެ ، ބޯލަނބާ ، އިސްލާމީ ހަރުދަނާ މުޖުތަމަޢެކެވެ. އެމީހުން ރަލެއް ނުބޮއެވެ. އަދި ދުންފަތުގެ ( ބިޑި ، ސުއްޓާ އާއި ސިނގިރެޓް ) އިސްތިޢުމާލެއް ނުކުރެއެވެ.  ފިރިހެނުންނަށް އެކަކަށްވުރެ ގިނަ އަނބިން ހުއްދައެވެ. އެމީހުންގެ މާދަރީ ބަހުގެ މޫތައް ގުޅިފައިވަނީ ސިންގަޅަބަހާއެވެ. އަދި ޢަރަބި ބަހާއި ހިންދީ ބަސްވެސް ކޮންމެވެސް މިންވަރަކަށް މަސްހުނިވެފައި ވެއެވެ.

އިޤްތިޞާދު

ދިވެހިންގެ އިޤްތިޞާދު ، މައިގަނޑުގޮތެއްގައި ބިނާވެފައި އޮންނަނީ ދޮށީގެ މަސްވެރިކަމުގެ މައްޗަށެވެ. ދޮށީގައި ކަންވާރުލައި ކަންވާރުގައި ބުޅިލައިގެން ، އެންދަމައި ، މަސްކަނޑަށް ނުކުމެ ، ގަދަކަނޑުގައި މަސްބާނައެވެ. އެމަސް ކައްކާ ހިއްކުމުން ، އެހުންނަ މަޑުރަތްކުލައިގެ މަހަށް ކިޔައި އުޅެނީ ، (ހިކި) ކަޅުބިލަ މަހެވެ. ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަޙައްދުގައި މިބާވަތުގެ މަސް ، ވަރަށްގިނަ ޢަދަދަކަށް އުޅެއެވެ.  މުޅިން ، މަސް ތައްޔާރުކޮށް ނިމުމުން ، ގަދަވަހެއް ހުރެއެވެ. އަދި ބޮޑަށް އެއްގޮތީ ، ދެކުނު އޭސިއާގެ ކެއުމެއް ކަމުގައިވާ ، ބޮމްބޭ ޑަކް އޭ ކިޔާ ބާވަތުގެ ކެއުމެއް ތައްޔާރުކުރުމަށް ބޭނުންކުރެވޭ މަހުގެ ބާވަތަކާއެވެ. އަދި މިމަސް ވަރަށް ގިނަ ޢަދަދަކަށް ދިވެހރާއްޖެއިން ސިލޯނަށް އެތެރެ ކުރެއެވެ.

ސިލޯނުގައި މިމަސް ބޭނުން ކުރެވެނީ ރިހަކެއްކުމުގައެވެ. ބައެއް ބާވަތުގެ ރިހަ ކައްކާއިރު ، މީގެ ކުޑަކުޑަ މަސްކޮޅެއް ލުމުން ، ރިހައިގެ ރަހަގަނޑު މީރުކޮއްލަދެއެވެ. އަދި މިމަހަކީ ސިލޯނުގައި ވަރަށް މަޝްހޫރުވެފައި ، ވަރަށް ބޮޑަށް ބޭނުންވެފައި އޮންނަ އަދި ބޭނުންކުރެވޭ އެއްޗެކެވެ. ރޯނާއި ކުފުރާ އަދި ކަހަނބުފަތާއި ކާށި ، އަދި ބޮލީގެ ވިޔަފާރިވެސް ކޮންމެވެސް ވަރަކަށް ދިވެހިން ކޮށް އުޅެއެވެ. އަނެއްކޮޅުން ،  ހަނޑުލާއި ، ގޮދަންފުށް ، އަދި ޒުވާރިއާއި ގޮދަން ، ރާގި އަދި ކަރާސީނުތެލާއި އަންނައުނަކީ ، ދިވެހިރާއްޖެއަށް އިމްޕޯރޓްކުރަން ޖެހޭ ތަކެއްޗެވެ. އެއީ ، ތަނުގައި އުފައްދާ ގޮވާމުގެ ބާވަތްތަކާއެކު ، ކެއުމަށް ބޭނުން ކުރުމަށެވެ. ދިވެހިން އަންނައުނު ގަންނަނީ އިންޑިއާއިން ކަމަށްވެފައި ، ދިވެހިރާއްޖެއިން މަސްއެތެރެކޮށްގެން އިންޑިއާއިން ލިބޭ ރުފިޔާއިން ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ އިޤްތިޞާދު ހަމަހަމަ ކުރެވެއެވެ. ކާޑުގެ ބާވަތްތަކާއި އެނޫންވެސް ތަކެތި އެތެރެކުރަނީ ސިލޯނުންކަމަށްވާތީ ، ދިވެހިރާއްޖެއާއި ސިލޯނާދެމެދު އޮންނަނީ ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ އަގު އިތުރުވެފައެވެ.

ވިޔަފާރީގެ ހަމަހަމަކަން (ބެލެންސް) ހިފެހެއްޓުމަށްޓަކައި  ، ދިވެހިރާއްޖެއިން ވަނީ ، ފާއިތުވި އަހަރުތަކުގައި ، ސިލޯނުން ދަރަންޏަށް ފައިސާ ނަގާފައެވެ. އެހީތެރިކަމެއް ފޯރުވައި ނުދެވިއްޖިއްޔާ ، އެބައިމީހުންގެ އިޤްތިޞާދު ، ނާޒުކު ޙާލަތަކަށް ވެއްޓިގެންދިއުން އެކަށީގެން ވެއެވެ.    އެމީހުންގެ މަސްއޮޑިފަހަރު ވަނީ ބާވެ ، މަރާމާތުކުރަން ޖެހިފައެވެ. އެންދަމާދާތައް ހުރީ ހަލާކުވެފައެވެ. ގަދަ މޫސުމާ ކުރިމަތިލާންޖެހި ، މަސްވެރިކަންވަނީ މިދިޔަ ދެމޫސުމުގައިވެސް ވަރަށް ދަށްވެފައެވެ. މިވޭތުވެދިޔަތަނުގައި ، ދިވެހި ކަނޑުމަހަށް ލިބުނު އަގަށްވުރެ ބޮޑުއަގެއް ހޯދުމަށްޓަކައި ، ސިލޯނާއެކު ވިޔަފާރީގެ އާ އެއްބަސްވުމެއް އެކުލަވައިލުމަށް ، އެމީހުން އުންމީދު ކުރެއެވެ.

ސިލޯނު ސަރުކާރުން ، ދިވެހިކަނޑުމަހުގެ މި ވިޔަފާރީގައި ، ދިވެހިން އަތުން ގަންނަ މަސް ، ސިލޯނަށް ވިއްކައިގެން ، ނަގަމުންގެންދާ ނާޖާއިޒު ފައިދާގެ ތަފުޞީލު ހާމަކޮށް ، މިވާހަކަ ކުރުގޮތަކަށް ބަޔާންކޮށްލުމުގެ އިތުރަށް ، މިރިޕޯރޓަކީ ، ކިޔާލަން ދަތި އުނދަގޫ އެއްޗަކަށްހަދާކަށް އަޅުގަނޑު ނެތީމެވެ. ސިލޯނު ސަރުކާރުން މިވިޔަފާރީގައި ނަގާ ފައިދާގެ ކުޑަމިންވަރެއް މެނުވީ ދިވެހިންނަށް ފޯރުވައެއް ނުދެއެވެ. ޚާއްޞަކޮށް ، ދިވެހިރާއްޖެއަށް ސިލޯނުން ފޮނުވާ ، ކާޑުގެ ޟަރޫރީ ބާވަތްތަކުން ނަގާ މާމޫލާއި ފީ ، ބޮޑުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އަޅުގަނޑާއި އަޅުގަނޑުގެ އިޤްތިޞާދީ މުޝީރު ، މިމައްސަލަ މިދަނީ ވަރަށްގާތުން ބަލަމުންނެވެ. އަދި  މިކަމުގައި ސިލޯނު ސަރުކާރާ ވާހަކަދެއްކުމަށް ، ދިވެހިންނަށް ހުރިހާގޮތަކުންވެސް ބާރުއަޅައި ، އެހީތެރިވަމުން އެބަގެންދަމެވެ. މިމައްސަލައާބެހޭ ރިޕޯރޓެއް ، އަވަސް ފުރުޞަތެއްގައި ،  ވަކިން  ހުށަހަޅާނަމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.