ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގައި ނުފެންނަ ޞަފުޙާތައް (17)

1950 ގެ އަހަރުތަކުގައި ދިވެހިންގެ ދިރިއުޅުން

(22 ޖުލައި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިވެހިބޭސްވެރިކަމުގެ ތަހުލީލު

ވަރަށްފަހުން ހުޅުވުނު ހޮސްޕިޓަލުންގެންދަނީ، ދިވެހިބޭސްވެރިކަމުގެ ތަހުލީލުތައް ކުރަމުންނެވެ. އޮޑިދޯނިފަހަރުގައި ލަމުންގެންދިޔަ ވެލާތެލަކީ، ކެއްސުންބަލީގެ މީހުންނަށް ފަރުވާދިނުމުގައި ބޭނުންކުރަން ރަނގަޅު އެއްޗެއްކަން ވަނީ ފާހަގަކުރެވިފައެވެ. ހުރިހާ ރަށެއްގައިވެސް، ކެއްސުންބަލީގެ މީހުންނަށް ވެލާތެޔޮ، ދަނީ ބޭނުންކުރެވެމުންނެވެ.

ޞިއްޙީ ފަރުވާދޭ މީހުންނަށްވަނީ ބޭނުން ވެފައެވެ. އަދި މާލޭގައި ފެތުރޭ ބަލިތަކަށް ފަރުވާދޭނެ މީހުން ތަމްރީނުކުރެއްވުމަށް، ރައީސް ބޭނުންފުޅުވެއެވެ. "އެކަމަކުވެސް، އަޅުގަނޑުމެންނަށް އިތުރު ދައްޗެއްވަނީ ކުރިމަތިވެފައެވެ." އެމަނިއްޕުޅު ވިދާޅުވިއެވެ. "އިނގިރޭސިބަހަށް އަޅުގަނޑުމެންނަށް އަޅައިނުލެވިފައިއޮތުން." އެމަނިއްޕުޅު އަޅުގަނޑުގާތު ވިދާޅުވިއެވެ. "ޞިއްޙީ ޚިދުމަތް ތަރައްޤީކުރަން ބޭނުންނަމަ، އަޅުގަނޑުމެންގެ ރައްޔިތުން، އެހުރަސްވެސް ނައްތާލަން ޖެހޭނެއެވެ."

"ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށް، ސިލޯނާއެކު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތުވަނީ،  ޑިސެމްބަރމަހުގެ 31 އަށް ހަމަވފައެވެ." ރާއްޖޭގެ ކާޑުގެ ޙާލަތާބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ރައީސް ވިދާޅުވިއެވެ. "އައު އެއްބަސްވުމެއްގައި ސޮއިކުރެވެންދެން، ސިލޯނު ސަރުކާރުން، ކާޑުގެތަކެތި ފޮނުވާނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ." އެމަނިއްޕުޅު އިތުރަށް ސާފުކޮށް ދެއްވިއެވެ.

ސިލޯނަށް ޝުކުރުވެރިވުން

ސިލޯނުގައިވެސް، ކާޑުގެ ބާވަތް މަދުވެފައިވާ ވަގުތުތަކުގައިވެސް، ދިވެހިރާއްޖެއަށް ސިލޯނުން ވެދޭ އެހީތެރިކަމަށް، ދިވެހިރައްޔިތުންގެ ފަރާތުން، މރ. އަމީން ދީދީ ޝުކުރު އަދާކުރެއްވިއެވެ. މިކަން އެމަނިއްޕުޅު ފާހަގަކުރެއްވީ، މެހެމާނުންގެ ޝަރަފުގައި، މާލޭގައި، އައުއަހަރުގެ ފެށުމުގެގޮތުން ބޭއްވުނު ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑުމެންނާ ސިލޯނާދެމެދުގައި އުފެދިފައިވާ ގުޅުމަކީ، އެކުވެރިކަމާއި އުޚުއްވަތްތެރިކަމުގެ މައްޗަށް ބިނާވެގެންވާ ލޭގެ ގުޅުމެކެވެ."  އެމަނިއްޕުޅު ވިދާޅުވިއެވެ. "އަދި އަޅުގަނޑުމެންގެ އަޞްލު ފެށިގެން އައިސްފައިވަނީ ސިލޯނުން ކަމަށްވީތީ އަޅުގަނޑުމެން ފަޚުރުވެރިވަމުއެވެ. ތާރީޚާއި އަޅުގަނޑުމެންގެ އަމިއްލަ ހޯދުންތަކުން މިޙަޤީޤަތްވަނީ ސާބިތުވެ ކަށަވަރުވެފައެވެ. އަޅުގަނޑުމެން ދެޤައުމުގެ ބަހަކީ ދާދި އެއްވައްތަރު ދެބަހެވެ. އަދި އަޅުގަނޑުމެންގެ ޘަގާފަތު ވަކިން ބޮޑަށް އެއްގޮތެވެ."

"ސިލޯނު ސަރުކާރަށާއި ރައްޔިތުންނަށް އަޅުގަނޑުމެން ދަރާފައިވާ ދަރަނި ވަރަށް ބޮޑެވެ. އަޅުގަނޑުމެން ކާބޯތަކެއްޗަށް ބަރޯސާ މިވަނީ ސްރީލަންކާގެ މައްޗަށެވެ. ނިމިގެންދިޔަ ހަނގުރާމައިގެ ތެރޭގައި، ސިލޯނަށްވެސް ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައި އޮތްދުވަސްވަރެއްގައި، ސިލޯނުން ދިވެހިރައްޔިތުންނާ ޙިއްޞާކޮށް، ކާޑުގެ ބާވަތްތައް ފޯރުކޯށްދިނުމުގައި ވެދީފައިވާ އެހީތެރިކަމުގެ މަތިން އަޅުގަނޑު، ހަނދާން ކުރަމެވެ. ފާއިތުވެދިޔަތާނގައި، ސިލޯނުން އަޅުގަނޑުމެންނަށް ވެދީފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރަމެވެ. އަދި ކުރިމަގުގައިވެސް އެ އެހީތެރިކަން އެގޮތުގައި ދެމިއޮންނާނެކަމުގައި އުންމީދުކުރަމެވެ. އަޅުގަނޑު އެތަނަކުން ތަޢުލީމު ޙާޞިލުކުރި، ސިލޯނަކީ، އަޅުގަނޑަށް ޙާޞިލުކުރެވިފައިވާ އެންމެހައި ކާމިޔާބީއެއްގެ ސިއްރާއި ސަބަބެވެ."

ދޯނިރޭސް

ރަށްރަށަށް އިރުއޮއްސި އަނދިރިވުމުގެ ކުރިން، ފަރުމާކުރާމީހުން، 100 ފޫޓޫގެ ދިގު ދޯންޏެއް ތައްޔާރުކޮށް، ނެރުނެވެ. މިތަން ބަލައިލުމުގެ ނަޞީބު ލިބުނުމީހުންގެ ތެރޭގައި، މާލޭގެ ބަނދަރުގައި އޮތް، ދެމަނަވަރު، ސިލޯނު ނޭވީގެ ވިޖެޔާއާއި އިނގިރޭސިވިލާތުގެ އެޗް އެމް އެސް ސިލޯނުގެ ހަނގުރާމަމަތީ ލަޝްކަރުގެ އޮފިސަރުންނާއި ފަޅުވެރިން ހިމެނެއެވެ. މިރޭސް ފެށުމުގެ ކުރިން، ރައީސްގެ މެހެމާނުންވަނީ، ކައިރި ރަށަކަށް މެންދުރުފަހުން ގެންދަވާ، ރާއްޖޭގެ އެންމެ އަގުހުރި ޤުދްރަތީ ވަޞީލަތްކަމަށްވާ، ހިކި ކަނޑުމަސް ތައްޔާރުކުރާގޮތް ދައްކައިލާފައެވެ.

މެންދުރުފަހުން، އަނބުރާލާ ހިސާބަށް ދޯނި ގެންގޮސް، އަދި ނިމޭ ހިސާބަށް ގެނެވުނެވެ.

މާލޭގެ ގޭގޭގެ ބޭރު ފާރުތައް އުސްކޮށް ހުރުމުން އެކަމުން ހެކިކޮށްދެނީ، ކުރިން، ދިވެހި އަންހެނުންނަކީ ފަރުދާވެތިބި ބައެއްކަމެވެ. އެމީހުންގެ އުފައުވެރިކަމާއި ޝާއްބަވެތި ހިނިތުންވުމަކަށް އަސަރެއް ނުކުރެއެވެ.

ގާއޮޑިލަވަ

އިންޓޯލަށް މުބާރާތް މެދުކަނޑާލި ވަގުތު، މާލެއާ 150 މޭލު ދުރުގައިވާ، މާޅޮސް މަޑުލު އަތޮޅުގެ މަސްވެރިންގެ ފަރާތުން، ދެދޯނި ފުރާތިބި މަސްވެރިން، ނުކުމެ ގާއޮޑިލަވަޔަށް ނަށާ، މުނިފޫހިފިލުވުމުގެ ޙާރަކާތެއް ދައްކައިލިއެވެ. މިއަތޮޅަކީ، ގާއޮޑިލަވަކިޔައި ގާއޮޑިލަވަޔަށް ނަށާ ހެދުމަށް މަޝްހޫރު އަތޮޅެކެވެ. އެމީހުން މިޙަރަކާތް ދައްކައިލީ އޮޑިތެރޭގައި ތިބެގެންނެވެ. ފަލިޖަހާ ދޯންޏެއް ކަފުޖަހައިގެން މިކުޅިވަރު ދައްކާލި އުޅަނދު، ކުޅިބަލާ މީހުންގެ ލޯމަތިން ދުރަށް ދިޔައެވެ. އެމީހުން ފަލިޖަހަމުންގެންދިޔައީ، އުޅަނދުގެ އަރިމަތީ ތިބެ އަތް ދަމާލާ ފަލިވަޅަށް ފަހަތައްޖެހިލައިގެންތިބެ، ލަވައިގެ ހަމަޔާ އެއްވަރަށެވެ. ކުއްލިއަކަށް ވާރޭ ވެހެން ފެށިއެވެ. މާލޭގައި ބުއިމަށް ބޭނުންކުރެވެނީ ވާރޭ ފެނެވެ. ހެދުމާއި ފޭރާން ވާރޭފެނުން ތެމިލިޔަކަސް އެއީ މާބޮޑު ތަކުލީފަކަށް ނުވެއެވެ. އިރުގެ އަވިން ދާދިކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތަކެތި ހިއްކާލަފާނެއެވެ.

ޖެނުއަރީ މަހުގެ 1 ވަނަދުވަހުގެ ފަތިހު، އެޗްއެމްއެސް ސިލޯނުގެ ނަގިލި މަޑުމަޑުން ނަގަން ފެށިއެވެ. މަނަވަރުގައި ތިއްބެވީ، ސަރ ސެސިލްގެ ދެކަނބަލުންނާއި، މރޒ . މޮންޓެގޫ ޖަޔަވިކްރަމަ، އަދި މާލެއައި ބޭރުގެ ނޫސްވެރިންނެވެ. އާރ އޭ އެފް ސުންޑަރލޭންޑްގެ ފަސިންޖަރުން ކަމުގައިވާ، އެއަރކޮމާންޑަރ ކޮކްސްގެ ދެކަނބަލުން، ސަރ އައިވަރ ޖެނިންގްސް، ކާނަލް ޕީއޭޖޭ ހާރނޫ، މރ. މޮންޓެގޫ ޖަޔަވިކްރަމަ، މަނަވަރުން ބޯޓަށް ބަދަލުވެވަޑައިގެންނެވިއިރު، މަނަވަރަށް އަދިމާދުރަކަށް ނުދެވެއެވެ. ވިޖެޔާ މާލެއިން ފުރުމަށް ހަމަޖެހިފައި އޮތީ، މެންދުރުފަހުގެ 2 ޖަހާއިރުއެވެ. އަދި ކޮޅުނބަށް ދިއުމަށް ތާވަލުކޮށްފައިވަނީ ހޯމަދުވަހުގެ މެންދުރުފަހުގެ އަވަސް ގަޑިއެއްގައެވެ. މާލެއަށް ބަލާއިރު، ކަންތައްތައްވަނީ އާދައިގެ ޙާލަތަކަށް ބަދަލުވެފައެވެ. ގޭގޭގައި ދަމާފައިވާ ފޮތިތަކާއި ދިދަތައް ނެގުމަށް، މަސައްކަތުމީހުން އަވަސްވެގަތްއިރު، އެމީހަކު އެމީހެއްގެ މަސައްކަތައިގެން އެނބުރި ރުޖޫޢަވެއްޖެއެވެ.

ޓައިމްސް، ސަންޑޭ 5 ޖެނުއަރީ 1953

ދިވެހިންގެ ރަސްމިއްޔާތު

ޤާނޫނު އަސާސީ " ވަރަށް ޚާއްޞަ " ސަރ އައިވަރ ވިދާޅުވި

އަޅުގަނޑުމެންގެ ޚާއްޞަ މުރާސިލުގެ ފަރާތުން

މާލެ، ހޮނިހިރު ދުވަސް

އަލަށް ޖުމްހޫރީވެރިކަމެއް އިޢުލާންކުރި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ

އަމީންދީދީ ރައީސްކަމުގެ ހުވާކުރެއްވީ، އައުއަހަރު ފެށުނު ދުވަހުއެވެ. މާލެއޮންނަނީ 4 އަވަށަކަށް ބައިކުރެވިފައެވެ. ކޮންމެ އަވަށެއް ހިންގުމަށް ވެރިޔަކު އިސްވެ ހުންނަވައެވެ. އަވަށުވެރިޔާއަށް ލަފާދެއްވަނީ، ރައްޔިތުން އިންތިޚާބުކުރާ ކޮމިޓީއަކުންނެވެ. ކޮންމެ އަވަށެއްގައިވެސް، ސަރުކާރުން ހިންގާ މަދަރުސާއަކާއި ސައިހޮޓަލަކާ އަދި އެހެނިހެން ތަންތަން ހުރެއެވެ.

ދިދަ ބަދަލުކުރުން

"ރާއްޖޭގައި ފުރަތަމަ ރަށްވެހިވި އަހުލުވެރިންނަށްޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަމުއެވެ. އަޅުގަނޑުމެންގެ އަޞްލު ފެށިގެން އަންނަނީ ލަންކާއިންނެވެ." އެޗް އެމް އެސް ވިޖެޔާއިން ދަތުރުކުރާ ބުދުދީނުގެ މީހުންނާ މުޚާތަބުކޮށް، ދިވެހިރާއްޖޭގެ ރައީސް މރ. އަމީން ދީދީ ވިދާޅުވިއެވެ. އެމަނުއްޕުޅު މިހެން ވިދާޅުވީ، ރޯޔަލް ސިލޯން ނޭވީ ބުޑިސްޓް އެސޯސިއޭޝަންގެ ފަރާތުން އެރުވި ބުދުދީނުގެ ދިދައަކާ ޙަވާލުވެ ވަޑައިގަތުމަށްފަހުގައެވެ.

މިރަސްމިއްޔާތު ބޭއްވުނީ، ވިޖެޔާގެ ފަޅުވެރިންގެ ޓީމަކާއި ދިވެހި ޓީމަކާއެކު ކުޅެވުނު ފުޓްބޯޅަ މެޗެއްގެ ނިމުން ފާހަގަކުރުމުގައި، ރަސްމީ ބޯޅަ ދަނޑުގައެވެ.

ރައީސް ޓްރޫމަން ވަނީ ތިރީގައިވާ މެސެޖް މރ. އަމީން ދީދީގެ އަރިހަށް ފޮނުއްވާފައެވެ.

"ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ އުފާވެރި މުނާސަބަތުގައި، އެމެރިކާގެ ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި މަނިއްޕުޅަށް، އަރިސްމިކުރާ، އިޚުލާޞްތެރި މަރުޙަބާއާއި ތަހުނިޔާ ޤަބޫލުކުރެއްވުން އެދެމެވެ."

މިމެސެޖް ފޮނުއްވާފައިވަނީ، މިކަމާބެހޭ ރަސްމިއްޔާތުގައި އިނގިރޭސިވިލާތް ތަމްސީލުކުރެއްވި ސަރ ސެސިލް ސައިޔަރސް މެދުވެރިކުރައްވައެވެ.

އެނބުރި މެސެޖަށް

ރަސްމިއްޔާތުގައި ސިލޯނު ތަމްސީލުކުރެއްވި، ޕާލިމެންޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް އެކްސްޓަރނަލް އެފެއަރޒް މރ. މޭޖަރ މޮންޓެގޫ ޖަޔަވިކްރަމަ އާރ. އޭ. އެފް ގެ އުދުހޭ ބޯޓުގައި ރޭގެ ވަގުތެއްގައި މާލެވަޑައިގެންފިއެވެ. މރޒ. ޖަޔަވިކްރަމަ އާއި އެއަރ ކޮމާންޑަރ ކޮކްސްގެ ދެކަނބަލުން އަދި ސަރ އައިވަރ ޖެނިންގްސް ވެސް އޭނާގެ އަރިހުގައި އެނބުރި ސިލޯނަށް ވަޑައިގަތެވެ.

ސިލޯނުގެ ބޮޑުވަޒީރަށް، ދިވެހިރާއްޖޭގެ ރައީސް ފޮނުއްވި މެސެޖެއް ގެންނެވިކަމުގައި މޭޖަރ ޖަޔަވިކްރަމަ، " ދަ ޓައިމްސް އޮފް ސިލޯނު " އަށް ހާމަކުރައްވާފައި ވެއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.