
އަފްޣާނިސްތާނާއި ސޫރިޔާގައި ހަނގުރާމާގައި އުޅުމަށްފަހު 4 ދަރިންނާއެކު ތުރުކީއަށް އެތެރެވި ދިވެހި އަންހެނެއްގެ މައްސަލާގައި ދިވެހި ފުލުހުން ތުރުކީގައި ޙަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ހާމަކުރެއްވިގޮތުގައި މިއަންހެނާ އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި ދިވެހިސަރުކާރަށް ތުރުކީން އެކަން އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެއާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް މިވަގުތު ދަނީ ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަރަކާތްތެރި ވަމުންކަމަށް ފުލުހުން ވިދާޅުވެއެވެ.
މިހާތަނަށް މިމައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެންމީހާ އަކީ އަފްޣާނިސްތާނާއި ސޫރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއްކަމާއި މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައިވަނީ އަފްޣާނިސްތާނާއި ސޫރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އޭގެ އިތުރުން، މި އާއިލާއަށް، ހަނގުރާމަވެރި ސަރަހައްދުތަކުގައި ތަފާތު ބިރުވެރި ތަޖުރިބާތައް ކުރެވި ނަފުސާނީގޮތުންނާއި ސިއްހީގޮތުންވެސް ބޮޑެތި އަސަރުތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މި ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއަޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.
މި ފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެސް، އެމީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތުންކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.