15 އަހަރަށް ފަހު ފަލަސްޠީނުގައި ބާއްވަން ހަމަޖެހުނު އާއްމު އިންތިޚާބު ފަސްކޮށްފި

ފަލަސްޠީނުގެ ރައީސު މަޙްމޫދު ޢައްބާސް

ފަލަސްޠީނުގައި އިންތިޚާބެއް ނުބާއްވައި 15 އަހަރަށް ފަހު ބާއްވަން އުޅުނު އާއްމު އިންތިޚާބު ފަސްކުރުމަށް ފަލަސްޠީނުގެ މައި ޖަމާއަތްތަކުން އެއްބަސްވެއްޖެ ކަމުގައި ރައީސު މަޙްމޫދު ޢައްބާސް ވިދާޅުވެއްޖެއެވެ. އިންތިޚާބު ލަސްކުރަން ޖެހުނީ އިސްރާއީލުގެ ސަަބަބުންކަން ހާމަކުރައްވަމުން ޢައްބާސް ވިދާޅުވީ އިންތިޚާބު ބާއްވާނެ ދުވަހެއް ދެން ނިންމާނީ އިރުމަތީ ޤުދްސުގައި ވޯޓުލުމުގެ މައްސަލަ ހައްލުވުމުން ކަމުގައެވެ.

މި ނިންމުމުގެ ސަބަބުން ފައިދާވާނެ ކަަމަށް ބެލެވެނީ ރައީސު ޢައްބާސުގެ ފަތަަހަ ޖަމާއަތަށެވެ. އަދި މިނިންމުން ވެގެން ދާނީ އިސްރާއީލާއި، ހުޅަނގު ގައުމުތަކަށް ހިތްހަމަޖެހުން ގެނެސްދޭނެ ނިންމުމަކަށެވެ. އެހެނީ، މިފަހަރުގެ އިންތިޚާބުގައި ވެސް ޣައްޒާގައި ވެރިކަން ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އިން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އޮތީ ބެލެވިފައެވެ. އިސްރާއީލާއި، ހުޅަނގާއި، ބައެއް އަރަބި ގައުމުތަކުން ޓެރަރިސްޓު ޖަމާއަތެއް ކަމަށް ބަލާ ހަމާސްގެ ބާރުގަދަވުމަކީ އެ ގައުމުތަކުުން ކަންބޮޑުވާ ކަމެެކެވެ.

އަނެއްކޮޅުން ފަލަސްޠީނުގެ ރައްޔިތުން މިނިވަން ދައުލަތަކަށް ކުރާ އުއްމީދު ހަގީގަތަކަށް ހެދުމަށް ނުކުޅެދިފައިވާ، ކޮރަޕްޝަން ބޮޑު ސަރުކާރެއް އިތުރު މުއްދަތަކަށް ފަލަސްޠީނުގައި ދެމިއޮތުމަށް އިންތިިޚާބު ފަސްވުމުގެ ސަަބަބުން ފުރުސަތު ލިބިގެން ދާނެއެވެ.

އިންތިޚާބު ފަސްކުރުމަށް ނިންމާފައިވާކަން ރައީސު ޢައްބާސް (85 އ.) އިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެރޭ މެންދަމުގެ ވަގުތެއްގައެވެ.

އޭނާ މި ނިއްމެވުން އިއުލާންކުރައްވާފައި މިވަނީ 15 އަހަރު ދުވަހަށް ފަހު ފަލަސްޠީނުގައި ފުރަތަމަ ފަރަހަށް އިންތިޚާބު ބާއްވާނެކަން އިއުލާންކުރެއްވިތާ 3 މަސް ފަހުންނެވެ.

"މި އުނދަގޫ ހަލަތާ ކުރިމަތިލާން ޖެހުމުން އަހަރުމެން ނިންމީ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ފަސްކުރަން. އެއީ ޤުދްސުގެ ރައްޔިތުންނަށް ވޯޓުލެވޭނެކަން ޔަގީންވަންދެން." މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ.

މީގެ ކުރީގެ އިންތިޚާާބުތަކުގައި އިސްރާއީލުން ވަނީ އިރުމަތީ ޤުދްސުގައި ދިރިއުޅޭ ފަލަސްްޠީނު މީހުންނަށް ފަލަސްޠީނުގެ އިންތިޚާބުގައި ވޯޓުލުމުގެ ހުއްދަދީފައެވެ. އެހެންނަމަވެސް، މިފަހަރު ފަލަސްޠީނު އެދުމާ މެދު ގޮތެއް ނިންމާނެ ސަރުކާރެއް އިސްރާއީލުގައި ނެތްކަމަށް ބުނެ އިސްރާއީލުން ވަނީ އިރުމަތީ ޤުދްސުގެ ފަލަސްޠީނު މީހުންނަށް ވޯޓުލުމުގެ ހުއްދަ ނުދީފައެވެ.

ޖުލައި މަހުގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބާ މެދު އަދި ވަކި ގޮތެއް އިއުލާންކޮށްފައި ނުވެއެވެ.

ހަމާސް ޖަމާއަތުން ވަނީ ރައީސު ޢައްބާސްގެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެޖަމާއަތުން ޢައްބާސްގެ ނިންމެވުން ސިފަކޮށްފައި ވަނީ "ބަޣާވާތެއް"ގެ ގޮތުގައެވެ.

"ގައުމުގެ އާއްމު ޚިޔާލާ ޚިލާފު މިނިންމުން އަހަރުމެން ގަބޫލެއް ނުކުރަން. މި ނިންމުމުގެ ޒިންމާ އުފުލަން ޖެހޭނީ ފަތަހަ ޖަމާއަތުން." ހަމާސްގެ ތަރުޖަމާނު ސާމީ އަބޫ ޒުހްރީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.