ރާއްޖެއިން އިތުރު 464 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ އަނެއްކާވެސް ރެކޯޑު މިންވަރަކަށް އެއް ދުވަސްތެރޭގައި މީހުން ޕޮޒިޓިވްވެއްޖެއެވެ. ފަހަކަށްއައިސް ކޮންމެ ރެއަކުވެސް ރާއްޖެއިން ރެކޯޑު މިންވަރަކަށް މީހުން އަންނަނީ ކޮވިޑް-19އަށް ޕޮޒިޓިވްވަމުންނެވެ. އަނެއްކާވެސް މިއަދަކީ ރާއްޖޭގައި އެންމެ ގިނައިން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެގެ އިރުއޮއްސި 6:00އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 464 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން 207 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 146 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަތޮޅުތަކުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ބ.އަތޮޅު އޭދަފުށިން 38 މީހެއް، މާލެއަތޮޅު ހިންމަފުށިން 28 މީހެއް، ޅ.ނައިފަރުން 19 މީހެއް، ލ.ގަމުން 18 މީހެއް ހިމެނެއެވެ.
މީގެއިތުރުން، ރިސޯޓްތަކުން 14 މީހަކު ވަނީ މިރޭ ޕޮޒިޓިވްވެފައެވެ. އަދި ސިނާޢީ ރަށްރަށުން 93 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ގުޅީފަޅުން ޕޮޒިޓިވްވި 3 މީހަކައި ތިލަފުށިން ޕޮޒިޓިވްވި އެކަކާއި މާންދޫން ޕޮޒިޓިވްވި 89 މީހެކެވެ. މީގެއިތުރުން ސަފާރީތަކުން 3 މީހަކާއި ހަދަމުންދާ ރިޒޯޓަކުންވެސް ޕޮޒިޓިވްވި މީހަކުވެެސް މިރޭ ޕޮޒިޓިވް މީހުންގެތެރޭގައި ހިމެނެއެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިހަރު ވަނީ 29،052އަށް އަރާފައެވެ. މިވަގުތު ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ވަނީ 4،396އަށް އަރާފައެވެ. އަދި އެޑްމިޓްކޮށްގެން 122 މީހަކަށްދަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،948 ސާމްޕަލެއް ވަނީ ނަގާފައެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދުވަނީ 73 އަށް އަރާފައެވެ. އެއީ 64 ދިވެހިންނާއި 9 ބިދޭސީންނެވެ.