
ކޮވިޑް-19ގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، މިބަލީގައި މިހާތަނަށް ނިޔާވި މީހުންގެ ޖުމުލަ އަދަދު 72އަށް އަރައިފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރެޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެފއިވާގޮތުގައި މިއަދު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެއީ ޢުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމުލަ ޢަދަދުވަނީ 72އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 64 ދިވެހިންނާއި 8 ބިދޭސީންނެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 386 މީހުން ވަނީ އަލަށް ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 105 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 198 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 6 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 77 މީހެކެވެ.