ރޯދަމަޖާ: ކުޑަކުދިންގެ މާނަ

ކުޑަކުދިންނާ ވާހަކަ ދެއްކުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ކުޑަކުދިން ކުރާ ސުވާލުތައް ގިނަ ކަމުން ގޮސް ބޮޑެތި މީހުންގެ ވާހަކަ ހުސްވެ، ހާސްވާ ގޮތް ވެސް ވެއެވެ. އެހެން އެ ވަނީ ކުޑަކުދީންގެ ޠަބީޢަތުގައި ހުންނަ ޚާއްޞަ ގޮތަކުންނެވެ. ނަފްސާނީ ޢިލްމުގެ މާހިރަކު އަޅުގަނޑު ގާތު ވިދާޅުވީ ގޮތުގައި ކުޑަކުއްޖަކު ވާހަކަ ދައްކާން ފަށައިގަންނަ އިރު އެ ކުއްޖަކާ ބޮޑެތި މީހުން ދައްކާ ވާހަކައިން ނެރޭ މާނަ ބޮޑެތި މީހުން ހީކުރާ ގޮތަށް އޮތުމަކީ ލާޒިމު ކަމެއް ނޫނެވެ. އެހެންވީމާ ބޮޑެތި މީހުން ވާހަކަ ދައްކާން ވާނީ ވަރަށް ބޮޑަށް ފަރުވާތެރި ވެގެންނެވެ.

މީގެ އިތުރަށް ކުޑަކުދީންނަށް އެއްޗެއް އަންގައިދޭން ނުވަތަ ވިސްނައި ދޭން ވާހަކަ ދައްކާ މީހަކު ވެސް ވާން ޖެހެނީ އެ ކަމުގެ ހުނަރުތައް ލިބިގެން ހުންނަ މީހަކަށެވެ. އެހެން ނޫން ނަމަ އެ ކަމެއް އެދެވޭ ގޮތެއްގައެއް ނުކުރެވޭނެއެވެ. މުދައްރިސުކަމަކީ ކިޔަވާން ޖެހޭ ކަމަކަށް ވަނީ އެހެން ވެގެންނެވެ. އެއްޗެއް އެނގުމަކީ އެ އެއްޗެއް އެހެން މީހަކަށް ކިޔަވައި ދޭން އެނގުމެއް ނޫނެވެ. އަޅުގަނޑު ކިޔަވާން އުޅުނު ދުވަސްވަރު ހިސާބު ކިޔަވައި ދޭން އައި މުދައްރިސަކު އުޅުނު ޙާލު މިހާރުވެސް ހަނދާން އެބަހުއްޓެވެ. އެއީ ވަރަށް މޮޅު މީހެކެވެ. އެކަމަކު އޭނާއަށް އެނގޭ އެއްޗެއް އަޅުގަނޑުމެންނަށް އެނގޭ ގޮތަށް ނުވަތަ ވިސްނޭ ގޮތަކަށް ކިޔައި ދިނުމަކީ އޭނާއަކަށް ކުރެވޭ ކަމެއް ނޫނެވެ. ބައެއް ދުވަސް ދުވަހު ވަރަށް ދެރަ ވެފައި އެ ވާހަކަ ދައްކައިވެސް އުޅެއެވެ.

އެއްދުވަހަކު މަރިޔަމް އޭނާގެ ކުޑަކުޑަ ދެ ކުދީން ގޮވައިގެން ޕާކަށް ހިނގައްޖެއެވެ. ޕާކުގައި ދެ ކުދީން ގޮވައިގެން އުޅުނުއިރު ފެންނަ ކޮންމެ މަންޒަރަކާއި ފެންނަ ކޮންމެ ކަމަކާ މެދު އެ ކުދީން ސުވާލު ކުރެއެވެ. މަރިޔަމް ކެތްތެރި ކަމާއެކު އެ ސުވާލު ތަކަށް ޖަވާބު ވެސް ދެއެވެ. ފެންނަ އެއްޗެހި ހޯދާންވެސް ބައެއް ފަހަރަށް އެ ކުދިން އުޅެއެވެ. މަރިޔަމް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހަމަ ޖައްސައިލަނީއެވެ.

ދެ ކުދިން ކުރެ ހަގު ކުއްޖާއަށް ކުއްޖަކު ގެންގުޅުނު މަތިންދާބޯޓެއް ފެނިގެން ބުނެފިއެވެ. [މަންމާ. އަޅުގަނޑަށް އެ ކަހަލަ ބޯޓެއް ހޯއްދަވައި ދެއްވާން ވާނެ.]

މަރިޔަމް ހިނިތުން ވެލައިފައި ބުންޏެވެ. [އިރާދަ ކުރެއްވިއްޔާ ހޯދައި ދޭނަން.]

އެ ކުއްޖާ ކުޑަކޮށް ވިސްނައިލާފައި ބޯ ޖަހައިލިއެވެ.

އިރުކޮޅެއް ނުވެ އަނެއްކާވެސް ކޮންމެވެސް އެއްޗެއް ހޯދައިދޭން ވާނެއޭ ބުނެފިއެވެ. މި ފަހަރުވެސް މަރިޔަމް ބުނެލީ އިރާދަ ކުރެއްވިއްޔާ ހޯދައިދޭނަމޭއެވެ.

ހަގު ކުއްޖާ އޭނާގެ ބޭބެގެ ގައިގައި ކޮށްޓައިލާފައި އަހައިލިއެވެ. [އިރާދަ ކުރެއްވިއްޔާ ގެ މާނަ ބޭބެ އަށް އެނގޭތަ؟]

ދޮށީ ކުއްޖާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.

[މަންމަ ބުނީ އިރާދަ ކުރެއްވިއްޔާ މަތިންދާބޯޓެއްވެސް ހޯއްދަވައި ދެއްވާނަމޭ. އޭގެ މާނައަކީ ކޮބައިތަ؟]

ދޮށީ ކުއްޖާ ބުނެލިއެވެ. [އޭގެ މާނައަކީ ގާތީ މަތިންދާ ބޯޓެއް ނުލިބުމާއޭ.]


(މިއީ ހަމައެކަނި ކުޑަކުދިންނާ ވާހަކަދެއްކުމުގައި ނުކުންނަ ބައެއް މައްސަލަތަކުގެ އަލީގައި ލިޔެފައިވާ ސަމާސާ ވާހަކަކޮޅެކެވެ. އިރާދަކުރެއްވިއްޔާއޭ ނުވަތަ އިންޝާ ﷲ އޭ ބުނުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެކެވެ. އެއީ ކޮންމެ ކަމެއްގައިވެސް ﷲ ގެ މަދަދުވެރިކަމަށް އެދި ކުރެވޭ ދުޢާއެއް ކަހަލަ އިބާރާތެކެވެ.)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.