ފާއިތުވި 2020 ވަނަ އަަހަަރަކީ ދުނިޔެ ކޮވިޑް-19 ގެ އާލަމީ ވަބާއާ ހަނގުރާމަކުރަމުން ދިޔަ އަހަރަކަށް ވިޔަސް ދުނިޔޭގެ ގައުމުތަކުން އަސްކަރީ ކަންކަމަށް ކުރި ހޭދަ ވަނީ މައްޗަށް ގޮސްފައެވެ.
ރިޕޯޓަކުން ދައްކާ ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން އިގުތިސާދީ ހާލަތު ދަަށަށް ދިޔަ ނަމަވެސް، ފާއިތުވި 2020 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން ވަނީ އަސްކަރީ ކަންކަމަށްގާތްގަނޑަކަށް 2 ޓްރިލިއަން އެމެރިކާ ޑޮަލަރު ހޭދަކޮށްފައެވެ.
ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2020 ވަނަ އަހަރުގެ ދުނިޔޭގެ ގައުމުތަކުގެ އުފެއްދުންތެރިކަން %4.4 ދަަށަށް ދިޔަނަމަވެސް، އަސްކަރީ ހޭދަ %2.6 އިތުރުވެ 1981 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ
ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވެވަަޑައިގަތް ޑިއޭގޯ ލޮޕޭޒް ޑަ ސިލްވާ ވިދާޅުވިގޮތުގައި މިއީ ލަފާކުރެވިފައި އޮތް ގޮތެއް ނޫނެެވެ.
"ވަބާ ފެތުރިފައި އޮތުމުން، ކޮންމެ މީހަކުވެސް ވިސްނާނީ އަސްކަރީ ހޭދަ ދާނި ދަށަށް ކަމަށް." ޑަ ސިލްވާ ވިދާޅުވިއެވެ.
މިގޮތަށް ކަން ދިމާވުމުން، ޖީޑީޕީއަށް އަސްކަރީ ހޭދައިގެ "ބުރައުފުލަން ޖެހުނު" މިންވަރުވެސް ވަނި އިތުރުވެގެން ގޮސްފައެެވެ. 2019 ވަނަ އަަހަރު ޖީޑީޕީގެ ނިސްބަތުން އަސްކަރީ ހޭދަ %2.6 ގައި ހުރިއިރު، 2020 ވަނަ އަަހަރު މި ނިސްބަތް ވަނީ %2.4 އަށްވުރެ މަތިވެފައެވެ. މިއީ 2009 ވަނަ އަހަރަށް ފަހު މިނިސްބަތް މިވަރަށް އިތުރުވި ފުރަމަތަ ފަަހަރެވެ.
މުޅި ދުނިޔޭގެ އަސްކަރީ ހޭދައިގެ %62 އެމެރިކާ، ޗައިނާ، ރަޝިޔާ، އިންޑިޔާ އަދި އިނގިރޭސިވިލާތުން ހިއްސާކުރާއިރު، ފާއިތުވި އަހަރުވެސް އެންމެ ބޮޑު ހޭދަކޮށްފައިވާ ދެ ގަައުމަކީ އެމެރިކާއާއި ޗައިނާއެވެ. އެމެރިކާއިން މުޅި ދުނިޔޭގެ އަސްކަރީ ހޭދައިގެ %39 ހިއްސާކުރާއިރު، ޗައިނާ އިން ހިއްސާކުރަނީ %13 އެވެ. ޗަައިނާއިން ވަނީ ފާއިތުވި އަހަރު އަސްކަރީ ކަންކަމަށް 252 ބިލިއަން ޑޮލަރު ހޭދަކޮށްފައެެވެ.
ޔޫރަޕުގައި އަސްކަރީ ހޭދަ އެވްރެޖްކޮށް %4 އިތުރުވެފައިވާއިރު، ޖަރުމަނުުން ވަނީ %5.2 އިތުރުކޮށްފައެވެ. 52.8 ބިލިއަން ޑޮލަރުގެ ހޭދައަކާއެކު ޖަރުމަނު މިހާރު ވެފައިވަނީ ހަތްވަނަައަށް އެެންމެ ބޮޑު ހޭދައެއްކުރި ގައުމަށެވެ.