ރާއްޖެއިން އިތުރު 319 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން މިއަދުގެ 18:00އަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 319 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 108 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 182 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 21 މީހަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށުން ޕޮޒިޓިވްވި 8 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 27،403 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދަނީ 3،207 މީހުންނެވެ. މިވަގުތު 98 މީހަކަށް ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އެބަދެއެވެ.
މިރޭ އަލަށް ބަލިން ރަނގަޅުވީ 51 މީހުންނެވެ. މިއާއެކު މިހާތަނަށް ޖުމުލަ 24,116 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3,094 ސާމްޕަލެއް ވަނީ ނަގާފައެވެ.
ކޮވިޑް-19ގައި ރާއްޖެއިން ނިޔާވެފައިވަނީ 71 މީހުންނެވެ. އެއީ 63 ދިވެހިންނާއި، 8 ބިދޭސީންނެވެ.