ދުނިޔޭގެ ހިޖުރަކުރާ މީހުންގެ ކަންކަން ބަލަހައްޓާ ޖަމްއިއްޔާ، އިންޓަނޭޝަަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން އިއްޔެ ހާމަކުރި ގޮތުގައި މެޑިޓަރޭނިއަން ކަނޑުގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ސަބަބުން ޔޫރަޕަށް ހިޖުރަކުރުމުގެ މަސައްކަތްކުރަމުންދިޔަ 100 އަށްވުރެ ގިނަ މީހުން ގެނބިގެން މަރުވެއްޖެއެވެ.
"މެޑިޓަރޭނިއަން ކަނޑުގެ މެދުގައި ބޯޓެއް ބަންޑުން ޖަހާލިކަމުގެ ރިޕޯޓުތައް ދަނީ ލިބެމުން. މިހާދިސާގައި 100 އަށްވުރެ ގިނަ ފުރާނަ ވަނީ ގެއްލިފައި." ފްރާންސްގެ އެންޖީއޯއެއް ކަމަށްވާ އެސްއޯއެސް މެޑިޓަރޭންގެ ރިޕޯޓަކާ ހަވާލާދީ އައިއޯއެމްއިން ކުރި ޓުވީޓެއްގައި ވެއެވެ.
"މިއަދު، އެތައް ގަޑިއިރަކަށް ހޯދުމަށް ފަހު، އަަހަރުމެންގެ ވެދާނެކަމަށް ލަފާކުރި އެންމެ ދެރަ ގޮތަށް ކަން މިވަނީ ވެފައި. އޯޝަން ވައިކިންގްގެ ފަޅުވެރިންނަށް ޖެހުނީ (ލީބިޔާގެ ވެރިރަށް) ޓްރިޕޮލީގެ އުތުރުން ރަބަރު ބޯޓެއް ބަންޑުން ޖަހާލުމުގެ ހިތާމަވެރި ނަތީޖާ ދެކެން." އެ ރިޕޯޓުގައި ވެއެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި 130 މީހުންނާއެކު ދަތުރުކުރި އެ ބޯޓު ބުދަ ދުވަހު ހެނދުނުއްސުރެ ހާލުގައި ޖެހިގެން އުޅުނު ކަމުގެ ޚަބަރު ވަނީ ލިބިފައެވެ.
ފްރާންސްގެ އެންޖީއޯއިން ބުނެފައިވާ ގޮތުގައި އޯޝަން ވައިކިންްގަށް އެ ހިސާބަށް ދެވުނުއިރު ފެންމަތިން 10 މީހެއްގެ ހަށގަނޑު ފެނުނެވެ. އަދި ހާދިސާއިން ސަލާމަތްވެފައިވާ އެއްވެެސް މީހަކު ފެނިފައި ނުވެއެވެ.
އެ ސަރަހައްދުގައި ހިޖުރަކުރާ މީހުންނާއިގެން ދަތުރުކުރި އެހެން ދެ ބޯޓެއްވެސް އޮތްކަމަށް ވެއެވެ. "އަހަރުމެން ވަގުތާ ދެކޮޅަށް ހަނގުރާމަކޮށް، އެ ދެ ބޯޓު ހޯދިން. އެއް ބޯޓަށް ފަހު އަނެއް ބޯޓު." ރިޕޯޓުގައި ވެއެވެ.
އެސްއޯއެސް މެޑިޓަރޭން އިން ފާހަގަކޮށްފައިވާ ގޮތުގައި "އާދަޔާއި ޚިލާފަށް އުނދަގޫ" މި މަމައްސަކަތް ވިލަރެސް ކުރުމަށް ސަރުކާރުތަކުން ކުރަނީ ވަރަށް ކުޑަ މަސައްކަތެކެވެ.
"ކަނޑުގެ މިސަރަހައްދުގައި، މިއަދު އަހަރުމެންނަށް މި ފެނުނު ބޯޓު ބަންޑުންޖަހާލި ހާދިސާގައި މަރުވި އެތައް ޑަޒަނެއްގެ މީހުން ނުލައި، މިއަހަރު ވަނީ 350 އަށްވުރެ ގިނަ މީހުން މަރުވެފައި." އެންޖީއޯއިން ބުނެފައި ވެއެވެ.
"މިއަދުގެ ހާދިސާއާ މެދު އަަހަރުމެން ހިތާމަކުރަން. އަދި މެޑިޓަރޭނިއަން ކަނޑުގައި ހޯދާ ސަލާމަތްކުރާ އިތުުރު އުޅަނދުތައް ބެހެއްޓުމަށް ގައުމުތަކަށް ގޮވާލަން." އައިއޯއެމްއިން ބުނެފައި ވެއެވެ.