މިވެސް ނަމޫނާ ޑިމޮކްރަސީ ތޯއެވެ؟

އެންމެފަހުން ރާއްޖޭގައި ބޭއްބި ރިޔާސީ އިންތިޚާބު ނިމި އެމްޑީޕީއަށް ވެރިކަން ލިބުނީއްސުރެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދެކެވެއެވެ. ތުންތުންމަތިން ދެކެވެމުންއައި މިވާހަކައިގެ އަޑު އައީ ގަދަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ސުޕަރ މެޖޯރިޓީ ލިބުމާއެކު މިއަޑެއް އަދި މާގަދަވިއެވެ. މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޢައްޔަންވުމާއެކު މިއީ އެމަނިކުފާނު ޤައުމުގެ ވެރިކަމަށް އަލުން ވަޑައިގަތުމަށް ކޮށްޓަވާ މަގެއްކަން ޔަޤީނާ ގާތަށް ހާމަވިއެވެ. އެންމެފަހުން "ކެތް ނުކުރެއްވިގެން" ފާޅުގައި ބޭނުންފުޅުވާގޮތް އެއޮއް ވިދާޅުވީއެވެ.

އިހަށްރޭ ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ "އަމިއްލަފުޅު އެދުން" ސީދާ ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހުގެ ބައެއް މެންބަރުންނަށް ހާމަކުރައްވައި މެސެޖެއް ކުރައްވާފައެވެ. މި މެސެޖު މީޑިއާއަށް ތިލަވެ މުޅި ޤައުމަށް މިހާރުމިވަނީ ސާފުވެފައެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮލު ވަނީ ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނަގާފައެވެ. މިހާރު ޢަމަލުކުރަމުން މިދާ ޤާނޫނު އަސާސީ އެކުލަވާލައި ނިންމުމުގެ ކުރިން ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 155،890 މީހުން ބައިވެރިވިއެވެ.

މިހާ ސާފުކޮށް ރައްޔިތުން ބަސްބުނެފައި އޮތްކަމެއްގައި އަނެއްކާވެސް އަލުން ހަމަ އެސުވާލު ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅައިގެން ދައުލަތުގެ މާލިއްޔާއިން ބޮޑު ހޭދައެއްކޮށްގެން ބޮޑު އިންތިޚާބެއް ބާއްވަންވީހެއްޔެވެ؟ ދައުލަތަށް ކެރިކުޅަދާނަވެގެންވާނަމަ ކޮންމެ އަހަރަކުވެސް މި އިންތިޚާބެއް ބޭއްވިދާނެއެވެ. އެއީ އެންމެ މަސްލަޙަތު ހުރިގޮތްތޯ ނުވަތަ ނޫންތޯ އެއީ އަދި އެހެންކަމެކެވެ. ދަންނަވަން މިއުޅެނީ އެވާހަކައެއް ނޫނެވެ.

އަޅުގަނޑުގެ ސުވާލަކީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ "ހެއްވާ" ގޮތެވެ. އަންނަ ރިޔާސީ އިންތިޚާބު ނުބާއްވައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް މިހާރު އޮތް ރައްޔިތުންގެ މަޖިލީހާ ވެރިކަން ޙަވާލުކުރަންވީޔޯލައެވެ. އަދި ބޮޑު ވަޒީރެއްގެ ޙައިސިއްޔަތުން ވެރިކަމުގެ ކަންކަމާއި ދައުލަތް ހިންމުގެ ކަންކަން އެމަނިކުފާނު ބޭފުޅުވާގޮތަކަށް ތަރުތީބުކުރައްވަން ޖާގަ ދެއްވަންވީ ޔޯލައެވެ. ޖެހިގެން އަންނަ އަހަރު އެމަޖިލީހުގެ އިންތިޚާބު ބަރުލަމާނީ ނިޒާމަކުން ބޭއްވުމުގެ ކަންކަންވެސް މިއުސޫލުގެ ތެރެއިން ކުރިއަށް ގެންދަން ވީޔޯލައެވެ.

އަޖައިބު އަންތަރީސްވާވަރު ވެއެވެ. މިއީ ރާއްޖޭގައި މިފަހުގެ ތާރީޚުގައި އުފެދުނުކަމަށް އެތައްބަޔަކު ބުނާ އެންމެ ޑިމޮކްރެޓިކް ލިޑަރު ވިދާޅުވާ ވާހަކަފުޅެވެ. އަޅުގަނޑު ދަންނަ މީހަކު ބުންޏެވެ. މިދައުލަތަކީ ބަޔަކު ބަތްކައްކާކުޅެން ގެންގުޅޭ ކުޅޭ އެއްޗެކޭ ބަޔަކަށް ހީވެގެން އުޅޭކަހަލައެވެ. އޭނާގެ ވާހަކައަށް އެބަސްނުވެވޭ ވަރެއްވެސް ނޫނެވެ.

ކޮންމެއަކަސް ވެރިކަމުގެ ނިޒާމުވެސް ބަދަލުކުރެވިދާނެއެވެ. އަދި އެކަމަށް މަސައްކަތްވެސް ކުރެވިދާނެއެވެ. އެއީ މައްސަލައެއްވެސް ނޫނެވެ. އެހެންނަމަވެސް މިހާރު މިއޮތް ޙާލަތުން އެކަން ކުރާނަމަ އަނެއްކާވެސް ދާންޖެހޭނީ ރައްޔިތުންގެ ވޯޓަކަށެވެ. އެއަށްފަހު ރައްޔިތުން ނިންމާ ގޮތެއްގެ މަތިންނޫނީ އެއާ ގުޅޭ އެއްވެސްކަމެއް ކުރިއަށް ގެންދިއުމަކީ ނިޒާމުގެ ތެރެއިން ކުރެވޭނޭ ކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ ވަކިމީހަކު ހަވާސާގައި ހުރެ ފޫހިވާތީ އޭނާ ހިތްހަމަ ޖައްސާލަން ކުރެވޭނެކަންކަމެއްނޫނެވެ.

 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.