(16 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މަންމަ އޭނާގެ ދަރިފުޅާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. "ތިޔައީ ތެދެއް. ހަގީގަތެއް ބަދަލެއް ނުވާނެ. ހަގީގަތަކީ ދަރިފުޅު އެއްގޮތަކަށްވެސް ބާދްޝާގެ މަތީން ހަނދާން ނައްތައިލާކަށް ބޭނުމެއް ނޫން."
"ތިޔައީ ރަނގަޅު ވާހަކައެއް ނޫން." އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. މަންމަޔާ ދުރަށް ދެތިން ފިޔަވަޅެއް އެޅުމަށް ފަހު އަނެއްކާވެސް ކައިރިއަށް އަތުވެއްޖެއެވެ. "އަހަރެންގެ ހިތް މިހާރު ހިލައަށް ހަދައިފިން. މިހާރު މި ގެންދަނީ ދުވަހަކުވެސް ރުޚްސާނާއާވެސް އަދި ބާދްޝާއާވެސް ދިމާ ނުވާނެ ކަހަލަ ރާސްތާއެއް ފެނޭތޯ މަސައްކަތް ކުރަމުން. މި ވިސްނަނީ މި ރަށް ދޫކޮށް އެހެން ރަށަކަށް ދާން. ފަހަރެއްގައި ގައުމު ދޫކޮށްލާންވެސް ޖެހިދާނެ."
"ދަރިއަކު މައިންބަފައިންގެ ގެ ދޫކޮށް ނުކުމެގެން ދިޔައީމާ އެ ދެވެނީ އެހެން ދުނިޔެއަކަށް. މަގެއް ހޯދާކަށް މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެ. މީހަކާ އިނދެގެން ގެ އާބާދު ކުރުމާއެކު ހުރިހައި މައްސަލައެއް އަމިއްލައަށް ހަމަޖެހި ނިމިގެން ހިނގައިދާނެ."
"މައްސަލަތައް ތިޔަހައި އަވަހަށް ތިޔަހައި ފަސޭހައިން ހަމަޖެހޭނަމަ ކަންބޮޑު ވާން ޖެހޭ ސަބަބެއް ނެތެއްނު؟ ރުޚްސާނާއަށް ހަމްދަރުދީ ވެގެން އޭނާގެ ދުނިޔެ އާބާދު ކޮށް ދިނުމަކީ އަހަރެން އަމިއްލަ ފައިގައި ފުރޮއިން ޖެހުން ކަހަލަ ކަމެއް. އޭނާއަށްޓަކައި ކޮށްދޭ ހެޔޮ ކަމެއްގެ ސަބަބުން އަހަރެން ބަދުނާމު ވެގެން ހިނގައިދާނޭ ކަމަކަށް އެއްގޮތަކަށްވެސް ހިއެއް ނުކުރަން. ނާޒިމްއާބާދުގައި އަހަރެމެން އުޅުނު ސަރަހައްދަށް ވަނީ ޚަބަރު ފެތުރިފައި. އަހަރެންގެ މޫނު ދައްކައިފައި ރުޚްސާނާ މީހަކާ އިން ވާހަކަ ނުދަންނަ މީހަކު މިހާރު އެ ހިސާބުގަނޑުގައި މަދުވާނެ. އަހަރެން މި ވަނީ ހަވަރު މަޖަލަކަށް ވެފައި. އަހަރެންގެ ވާހަކަ ވެފައި ވަނީ މީސްމީހުން ފޫހިފިލުވައިލާން ދައްކާ ވާހަކައަކަށް. މިގޭގެ ހަތަރު ފާރުން އެތެރޭގައި ތިބޭއިރު އަހަރެމެންނަށް ހީވެފައި އޮންނަނީ ކަންތައްތައް މިހާރު އޮތީ މުޅީން ހަމައަކަށް އެޅިފައޭ. އެކަމަކު ކަންތައް އޮތީއަކީ އެހެންނެއް ނޫން. ވާހަކަ ފެތުރިފައި އޮތް މިންވަރު އަހަރެމެންނަށް ލަފާ ކޮށްލާންވެސް ނޭނގޭ. އަހަރެންގެ ނަން ނޫހަށް އަރައިފާނެއޭ މަންމަގެ ހިތަށް ދުވަހަކުވެސް އެރިތަ؟ އެމީހުން ދެއްކި ވާހަކަ މަންމަ އަޑު އެހީމެއްނު؟ އެކަމަކުވެސް މަންމަ ތިޔަ ބުނަނީ އާދައިގެ ގޮތަކަށް މީހަކާ އިންނާންވީއޭތަ؟ އެއީ ކިހިނެއް ކުރެވޭނޭ ކަމެއް؟"
އޭނާ އަލަމާރި ހުޅުވައިލާފައި ލާނޭ ހެދުމެއް ނަގައިފިއެވެ. "ދުވަހަކު މީހަކާ ނީނަސް ރުޚްސާނާގެ ކުރިމަތީގައި އަހަރެން ވާނީ ކުށްވެރިއަކަށް. އޭނާ ހީކޮށްގެން އެ އިނީ އަހަރެން މީހަކާ ނީނދެ ހުންނަނީ ބާދްޝާގެ ހަނދާނުގައި ކަމަށް. އަހަރެން މި ވަނީ ހަތަރު ފަރާތުން ބެދިފައި. ކުރެވުނު ހެޔޮ ކަންތައްވެސް މިވީ ކަނޑުގައި އެޅި ރޮނގަކަށް. އެއްކޮޅުން ބާދްޝާ އަހަރެންގެ ދުޝްމިނަކަށް ވެގެން އަހަރެން ނުފެނިގެން ހޯދަމުން ދުވަނީ. ނޫސްވެރިން އަހަރެން ބަދުނާމު ކޮށްފި. ހިސާބުގަނޑު މީހުންވެސް އަހަރެން ބަދުނާމު ކުރުމައި އަވަދިނެތި އެބައުޅޭ. އަހަރެންގެ ދުވަސް ހިނގައްޖެ."
އޭނާ ފާޚާނާއަށް ވަންނާ އުޅުނު ވަގުތު މަންމަ ބުނެފިއެވެ. "ދަރިފުޅާ. މަންމަމެނަށްވެސް ނުބައި ފިޔަވަޅުތަކެއް އެޅުނީ. މި ފެންނަނީ އެ ނުބައި ފިޔަވަޅުތަކުގެ ނަތީޖާ ކަމުގައިވެސް ވެދާނެ. މިހާރު މަންމައަށްވެސް އެބަ ވިސްނޭ. ދޮގު ހެދުމާއި މަކަރު ހެދުމުގައި ބަޔަކާ ބައިވެރި ވެގެން ހެޔޮ ކަމެއް ކުރިޔަސް ގިނަ ފަހަރަށް އެކަން ވެގެން ދަނީ ކުށަކަށް. އެކަމަކުވެސް ކޮންމެވެސް މަގެއް ހޯދާން އެބަ ޖެހޭ. ތިޔަހެން ދަރިފުޅަށް އުޅެވޭނީ ކިހައި ދުވަހެއް ވާންދެން؟"
އޭނާ ޖަވާބުގައި ބުންޏެވެ. "މަންމާ. މިއީ ވާހަކައެއް ނަމަ ވާހަކައިން އަހަރެންގެ ބައި އުނި ކޮށްފައި ރުޚްސާނާއާއި ބާދްޝާއާ ދެމީހުން އުފަލުގައި ދިރިއުޅުން ވޭތުކުރާ ގޮތް ލިޔެފައި ނިންމައިލީމުސް. އެކަމަކު މިއީ ވާހަކައެއް ނޫން. ހަގީގަތެއް. ވާހަކައެއް ކަމަށް ވަންޏާ އޮތް އެންމެ މުހިއްމު ސުވާލަކީ އަހަންނަށް ވާނީ ކިހިނެއް ހެއްޔޭ. އަހަރެންގެ ދިރިއުޅުން ވެފައި ވަނީ ތާކުންތާކު ނުޖެހޭ ކުޅިވަރަކަށް. އެއް ގޮތަކީ އަހަރެން މަރައިލުން. އަނެއް ގޮތަކީ އަހަރެންގެ ގެ އާބާދުކުރުން. މި ވާހަކައިގައި އަހަރެންގެ ނިމުން އަންނާނީ ކިހިނެއް؟"
މިހެން ބުނެފައި އޭނާ ފާޚާނާއަށް ވަދެ އެތެރެއިން ތަޅުލައިފިއެވެ.
އޭގެ ގަޑިއެއްހައި އިރު ފަހުން ފަރުޒާނާ އިނީ ކުލިނިކުގައި ބަލިމީހުން ބަލާށެވެ. މޫނުމަތީން ފެންނަނީ ސީރިއަސްކަމެވެ. އޭނާގެ ހިތަށް އެރިއެވެ. އަހަރެންގެ މޭގައި ހިތެއް އެބައޮތް ހެއްޔެވެ؟ އޮތިއްޔާ އޮތީ ހިލަ ހިތެކެވެ. ބަލިމީހާގެ ތަކުލީފަކުން އެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ޖާނީއަށް ވާނޭ ގޮތެއް ހިތަށް އަރާފައި މަޑެއްވެސް ނުމެވޭމެއެވެ.
ކުޑައިރުކޮޅަކުން އިވުނީ ކުލިނިކު ދޮށަށް ކާރެއް މަޑުކުރި އަޑެވެ. އެ އަޑު އިވުމާއެކު އޭނާ އެހީތެރިޔާއަށް ގޮވައިލާފައި ބުންޏެވެ. "ކާކުތޯ ބަލައިލަބަލަ؟"
އޭނާ ކުޑަދޮރުން ބޭރު ބަލައިލާފައި ބުންޏެވެ. "ކާރެއްގައި ބަލި އަންހެނަކު ގެނައީ."
ފަރުޒާނާ ހަމަޖެހިލުމަށް ފަހު އަނެއްކާވެސް ބަލި މީހުން ބެލުމާއިގެން އުޅެގެންފިއެވެ. ކުޑައިރުކޮޅެއް ފަހުން ފިރިހެނަކު އަންހެނަކު ގޮވައިގެން އައިސް ކުލިނިކަށް ވަދެއްޖެއެވެ. އަންހެންމީހާ ވަނީ އޭނާ އިން ކޮޓަރިއަށެވެ. ފިރިހެންމީހާ ބޭރުގައި މަޑުކުރީއެވެ. އަންހެންމީހާ އެތެރެއަށް ވަދެފައި އަހައިލިއެވެ. "ފަރުޒާނާ... އަހަރެން މިއީ ކާކުކަން އެނގިއްޖެތަ؟"
ފަރުޒާނާ އެމީހާޔާ ދިމާއަށް ބަލައިލިއެވެ. ކުޑައިރުކޮޅަކު ބަލައިލީމާ ކާކުކަން އެނގިއްޖެއެވެ. ހިނިތުންވެލައިފައި ތެދުވެ ބުންޏެވެ. "ތިޔައީ ޖަމްޝީދު ޢަލީއާއެކު އަހަރެމެންގެ ކޮލެޖުގެ ހަފުލާއެއްގައި ބައިވެރިވީ ކުއްޖެއް ދޯ؟"
އޭނާ ބޯ ޖަހައިލިއެވެ. "އަހަރެންގެ ނަމަކީ ޝަހުލާ. އަހަރެން މިއީ ޖަމްޝީދާ ދެބެއިންގެ ދެދަރި މީހަކީން. އޯރަންގީގެ މި ހިސާބުގަނޑުގައި ފަރުޒާނާ ކުލިނިކެއް ހުޅުވައިގެން އުޅޭ ވާހަކަ ބުނީ އަހަރެންގެ ރައްޓެއްސެއް. ބޭރު ބޯޑުގައި އެފް. ވާސްޠީ ޖަހައިފައި އޮތީމާ ހިތަށް އެރީ މި ވާނީ ފަރުޒާނާ ވާސްޠީއަށޭ. އެތެރެއަށް ވަނީ އެހެން ވެގެން."
"ވަރަށް ރަނގަޅު. އިށީނދޭ."
ޝަހުލާ ބުންޏެވެ. "ބޭރުގައި އަހަރެންގެ ފިރިމީހާ އެބައިން."
"އެހެންތަ؟ އެހެން ވެއްޖެއްޔާ ފިރިމީހާއާވެސް ބައްދަލުކޮށްލަން ވާނެ. ހިނގާ."
ދެމީހުން އެކީގައި ބޭރަށް ނުކުމެއްޖެއެވެ. ޝަހުލާ އޭނާގެ ފިރިމީހާ ތައާރަފުކޮށްދިނެވެ. ފިރިމީހާ ބުންޏެވެ. "ޑޮކްޓަރ ފަރުޒާނާ. ރަސްމީ ގޮތުން އަހަރެން ބުނަން ޖެހޭނީ ފަރުޒާނާއާ ބައްދަލު ވެވުނީތީ ވަރަށް އުފާވެއްޖެއޭ. އެކަމަކު އަނބިންނަކަށް އެކަހަލަ ވާހަކައެއް ކަމަކު ނުދާނެ."
ފަރުޒާނާއާއި ޝަހުލާއާ ދެމީހުން އެކީގައި ހީނގެންފިއެވެ.
"އަހަރެންގެ ބައްޕަ އުޅުއްވަނީ ހައްޖަށް ދުރުވަން. އެކަމުގެ އުފަލުގައި މާދަމާ އާއިލާގެ އެންމެން ބައްދަލުކޮށް ކެއުމެއް ބާއްވަން ވަނީ ރާވާފައި. ފަރުޒާނާ އެ ކެއުމުގައި ބައިވެރިވެއްޖެއްޔާ ވަރަށް އުފާވާނެ. ބައްޕަ ވަރަށް އުފާވެލައްވާނެ."
ފަރުޒާނާ ބުންޏެވެ. "ބައްޕަޔާ ބައްދަލުވީމާ އަހަރެންވެސް ވަރަށް އުފާވާނެ. މާދަމާ އަވަދިނެތި އުޅޭ ކަހަލަ ކަމެއް ދިމާ ނުވިއްޔާ އަންނާނަން."
ޝަހުލާ ބުންޏެވެ." ކޮންމެހެންވެސް އަންނާން ވާނެ. ކީއްވެގެންކަން އެނގޭތަ؟ އަހަރެންގެ ބޭބެ ޖަމްޝީދު ޢަލީ ރުޚްސާނާއަށް ފޮނުވި ސިޓީއެއް އެބައޮތް. އެއީ ވަރަށް މުހިއްމު ސިޓީއެއް. ރުޚްސާނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީ ހެދިދާނެ. ރުޚްސާނާގެ އެޑްރެހެއް އަހަންނަކަށް ނޭނގޭ. މާދަމާ އައީމާ އަހަރެން އެ ސިޓީ ދޭނަން. ފަރުޒާނާ އޭނާޔާ ހަވާލުކޮށް ދީފާނަމެއްނު ދޯ؟"
ކޮންމެވެސް ބަހަނާއެއް ދައްކާންވީއޭ ފަރުޒާނާގެ ހިތަށް އެރިއެވެ. ރުޚްސާނާގެ އެޑްރެސް ނުދަންނަމޭ ބުނާންވެސް ހިތަށް އެރިއެވެ. އެކަމަކު އޭނާއަކަށް އިންކާރެއް ނުކުރެވުނެވެ. އެއީ ހަގީގަތުގައިވެސް މުހިއްމު ސިޓީއެކެވެ. ރުޚްސާނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީ ހެއްދުނީމާ އޭނާގެ ބޮލުގައި އޮތް ބުރަ ނެތިގެން ހިނގައިދާނެއެވެ. ރުޚްސާނާ މުޅީން ފުރިހަމަ ވެދާނެއެވެ.
ޝަހުލާގެ ފިރިމީހާ ޖީބުން އެޑްރެސް ކާޑެއް ނަގައި ފަރުޒަނާއަށް ފޯރުކޮށްލިއެވެ. "މިއީ އަހަރެންގެ އެޑްރެސް ކާޑު. މާދަމާ މެންދުރުފަހު އެއްގަޑި ބަޔަށް އަންނާނޭ ކަމަށް އުއްމީދު ކުރަން."
ފަރުޒާނާ ކާޑު އަތުލައިފައި ބުންޏެވެ. "އެންމެ ރަނގަޅު. އަންނާނަން. އެކަމަކު އިހަށް ގެއަށް ވަންނާން ހިނގާ. ދާން ވާނީ މިގެއިން ކޮންމެވެސް އެއްޗެއް ބޮއިގެން."
(ނުނިމޭ)