ރަށުގެ އާބާދީގެ %60 ވެކްސިން ޖެހުމުން ކަރަންޓީނުވާކަށް ނުޖެހޭ

ރަށުގެ އާބާދީގެ %60 މީހުން ކޮވިޑް ވެކްސިން ޖެހުމުން ކަރަންޓީންވުމަކާ ނުލައި އެރަށަކަށް ދަތުރުކުރެވޭނެގޮތް ހަމަޖައްސަވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޚާއްސަ އުސޫލެއް ޢާއްމުކުރައްވައިފިއެވެ.

މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ މިއުސޫލު އެޗްޕީއޭއިން ވަނީ މިހާރު ގެޒެޓުކުރައްވާފައެވެ.  މިއުސޫލުގައި ވާގޮތުން އާބާދީގެ %60 މީހުން ކޯވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވާ ރަށްރަށާއި  އެރަށެއްގައި ކޮވިޑް ބަލި އުޅޭ ނިސްބަތް %5 އަށްވުރެ ދަށްނަމަ ޕީސީއާރް ޓެސްޓުކުރުމެއްނެތި ވެސް އެރަށަކަށް ދަތުރުކުރެވޭނެއެވެ. އެހެންނަމަވެސް އެރަށެއްގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ ނިސްބަތް %5 އަށްވުރެ މަތިނަމަ ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކުއެވެ.

އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުޑަކުދިންނަށްވެސް މިއުސޫލުގެ ދަށުން ދަތުރުކުރެވޭނީ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކުއެވެ. ރާއްޖެއިން ބޭރުން އެނބުރި މީހުންނާއި ރާއްޖެއަށް އަންނަ ފަތުރުވެރިންވެސް ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާނަމަ ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް ރާއްޖެއިން ބޭރުން އެތެރެވާ، ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނާއި ޑޭ ކެއަރ ސެންޓަރުތަކުގައި މަސައްކަތްކުރާ މީހުންނާއި ސްކޫލްތަކުގައި މަސައްކަތްކުރާ މީހުންނާއި ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ މީހުން ރާއްޖެއަށް އަންނައިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެއެވެ. ނުވަތަ ރާއްޖެ އައުމަށްފަހު ޕީސީއާރު ޓެސްޓު ހަދަން ޖެހެއެވެ.

މި އުސޫލުގެ ދަށުން އާބާދީގެ %60 މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރަށްރަށާއި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް %5 އަށްވުރެ ދަށް ރަށްރަށް އެޗްޕީއޭއިން ޢާއްމުކުރަމުން ގެންދާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.