
ސަރުކާރާއި އެމްޑީޕީން ކުރި ވަރުގަދަ ކެމްޕެއިނާއި އެންޓި-ކެމްޕެއިންނާދެކޮޅަށް ނުކުމެ ޕީޕީއެމްގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަން ކާމިޔާބުކުރައްވައި އެމްޑީޕީއަށް ފިލާވަޅެއް ދެއްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ މާލޭގެ މޭޔަރުކަމުގެ މިހާތަނަށް ހާމަކުރި ނަތީޖާއަށްބަލާއިރު، ބޮޑު ތަފާތަކުން މުޢިއްޒު އުޅުއްވަނީ ކުރީގައެވެ. ހުރިހާ ވޯޓެއްގެ ނަތީޖާއަށް ބެލިޔަސް ދެން މުޢިއްޒުގެ މައްޗަށް އަނެއް 2 ކެނޑިޑޭޓުންނަށް ކާމިޔާބު ނުހޯދޭނެކަން މިހާރުވަނީ ޔަޤީންވެފައެވެ.
އަނެއްކޮޅުން މުޢިއްޒުއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަނަސް ޢަބްދުއްސައްތާރާއި، އަމިއްލަ ކެންޑިޑޭޓު އަލްޙާން ފަހުމީވެސް ވަނީ ބަލި ޤަބޫލުކުރައްވައި މުޢިއްޒަށް މަރުޙަވާ ދަންނަވާފައެވެ. މި އިންތިޚާބުގައި މުޢިއްޒާ އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރެވެ.
މިއީ މާލޭގެ އިންތިޚާބަލުން އެމްޑީޕީ މިހާބޮޑު ބައްޔެއްވި ފުރަތަމަ ފަހަރެވެ. ލާމަރުކަޒީ ނިޒާމު ރާއްޖޭގައި ހިނގަންފެށިފަހުން މާލޭގެމާލޭގެ މޭޔަރުކަން މިހާތަނަށްވެސް ލިބިފައިވަނީ އެމްޑީޕީއަށެވެ. އަދި މިއީ ޕީޕީއެމަށް މާލެއިން މިހާބޮޑު ކާމިޔާބެއް މިފަދަ އިންތިޚާބެއްގައި ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
މޭޔަރުކަމުގެ ގޮނޑީގެ އިތުރުން މާލޭގެ އެހެން ބައެއް ގޮނޑިތަކާއެކު މާލޭގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމްއަށް ލިބިފައިވާކަން މިހާރުވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. އޭެތެރޭގައި އެމްޑީޕީން އެންމެބޮޑު ކެމްޕެއިންނެއް ކުރި ހުޅުމާލެ ދާއިރާ ހިމެނެއެވެ. އެދާއިރާއިން ހޮވިފައިވާކަމަށް މިހާތަނަށް ދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީން ޝުޖާޢުއެވެ.
މިއީ ވެރިކަންކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީއޮވެ އެމްޑީޕީއަށް ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ޙައްލު ނުކޮށްދެވުމުގެ ނަތީޖާކަމުގައި ގިނަބަޔަކު ދަނީ ބުނަމުންނެވެ. ޚުދު މޭޔަރުކަމަށް އެމްޑީޕީން ކުރިމަތިލެއްވި އަނަސް ޢަބްދުއްސައްތާރުވެސްވަނީ އެމްޑީޕީގެ އެތެރޭގެ ކަންކަން އިސްލާޙުކުރުމަށް ގޮވާލާފައެވެ.