ބިސްމި

ބިސްމި އަކީ އިސްލާމީ ޘަޤާފަތުގައި ، ވަރަށްމުހިންމު ދައުރެއް އަދާކުރާ ކަލިމައެކެވެ. އިސްލާމުން ، އެއްވެސްކަމެއް ކުރަން ފައްޓާނީ ، ﷲ ގެ އިސްމުފުޅުންނެވެ. އެއީ  ﷽ އެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ، އެކަލޭގެފާނުގެ އަހުލުބައިތުން އަދި އަޞްޙާބު ބޭކަލުންގެ ފަރާތްޕުޅުން އައިސްފައިވާ އާދައެކެވެ. ކީރިތި ޤުރުއާނަކީ ، ﷲ ގެ ކަލާމްފުޅެވެ. އެކަލާނގެ ރުހިވޮޑިގެންވާ މަގު ބަޔާން ކޮށްދެއްވައި ، މުޅި އިންސާނިއްޔަތަށް މަގުދައްކައި ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް ބޭނުންވާ އިންސާނާ ޢަމަލުތައް ބަހައްޓަންވީ ގޮތުގެ އިލާހީ ޤާނޫނެވެ. ކީރިތި ޤުރުއާން ފެށެނީ ބިސްމި އިންނެވެ. ސޫރަތުލްބަޤަރާ ، ނުވަތަ އައްތައުބާ ސޫރަތް ފިޔަވައި ، ކީރިތި ޤުރުއާނުގެ ކޮންމެ ސޫރަތެއް ފެށެނީވެސް ބިސްމި އިންނެވެ. އިސްލާމީ ގިނަ ޤައުމުތަކުގެ ރަސްމީ ލިޔެކިޔުން ފެށެނީ ބިސްމި އިންނެވެ. ބިސްމީގެ މާނަޔަކީ ، ރަޙުމާނުވަންތަ ، ރަޙީމުވަންތަ ، ﷲ ގެ އިސްމުފުޅުން ފަށައިގަންނަމެވެ.

ރަސޫލު ޞައްލަﷲ ޢަލައި ވަސައްލަމަގެ ފަރާތްޕުޅުން ލިޔެވިފައިވާ ސިޓީފުޅެއްގައި ބިސްމި ލިޔެވިފައިވާ ގޮތް

މިބިސްމި ނެގިފައިވަނީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ، މިޞްރުގެ އާރޗްބިޝޮޕަށް ފޮނުއްވާފައިވާ ސިޓީފުޅަކުންނެވެ. އެސިޓީފުޅު ލިޔުއްވައިފައިވަނީ ، ހިޖުރީ ސަނަތުން 5 ވަނަ އަހަރުއެވެ. އަދި މީލާދީ ސަނަތުން 627 ވަނަ އަހަރުއެވެ. މިސިޓީފުޅު ރައްކައުކުރެވިފައިވަނީ ، ތުރުކީގެ އިސްތަންބޯލުގެ ޓޮޕްކަޕީ މިއުޒިއަމްގައެވެ. ސިޓީފުޅު ލިޔުއްވީ ކޮންބޭފުޅެއްކަން އެނގޭކަށް ނެތެވެ. އެއީ ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިސް އަޞްޙާބު ބޭކަލުންކުރެ ، ވަރަށް ގިނަބޭކަލުން ލައްވައި ، އެކަލޭގެފާނުގެ ފާރާތްޕުޅުން ސިޓީ ލިޔުއްވައި އުޅުއްވިއެވެ. އޭގެ ތެރެއިން އެއްބޭކަލަކީ ، ޒުވާން ޞާޙާބީއެއް ކަމުގައިވާ ޒައިދް ބިން ޘާބިތެވެ.  މިކަލޭގެފާނަކީ ، އެކި ސަހަރުތަކުގެ ވެރިންނަށް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން ފޮނުއްވާ ، ވަރަށް ގިނަ ސިޓީފުޅު ލިޔުއްވައިފައިވާ ބޭކަލެކެވެ.

މިއީ ، ކީރިތި ޤުރުއާނުގެ އެންމެ ކުރީގެ މުޞްޙަފުތަކުން ނަކަލު ކުރެވިފައިވާ ބިސްމި އެކެވެ.

މިއީ ، ޢުސްމާނީ ޚިލާފަތުގެ ދުވަސްވަރު އެންމެ ފުރަތަމަ ލިޔެވުނު ، ކީރިތި ޤުރުއާނުގެ އަޞްލުތަކުގައި ބިސްމި ލިޔެވިފައި ހުރި ގޮތެވެ.  މިބިސްމިވެސް ، ތުރުކީގެ އިސްތަންބޯލުގެ ޓޮޕްކަޕީ މިއުޒިއަމްގައި ބެހެއްޓިފައި ވެއެވެ.

މިއީ ، ފުއްލާ ދުލީގައި (ފުއްލާ ހަމުގައި) ލިޔެވިފައި ބިސްމި އެކެވެ.

މިބިސްމިއަކީ ، އަމީރުލް މުއުމިނީން ، ޢަލީ ބިން އަބީ ޠާލިބު ، ރަޟިޔަﷲ ޢަންހު ލިޔުއްވައިފައިވާ ބިސްމިއެކެވެ. ބެލެވޭގޮތުގައި ލިޔުއްވައިފައިވަނީ ، ޢަލީ ރަޟިޔަﷲ ޢަންހުގެ އަތްޕުޅުންނެވެ. ބިސްމިއަކީ ، ޒަމާނަށް އައި ބަދަލުތަކުގައި އެކި ލިޔުންތެރިން ، ރީތި އެތައްގޮތަކަށް މިހާރު ލިޔުއްވަމުން އަންނަ ކަލިމައެކެވެ. އެކި ނަންނަމުގައި އުފެދިފައިހުންނަ ފޮންޓްތަކުން ، އެކި ޑިޒައިނަށް ލިޔެވިގެން ބޭނުންކުރެވިގެން ދެއެވެ.

މިޒަމާނުގެ ކޫޕީ ފޮންޓުން ލިޔެވިފައިވާ ބިސްމިއެއް
ނަކްޝީ ފޮންޓުން ލިޔެވިފައިވާ ބިސްމިއެއް
މިއަދުގެ އެންމެ ޢާންމު ބިސްމި

މިއަދު ، އެންމެ ޢާންމުކޮށް ބޭނުންކުރެވޭ ބިސްމިއަކީ މަތީގައި ނަކަލުކުރެވިފައިވާ ބިސްމިއެވެ. އެއީ ، ނަސްތަލީޤު ފޮންޓުން ލިޔެވިފައިވާ ބިސްމި އެކެވެ. މިއީ އިންޑިއާއާއި ޕާކިސްތާން ގައި އުރުދޫން އަދި އިރާން ގައި ފާރިސީން ބިސްމި ލިޔުމުގައި ބޭނުންކޮށް އުޅޭ ގޮތެވެ. ޕާކިސްތާނުގައި ، މީގެ 10 ވަރަކަށް އަހަރުކުރިން ، ނޫސްލިޔާއިރު އަތުން ބިސްމި ލިޔަމުން ގެންގޮސްފައިވަނީވެސް މިފޮންޓުންނެވެ. އެހެންނަމަވެސް ، މިޒަމާނުގައި ކޮމްޕިއުޓަރު ބޭނުންކޮށްގެން ތަފާތު ފޮންޓުން ، އެކިގޮތަށް ބިސްމި ބޭނުންކުރަމުން އެބަ ގެންދެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.